އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު

ރާއްޖޭގެ އުތުރުން ދެކުނަށް އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް އެޅުމުގެ މަސައްކަތް އެކި ސިފަސިފައިގައި ސަރުކާރުން ވަނީ ފަށައިފަ އެވެ. ހއ. އަތޮޅުގައި އެކަހެރިކޮށް އޮންނަ ހޯރަފުށީ ފަޅުތެރޭގައި އޮންނަ މާފިނޮޅު ކިޔާ ކުޑަ ފަޅުރަށަކާ ގުޅުވައިގެން އެއާޕޯޓެއް ހަދާއިރު، އެ ސަރަހައްދުގައި މިވަގުތު އޮތީ އެންމެ ރިސޯޓެކެވެ. އެއީ ޖަބަލް އަލީ (ޖޭއޭ) މަނަފަރެވެ. އޭގެ އިތުރުން އައިލެންޑް ހައިޑަވޭ ކިޔާ ރިސޯޓެއް އެ އަތޮޅުގައި ހިންގާއިރު އެ ރިސޯޓު ބޮޑަށް ކައިރީ ހދ. ގައި އޮންނަ ހަނިމާދޫ އެއާޕޯޓާ އެވެ.


ހޯރަފުށީގެ އިތުރުން ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓެއް ހަދާއިރު އެ ރަށުން ފުރައިގެން ސްޕީޑް ލޯންޗެއްގައި ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި ހަނިމާދޫގައި އެއާޕޯޓެއް އެބަ އޮތެވެ. މުޅި އަތޮޅުގައި މިވަގުތު ހިންގަނީ އެންމެ ރިސޯޓެކެވެ. ނަމަވެސް ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތުން މުހިންމު ކަމަށް ސަރުކާރުން ދެކެ އެވެ. އެހެންވެ އެ ރަށުގައި މިހާރު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އެއާޕޯޓެއް ހަދަން ވަނީ ފަށައިފަ އެވެ.

ށ. ފުނަދޫގައި ވެސް ޑޮމެސްޓިކް އެއާޕޯޓެއް ހަދާއިރު އެ އަތޮޅުގައި ވެސް މިވަގުތު އޮތީ ގާކޮށިބީގައި ހިންގާ ރިސޯޓު އެކަންޏެވެ. އެ އަތޮޅުގައި ކުރިން ވަގަރު ރިސޯޓް ނުހިނގި އެންމެ ބޮޑު ސަބަބަކީ ވެސް އެއާޕޯޓެއް ނެތުމެވެ.

މުޅި ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ ނިސްބަތަށް ބަލާއިރު އެންމެ މަދީ ހއ. އަދި ހދ. ށ. އަތޮޅުގަ އެވެ. އެހެންވެ ޓޫރިޒަމާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޓޫރިޒަމް ފުޅާކުރެވެން އޮތީ ފަސޭހައިން ދަތުރުކުރެވޭނެ ޑޮމެސްޓިކް އެއާޕޯޓުތަކެއް ހުރެގެންނެވެ. ހަމައެހެންމެ ޑޮމެސްޓިކް އެއާޕޯޓެއް އިގްތިސާދީ ގޮތުން ފައިދާވާ ތަނަކަށް ހެދުމަށް ވެސް އެންމެ މުހިންމީ ޓޫރިޒަމް ފުޅާވުން ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ޑރ. މައުސޫމް: އެއާޕޯޓުތައް ހެދުމުން ރިސޯޓުތައް ހުޅުވަން އިންވެސްޓަރުން ވެސް ބޭނުންވާނެ. ކަމަށް އޭނާ ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ފަހުން ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެއާޕޯޓެއް ނެތް ސަރަހައްދެއްގައި ޓޫރިޒަމަށް އިންވެސްޓްކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"ރިސޯޓެއް ހަދާއިރު ރޭގަނޑު ވެސް ދަތުރުކުރެވޭނެ މެކޭނިޒަމެއް އޮތުން މުހިންމު. ކޮންމެ ބަޔަކަށް ވެސް ވަގުތާއި އަގު މިއީ ވަރަށް މުހިންމު ދެ ފެކްޓާ. ފާސްޓްކޮށް ދަތުރުކުރުން ވަރަށް މުހިންމު. ހާއްސަކޮށް ޓޫރިސްޓުންނަށް،" އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ އެއާޕޯޓެއް ހަދާއިރު ސަސްޓެއިންކުރަން ވޮލިއުމް ޑިވެލޮޕްކުރަން ޖެހޭ ކަމަށެވެ. އޭގެ މާނައަކީ އެއާޕޯޓުން ފައިދާ ހޯދުމަށް އެ ސަރަހައްދުގައި ވީހާވެސް ގިނަ ޓޫރިސްޓު އެނދު އިތުރުކުރުމެވެ. ޓޫރިސްޓު އެނދު އިތުރުކުރަން ޖެހެނީ އެ މިންވަރަށް އާއްމުންނަށް ދަތުރުނުކުރެވޭތީ އެވެ.

