ބެލެނިވެރިންގެ ބައްދަލުވުމުގައި އިސްވެ ދަރިވަރު: ކޮން ކަހަލަ ބަދަލެއް؟

ޓީޗަރު ދައްކާނެ މާ ގިނަ ވާހަކައެއް ނޯވެ އެވެ. ދަރިވަރު "ބަރާބަރު"ކަމުން "ބުނާނެ އެއްވެސް އެއްޗެއް ހަމަ ނެތް" ކަމަށް ބުނެ ނިންމާލަފާނެ އެވެ. ނުވަތަ ކުއްޖާ ކުށްވެރިކޮށް އެއްޗެހިކިޔައިފާނެ އެވެ. ދަރިފުޅުގެ މައްސަލައެއް އޮވެދާނެ ކަމަށް ގަބޫލުކުރަން ބޭނުން ނުވާ ބެލެނިވެރިޔާ ޓީޗަރަށް ބަވާލައިފައި ނުކުމެގެން ހިނގައިދާނެ އެވެ. ނުވަތަ ބެލެނިވެރިޔާގެ މާ ބޮޑު ސަމާލުކަމެއް ޓީޗަރަކަށް ނުލިބޭނެ އެވެ. ދަރިވަރު މަކަރުހަދައި، ބެލެނިވެރިޔާ ނޫން މީހަކު ވެސް ގެނެސްފާނެ އެވެ. މިއީ ސްކޫލްތަކުގައި ބާއްވާ، ޓީޗަރުންނާއި ބެލެނިވެރިންގެ ބައްދަލުވުންތަކުގައި މިހާތަނަށް ކަން ހިނގަމުން އައި ގޮތް ސިފަކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ހެދި ވީޑިއޯއެއްގެ ބައެއް މަންޒަރުތަކެވެ. މިނިސްޓްރީން ބޭނުންވަނީ މިކަން ބަދަލުކޮށްލާށެވެ.


ޓީޗަރުންނާއި ބެލެނިވެރިންގެ ބައްދަލުވުން މިހާރު ވަރަށް ތަފާތެވެ؛ އިސް ދައުރު އަދާކުރަނީ ދަރިވަރެވެ. ޓީޗަރުގެ އެހީތެރިކަމާ އެކު ދަރިވަރު ދުރާލާ ބައްދަލުވުމަށް ތައްޔާރުވެ އެވެ. އޭނާ އަށް ރަނގަޅަށް ކުރެވޭ ކަންކަމާއި ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުގެ ފަރާތުން އޭނާ އެދޭ ކަންކަން ބުނެދޭން ފޯމުތަކެއް ފުރަ އެވެ. ބައްދަލުވުމުގެ ކުރިން ބެލެނިވެރިޔާ ވެސް ފޯމެއް ފުރައި ކަންބޮޑުވުންތަކާއި އުއްމީދުތައް ކްލާސް ޓީޗަރާ ހިއްސާކުރެ އެވެ. ކްލާސް ޓީޗަރު އެހެން ޓީޗަރުންނާ މަޝްވަރާކޮށްގެން ކޮންމެ ދަރިވަރަކަށް އެހީތެރިވާނެ ގޮތުގެ ޕްލޭނެއް ހަދައި ބައްދަލުވުމުގައި އެ މައުލޫމާތު ހިއްސާކުރެ އެވެ. ބައްދަލުވުން ކުރިއަށް ގެންދަނީ ދަރިވަރެވެ. ޓީޗަރާއި ބެލެނިވެރިޔާއަކީ އޭނާގެ ވާހަކަތައް އަޑުއަހައި ބޭނުންވާ ކަންކަން އޮޅުންފިލުވަން ތިބޭ ބައެކެވެ.

