ދުރު ރަށްރަށުގައި ވެސް ގެސްޓް ހައުސް؛ އެކަމަކު ހުރަހެއް

މާލެ ކައިރި ރަށްރަށާއި އެހެން އަތޮޅުތަކުގައި ވެސް ގެސްޓް ހައުސް އަންނަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. ހާއްސަކޮށް މާލެ އަތޮޅުގެ ބައެއް ރަށްތަކުގައި މި ވިޔަފާރި ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ފުޅާވި އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު 490 ގެސްޓް ހައުސް ހިންގ އެވެ. މިއީ ގާތްގަނޑަކަށް 8،000 ޓޫރިސްޓް އެނދެވެ.


މާލެ ކައިރި ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވުމުގެ މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ ފަސޭހަ ކަމާއި އަގެވެ. ނަމަވެސް ދަތުރުފަތުރުގެ ހުރަސްތަކާ އެކު ރާއްޖޭގެ އެހެން ހިސާބުތަކުގައި ގެސްޓް ހައުސް ވިޔަފާރި މާ ބޮޑަށް ފުޅާވަމުން ނުދެ އެވެ. ހާއްސަކޮށް އެންމެ ދެކުނުގެ އަތޮޅުތަކާއި އެންމެ އުތުރުގެ އަތޮޅުތަކުގަ ގެވެ.

ހއ. ކެލާގައި ހަދާފައިވާ ބީޗް ހޯމް ގެސްޓް ހައުސް: ދަތުރުފަތުރުގެ އަގު ހެޔޮވެއްޖެ ނަމަ ގެސްޓުންނަށް ފަސޭހަވާނެ -- ފޮޓޯ: ބުކިން ޑޮޓްކޮމް

ހއ. ގެ އެންމެ ބޮޑު އަދި އެންމެ ހިތްގައިމު އެއް ރަށް ކަމަށްވާ ކެލާގައި ވެސް ގެސްޓް ހައުސް ހިންގަ އެވެ. އެކަމަކު ދަތުރުފަތުރުގެ އަގަށް ބަލާއިރު އެ ވިޔަފާރި ފުޅާކުރަން ދިމާވާ ހުރަސްތައް ގިނަ އެވެ.

"ޔޫރަޕުން ނުވަތަ ޗައިނާއިން އަންނަ މީހާއަށް އަގުހެޔޮ މާފުށި ނުވަތަ އުކުޅަހަށް ދާން. ދަތުރުފަތުރުގެ އަގު ހެޔޮވެގެން ނޫނީ ދުރު ރަށްރަށުގައި ޓޫރިޒަމް ފުޅައެއް ނުކުރެވޭނެ،" އުތުރުގެ ރަށެއްގައި ގެސްޓް ހައުސްއެއް ހިންގަމުން އަންނަ މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުންޏެވެ.

އޭނާ ބުނީ އުތުރުގައި ގެސްޓް ހައުސް ހިންގާ ގިނަ ރަށްރަށުގެ ގޮނޑުދޮށްތަކާއި މާހައުލު ވެސް ޓޫރިސްޓުންނަށް ވަރަށް ކަމުދާ ކަމަށެވެ. އަދި އެކްސްކާޝަން އާއި ސްނޯކްލިން ފަދަ އިތުރު ހަރަކާތްތަކަށް ޝައުގުވެރިކަން ބޮޑުކޮށްދޭ ކަންކަން ވެސް އެ ސަރަހައްދުތަކުގައި ހިމެނޭ ކަމަށް ބުންޏެވެ.

"މިތަނަށް އަންނަ ގިނަ ބައެއްގެ ޝަކުވާއަކީ ޓްރާންސްޕޯޓް އަގު ބޮޑުވުން. މާލެ އިން ހަނިމާދުއަށް ދާން ހިނގާ ހަރަދު އެ މީހުންނަށް މާ ބޮޑުވަނީ. އަނެއްކާ އަޅުގަނޑުމެން އެބަ ޖެހޭ އެއާޕޯޓުން މި ރަށަށް އެ މީހުން ލޯންޗުގައި ގެންނަން. އެކަމަށް ވެސް ބޮޑު ހަރަދެއް ހިނގާ،" އޭނާ ބުންޏެވެ.

