އިންތިޚާބުތަކުގައި "ނޫނެކޭ" ބުނުން، ކޮން ދުވަހަކުން؟

"އަޅުގަނޑުމެންގެ ސިޔާސީ މަސްރަހު މިހާރު މިވަނީ ކްލޮރިނޭޓް ކުރަން ޖެހިފައި، އެއީ ސަރުކާރާއި އިދިކޮޅު ފަރާތްތައް ވެސް،" މިއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މީގެ ދުވަސްކޮޅެއް ކުރިން ކުރެއްވި ޓްވީޓެކެވެ.


ސުއޫދު ފަދައިން އެ ވިސްނުމުގައި އެތައް ބަޔަކު އެބަ ތިއްބެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އާ ގާނޫނު އަސާސީއަކާ އެކު ޒަމާނީ ޑިމޮކްރަސީއެއް ގެނައިތާ 10 އަހަރު ވަނީ އެވެ. އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރި ފުރަތަމަ ސަރުކާރު ނިމިގެންދިޔައީ ގާނޫނާ ޚިލާފު އެތައް ކަމެއް ބޮލުގައި އެޅިގެންނެވެ. އޭގެ ފަހުން ހަމަނުޖެހުމާއި ތަޅާފޮޅުން ބޮޑު ދެ އަހަރަށް ފަހު ތިން ވަނަ ސަރުކާރުގެ ދައުރު އެ ނިމެނީ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ބޮޑެތި އެތައް ކަމެއްގެ ތުހުމަތު އެ އޮތީ އެޅިފަ އެވެ.

އާ ގާނޫނު އަސާސީގެ އަސްލު ރަހަ ނުލިބިގެން ރައްޔިތުން ކުރާ ޝަކުވާތަކަށް ނިމުމެއް ނެތެވެ.

މިހާރު މި އޮތީ އެ ގާނޫނު އަސާސީގެ ދަށުން އެކުލަވާލި ދެވަނަ ރައްޔިތުންގެ މަޖިލީހެވެ. އެކަމަކު ދެ މަޖިލީހުން ވެސް ފެނުނީ އެއް މަންޒަރެކެވެ. ހަމަނުޖެހުމާއި ތަޅާ ފޮޅުމާއި "ސްޓޭމްޕް ޖަހާ އުސޫލުން" ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ފާސްކުރުމާއި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ފައިދާއަށް ބެލުމެއް ނެތި، އަމިއްލައަށް ކަންކަން ނިންމާ ތަނެވެ.

މި ހާލަތަށް ސިޔާސީ ކަންކަން ދިއުމުގެ މައިގަނޑު ސަބަބަކީ ހުރިހާ ދިމާލެއްގައި ވެސް ރައްޔިތުންނަށް ވުރެ ޕާޓީތަކުގެ ފިކުރާއި ވިސްނުން އިސްކުރުމެވެ. ސަރުކާރުގެ އިސް ބޭފުޅުން ވިޔަސް އަދި މަޖިލީހުގެ މެމްބަރުން ވެސް މަގާމުގެ ޒިންމާތައް އަދާކުރުމުގައި އިސްކަން ދޭން ޖެހެނީ ރައްޔިތުންނާއި ގައުމުގެ ފައިދާއަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮންނަ އިބާރާތެއް ނުފެނެ އެވެ.

ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބެލުމަށް ފަހު، އާ މޫނުތަކެއް އިންތިޚާބީ މަގާމުތަކަށް ބޭނުންވާ ކަމަށް ގަބޫލުކުރާ މީހުންގެ އަދަދު ނިސްބަތުން މިހާރު މަދެއް ނޫނެވެ. އެހެންވީއިރު، އިންތިޚާބުތަކުގައި ކަމުދާ އެއްވެސް ކެންޑިޑޭޓަކު ނެތް ނަމަ، ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ ވޯޓު ދިނުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ މީހުން ވެސް އެބަ ގިނަވެ އެވެ.

ރާއްޖޭގެ ގާނޫނުތައް މިހާރު އޮތް ގޮތުން އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ ހައްގު ލިބެނީ ރިޔާސީ އިންތިޚާބުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާ ހާލަތުގައި އެކަންޏެވެ. އެ ހާލަތުގައި އޮންނާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ވާތީ އެ ކެންޑިޑޭޓަށް ނޫނެކޭ ބުނުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެ ނޫން ހާލަތްތަކުގައި ވޯޓު ލާ މީހާއަށް އޮންނަނީ ހަމަ އެންމެ ގޮތެކެވެ. އެއީ ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމެވެ. އޭގެ ބަދަލުގައި ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ ވޯޓު ދީފި ނަމަ އެ ވޯޓެއް ބާތިލްވީ އެވެ. ކުރިމަތިލާ ކެންޑިޑޭޓުން ކަމުނުދިޔަޔަސް، ވޯޓުގެ ނަތީޖާއިން އެކަން ދައްކުވައި ދެވޭނެ އެއްވެސް މަގެއް ނެތެވެ.

އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ނަމަ، ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ ވޯޓު ދިނުމުގެ ފުރުސަތުު ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު އޮވެ އެވެ. ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގަ އެވެ. އެފަދަ ގައުމުތަކުގައި ވޯޓު ކަރުދާހުގައި ނުވަތަ ވޯޓުލާ މެޝިންގައި، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ނަމަ ވޯޓު ދޭނެ ޚާއްސަ ގޮޅިއެއް އޮވެ އެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ކަމުނުދާ ނަމަ އެގޮތަކަށް ވޯޓު ލާންވީ އެވެ. ވޯޓުގެ ނަތީޖާ އަންނައިރު، ކެންޑިޑޭޓުންނަށް ނޫނެކޭ ބުނީ ކިތައް މީހުން ކަން ވެސް އެނގޭނެ އެވެ.