"ބެލެނިވެރިންގެ ފަރާތުން ކުއްޖާ ބޭނުންވާ ކަންތައްތައް ބުނެދެވި، ކުއްޖާ އަށް ކޮންމެ މާއްދާއަކަށް ގޯލް ސެޓްކުރާނެ ގޮތް ދަސްވެ، ޓީޗަރުންނަށް ވެސް ފަސޭހަވެގެންދާނެ، ޕްލޭނާ އެއްގޮތަށް އަމަލުކުރަން، ސަބަބަކީ ޕްލޭން އައީ ދަރިވަރުގެ ފަރާތުން ކަމަށްވާތީ."

ސަރުކާރުގެ ހުރިހާ ސްކޫލްތަކުން މި ބަދަލު ގެންނަން ޖެހޭ ގޮތަށް އަމަލުކުރަން ފަށައިފައިވާ އިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި، ޓީޗަރުންނާއި ބެލެނިވެރިންގެ ބައްދަލުވުންތަކުން މީގެ ފަހުން އިހުސާސްކުރެވޭނީ އުފާވެރިކަމެވެ. އަހަރަކު ހަތަރު ބައްދަލުވުން އޮންނަ އިރު، މި އަހަރުގެ ދެވަނަ ބައްދަލުވުން ސްކޫލްތަކުން ކުރިއަށް ގެންދަނީ މި ގޮތަށެވެ. މިދިޔަ މަހުގެ ފަހު ހަފްތާ އިން ފެށިގެން ބައްދަލުވުންތައް އެބަ ބާއްވަ އެވެ.

ކީއްވެގެން ގެނައި ބަދަލެއް؟

އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މިހާތަނަށް، ޓީޗަރުންނާއި ބެލެނިވެރިންގެ ބައްދަލުވުންތައް ވެފައި އޮތީ ވަރަށް ބޮޑު ނުތަނަވަސް ކަމަކަށެވެ. އެއީ ޚާއްސަކޮށް ދަރިވަރު އެއްގޮތަކަށް ވެސް ކުރިމަތިލާން ބޭނުން ނުވާ، ލަދުވެތި ތަޖުރިބާއެކެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ ކުރީގައި ބާއްވާ ގޮތަށް ބައްދަލުވުންތައް ބޭއްވުން އެހާ ބޭނުންތެރި ނޫންކަން. ކުއްޖާ ހާސިލްކުރަން ޖެހޭ ކަންކަން އެ ބައްދަލުވުންތަކުން ސާފު ނުވާކަން،. ބިނާކުރަނިވި ފީޑްބެކެއް ގިނަ ޓީޗަރުންގެ ފަރާތުން ނުލިބޭކަން. މިސާލަކަށް 90 ހޯދީމަ ވެސް ބުނެފާނެ އަދި ރަނގަޅުކޮށްލާށޭ. އަނެއްކާ އެކި ޓީޗަރުން ފީޑްބެކް ދޭ ގޮތް ވެސް ވަރަށް ތަފާތު،" އެޑިއުކޭޝަން މިނިސްޓްރީގެ "އުފާ" އޮފީހުގައި އިސްކޮށް ހުންނަވާ ފާތުމަތު ސޯފިޔާ ރަޝީދު ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން ދިރާސާކޮށްގެން ބެލި އިރު ފާހަގަކުރެވުނީ ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއަކީ ދަރިވަރު އިސްވެ މި ގޮތަށް ބައްދަލުވުންތައް ކުރިއަށް ގެންދިޔުންކަން."

އޭނާ ވިދާޅުވީ އަޖުމަ ބެލުމުގެ ގޮތުން އެންމެ ފުރަތަމަ އައްޑޫ މަރަދޫފޭދޫ ސްކޫލުގައި މިދިޔަ އަހަރު އެ ގޮތަށް ބައްދަލުވުންތައް ކުރިއަށް ގެންދިޔަ އިރު "ވަރަށް ރަނގަޅު ފީޑްބެކް ހުރި" ކަމަށެވެ. އަދި އެހެންވެ ގައުމީ ފެންވަރުގައި ހުރިހާ ސްކޫލުތަކަކަށް މި ބަދަލު ތައާރަފްކުރަން ނިންމީ އެވެ. އަޖުމަ ބެލުމަށް ފަހު ބައެއް ކަންކަން ވަނީ ރަނގަޅުކޮށްފަ އެވެ. ސޯފިއާ ފާހަގަކުރެއްވި ގޮތުގައި ފަށައިގަތުމުގައި އުނދަގޫތަކެއް ހުއްޓަސް މިއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސްކޫލްތަކުން ވެސް މަރުހަބާ ކިޔާ ކަމެކެވެ.