މާލެއިން އުތުރުގައި އެންމެ ގިނަ ގެސްޓް ހައުސް ހިންގާ އެއް ރަށަކީ ބ. ދަރަވަންދު އެވެ. އެ ރަށަށް ވިޔަފާރިވެރިން ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ ދަތުރުފަތުރުގެ ފަސޭހަކަމެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ އެ ރަށަށް ދަތުރުކުރެވެ އެވެ. އެހެންކަމުން ދަރަވަންދޫ އެއާޕޯޓު ހުޅުވުމާ އެކު ރަށުގެ ބިމުގެ އަގު ވަނީ ރަނަށް ވެފަ އެވެ.

ބ. ދަރަވަންދޫގައި ހިންގާ ގެސްޓް ހައުސްއެއް. އެއާޕޯޓާ އެކު ގެސްޓްގެ ވިޔަފާރި ފުޅާވި

"މި ރަށުގައި ގެސްޓް ހައުސް ވިޔަފާރި މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އެތައް ގުނައެއް ފުޅާވެފައި. އަދި މިރަށުގެ އެއާޕޯޓާ ހެދި މިތާ ކައިރި ބައެއް ރަށްރަށުގައި ވެސް ގެސްޓް ހައުސްތައް އެބަ ހިންގާ. މާލެއިން އަރިއަތޮޅުގެ ރަށަށް ދިއުމެކޭ މިތަނަށް އައުމަށް ހިނގާ ހަރަދާ މާ ބޮޑު ތަފާތެއް ނެތް،" ދަރަވަންދޫގައި ގެސްޓް ހައުސްއެއް ހިންގާ މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

ދަރަވަންދޫގައި އޭނާ ގެސްޓް ހައުސް ވިޔަފާރި ފެށީ އަހަރެއްހާ ދުވަސް ކުރިން މަހަކު 7،000ރ. އަށް ތަނެއް ކުއްޔަށް ހިފައިގެންނެވެ. ނަމަވެސް މިހާރު އެ ސައިޒުގެ ބިމެއްގެ މަހު ކުލި ވަނީ 18،000ރ. އަށް އުފުލިފަ އެވެ.

ގާތްގަނޑަކަށް 20 ގެސްޓް ހައުސް ހިންގާ ދަރަވަންދޫގައި މިހާރު ވެސް އިތުރު އެތައް ތަނެއް ހަދަމުން އެބަދެ އެވެ.

"މިރަށުގެ ގެސްޓް ހައުސް ވިޔަފާރި ފުޅާވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއާޕޯޓު. އެއީ އާއްމު ރޭޓުގައި ގެސްޓުންނަށް މިތަނަށް އާދެވޭތީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެއާޕޯޓެއް ނެތް ނަމަވެސް އއ. އުކުޅަހުގައި ވެސް ގެސްޓް ހައުސްތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާރު ވެސް އެ ރަށުގައި 24 ގެސްޓް ހައުސް އެބަ ހިންގަ އެވެ. މިއީ ގާތްގަނޑަކަށް 340 ކޮޓަރި އެވެ. މި އަހަރު އިތުރު 50 ކޮޓަރި އިތުރުވާނެ ކަމަށް އެ ރަށުގައި ވިޔަފާރިކުރާ މީހުން ދެކެ އެވެ. ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވެސް ހުޅުވާފައިވާ ޒޯނެއްގައި އޮންނަ ރަށުގައި ގެސްޓް ހައުސް ފުޅާވުމުގެ މައިގަނޑު ސަބަބަކީ ސްޕީޑް ލޯންޗުގަ އާއި ސީޕްލޭންގައި ވެސް ޓޫރިސްޓުންނަށް ފަސޭހައިން ދަތުރުކުރެވޭތީ އެވެ.

