މި ވަބާއިން ސަލާމަތްވުން، އަދިވެސް ބޮޑު ގޮންޖެހުމެއް!

ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ކޮންމެ ދިމާލަކުން ދެއްކި ނަމަވެސް މަސްތުވާތަކެތީގެ ވާހަކަ ބޮޑުކޮށް އާދެ އެވެ. ގައުމީ އުފެއްދުންތެރިކަމަށް ބެލި ނަމަވެސް، އަމާންކަމަށް ބެލިޗނަމަވެސް، އަދި ތަރައްގީއަށް އޮތް ގޮންޖެހުންތަކަށް ބެލި ނަމަވެސް އެވާހަކަ އެބަޗދެކެވެ އެވެ. އެހެންކަމުން މިއީ ގައުމަށް ދިމާވެފައިވާ އެންމެ އެއް ބޮޑު ގޮންޖެހުމެވެ. އަދި ކޮންމެހެން ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. އެކަން ހައްލުކުރަން މަސައްކަތްތަކެއް ވެސް ކުރެވެ އެވެ. ނަމަވެސް ސުވާލަކީ ނަތީޖާ ރަނގަޅުތޯ އެވެ؟


މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް އޮންނަނީ ދެ ގޮތެކެވެ. އެއް ގޮތަކީ އެތަކެތި އެތެރެވިޔަ ނުދިނުމެވެ. ނަމަވެސް ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް، މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމަކަށް ވުމުން އެކަން ކުރަން ވަރަށް ދައްޗެވެ. އެތައް ކިލޯއެއްގެ މަސްތުވާތަކެތި އަތުލިޔަސް ސަޕްލައި ދަށެއް ނުވެ އެވެ. ދެ ވަނަ ގޮތަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން މަދުކުރުމެވެ. އެއީ ކިހާ ނުރައްކާ ކަމެއްކަން ވިސްނައި ދީގެންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެކަށީގެންވާ ފަރުވާދީ އަލުން މުޖުތަމައުއަށް ނެރެގެންނެވެ.

ރާއްޖޭގައި ދޭ ފަރުވާ

ފަރުވާގެ ދާއިރާ އަށް ބަލައިލާނަމެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަލުން އަނބުރާ މުޖުތަމައުމަށް ގެނައުމުގެ ޒިންމާ ހަވާލުކޮށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އުފެއްދި އެވެ. އެތަނުން މިހާތަނަށް އެތައް ބަޔަކަށް ފަރުވާދީ، މުޖުތަމައަށް ދޫކޮށްލި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު އަނެއްކާވެސް އެ އާދައިގެ ތެރެއަށް ވަދެ އެވެ. އެހެން ކަމުން މިކަމުގައި ދެކޮޅުނުޖެހޭ ކޮންމެވެސް ކަމެއް އެބަ އުޅޭކަން ޔަގީނެވެ.

މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: ޕޮލިސް

ޑްރަގް ކޯޓުގެ އަމުރާ އެކު ތިން މަރުހަލާއަކަށް އެންޑީއޭއިން ފަރުވާދެ އެވެ. އޭގެ ތެރެއިން އެއް ބަޔަކީ ކޮމިއުނިޓީ ސެންޓަރުން ފަރުވާ ހޯދާ މީހުންނެވެ. އެއީ މުޖުތަމައުގައި އުޅެމުން ފަރުވާ ހޯދުމެވެ. އެފަދަ ތިން ކޮމިއުނިޓީ ސެންޓަރު މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ހުރެ އެވެ. އަނެއް ބަޔަކު ރިހެބުން ފަރުވާ ހޯދާއިރު ދެން ތިބި ބަޔަކު ރިހެބުން ފަރުވާ ހޯދުމަށް ފަހު ހާފްވޭ ހައުސްއެއްގައި ތިބެން ޖެހެ އެވެ. ކ. ހިންމަފުށީގައި ރިހެބެއް ހިންގާއިރު ހުޅުމާލޭގައި ހުންނަނީ ހާފްވޭ ހައުސްއެކެވެ. އެތަންތަނުން މި ވަގުތު ޖުމްލަ 172 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެއީ އެތަންތަނުގެ ފުލް ކެޕޭސިޓީ އެވެ.