"އެއާޕޯޓެއް ހަދާއިރު އެ ސަރަހައްދެއްގައި މީހުން އުފުލޭ ސިނާއަތެއް ތަރައްގީވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އޭނާ ވެސް ނެންނެވީ އޭނާ އުފަން އަތޮޅު ހއ. ގައި ހަދާ އެއާޕޯޓު މަޝްރޫއެވެ. މައުސޫމް ދެކެވަޑައިގަންނަވާ ގޮތުގައި ހޯރަފުށީގައި އެއާޕޯޓު ހަދާއިރު ރިސޯޓު ހެދޭނެ ވަރަށް ގިނަ ރަށްތަކެެއް ހއ. ގައި އެބަ ހުއްޓެވެ. ހޯރަފުށީގައި ހަދާ އެއާޕޯޓު ކާމިޔާބުކަމާ އެކު ހިންގަން ރަށްތަކެއް ތަރައްގީވާން ޖެހެ އެވެ.

"އެއާޕޯޓެއް ނެތި އިންވެސްޓްކުރާނެ ބަޔަކު ނުތިބޭނެ. އެހެން ނޫނީ ރިސޯޓު ހަދަން އިންސެންޓިވް ދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މައުސޫމް ވިދާޅުވީ އެއާޕޯޓެއް ހަދާއިރު މިހާރު ހިނގަމުން އަންނަ ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރާއި އޭގެ ސަބަބުން ރަށްރަށުގެ އިގްތިސާދަށް ވާނެ ގޮތްތަައް ވެސް ބަލަން ޖެހޭ ކަމަށެވެ.

"އާ އެއާޕޯޓުތަކެއް ހަދާއިރު އެގްޒިސްޓިން ބިޒްނަސްއަށް ވާނެ ގޮތެއް ބަލަން ޖެހޭ. މިސާލަކަށް ފުވައްމުލަކު އެއާޕޯޓު ހެދުމުން ފުވައްމުލަކާއި އައްޑުއާ ދެމެދު އޮތް ދަތުރުފަތުރު ހުއްޓުނު. ލީޒިން އިން ލޯންޗު ގަނެގެން ދަތުރުކުރަމުން ދިޔަ މީހުން އެ ވިޔަފާރި ހުއްޓާލި. ހަމައެގޮތަށް ކުޅުދުއްފުއްޓަކީ ވެސް އެއާޕޯޓް އޮތުން މުހިންމު ތަނެއް. ނަމަވެސް އެ ރަށު އެއާޕޯޓު ހެދުމުން މިހާރު އޮތް ސީ ޓްރާންސްޕޯޓް މަދުވެގެންދާނެ. މިކަހަލަ ބައެއް ސުމޯލް ބިޒްނަސް ކްރޭޝްވާނެ،" އޭނާ ވިދާޅުވި އެވެ.

އދ. މާމިގިލީގައި ހަދާފައިވާ އެއާޕޯޓު: އެ އެއާޕޯޓު އެހާ ކާމިޔާބުކަމާއެކު ހިނގަނީ ޓޫރިޒަމް ފުޅާވެފައި އޮތުމުން.

މައުސޫމް ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތައް ހެދި ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދަތުރުފަތުރު ކުރެވެން ޖެހޭ ކަމަށެވެ.

"މާނަވީ ގޮތެއްގައި ހަނިމާދޫ ވެސް އިންޓަނޭޝަނަލް ވާން ޖެހޭ. އެ ސަރަހައްދަށް ކްރިޓިކަލް ވޮލިއުމް އަންނަން ޖެހޭ. އެހެން ނޫނީ ދައުލަތަށް ބާޑްންއަށް [ބުރައަކަށް] ވާނީ،" އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ޑޮމެސްޓިކް އެއާޕޯޓްތަކަކީ އިގްތިސާދީ ގޮތުން ފައިދާ ހުރި ތަންތަނަށް ހެދުމަށް ބެޑް ކެޕޭސިޓީ މަތިކޮށް އިންޓަނޭޝަނަލް ޓޫރިޒަމް ވޮލިއުމް އިތުރުކުރަން ޖެހެ އެވެ. ހަމައެއާ އެކު މި އެއާޕޯޓުތައް ނިމެންވާއިރު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއާޕޯޓުތަކަކީ ދުރު މުސްތަގުބަލަށް ވިސްނައިގެން ހަދާ އިންވެސްޓްމަންޓްތަކެކެވެ. އެއީ ހުޅުވާ ދުވަހުން ފެށިގެން ފައިދާ ނެރެވޭނެ ތަންތަނެއް ނޫނެވެ. އެކަން ބައެއް ސަރަހައްދީ އެއާޕޯޓުތަކުން މިހާރު ވެސް ފެނެ އެވެ. ހުޅުވިތާ 25 ވަރަކަށް އަހަރު ވީ އެއާޕޯޓުތަކެއް ގެއްލުމުގައި އެބަ ހިންގަ އެވެ. ނަމަވެސް ޓޫރިޒަމް ޒޯނުތަކުގައި ހެދި އެއާޕޯޓުތަކުން ފައިދާ ނެރޭއިރު، އެއާޕޯޓާ އެކު ޓޫރިޒަމް ބެޑް ކެޕޭސިޓީ އިތުރުވާން ޖެހޭކަން އެބަ އެނގެ އެވެ.