އުކުޅަހަށް ކޮންމެ ދުވަހަކު ދެ އިރު ސްޕީޑް ލޯންޗުގެ ދަތުރުތައް އޮވެ އެވެ. ލޯންޗުގައި 250ރ. އަށް، ދޮޅު ގަޑިއިރުން އެ ރަށަށް ދެވެ އެވެ. އަދި އެމްޓީސީސީގެ ފެރީގައި ހަތަރު ގަޑިއިރު ހޭދަވާ އިރު އެ ދަތުރަށް ހޭދަކުރަން ޖެހެނީ އެންމެ 50ރ. އެވެ.

"މިރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށީ ވެސް ދަތުރުފަތުރުގެ އަގަށާއި ދުރުމިނަށް ބަލާފައި. އަނެއްކާ މި ރަށުގެ ބީޗަކީ ވެސް އެހާމެ ހިތްގައިމު ތަނެއް. މި ރަށަށް އަންނަ ގެސްޓުންނަށް މާ ބޮޑު މައްސަލައަކަށް ނުވޭ ލޯންޗްގައި ދޮޅު ގަޑިއިރު ދަތުރެއްކޮށްފައި އަންނާކަށް،" އުކުޅަހުގައި ގެސްޓް ހައުސްއެއް ހިންގަމުން އަންނަ ޒުވާނަކު ބުންޏެވެ.

ކ. މާފުށީގައި ހިންގާ ގެސްޓް ހައުސްއެއް: އެ ރަށުގައި ގެސްޓް ހައުސް ފުޅާވުމުގެ މައިގަނޑު އަސްލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރިވުން --ފޮޓޯ: އަގޯޑާ

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާވާން ޖެހޭ ކަމަށެވެ. އަދި އެތެރޭގެ އުދުހުމުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން އެކަމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރާއްޖޭގައި މިހާރު އޮތް 137 ރިސޯޓުގައި 42،000 އެނދު ހުރިއިރު އޭގެ ތެރެއިން ބޮޑު ބަޔަކީ ބޭރުގެ އިންވެސްޓްމަންޓް. އޭގެ ސަބަބުން އާއްމު ރައްޔިތުންނަށް ސިދާ މަންފާ ލިބޭ މިންވަރު ކުޑަ ގެސްޓްހައުސްތަކަށް ވުރެ. ރަށްރަށުގެ މީހުންގެ އާމްދަނީ އިތުރުކުރަން ބޭނުން ނަމަ ގެސްޓް ހައުސް ވިޔަފާރި ފުޅާވާން އެބަ ޖެހޭ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އެކަމަކު އެންމެ ދެކުނާއި އުތުރުގައި އެ ވިޔަފާރި ފުޅާކުރެވެން އޮތީ އަގުހެޔޮކޮށް ދަތުރުފަތުރުކުރެވޭނެ މަގެއް ހުޅުވިގެންނެވެ.

"ރިސޯޓުތަކަށް ވެސް ދަތުރުތައް ކޮށްދޭ ގޮތަށް ގެސްޓް ހައުސްތަކަށް ވެސް ހާއްސަ އަގުތަކެއް ދެވިދާނެ އެއާލައިންތަކުން. އަބަދު ގެސްޓުން ލިބޭ ނަމަ އެއާލައިންތަކުގެ ވިޔަފާރި ވެސް އިތުރުވެގެންދާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މާމިގިއްޔަށާއި ދަރަވަންދުއަށް ކުރާ އަގުގައި އެހެން ސަރަހައްދުތަކަށް ދަތުރެއް ނުކުރެވޭނެ. ނަމަވެސް ހާއްސަ އަގުތަކެއް ހަމަޖައްސައިފި ނަމަ އެތެރޭގެ އެއާލައިންތަކުގެ ސީޓްތައް ހުހަށް ހުންނާކަށް ނުޖެހޭނެ."

ހއ. ކެލައަށް ދާން ހަމައެކަނި ދެކޮޅު ޓިކެޓަށް 250 ޑޮލަރު ހޭދަކުރުމަކީ ކޮންމެ ގެސްޓަކަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެ އަގު ހެޔޮކުރެވޭ ގޮތް ވެއްޖެ ނަމަ، މުޅި ރާއްޖޭގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރެވެން އެބަ އޮތެވެ.