ވޯޓު ކަރުދާސްތަކެއް ގުނަނީ --- މިހާރު ފޮޓޯ/ހުސައިން ވަހީދު

އިންތިޚާބުތަކުގައި ރައްޔިތުންނަށް އެ ފުރުސަތު ދިނަސް، އޭގެ ސަބަބުން ހެޔޮ ބަދަލެއް ފެނިދާނެތޯ ސުވާލުކުރެވިދާނެ އެވެ. ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ ފުރުސަތު ބައެއް ގައުމުތަކުގައި ދީފައި އޮންނަނީ ރަމްޒީ ގޮތުންނެވެ. އެކަމަކު ނޫނެކޭ ބުނާ މީހުން ގިނަވެއްޖެ ނަމަ ބައެއް ގައުމުތަކުގައި އިންތިހާބު އަލުން ބާއްވަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ސިިޔާސީ މާހައުލާ މެދު މާޔޫސްވެފައި ތިބި ރައްޔިތުންނަށް އެ މީހުންގެ ބަސް ވޯޓުން އިއްވައި ދިނުމުގެ ފުރުސަތު، "ނޫނެކޭ" ވޯޓުން ލިބިދޭ ކަމެވެ. އޭރުން ރައްޔިތުން ގަބޫލުކުރާ މީހުން އިންތިޚާބުތަކަށް ނެރެން ޕާޓީތަކަށް މަޖުބޫރުވެ އެވެ. ސަބަބަކީ ގަބޫލުނުކުރެވޭ ފަދަ ކެންޑިޑޭޓަކު ޕާޓީއަކުން ނެރެފި ނަމަ އާންމުންގެ "ނޫނެކޭ" ވޯޓާ ކުރިމަތިވުމުގެ ބިރު ޕާޓީތަކަށް އޮތުމެވެ. ޚާއްސަކޮށް ރާއްޖެ ފަދަ، ބޮޑެތި ޕާޓީތަކުން އިންތިޚާބީ މަގާމުތައް ކޮންޓްރޯލް ކުރާ ގައުމެއްގައި މިފަދަ ނިޒާމެއްގެ ފައިދާ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

އަވަށްޓެރި އިންޑިއާއަށް ބަލަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގައި އިންތިޚާބުތަކުގައި ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ ފުރުސަތު ފުރިހަމަ ގޮތެއްގައި ލިބިގެން ދިޔައީ 2013 ގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެކަމަކު އިންޑިއާ ސަރުކާރުން ދެކޮޅުހަދަމުން ދަނިކޮށް ސުޕްރީމް ކޯޓުން ހޯދައިދިން އެ ފުރުސަތުގެ ދަށުން، ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ ލެވެނީ ރަމްޒީ ވޯޓެކެވެ. މާނައަކީ އަލުން އިންތިޚާބަކަށް ދާން ނުޖެހި، ދެވަނަ ލިބުނު ކެންޑިޑޭޓް ހޮވުމެވެ.

އިންތިހާބުތަކުގައި "ނޫނެކޭ" ބުނުން ރަމްޒީ ކަމެއްގެ ގޮތުގައި އޮތަސް، ރައްޔިތުން ބޭނުންވާ އަޑު އިއްވުމުގެ އެ ފުރުސަތު އާންމުން ދުލެއްނުކުރެ އެވެ. އިންޑިއާގެ އިންތިޚާބުތަކުގައި ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނާ ރައްޔިތުންގެ އަދަދު ނިސްބަތުން މިހާރު ދަނީ އިތުރުވަމުންނެވެ. އަދި ގިނަ މީހުން ނޫނެކޭ ބުނާ ހާލަތެއްގައި އަލުން އިންތިޚާބަކަށް ދާން ޖެހޭނެ ގޮތް ހެދޭތޯ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންތިހާބުތަކުގައި ވޯޓު ލާ މީހުން ރާއްޖޭގައި ގިނަ ނަމަވެސް އެ ހައްގު ބޭނުންނުކުރާ މީހުން ވެސް އުޅެ އެވެ. އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބުގައި 28،000 މީހުން ވޯޓު ލާފައެއް ނުވެ އެވެ. އޭގެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިޚާބުގެ އެންމެ ފޯރިގަދަވެގެން ދިޔަ ފަހު ބުރުގައި ވެސް 21،000 މީހުން ވޯޓެއް ނުލަ އެވެ.

ވޯޓު ނުލާ މީހުންގެ ވިސްނުމަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެކަމަކު ވޯޓު ލާ މީހުންގެ ތެރޭގައި ވެސް ސިޔާސީ ގޮތުން ފެންނަ މަންޒަރުތަކާ ހިތްހަމަނުޖެހޭ މީހުން ގިނަ އެވެ. އެހެންކަމުން "ނޫނެކޭ" ބުނެ ވޯޓު ލެވޭ ނަމަ ރާއްޖެ އިން އެހެން މަންޒަރެއް ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

އިންތިޚާބު ބާއްވަނީ ރައްޔިތުންގެ މައްޗަށް ކަންކަން ނިންމާނެ ބަޔަކު ހޮވާށެވެ. އެހެންވުމުން އެފަދަ މަގާމުތަކަށް ކުރިމަތިލާ މީހުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ވެސް ވާން ޖެހެ އެވެ. އެހެންކަމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު "ނޫނެކޭ" ބުނާ ކެންޑިޑޭޓުންގެ ބަދަލުގައި އާ ކެންޑިޑޭޓުން ނެރެން މަޖުބޫރުކުރާ ހާލަތެއް ވެސް އޮތުން ރަނގަޅެވެ.