ޒާހިރު ނަސީރު: ގައުމީ ޚިދުމަތުގައި ދެވަނައެއް ނެތް

އެ ނަން އިވުމުން ވެސް އޭރުގެ ކުޅުންތެރިން ޖެހިލުންވެ، ކިޔަމަންވެ އެވެ. ސުވާލެއް ނެތި ބަސް ގަބޫލުކުރެ އެވެ. ކުޅިވަރުގެ ދާއިރާ އިން ބޭރުން ވެސް އެހެން ބައެއް ފަންނުތަކުގައި އޭނާގެ ހުނަރާއި ޝައުގުވެރިކަން ހުރީ އާންމު ހަމަޔަށް ވުރެ މާ މަތީގަ އެވެ. އުމުރުފުޅުން 87 އަހަރުގައި މިއަދު ފަތިހު އަވަހާރަވި އިރު މުހައްމަދު ޒާހިރު ނަސީރު ދޫކުރެއްވީ ޚިދުމަތްތެރި، ކަމަށްކަމޭ ހިތާ، އިންސާނީ ތަރައްގީގެ ބައިން ދިވެހިރާއްޖެ އަށް ކޮށްދެއްވި ގިނަގުނަ މަސައްކަތްތަކުގެ ހަނދާންތަކެވެ.


އެ ހަނދާންތަކަކީ ކުޑަމޫސަ ކަހަލަ އެތައް ތަރިންނެއްގެ ދިރިއުޅުމުގެ އެއް ބަޔަށް ވަނީ ވެފަ އެވެ.

"ކުރުކޮށް ބުނަންޏާ ކުޅިވަރުގައި އަހަންނަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ހުރީ ޒާހިރު،" ރާއްޖޭގައި 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ ކުޑަމޫސަ ބުންޏެވެ.

"ފުޓްބޯޅަ އާއި ވޮލީގައި އަހަރެންގެ ފުރަތަމަ ކޯޗަކީ ވެސް ޒާހިރު."

ކުޑަމޫސަގެ ފުރިހަމަ ނަމަކީ މޫސާ މަނިކެވެ. އެކަމަކު ރާއްޖެ އިން އުފެދުނު ކުޅިވަރުގެ އެންމެ މަޝްހޫރު އެއް ޝަހުސިއްޔަތަކަށް މޫސަ ވީ އިރު އޭނާ ދަންނަން ފެށީ "ކުޑަމޫސަ"ގެ ގޮތުގަ އެވެ. އެ ވަނަން ދެއްވީ ޒާހިރު އެވެ.

"ކުރުކޮށް ބުނަންޏާ ކުޅިވަރުގައި އަހަންނަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ހުރީ ޒާހިރު،" ކުޑަމޫސަ

އެއީ 1980 ވަނަ އަހަރުގެ އެންއެސްއޭ ވޮލީބޯޅަ މުބާރާތެވެ. އެންއެސްއޭ އަކީ ކުޅިވަރު ތަރައްގީކުރަން ޒާހިރު ހިންގެވި އަމިއްލަ ޖަމިއްޔާއެކެވެ. އެ މުބާރާތުގައި މޫސަ ވާދަ ކުރި އިރު އެއީ ހަމަ ކުޑަކުއްޖެކެވެ. އެކަމަކު އޭރު ރާއްޖޭގެ މޮޅު ސެޓަރުން ކަމަށްވާ އިބްރާހިމް އިސްމާއިލް ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލާފައި އެއް ވަނަ ސެޓަރުގެ މަގާމު ހޯދީ މޫސަ އެވެ. އިނާމު ދޭން މޫސަގެ ނަން އިއުލާންކުރެއްވުމަށް ފަހު އޭނާ އަށް "ކުޑަމޫސަ"އޭ ވިދާޅުވެ ފުރަތަމަ ފަހަރަށް މޫސަގެ ވަނަން އިއްވެވި އެވެ.

މޫސަ ގަބޫލުކުރާ ގޮތުގައި ފުޓްބޯޅަ، ވޮލީ، ބާސްކެޓް ރާއްޖޭގައި ދިރި އޮތީ ޒާހިރުގެ ސަބަބުންނެވެ.

"އެންއެސްއޭ އިން އޭރު ކުރި އަށް ގެންދިޔަ ޕޫލްތަކުގެ ސަބަބުން ކުޅުންތެރިން އުފެދުނު."

ދިިރިއުޅުމުގެ ހުރިހާ ވެސް އެއްޗަކީ ޑިސިޕްލިން

ޒާހިރު ކައިރީގައި ކުރި އަށް ދެވުމުގެ އެންމެ ފުރަތަމަ ޝަރުތަކީ ކަމަށް ކަމޭހިތުމާއި ގަޑި އަށް ފަރުވާ ބެހެއްޓުމެވެ. އެއީ ސީދާ "ސުން ގަޑީ"ގެ ބޭފުޅެއްގެ ގޮތުގައި އޭރުގެ މީހުން ސިފަކުރަނީ އެ ސަބަބާ ހެދި އެވެ. ކަނޑައަޅާފައިވާ ގަޑި އަށް ވުރެ އެންމެ ސިކުންތެއް ލަސްވިޔަސް އެކަން އޭނާ އަށް ގަބޫލެއް ނުކުރެއްވެ އެވެ.