ކުރިން ބައްދަލުވުންތައް ބާއްވަމުން އައި ގޮތް

މި ބަދަލުން ލިބޭނީ ކޮން ފައިދާއެއް؟

މިނިސްޓްރީން ގަބޫލުކުރާ ގޮތުގައި މިއީ ދަރިވަރަށް އޭނާގެ މިހާރުގެ ހާލަތާއި ކުރިއަށް ދާން ބޭނުންވާ ދިމާ ސާފުވެގެން ދިޔުމަށާއި އެކަމާ ބެހޭ ގޮތުން ބެލެނިވެރިޔާ އާއި ޓީޗަރާ މަޝްވަރާކުރަން މަގުފަހިކޮށްދޭ ފުރުސަތެކެވެ. ކުއްޖާ އަމިއްލަ އަށް އޭނާގެ އުނގެނުމުގެ ޒިންމާ ނެގުމާއި ކޮންމެ މާއްދާއަކަށް ވަކި އަމާޒުތަކެއް ކަނޑައެޅުމާއި އޭނާ އަށް މޮޅަށް ކުރެވޭ ކަންކަމާއި ރަނގަޅުކުރަން ޖެހޭ ކަންކަން އަމިއްލަ އަށް ދެނެގަންނަން ދަސްވުމާއި އެހީ އަށް އެދެން ފުރުސަތު ލިބުން އޭގެ ތެރޭގައި ހިމެނެ އެވެ.

"ކުއްޖާ އަމިއްލަ އަށް ހެދި ގޯލްއެއް ވީމަ އެކަން ހާސިލްކުރަން އިތުރު ހިތްވަރެއް ލެވޭނެ ކަމަށް ބެލެވޭ. އަދި ހަމަ މީގެ ތެރެއިން، އެއްކަލަ އެންމެ މަޑުމަޑުން އިންނަ ކުއްޖާ އަށް ވެސް ފުރުސަތެއް އެބަ ލިބޭ ވާހަކަދައްކަން،" ސޯފިއާ ފާހަގަކުރެއްވި އެވެ.

"ބެލެނިވެރިންގެ ފަރާތުން ވެސް ކުއްޖާ ބޭނުންވާ ކަންތައްތައް ބުނެދެވި، ކުއްޖާ އަށް ކޮންމެ އަހަރަކު ވެސް ކޮންމެ މާއްދާއަކަށް ގޯލް ސެޓްކުރާނެ ގޮތް ދަސްވެ، ޓީޗަރުންނަށް ވެސް ފަސޭހަވެގެންދާނެ، ޕްލޭނާ އެއްގޮތަށް އަމަލުކުރަން، ސަބަބަކީ ޕްލޭން އައީ ދަރިވަރުގެ ފަރާތުން ކަމަށްވާތީ. ކުރީގައި ވެއްޖެއްޔާ ޓީޗަރުން ބުނާނީ، މިހެން ހަދާށޭ، އެހެން ހަދާށޭ."

މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް ބޭއްވި ބައްދަލުވުންތަކާ މެދު ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން އިވިފައިވަނީ ރަނގަޅު ވާހަކަތަކެކެވެ.