މަސްތުވުމުން ހަށިގަނޑުގައި އުފެދޭ ކެމިކަލްތައް ބޭސްދީގެން ނައްތާލަން ޑިޓޮކްސިފައި ހަދަ އެވެ. އެއަށް ފަހު ފަރުވާ ފަށަ އެވެ. އޭގެ އެއް ފަރުވާއަކީ "ސައިކޯ ސޯޝަލް" އެވެ. އެއީ ކައުންސިލިން ދީގެން އަހުލާގީ މައްސަލަތައް ހައްލުކުރުމާއި މަސްތުވުމުގެ ނުރައްކާތެރިކަން ބުނެދީ އެކަމުން ސަލާމަތްވުމަށް ވިސްނައި ދިނުމެވެ. އަދި މަސްތުވާތަކެތީގެ ވަބާ ޖެހިފައިވާ މީހާގެ އާއިލާއަށް ވިސްނައިދީ އެމީހުން ހޭލުންތެރިކުރުވުމެވެ. ހާއްސަކޮށް މަސްތުވުމުން ސަލާމަތްވާއިރު ދިމާވާނެ ކަންކަމާއި އެމީހުންނާ ދޭތެރޭ އަމަލު ކުރާނެ ގޮތް ބުނެދިނުމެވެ.

ދެން ދޭ ފަރުވާއަކީ "ފާމަކޯ ތެރަޕީ" އެވެ. އެއީ ބޭސް ދިނުމެވެ. ރާއްޖޭގައި މިހާތަނަށް އެކަން ކުރަމުން އައީ މަސްތުވާ ބޭހެއް ކަމަށްވާ "މެތަޑޮން" ދީގެންނެވެ. އޭގެ އެކި ޑޯޒް ދީ، ޑޯޒް ދަށްކުރަމުން ގޮސް މަސްތުވުން ހުއްޓުމަކަށް ގެންނަނީ އެވެ. ނަމަވެސް މިހާރު ވަނީ އެފަރުވާ ހުއްޓާލާފަ އެވެ. ކުރިން އެފަރުވާއާ އެކު ވެސް ސައިކޯ ސޯޝަލްގެ ދަށުން ތެރަޕީ ދޭން ޖެހެ އެވެ.

އެކި މީހުން އެކި ގޮތްގޮތަށް ފަރުވާ ނަގަ އެވެ. އޭގެ ތެރެއިން ރިހެބުން ފަރުވާ ހޯދަން 4-6 މަސް ނަގަ އެވެ. އެއަށް ފަހު ކޮމިއުނިޓީ ސެންޓަރުން ފަރުވާ ހޯދާ ގޮތަށް އެއް ބަޔަކު މުޖުތަމައުއަށް ދޫކޮށްލާއިރު އަނެއް ބަޔަކު ފޮނުވަނީ ހާފްވޭ ހައުސް އަށެވެ. އެފަރުވާއަށް ގިނަ ވެގެން ނަގަނީ ތިން ވަރަކަށް މަހެވެ.

އަނބުރާ މަސްތަށް، ކީއްވެ؟

މައްސަލައަކަށް ދިމާވެފައި ވަނީ ފަރުވާއަށް ފަހު އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރަން ފެށުމެވެ. އެންޑީއޭގައި މަސައްކަތް ކުރާ އަދި މަސައްކަތް ކޮށްފައިވާ މީހުން ބުނާ ގޮތުގައި އެކަން އެގޮތަށް ދިމާވަނީ އެންމެ އެކަށޭނަ ފަރުވާ ނުދެވޭތީ އެވެ. ހާއްސަކޮށް ރަނގަޅު ފަރުވާއެއް ދިނުމުގެ ބަދަލުގައި ފަރުވާ ދޭ މީހުންގެ އަދަދު ގިނަކުރަން އަމާޒުކޮށްފައި ވުމަކީ އޭގެ މައިގަނޑު ސަބަބު ކަމަށް އެމީހުން ބުނެ އެވެ. މަދުވެގެން އަހަރެއްހާ ދުވަހު ފަރުވާ ދޭން ޖެހޭއިރު ރާއްޖޭގައި އާންމުކޮށް ފަރުވާ ދެނީ އެންމެ ދިގުވެގެން ވެސް ހައެއްކަ މަސް ދުވަހަށެވެ.

