ވޯލްޑް ކަޕުގެ ހުވަފެނަށް ރާއްޖެ ތައްޔާރުތަ؟

"މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައި ހަވާލުވި އެންމެ އެންމެ އުނދަގޫ މަސައްކަތް. މިތާގައި (ރާއްޖޭގައި) ހުނަރު އެބައޮތް. އެކަމަކު މީގެ ބޭނުން ހިފޭނެ ގޮތްތަކެއް ނެތް،"


މިއީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ފަހު ވަގުތު ވަން ގޯލުތަކުން ނޭޕާލް އަތުން ބަލިވި މެޗަށް ފަހު އޭރު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ނިއު ޒީލެންޑުގެ ރިކީ ހާބަޓް ބުނި ވާހަކަ އެކެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ނިއު ޒީލެންޑަށް ކޯޗުކޮށްދިން ހާބަޓަށް ވޯލްޑް ކަޕުގެ ތަޖުރިބާ ލިބިހުރެ، އޭނާ އަށް ރާއްޖޭގެ ކޯޗުކަން ކުރުން އުނދަގޫ ކަމަށް ބުނުމުން މި މަސައްކަތުގައި ހުރި ގޮންޖެހުންތައް އެނގެ އެވެ. ޓާގެޓެއް ހާސިލްކުރެވޭނީ ގިނަ މަސައްކަތްތަކެއް ކޮށްގެންކަން ޔަގީންވެ އެވެ.

ހާބަޓަށް ފަހު ދެން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާ އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އެވެ. އޭނާ ގައުމީ ޓީމު ގޮވައިގެން ހާސިލްކުރަން ކަނޑައެޅި އެންމެ ބޮޑު ޓާގެޓަކީ އަންނަ އަހަރު ޔޫއޭއީގައި އޮތް އޭޝިއަން ކަޕަށް ރާއްޖެ ގެންގޮސްދިނުމެވެ. އެ ހުވަފެން ދިޔައި ފެނަށެވެ. އަދި ސްޓެވާޓްގެ އެއްބަސްވުމުގެ މުއްދަތު ހަަމަވިއިރު، އޭނާ އަށް ދިން އެއް ޓާގެޓް އޮތްތާގައި އޮތީ އެވެ. އެއީ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމެވެ. ސާފް ސުޒުކީ ކަޕްގެ ޓާގެޓަށް އޭނާ އަށް މަސައްކަތް ނުކުރެވުނީ މުބާރާތް ކުޅޭނެ ތާރީހެއް ކަނޑައެޅިއިރު، ސްޓެވާޓަށް ރާއްޖޭގެ ކޯޗުކަށް ގެއްލިފައިވުމުންނެވެ.

މި ފަހަރުގެ ސާފް ސުޒުކީ ކަޕަށް ރާއްޖެ ނުކުންނާނީ ކުރިން މި މުބާރާތުގައި އަފްގާނިސްތާނަށް އިރުޝާދުދިން ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ކޯޗުކަމުގަ އެވެ. އޭނަގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސިންގަޕޫރު އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ބޫޓާން އަތުން 7-0 އިން މޮޅުވެފަ އެވެ. މިއީ ޒުވާން ޖީލެއްގެ ފެށުން ކަމަށް އޭނާ ވަނީ އެ ދުވަހު ބުނެފަ އެވެ. އެކަމަކު އޭރު ސެގާޓް ބުނީ މިއީ އޭނާގެ ފުރިހަމަ ޓީމެއް ނޫން ކަމަށާއި ދެން ނަގާ ޓީމަކީ އޭނާ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު މުސްތަގުބަލަށް ނަގާނެ ޓީމެއް ކަަމަށެވެ.

ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ސާފް ސުޒުކީ ކަޕަށް ސެގާޓް ނެގި ޓީމުން ބަދަލުތަކެއް ފެނުނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) ނެތީ ބައިވަރު ސަބަބުތަކެއް ހުރެގެން ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ އުމުރުން ދޮށިވުން ކަަމަށާއި ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށްދިއުމުގެ ހުވަފެން ދެކެމުން އަންނައިރު އެހާ ހިސާބަށްދާއިރު، އަޝްފާގަށް ހުންނާނީ ވަރަށް ދުވަސްވެފައި ކަމަށްވާތީ ނެގެން ނެތް ކަމަށް ވެސް ސެގާޓްގެ ވާހަކައިގައި އިޝާރާތްކުރި އެވެ. ގަތަރުގެ ވޯލްޑް ކަޕުގެ ވާހަކަތަކެއް ކުއްލިއަކަށް އައުމަކީ ލިބުނު އެންމެ ބޮޑު ހައިރާންކަމެވެ.