"ބައެއް ކުދިން ކޮމެންޓްކޮށްފައި އެބަ ހުރި ހީ ވެސް ނުކުރަމޭ ތިމަންނަ އަށް އެ ގޮތަށް ބައްދަލުވުން ކުރިއަށް ގެންދެވޭނެ ކަމަކަށް. އެކަމަކު ފެށުނު އިރު ހާސްވެފައި ހުއްޓަސް ނިންމާލެވުނީ ރަނގަޅަށޭ. ބައެއް ކުދިން ބުނެފައި އެބަހުރި ތިމަންނަގެ ގޯސް އެއްވެސް ވާހަކައެއް ބައްދަލުވުމުގައި ނުދެއްކީމަ ތިމަންނަ ވަރަށް ހިތްހަމަޖެހުނޭ،" ސޯފިއާ ވިދާޅުވި އެވެ.

"ޕޭރެންޓުންގެ ފަރާތުން ވެސް ބައެއް ކޮމެންޓްތައް ލިބިފައި އެބަހުރި ވަރަށް ހިތްހަމަޖެހުނޭ ކުއްޖާ އަމިއްލަ އަށް ކަންކަން ފާހަގަކޮށްފައި ހުރީމަ. މިސާލަކަށް، ތިމަންނަ އަށް އަވަހަށް ރުޅި އާދެވޭކަން އަމިއްލަ އަށް ފާހަގަކޮށް އެކަން ރަނގަޅުކުރަން ޕްލޭންތަކެއް ހަދާފައި ހުރީމަ ވަރަށް އުފާވެއޭ. ބައެއް ކުދިން ފާހަގަކުރި ތިމަންނާ އަށް ގޯސްކޮށް ކުރެވޭ ކަމެއް ނެތޭ، ހުރިހާ ކަމެއް ވެސް ކުރެވެނީ ރަނގަޅަށޭ. އެހެންވީމާ އިތުރަށް ސުވާލުކޮށްގެން ހޯދަނީ ކޮންކަމެއްތޯ އިތުރަށް އިމްޕްރޫވްކުރަން ޖެހެނީ. އެހެންވީމާ މިކަން ތަންފީޒުކުރަމުންދާ ވަރަކުން ދަރިވަރުންނަށް އިތުރަށް ދަސްވަމުންދާނެ އެ ކުއްޖެއްގެ އުނި ކަންކަމާއި ހަރުދަނާ ކަންކަމަކީ ކޮބައިކަން ދެނެގަންނަން."

މި ބަދަލާ އެކު ބެލެނިވެރިޔާ ހުރިހާ ޓީޗަރުންނާ ބައްދަލުކުރަން ނުޖެހި ހަމައެކަނި ކްލާސް ޓީޗަރާ މަޝްވަރާކޮށްލީމާ ފުދޭނެ އެވެ. އަދި މާއްދާ ޓީޗަރުންނަށް ރަސްމީ ބޮޑު ބައްދަލުވުމަށް މަޑުނުކޮށް ބޭނުން އިރަކު ބެލެނިވެރިންނާ ބައްދަލުކުރަން ފުރުސަތު އޮންނާނެކަން ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ. އޭގެ އިތުރުން، ބައްދަލުވުމަށް ގޮސް ކިޔުގައި މަޑުކުރަން ޖެހޭ ވަގުތު ކުރުވުމާއި އެހެން މީހުންނަށް އަޑުނީވޭ ގޮތަށް ވާހަކަދެއްކޭނެ ގޮތް ހަމަޖެހުމަކީ ވެސް އާ ބަދަލާ އެކު ލިބޭނެ ފައިދާތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ކުރިން އޮންނަނީ ޕްރައިވެސީ ލިބޭ ގޮތަކަށް ވެސް ނޫން. ހުރިހާ އެންމެން ކުރިމަތީގައި ވާހަކަދައްކަނީ. މި ބަދަލާ އެކީގައި އަޅުގަނޑުމެން ބުނެފައި އޮންނާނެ ވާހަކަދައްކާ އިރު ޕްރައިވެސީ ދޭންވާނެއޭ އަދި އޭގެ އިތުރުން، ގަޑި ކިޔާ އިރު، ބެލެނިވެރިޔާ މަޑުކުރަން ޖެހޭ ވަގުތު ވީހާ ވެސް ކުޑަކުރެވޭތޯ ބަލައިގެން އެކަން ކުރާށޭ،" ސޯފިއާ ވިދާޅުވި އެވެ.