އާދަމް ޒާހިރު (އެޑަމް) އަކީ އެންމެ ގިނަ ދުވަހު ޒާހިރުގެ އަރިހުގައި މަސައްކަތް ކުރެއްވި އޭނާގެ މުވައްޒަފެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އުފެދި، އޭގެ ފަހުން 2000ގެ އަހަރުތަކުގެ މެދަކާ ހަމަ އަށް ވެސް އެ ތަނުގެ ރައީސްގެ ޒިންމާ ޒާހިރު ނަސީރު އުފުއްލެއްވި އިރު އެޑަމް ވަނީ އެކި ގޮތް ގޮތުން ޒާހިރު ދަސް ކުރައްވައިފަ އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ޒާހިރަކީ ގައުމަށް އިޚުލާސްތެރި، ގައުމީ ޚިދުމަތުގައި އޭގެ ދެ ވަނައެއް ނެތް ފަދަ ބޭފުޅެކެވެ.

"ޒާހިރުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވީ ގައުމީ ޚިދުމަތުގައި، ކުޅިވަރު ތަރައްގީކުރަން،" އެޑަމް ވިދާޅުވި އެވެ.

"އަމިއްލަ ޖީބުން ވެސް ހޭދަކުރެއްވީ އެކަމަށް. ނުނިދާ ނުހުރެވޭނެތާ އެކަކަށް ވެސް، އެކަމަކު އަޅުގަނޑަށް ބުނެވިދާނެ ހަމަ 24 ގަޑިއިރު ކަހަލަ ގޮތަކަށް ޒާހިރު އުޅުއްވީ ކުޅިވަރު ތަރައްގީކުރުމަށޭ."

ޒާހިރު ނަސީރު (ވ)، އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އާމާލް އަލީ އަދި ޒާހިރުގެ ކޮއްކޮ އުމަރު ޒާހިރުއާ އެކު

އޭރު މާލޭގެ ބޮޑެތި ގިނަ ކުޅިވަރު މުބާރާތްތައް ރާވައި ކުޅުންތެރިންނަށް ކޯޗުކޮށްދިނުމުގެ މަސައްކަތް ކުރި އަށް ގެންދަނީ ޒާހިރުގެ އެންއެސްއޭ އިންނެވެ. އެންއެސްއޭގެ އެކި ޕޫލްތަކުގައި އޭނާ ހިފެހެއްޓެވި ހަރުކަށި އެކަމަކު މުހިންމު އުސޫލުތަކުގެ ސަބަބުން ގިނަ ކުޅުންތެރިން ފެނުނީ ގަޑި އަށް ފަރުވާ ބަހައްޓައި، ނަމޫނާ ބައެއްގެ ގޮތުގަ އެވެ.

"ޒާހިރު ބޭނުންވީ ކޮލިޓީ ކުޅުންތެރިން ނެރެން. އެކަމުގައި ގަޑި އަށް ފަރުވާ ބެހެއްޓުމަކީ ވަރަށް އިސްކަން ދެއްވި ކަމެއް."

ނުނިދާ ނުހުރެވޭނެތާ އެކަކަށް ވެސް، އެކަމަކު އަޅުގަނޑަށް ބުނެވިދާނެ ހަމަ 24 ގަޑިއިރު ކަހަލަ ގޮތަކަށް ޒާހިރު އުޅުއްވީ ކުޅިވަރު ތަރައްގީކުރުމަށޭ -އެޑަމް

ޒާހިރު ކަނޑައަޅުއްވާ ގަޑި ޖެހިއްޖެ ނަމަ އެ ހިސާބުން އެކަމެއް ފަށާނެ އެވެ. މިސާލަކަށް އެންއެސްއޭގެ ސީނިއަ އަދި ޖޫނިއަ ޕޫލްގެ ކުޅުންތެރިން ތޮއްޑު އަށް ދާން ރޭވި ދަތުރު ކުޑަމޫސަގެ ހަނދާނުގައި މިހާރު ވެސް އެބަ ހުއްޓެވެ. އެ ދަތުރުގައި ދޯނި މާލެ އިން ނައްޓާލަން އޮތް ވަގުތު ޖެހުނު އިރު ވެސް ގެންދަން ޖެހޭ ބައެއް ތަކެތި ހުރީ ނޭރުވި ތޮށިގަނޑު މަތީގަ އެވެ. އެކަމަކު އެ އެއްޗެހި ދޯންޏަށް އަރުވާ ނިމޭނެ އިރަކަށް މަޑުކުރެއްވުމެއް ނެތި ދޯނި ނައްޓާލަން އޭނާ އެންގެވި އެވެ.