"އެއާޕޯޓަކީ ލޯންގް ޓާމް އިންވެސްޓްމަންޓެއް. ޑޭވަން އިން [ފުރަތަމަ ދުވަހުން ފެށިގެން] ޕްރޮފިޓް [ފައިދާ]ވާނެ ކަމަށް ހީކޮށްގެން ނުވާނެ. ދިވެހިންނަށް އަދި ޓޫރިސްޓުންނަށް ވެސް ކޮންވީނިއަންޓްކޮށް [އަރާމްކޮށް] ދަތުރުކުރެވޭނީ ކުރެވޭނީ އެއާޕޯޓުތަކެއް ހުރެގެން" ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި އަދި ބައެއް އެއާޕޯޓްތައް ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވި އެވެ.

"ސީޕްލޭން ދަތުރަކީ އެފޯޑް [އެކަށޭނެ] އެއްޗެއް ނޫން. އެއަށް ވުރެ މާ އަގު ބޮޑު."

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް (ވ)ގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު. އާ އެއާޕޯޓުތަކާއެކު ގިނަ ރިސޯޓުތަކެއް އަންނަން ޖެހޭ.

އައިލެންޑް އޭވިއޭޝަނުން މިހާރު ވެސް އަންނަނީ ރ. އިފުރާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓު ހިންގަމުންނެވެ. އޭގެ އިތުރުން ސީ ޕްލޭން ބޭނުންކޮށްގެން ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަ އެ އެވެ. ޓޫރިޒަމް ފުޅާވަމުން އަންނަ ރ. ފައިނުގައި އެއާޕޯޓެއް ހަދަން ސަރުކާރާ އެކު ދާދި ފަހުން ވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

އެއާޕޯޓުތަކާ އެކު ޓޫރިސްޓު އެނދު އިތުރުވުމަކީ ކިހާ މުހިންމު ކަމެއްކަން އެ ކުންފުންޏަށް އެނގޭނެ އެވެ. ރާއްޖޭގެ އެހެން އެއާޕޯޓުތަކަށް ކޮންމެ ދުވަހަކު ދަތުރުކުރާއިރު ފަސިންޖަރުން އެކަށީގެންވާ އަދަދަކަށް ހޯދުމަކީ އޮތް ގޮންޖެހުމެކެވެ. އެ ކުންފުންޏަށް ބޭނުންވާ ފަސިންޖަރުންގެ ލޯޑު ހޯދަނީ ރިސޯޓުތަކަށް ސީޓް ވިއްކައިގެންނެވެ. މިހާރު އެ އެއާލައިން ފައިދާއާ އެކު އުދުހުމުގެ ސިއްރަކީ އެއީ އެވެ.

"އަތޮޅުތަކަށް ތަރައްގީ ގެންނަން ވަރަށް މުހިންމު ކަމެއް އެއާޕޯޓްތައް ހެދުމަކީ. ހަމައެއާއެކު ޓޫރިސްޓް ބެޑް ނެތި އެއާޕޯޓެއް ވައިބަލްކޮށް ނުހިންގޭނެ. ފުރަތަމަ ހަނިމާދޫ ހެދިއިރު ރިސޯޓެއް ނެތް. ކައްދޫ، ކާޑެއްދޫ ހެދި އިރު ވެސް ރިސޯޓެއް ނެތް. އެހެން ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އެ ސަރަހައްދަށް ޓޫރިޒަމް އައީ އެއާޕޯޓު އޮތުމުން،" ހާރިސް ވިދާޅުވި އެވެ.

"ޓައިމް އިޒް މަނީ [ވަގުތަކީ ފައިސާ] ކަނޑު މަގުން ދަތުރުކުރުމަކީ ވަރަށް ވަގުތު ގެއްލޭނެ ކަމެއް. އެއްވެސް ބަޔަކު މިހާރު ބޭނުމެއް ނުވޭ ވަގުތު ބޭކާރުކުރާކަށް."