ސާފް ސުޒުކީ ކަޕުގެ ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ސެގާޓް ވޯލްޑް ކަޕަށް ޓީމެއް ބިނާކުރާ ވާހަކަ ބުނުމުން އެއީ ހަގީގަތުގައި ވެސް ކުރާ ޓާގެޓެއްތޯ ސުވާލުކުރި އެވެ، ޖަވާބުގައި ސެގާޓް ބުނީ ވޯލްޑް ކަޕުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އުއްމީދެއް ނެތި ހުވަފެނެއް ނުދެކޭ މީހަކަށް އެއްވެސް ކަމެއް ހާސިލްނުވާނެ ކަމަށް ބުންޏެވެ.

ދާދި ފަހުން ނިމިދިޔަ ވޯލްޑް ކަޕްގެ ދުވަސްވަރުގައި ސެގާޓާ ދިވެހި ގިނަ ޒުވާނުންނާ ދިމާވި ކަމަށާއި އެ ކުދިން ވެސް ތިބީ ވޯލްޑް ކަޕަށް ދިއުމުގެ އުއްމީދުގައި ކަމަށްވާއިރު، އެ ކުދިންނާއި ރާއްޖެ އަށް އެކަން ހާސިލްކޮށްދޭން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އެއީ ހުވަފެން ދެކުން ހުއްޓާލަން ބޭނުންނުވާތީ އޭނާ ވެސް ބޭނުމީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ރާއްޖެ ގޮވައިގެން ދިއުމުގައި ކުރިއަށްދާން ކަމަށް ބުންޏެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ޓީމުތައް ވާދަކުރާ ވޯލްޑް ކަޕުގައި ރާއްޖެ ކުޅުމުގެ ހުވަފެން ދުށުމަކީ ގޯހެއް ނޫނެވެ. އެކަން ބޭނުންވާނެ އެކަމަކަށް އެދި އެދި ތިބޭނެ މީހުން ވެސް މަދެއް ނުވާނެ އެވެ. އެކަމަކު ހަމަ އެހެން ހުރެފައި ވޯލްޑް ކަޕާ ހަމައަށް ވާސިލްވުމަކީ ވާނެ ކަމެއް ނޫނެވެ. ކުރަން ހުރި މަސައްކަތް ވެސް ބައިވަރެވެ.

ގައުމީ ޓީމަށް ކޯޗުކޮށްދިން ވޯލްޑް ކަޕުގެ ތަޖުރިބާހުރި ކޯޗެއް ކަމަށްވާ ހާބަޓް ވެސް ޓީމުގައި މަސައްކަތްކުރިއިރު، އޭނާ ދުށީ މިއީ އެންމެ އުނދަގޫ މަސައްކަތުގެ ގޮތުގަ އެވެ. އެކަމަކު ޓީމާ ހަވާލުވެ، ފުރަތަމަ މުބާރާތެއްގެ މެޗެއް ނުކުޅެ ވޯލްޑް ކަޕްގެ ހުވަފެނުގެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ކަމެއްތޯ ނޫނީ މިއީ ސަމާލުކަން ހޯދަން ކުރިކަމެއްތޯ އެއީ އުފެދޭ ސުވާލެކެވެ.

ވޯލްޑް ކަޕެއްގައި ކުޅުމުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ނަޒަރު ހިންގާލުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުން ޕްރެކްޓިސް ކުރަން އޮތް ދަނޑާއި ލިބޭ ވަގުތާ މެދު ޝަކުވާ ނުކުރާ ބިދޭސީ ކޯޗެއް ރާއްޖެ ނާދެ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ހުރި ގޮންޖެހުންތައް އިންތިހާ އަށް ގިނައިރު، ފުޓްބޯޅަ ކުޅެން ފީފާ މިންގަނޑަށް ފެތޭ އޮތީ އެންމެ ދަނޑެކެވެ. އެ ދަނޑުގެ ބެލެނިވެރި ފަރާތަކީ ފުޓްބޯޅައިގެ މައި އިދާރާއެއް ނޫނެވެ. މިހެން ބަލާއިރު ހުރި މައްސަލަތަކުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ލިސްޓަށް އިތުރުވާނެ ކަންތައްތައް ބައިވަރެވެ.