"މަޑެއް ނުކުރި ހަމަ އެއްގޮތަކަށް ވެސް. ބުނީ ގަޑި ޖެހުނިއްޔޭ، ނައްޓާލާށޭ،" ކުޑަ މޫސަ ބުންޏެވެ.

"ގަޑި އަށް ފަރުވާ ބަހައްޓާށާއި ޑިސިޕްލިން ބަޔަކަށް ވާން ޒާހިރު ދަަސްކޮށްދެއްވީ."

ނޫސްވެރިއެއް، ލިއުންތެރިއެއް، ވެރިންނާ ގާތް ބޭފުޅެއް

ރާއްޖޭގެ ތިން ރައީސުންނާ އެކު ޒާހިރު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. މުހައްމަދު އަމީން، އިބްރާހިމް ނާސިރު އަދި މައުމޫން އަބްދުލްގައްޔޫމް އެވެ. އެ ތިން ބޭފުޅުން ވެސް ޒާހިރު ގެންގުޅުއްވީ އަރިސްކޮށް އަދި އިތުބާރު ކުރައްވައިގެންނެވެ.

ޒާހިރަކީ ތެދުވެރި ބޭފުޅަކަށް ވާތީ އަދި ވެރިންނަށް ވުރެ މަތިން ބަސް ވިދާޅުވާ ބޭފުޅަކަށް ނުވާތީ އޭނާއާ އެ ހުރިހާ ވެރިން ވެސް ވަރަށް ގާތެވެ. އެ ބޭފުޅުން ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒު ކުރަައްވަން، ދެ ގޮތެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ. އެހެންކަމުން ގައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަ ކުރެއްވީ ސިިޔާސީ ގޮތުން ފިއްތުންތަކެއް ނެތި، ސިޔާސީ ވެރިންގެ ލޯބި ލިބިވަޑައިގެންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒާހިރަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވުމަކީ އޭގެ ހެއްކެކެވެ.

ޒާހިރު ނަސީރު (ކޮޅަށް ކަނާތުން ދެ ވަނަ އަށް) މުހައްމަދު އަމީން (އިށީދެގެން މެދުގައި)ގެ އަރިހުގައި އޭރުގެ ޒުވާން ބައެއް ހަރަކާތްތެރިންނާ އެކު

އިނގިރޭސި ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާތީ ޒާހިރަށް ސަރުކާރުގެ ތެރެ އިން ލިބުނު ފުރުސަތުތައް ގިނަ އެވެ. އަދި ލިޔުންތެރިކަން ހުރުމުން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އެވެ. ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރެއްވުމުގެ އިތުރުން ދިވެހި ޚަބަރުތަކާއި ކުޅިވަރު ޚަބަރުތައް ލިއުއްވި އެވެ. އެކަން ކުރެއްވީ ދިވެހި ނޫސްވެރިކަމުގެ ޅަފަތުގަައި ކަމަށް ވެފައި، ގިނަ ދުވަސްތަކެއް ވަންދެން ތަފާތު އެއްޗެހި ލިއުއްވާފައި ވާތީ، މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އެވޯޑް ވެސް އަރުވައިފަ އެވެ.

ޒާހިރު ނަސީރަކީ ރާއްޖޭގެ ތަފާތު މިނިސްޓްރީތަކުގެ މިނިސްޓަރުކަން ކުރަައްވާފައިވާ އަދި ގައުމީ ޚިދުމަތްތެރިއެއް ކަމަށްވާ އުމަރު ޒާހިރުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅެވެ. އެއްވެސް ކައިވެންޏެއް ކުރައްވާފައިނުވާ ޒާހިރު އުޅުއްވަމުން ގެންދެވީ އުމަރު ޒާހިރުގެ ގެކޮޅުގަ އެވެ. އަދި މި ފަހުން ހާލުކޮޅު ދެރަަވެގެން ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ވެސް ދީފައިވެ އެވެ.

ހެނދުނު ހައެއް ޖަހާއިރު ސައިފޮދު ހިއްޕެވުމަކީ ޒާހިރުގެ އާދައެކެވެ. އެކަމަކު މިއަދު ހައެއް ޖެހުމާ ވަރަށް ގާތްވެފައި ވަނިކޮށް އާއިލާގެ ބޭފުޅުންނަށް ފެނިވަޑައިގަތީ އެއްވެސް ހަރަކާތެއް ނެތި އޮއްވަ އެވެ.

އެތައް ބައެއްގެ ހަނދާންތަކާ ގުޅިފައިވާ، އެތައް ބައެއްގެ ގާތް އެކުވެރިޔާ އަވަހާރަވީ އެވެ. އާދައިގެ ދިިރިއުޅުއްވުމެއް އުޅުއްވި ޚިދުމަތްތެރިޔާ ގައުމަށް ދޫކުރެއްވީ ނަމޫނާއަކަށް ނެގިދާނެ އާދަތަކެކެވެ. ހިތްހެޔޮކަމާއި ސަމާސާ މިސާޖުފުޅެކެވެ.

ޒާހިރުގެ ފުރާނަފުޅަށް ރަހުމަތް ލައްވާށި އެވެ.