ކަންބޮޑުވުންތައް

ދަރިވަރާއި ބެލެނިވެރިޔާ ބޭނުންވާ ކަންކަން ހާސިލްކޮށްދޭން، ކްލާސް ޓީޗަރު މާއްދާ ޓީޗަރުންނާ މަޝްވަރާކޮށް، ޕްލޭންތަކެއް ހަދަން ޖެހޭ އިރު އެއީ އިތުރު މަސައްކަތެކެވެ. އެކަމަކު ސޯފިއާ ގަބޫލުކުރައްވާ ގޮތުގައި މި ބަދަލަށް ހޭނުނީމާ ޓީޗަރުންގެ ދަތިތައް ފިލައިގެން ދާނެ އެވެ.

"އަލަށް ފަށާ އިރު (އުނދަގޫތަކެއް) ހުއްޓަސް ދެން ހުރި ބައްދަލުވުންތައް ފަސޭހަވެގެންދާނެ ހެން އަޅުގަނޑަށް ހީވަނީ،" އޭނާ ވިދާޅުވި އެވެ.

"ދަރިވަރުންނަށް ގޯލް ސެޓްކުރަން ދަސްކޮށްދޭން ޖެހޭ ކަމާއި ކުރިމަގަށް ޕްލޭންސް ހަދަން ކުދިންނަށް މިހާރު ނޭނގޭކަން، މިއީ ވަރަށް ގިނައިން ދެއްކޭ ވާހަކައެއް. އެހެންވީމާ ހުރިހާ ޓީޗަރުން ވެސް ގަބޫލުކުރައްވާ މިއީ ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ބަދަލެއް ކަން."

ދަރިވަރު އިސްވެ ބައްދަލުވުންތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސި އިރު އެކަން ކާމިޔާބުވުން ކުއްޖާގެ ގާބިލްކަމަށް ވެސް ބިނާވެ އެވެ. އެހެންވެ، މިއީ ހުރިހާ ކުދިންނަށް އެންމެ އެކަށީގެންވާ ބަދަލަކަށް ނުވެދާނެ އެވެ. އެކަމަކު މިނިސްޓްރީން ދެކޭގޮތުގައި ރާވާފައި އޮތް ގޮތަށް، ޓީޗަރުންގެ އެހީތެރިކަން ލިބެންޏާ އެއީ މައްސަލައަކަށް ނުވާނެ އެވެ.

"އަޅުގަނޑުމެން ސްކޫލްތަކަށް އިރުޝާދު ދިނިން ކުއްޖާގެ ގާބިލްކަމަށް ބަލާފައި ޓީޗަރު ވަރަށް ބޮޑު ސަޕޯޓިން ދައުރެއް އަދާކުރަން. މިސާލަކަށް ބައްދަލުވުމުގައި ވާހަކަދައްކާ އިރު ބޭނުންކުރަންވާ ރަނގަޅު އިބާރާތްތައް ބޭނުން ނުކުރެވި، ނުވަތަ ބައްދަލުވުން ކުރިއަށް ނުދާހެން ހީވާ ކަމަށް ވަންޏާ އެހީތެރިވެދިނުމުގެ ގޮތުން ޓީޗަރު ވާހަކަ ދައްކާނެ،" ސޯފިއާ ފާހަގަކުރެއްވި އެވެ.