ރާއްޖެ އަށް ވުރެން ވަސީލަތުގެ ގޮތުން މާ ކުރި އަރާފައިވާ ސަރަހައްދީ އެހެން ގައުމުތަކުގެ ގައުމު ތަކުން ވިސްނަނީ ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށްދާށެވެ. ސަރަހަައްދީ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާ އިން ދާދި ފަހުން 17 އަހަރުގެ ވޯލްޑް ކަޕް އަމިއްލަ ގައުމުގައި އިންތިޒާމްކުރި އެވެ. އެކަމަކު އެ ޓީމުން ދެން އަމާޒުހިފާފައިވަނީ އަންނަ އަހަރުގެ އޭޝިއަން ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރޭށެވެ.

ސާފް ސުޒުކީ ކަޕަކީ މިހާރު އިންޑިއާ އިން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭ މުބާރާތަކަށްވެއްޖެ އެވެ. އެންމެ ފަހު މުބާރާތް ކާމިޔާބު ކުރުމަށް ފަހު އެ ޓީމުން އެކަން އެ ގޮތަށްކުރާނެކަން އިއުލާންކުރިއިރު، މި ފަހަރު ފޮނުވި ޓީމުން އެކަން ސާބިތުވެ އެވެ.

ސެގާޓްގެ ކޯޗުކަމުގައި 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި އަފްގާނިސްތާނުން ވަނީ ރާއްޖޭގެ މައްޗަށް 4-1 އިން ކުރިހޯދައިފަ އެވެ. މިއީ އަފްގާނިސްތާން އަތުން ރާއްޖެ ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ހާބަޓްގެ ކޯޗުކަމުގައި ކުޅުުނު ރާއްޖެ އަތުން ސެގާޓް އެ ފަހަރު ހޯދި މޮޅާ ބެހޭގޮތުން އޭނާ ވަނީ ދާދި ފަހުން ވާހަކަ ދައްކައިފަ އެވެ. އަފްގާނިސްތާނަށް އެ ފަހަރު ރާއްޖެ އަތުން އެ ވަރުގެ މޮޅެއް ހޯދޭނެ ކަމަށް އެ ގައުމުގެ މީހުން ގަބޫލުނުކުރާ ކަމަށް ސެގާޓް ބުންޏެވެ. އެކަމަކު އެކަން ވެސް ހާސިލްވީ އޭނާ އުއްމީދުގައި ހުރުމުން ކަމަށެވެ. އަދި ފުޓްބޯޅަ އާއި ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާއިރު އެންމެ މުހިއްމު ކަމަކީ އުއްމީދު ދޫކޮށް ނުލުން ކަމަށް ވެސް ސެގާޓް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު ސެގާޓް (މ) އާއި ދަގަނޑޭ (ވ) އަދި ކީޕަރު އިމްރާން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން ސާފް ސުޒުކީ ކަޕް ފައިނަލުގައި އަފްގާނިސްތާން އަތުން މޮޅުވި މެޗަށް ފަހު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން ބުނީ އޭނާގެ ޓީމު އެ މެޗުން ހޯދި މޮޅަކީ ޔޫރަޕް ފުޓްބޯޅައިގެ ޓީމެއް އަތުން ހޯދި މޮޅެކެވެ. އެ ފަހަރު އަފްގާނިސްތާން ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން 15 އަށް ވުރެ ގިނަ ކުޅުންތެރިން އޭރު ކުޅެމުންދިޔައީ ޔޫރަފްގެ ދަށް ފަންތީގެ ކްލަބްތަކުގަ އެވެ. ގިނަ ކުޅުންތެރިންނަކީ ސްވިޑެން އާއި ޖަރުމަނުގެ ދެ ވަނަ ނޫނީ ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކުގެ ކުޅުންތެރިންނެވެ.

ޖަރުމަނުގެ ކްލަބްތަކުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށި ސެގާޓް ވަނީ އޮސްޓްރިއާ އާއި އިންޑޮނޭޝިއާ އަދި ބޮސްނިއާގެ ކްލަބްތަކަށް ކޯޗުކޮށްދީފަ އެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޖޯޖިއާގެ 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށް ކޯޗުކޮށްދީފަ އެވެ.

މި ހުރިހާ ޓީމަކީ ވެސް ރާއްޖެ އަށް ވުރެން ހުރިހާ ގޮތަކުން ވަސީލަތާއި ކުޅުންތެރިންގެ ފެންވަރުގެ ގޮތުން ބެލިޔަސް ކުރީގައި އުޅޭ ޓީމުތަކެވެ. އެ ޓީމުތަކުން ހޯދާފައި ހުރި ކުރިއެރުންތަކާ އެހެން ކަންކަމަށް ބަލާއިރު، ސެގާޓްގެ މަސައްކަތް ބަލައިގަންނަން ޖެހެ އެވެ. އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ.