ރާއްޖެއިން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި-- ފޮޓޯ: ޕޮލިސް

"މިދައްކަނީ އާދައިގެ މައްސަލަތަކެއް ހުރި ބައެއްގެ ވާހަކައެއް ނޫން. މިދައްކަނީ ތަފާތު ބަލިތަކާއި ތަފާތު އަހުލާގީ މައްސަލަތައް ހުރި، މަސްތުވުމުގެ ވަބާގައި ޖެހިފައިވާ މީހުންގެ ވާހަކަ،" އެންޑީއޭގެ ހާލަތު ރަނގަޅު އެނގޭ އަދި ތަޖުރިބާކޮށްފައިވާ މީހަކު ބުންޏެވެ.

"މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ނެރެވޭނީ ވަރަށް މަސައްކަތުން. އެކަން އެގޮތަކަށް ނުކުރެވޭ."

މަސްތުވުމުން މީހާ ސަލާމަތް ކުރުމަށް ކައުންސިލިން އަކީ އެންމެ މުހިންމު އެއް ބަ އެވެ. އެކަމަކު އެންޑީއޭގައި އެކަން ކުރަން ތިބީ މަދު ބައެކެވެ. އެހެންކަމުން އޭގެ ތެރެއިން ކައުންސިލަރަކަށް ދުވާލެއްގެ މައްޗަށް 19 ވަރަކަށް މީހުން ބަލަހައްޓަން ޖެހެ އެވެ. އޭގެ އިތުރުން ކޯޓަށް ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ތައްޔާރުކުރުން ފަދަ އިދާރީ އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށް އެކައުންސިލަރުން ބުނެ އެވެ. ނަތީޖާއަކީ ފަރުވާގެ ކަންކަން އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވުމެވެ.

"އާންމު ގޮތެއްގައި ކައުންސިލަރަކަށް ދުވާލަކު ނަގައިދެވޭނީ ތިން ސެޝަން. އެއީ ރަނގަޅަށް މަސައްކަތް ކުރެވޭނެ ވަރަކީ. އޭގެ ބަދަލުގައި އެތައް ބަޔަކު އެކަނިމާއެކަނި ބަލަހައްޓަން ވީމަ އެކަން އެންމެ ރަނގަޅަކަށް ނުވާނެ،" އެންޑީއޭގައި ކައުންސިލަރެއްގެ ގޮތުން މަސައްކަތްކުރި މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"އެހެން މަސައްކަތް ވެސް ކައުންސިލަރުން ކުރަން ޖެހޭ. [އެ ހުރިހާ ކަމެއް ކުރަން ޖެހުމަކީ] ރާއްޖޭގައި ދިމާވާ މައްސަލަ އަކީ."

ދުނިޔޭގެ ބައެއް ގައުމުތަކުގައި މަސްތުވުމުން މީހުން ސަލާމަތްކުރަން މަސައްކަތް ކުރަނީ އެޑިކްޝަންގެ ދާއިރާއިން ކައުސިލިން ދިނުމުގެ ބައިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހުންނެވެ. އެކަމަކު ރާއްޖޭގައި އެފަދަ މީހުން ނެތުމުން އެ މަސައްކަތްކުރަނީ އާންމު ކައުންސިލިން ލައިސެންސް ލިބިފައިވާ މީހުންނެވެ. އޭގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ކައުންސިލަރުން ވެސް ހިމެނެ އެވެ.

ކައުންސިލަރުންގެ ފެންވަރު ބެލުމާއި އެމީހުންނަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކަށީގެންވާ ތަޖުރިބާކާރުންނެއް ނެތެވެ. އެހެންވެ ކައުންސިލަރުންގެ މަސައްކަތް ވަޒަންކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ފަރުވާއާ އެއްވަރަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އާއިލާގެ އެއްބާރުލުން ވެސް ވަރަށް މުހިންމެވެ. އެކަމަށްޓަކައި ކައުންސިލަރުން އާއިލާތަކާ ވާހަކަދައްކައި ކަންކުރަންވީ ގޮތް ބުނެދީހަދަ އެވެ. ނަމަވެސް ރާއްޖޭގައި އެ ޒިންމާ ގިނަ އާއިލާތަކަށް ރަނގަޅަކަށް ނުނެގެ އެވެ.

"ބައެއް ބެލިނިވެރިން ކުއްޖާ ބޭރަށް ގޮސް ފައިސާ ހޯދަން ވައްކަން ކޮށްފާނެތީ އެބަ ފައިސާ ދޭ މަސްތުވާތަކެތި ގަންނަން. އެމީހުން ހަޅޭއްލަވައިގަތީމަ ދެން ހަދަންވާ ގޮތެއް ބެލެނިވެރިންނަކަށް ނޭނގޭ،" އެންޑީއޭގައި ކުރިން މަސައްކަތްކުރި މީހަކު ކިޔައިދިނެވެ.