ފުރަތަމަ ބައްދަލުވުން ކުރިއަށްދިޔަ ގޮތާ މެދު ޝަކުވާތައް ވެސް ހުއްޓެވެ. އެކަމަކު ސޯފާ ވިދާޅުވީ މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް އަމަލުކުރާ ސްކޫލްތަކުގައި މައްސަލައެއް ދިމާނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ބައެއް ބެލެނިވެރިންގެ ޝަކުވާ އައިސްފައި ހުރީ ރަނގަޅަށް އަޅުގަނޑުމެން ދިން އިރުޝާދާ އެއްގޮތަށް ތަންފީޒު ނުކުރެވުނީމައޭ. ގޯލް ސެޓިންއަކީ ކުއްޖާ އަށް މުޅިން އާ އެއްޗެއް. އެހެންވީމާ އަޅުގަނޑުމެން ބުނެދީފައި އޮންނާނެ ޓީޗަރު ސަޕޯޓް ދޭންވާނެއޭ. އަނެއްކާ އެހާ ވަރަށް ތައްޔާރު ނުވެވެންޏާ ބައްދަލުވުން ފަސްކޮށްލެވި ވެސް ދާނެއޭ. ދެން އެކަހަލަ ޝަކުވާތައް އައިމަ އަޅުގަނޑުމެން އެ ސްކޫލްތަކަށް ގުޅައި ބަދަލުތައް ގެންނަން އިރުޝާދު ދީފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

ސޯފިއާ ފާހަގަކުރެއްވި ގޮތުގައި އަލަށް ކުރި ކަމަކަށް ވާތީ "ދޭހަވުމުގައި އުނދަގޫތަކެއް" ކުރިމަތިވި އިރު މިނިސްޓްރީން ގެންދިޔައީ އޮޅުންއަރާ ކަންކަން ސާފުކޮށްދެމުންނެވެ. އަދި މި އަހަރު ކުރިއަށް އޮތް ދެ ބައްދަލުވުން ބާއްވާ އިރު "މިއީ އާ ކަމަކަށް ނުވާނެ" ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ފުރަތަމަ ތަޖުރިބާގެ އަލީގައި އިސްލާހުތައް ގެންނަން ވެސް މިނިސްޓްރީން ބޭނުންވެ އެވެ.

"ބައެއް ސްކޫލްތަކުގައި މިކަން ތަންފީޒުކުރަން އުނދަގޫ. މިސާލަކަށް މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލްތަކުގައި. އަޅުގަނޑުމެން އެ ސްކޫލްތަކަށް ގޮސް ބެލިން، އެ ސްކޫލަކަށް ފެތޭ ގޮތަށް ގެނެވޭނީ ކޮން ބަދަލުތަކެއްތޯ. އެހެންވީމާ ބައެއް ސްކޫލްތަކުގައި އެ ކަހަލަ މޮޑިފިކޭޝަންތައް ގެނެވުނު. އެ ސްކޫލަކާ ގުޅޭ ގޮތަށް ބަދަލުތައް ގެނެވޭނެ. ފޯމްތަކުގެ ބަހުރުވަ ހުންނަންވީ ގޮތް ބަދަލުކުރަން ފެންނަންޏާ، ދަސްވާ ވަރަކުން ސްކޫލްތަކަށް އެ ބަދަލުތައް ގެނެވޭނެ،" ސޯފިއާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި މި އަހަރު ކުރިއަށް އޮތް ދެ ބައްދަލުވުމަށް ތައްޔާރުވާނީ ސްކޫލްތަކުން ދީފައި ހުރި ޚިޔާލުތަކަށް ބިނާކޮށްގެން ގެންނަ ބަދަލުތަކާ އެކީގަ އެވެ. އޭރުން ދެން ކުރިއަށް ދާންވީ ގޮތް އެނގި، މި ބަދަލު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މިނިސްޓްރީން ދެކެ އެވެ. އަމާޒަކީ، ޓީޗަރުން ބެލެނިވެރިންނާ ބައްދަލުކުރާ އިރު ކުރިން އިހުސާސްކުރަން ޖެހުނު ލަދުވެތިކަމާއި ހާސްކަން ފިލައިގެން ގޮސް، ބައްދަލުވުމަކީ ހިތްހަމަޖެހުން ލިބޭ ކަމަކަށް ވެގެން ދިޔުމެވެ.

ޕޭރެންޓް-ޓީޗާ ބައްދަލުވުންތަކަށް ގެނައި ބަދަލު