އެކަމަކު ރާއްޖެ ފަދަ ފުޓްބޯޅައިގެ ކުރިއަރުވައި ވާސިލަތުގެ ގޮތުން ނިކަމެތިކޮށް އޮވެ، އެހެން ހަރުފަތަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ޓީމަކަށް ވޯލްޑް ކަޕް ކުޅުމުގެ ހުވަފެނެއްގެ ވާހަކަ ކޯޗެއްގެ ފަރާތުން އިވުމަކީ ގިނަ ބަޔެއްގެ އުއްމީދު ވެސް އޭނާއާ މެދު ގުޅޭނެ ކަމެކެވެ. އަދި އަނެއް ބަޔެއްގެ ނަޒަރުގައި އޭނާ އަށް މަލާމާތް ވެސް ރައްދުވާނެ ކަމެކެވެ. އެއީ އެ ވަރުގެ ކަމެއްގެ "ހުވަފެން" ބެލޭނީ އެއާ އެއްވަރަށް މަސައްކަތް ކުރެވޭނެ ކަންތައްތަކެއް ވެސް ފުރިހަމަވެފައި ހުރެގެންނެވެ. ވޯލްޑް ކަޕެެެއްގެ ވާހަަކަ ދެއްކޭނީ މި ޓީމާ އެކު ރަނގަޅު ތަޖުރިބާތަކެއް ވެސް ކޮށްގެން ކަމަށްވާތީ އެވެ.

މިސާލަކަށް ބަލާއިރު ރާއްޖެ އަންނަ ކޯޗުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަަމަކީ ގިނަ މެޗުތަކެއް ކުޅެލަން ނުލިބި ސީދާ ވާދަވެރި މެޗުތަކަށް ދާން ޖެހޭ މައްސަލަ އެވެ. ސެގާޓް ވަނީ އެ ކަންތައްތައް ރަނގަޅު ކުރަން އޭނާ މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އަހަރުގެ އެކި ދުވަސްތަކުގައި އޮންނަ ފީފާ ބްރޭކުގައި ގިނަ މެޗުތަކެއް ކުޅުމަށް އިސްކަންދޭނެ ކަމަށް ބުންޏެވެ. އެކަމަކު މިއީ އަދި މިހާތަނަށް ފުރިހަމަވެފައި ނެތް ކަމެކެވެ. މެޗުތަކެއް ކުޅެލަން ލިބެނީ މުބާރާތަކާ ކައިރި ކޮށްފައިދާ ޓްރެއިނިން ކޭމްޕެއްގެ ތެރެއިންނެވެ. ފީފާ ދުވަސްތަކުގައި ބޭނުންވިޔަސް ގިނަ ފަހަރު އެކި ސަބަބުތަކާ ހުރެ މެޗުތަކެއް ކުޅޭނެ ފުރުސަތެއް ނުލިބެ އެވެ.

ދެން އޮތީ ޒުވާން ކުޅުންތެރިން ބިނާކުރާ ވާހަކަ އެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ވާހަކަ އެވެ. ނިސްބަތުން ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅެލަން ލިބޭ އެންމެ ރަނގަޅު އެއް މުބާރާތަކީ އޭޝިއަން ގޭމްސް އެވެ. އަންނަ މަހު 14 އިން ސެޕްޓެމްބަރު 1 އަށް ކުރިއަށްދާ އޭޝިއަން ގޭމްސްގައި ޒުވާން ގައުމީ ޓިމު ބައިވެރިނުކުރަން ކުޅިވަރު ކައުންސިލާއި އޮލިމްޕިކް ކޮމިޓީ އާއި މަޝްވަރާ ކުރުމަށް ފަހު އެފްއޭއެމުން ނިންމީ ސެޕްޓެމްބަރު 5 އިން 15 އަށް ކުރިއަށްދާ ސާފް ސުޒުކީ ކަޕުގައި ކުޅޭތީ ޝެޑިއުލަށް ބުރޫއަރާތީއޭ ބުނުމަކުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމެން ނެތެވެ. އަދި ސާފް ސުޒުކީ ކަޕްގައި ވެސް ޒުވާން ކުޅުންތެރިން ކުޅޭ ވާހަކަ ދެއްކުމަކީ އޭޝިއަން ގޭމްސްގައި ޒުވާން ކުޅުންތެރިންނަށް ގެއްލުނު ފުރުސަތުން ލިބޭ ގެއްލުން ފޫބެއްދޭނެ ކަމެއް ވެސް ނޫނެވެ. އޭޝިއަން ގޭމްސްގެ ފުރުސަތުގެ ބޭނުން ހިފި ނަމަ ޒުވާން އެތައް ކުޅުންތެރިންނަކަށް އޭޝިއާގެ މަތީ ފަންތީގެ ޓީމުތަކާ ކުޅުމުގެ ރަނުގެ ފުރުސަތުތަކެއް ލިބުނީހެވެ.