"ހަގީގަތުގައި ޕޭރެންޓުން ހޭލުންތެރިކުރުން ވަރަށް މުހިންމު. އެކަމަކު ރާއްޖޭގައި އެކަމެއް ވެސް ނޯވޭ މިހާރަކު."

ދެން އޮތީ ފަރުވާއަށް އެދިގެން ދާ މީހުންނަށް ފަރުވާ ނުލިބޭ މައްސަލަ އެވެ. ޑްރަގް ކޯޓުން ފަރުވާ ދޭން އަންގާފައިވާ އެތައް ބަޔަކު ޖާގަ ނުލިބި އަދިވެސް އެބަ ތިއްބެވެ. އަމިއްލައަށް ރަނގަޅުވާން ބޭނުންވެގެން ދާ މީހުންގެ ތެރެއިން ވެސް ފަރުވާ ލިބުން ލަސްވެފައިވާ އެތައް ބަޔަކު ހިމެނެ އެވެ.

"ވަރަށް ބޮޑުވަރު ވީމަ ދެއްތޯ އެމީހުން އަމިއްލައަށް ފަރުވާ ހޯދަން ދާނީ. އެގޮތަށް ގޮސް އެދުމުން ވެސް ދެ ހަފްތާ، ތިން ހަފްތާ އެބަ ނަގާ. އެފަދަ ބައެއް ކުދިން ފަރުވާ ނުލިބިގެން އޯވަޑޯޒް ވެފައި ވެސް އެބަ ތިބި،" ކައުންސިލަރަކު ބުންޏެވެ.

ރާއްޖެއިން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި-- ފޮޓޯ: ޕޮލިސް

ގޮންޖެހުންތަކެއް އެބަ ހުރި

ނޭޝަނަލް ޑްރަގް އޭޖެންސީ ބޯޑުގެ ޗެއާމަން، ޑރ. އަލީ ޝާހިދު ވިދާޅުވީ ކައުންސިލަރުންގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އަލަށް ފަސް ކައުންސިލަރުން ނަގަން އިއުލާންކޮށްފައިވާއިރު އެ މީހުން ލިބުމުން މިހާރުގެ ހާލަތަށް ލުޔެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ޖާގައިގެ ދަތިކަން ހުރުމުން ބައެއް މީހުންނަށް ފަރުވާ ނުލިބި މަޑުކުރަން ޖެހިފައިވާކަން ޝާހިދު ވެސް ގަބޫލްކުރައްވަ އެވެ. އަދި ޓެކްނިކަލް މީހުންގެ ދަތިކަން ހުރިކަން ވެސް ގަބޫލުކުރައްވަ އެވެ. ހާއްސަކޮށް ޑްރަގް އެޑިކްޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ކައުންސިލަރުން ނެތް، މައްސަލައެއްގެ ގޮތުގައި، އޭނާ ފާހަގަކުރެއްވި އެވެ.

"ކޮލޮމްބޯ ޕްލޭންގެ އެހީގައި ކައުންސިލަރުން ވެސް ތަމްރީނު ކުރަމުން އަންނަނީ. ހިންގަން ތިބި ބޭފުޅުންނަކީ އެންޑީއޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން،" ޝާހިދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އެންޑީއޭގެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް 1000 ވަރަކަށް މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ނެރެވޭ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ރަނގަޅު ދިރިއުޅުމެއް އުޅެމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ މެނިފެކްޓޯގައި ވެސް އޮންނަނީ އަހަރަކު 500 މީހުންނަށް ފަރުވާ ދީ އަނބުރާ މުޖުތަމައުއަށް ގެނައުން. އަޅުގަނޑުމެންނަށް އެކަން ކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅު ހަފުތާ މި ހަފުތާގައި ފާހަގަކުރާ އިރު ރާއްޖެ އިން ފެންނަނީ އެ ވަބާއިން ސަލާމަތްވުމުގެ މަސައްކަތް ވަރުގަދަކުރަން ޖެހިފައިވާ މަންޒަރެވެ. އެންޑީއޭ ވެސް މިހާރަށް ވުރެ ރަނގަޅުވާން ޖެހެ އެވެ.