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދުރު މުސްތަގުބަލަށް ބަލާއިރު އެއާޕޯޓުތައް ހެދުން އަވަސްކުރަން ޖެހެ އެވެ. އެއީ އެއާޕޯޓު ހިނގާ ހަރަދު ދުވަހެއް ދުވަހަކަށް މައްޗަށްދާތީ އެވެ.

"އެއާޕޯޓް ހަދަން މީގެ އަށެއްކަ އަހަރު ކުރިން އަޅުގަނޑުމެން ޅ. މަޑިވަރުގައި ހޭދަވާނެ ކަމަށް ބެލި އަދަދަށް ވުރެ މިހާރު ހިނގާ ހަރަދު 50 ޕަސެންޓް ބޮޑު. އެހެންވީމަ ވަރަށް އަވަހަށް އެއާޕޯޓުތައް ނިންމައި އޮޕަރޭޝަނަށް ގެންނަން ޖެހޭނެ،" ހާރިސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓެއް: އާ އެއާޕޯޓުތަކާއެކު ކުރަން ޖެހޭ ދަތުރު އެތައް ގުނައެއް އިތުރުވެގެންދާނެ.

އޭނާ ވިދާޅުވި ގޮތުގައި ހަނިމާދު އާއި ކައްދޫ އަދި ސ. ގަމުގައި ހެދި އެއާޕޯޓުތަކުގެ ފައިދާ މިހާރު އެ ސަރަހައްދުގެ ރައްޔިތުންނަށް ދަނީ ކުރަމުންނެވެ.

"ހަނިމާދޫގައި ހެދިއިރު ރިސޯޓެއް ވެސް ނެތް. ނަމަވެސް މިހާރު ހަނިމާދޫން ސީދާ އިންޑިއާއަށް އެބަ ދެވޭ. އިންޑިއާ އިން އެބަ ގެނޭ މޭވާ އާއި ތަރުކާރީ ވެސް. އެ ރަށުގައި ގެސްޓް ހައުސްތައް ވެސް އެބަ ހިނގާ. ލ. އަތޮޅުން ކޮންމެ ދުވަހަކު އެތައް ކިލޯއެއްގެ މިރުސް އެބަ ގެނޭ. އެއާޕޯޓެއް ނެތް ނަމަ ކަނޑު ގަދަވެގެން ނުގެނެވިގެން އަސްލު އަގު ނުލިބޭނެ،" ހާރިސް ވިދާޅުވި އެވެ.

އިގްތިސާދީ މާ ބޮޑު ހަރަކާތެއް ނުހިނގާ އައްޑުއަށް ވެސް ޓޫރިޒަމް ތައާރަފްވުމުގެ މައިގަނޑު ސަބަބަކީ ގަން އެއާޕޯޓު އޮތުމެވެ. އަދި ފަހުން އެއާޕޯޓު އިތުރަށް ތަރައްގީކުރެވެން އޮތީ ވެސް ޓޫރިޒަމް ފުޅާކުރެވިގެންކަން އެނގެން އެބަ އޮތެވެ.

"އައްޑުއަށް ބެޑް ކެޕޭސިޓީ ގެންނަން ޖެހޭ. ޓޫރިޒަމް ނޫން ކަންކަން ވެސް ކުރަން ޖެހޭ. ކުރިން މަސް ފެކްޓްރީ ހިންގި. އޭރު އެކަން ކުރެވުނީ އެތަނުގައި އެއާޕޯޓެއް އޮތުމުން. އެއާޕޯޓެއް އޮތުމުން އައްޑޫގައި އެހެން ވިޔަފާރިތަކަށް މަގު ހުޅުވިގެންދޭ،" ހާރިސް ވިދާޅުވި އެވެ.

އާ އެތައް އެއާޕޯޓުތަކެއް ހަދާއިރު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ އެއާލައިންތަކަށެވެ. ޓޫރިޒަމް ފުޅާވެފައި ނެތް ތަންތަނަށް ގެއްލުމުގައި ދަތުރުކުރުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އެއާޕޯޓުތައް ހަދާއިރު ކައިރީގައި ގިނަ ރިސޯޓުތަކެއް ހެދުން އަވަސްކުރަން ޖެހެ އެވެ. އދ. މާމިގިލި އެއާޕޯޓާއި ދަރަވަންދޫ އަދި އިފުރާއި ކޫއްޑޫ އެއާޕޯޓު ކާމިޔާބުކަމާ އެކު ހިންގެނީ ޓޫރިސްޓުންގެ އެނދު އެ ސަރަހައްދުގައި ގިނަ އަދަދަކަށް ހުރުމުންނެވެ.