ވޯލްޑް ކަޕުގެ ހުވަފެން ކޯޗު ދެއްކި އިރު، ސާފް ސުޒުކީ ކަޕުގެ ތަށްޓަށް އުއްމީދުކުރަންތޯ އެހުމުން ކޯޗު ބުނީ ތަށި ނުލިބޭތާ 10 އަހަރުވެއްޖެ ކަމަށާއި އެހެންވެ އެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. އެކަމަކު ހަތަރު އަހަރު ފަހުން އޮންނަ ވޯލްޑް ކަޕަކަށް އުއްމީދުކުރެ އެވެ. އަނެއްކޮޅުން ވޯލްޑް ކަޕުގެ އުއްމީދުގެ ވާހަކަ ސެގާޓް ދެއްކިއިރު އޭނާ މުޅި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ދެއްކީ ބޫޓާން އަތުން 7-0 އިން މޮޅުވި މެޗުގެ ވާހަކަ އެވެ. ބޮޑު އުއްމީދެއް ކުރާއިރު، އަހަރެމެން ހިތްވަރު ހޯދަން ޖެހެނީ ދުވަހަކު ވެސް އެ ޓީމެއްގެ އަތުން ބަލިވެފައިނުވާ ޓީމެއްގެ އަތުން ލިބުނު މޮޅެއްގެ ވާހަކައިން ހެއްޔެވެ؟

މި އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގައި މުޅިން އަލަށް ވެސް ބައެއް ގައުމުތަކުން ވާދަކުރި އެވެ. އޭގެ ތެރެއިން ދިވެހިންނަށް އެންމެ މިސާލު ނަގަން ފަސޭހަ ގައުމަކީ ރާއްޖެއާ ގާތްގަނޑަަކަށް އެއް އާބާދީއެއް އޮތް އައިސްލެންޑް އެވެ. އައިސްލެންޑަށް ވޯލްޑް ކަޕުގައި ކުޅެވޭނަމަ ރާއްޖެ އަށް ނުވާންވީ ކީއްވެހޭ އެއީ ވެސް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އައިސްލެންޑުގެ ކުޅުންތެރިން ޔޫރަޕްގައި ކުޅެން ފެށިތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. ފުޓްބޯޅައިގެ އިތުރުން އައިސްލެންޑުގެ މުޅި ކުޅިވަރު ކޮޅަން ޖަހަން އެ ގައުމުގެ އެންމެން އަތު ގުޅާލައިގެން މަސައްކަތް ފެށީ މީގެ 15 އަހަރު ކުރިންނެވެ. އޭގެ ނަތީޖާ ފެންނަން ފެށީ ކުއްލިއަކަށް ނޫނެވެ. ހަރުފަތަކަށް ފަހު ހަރުފަތަކުންނެވެ.

ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެ މި ހޭދަވީ ހަތަރު މަސް ދުވަހުގެތެރޭގައި ކުރެވުނު ތަޖުރިބާގެ އަލީގައި ސެގާޓަށް ހަތަރު އަހަރު ތެރޭގައި ރާއްޖެ ގޮވައިގެން ވޯލްޑް ކަޕުގައި ކުޅުމުގެ ހުވަފެން ދެކެވިދާނެ އެވެ. އެއީ ވަރަށް އުއްމީދީ ވާހަކަ އެކެވެ. އަދި މަލާމަތް ވެސް ރައްދުވާނެ ވާހަކަ އެކެވެ. ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތާއި ދިވެހިން މި ކުޅިވަރު ކުރިއަރުވަން ކުރަން ހުރި މަސައްކަތާއި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި އެ ހުރިހާ ކަމަކަށް ބަލާއިރު، ދިވެހިން އޮތީ ވޯލްޑް ކަޕުގެ "ހުވަފެން" ދެކިގެން އެއާ އެކު ކުރިއަށްދާން ތައްޔާރަށް ތިބިތޯ އެއީ މީގެ އެންމެ ބޮޑު ސުވާލެވެ. ނޫނީ އެ ފަދަ ކަމެއްގެ ވާހަކަ އަދި ދެއްކުމަކީ ކުރަން ހުރި މަސައްކަތަށް ކުރިމަތިވާނެ ކިހާ ބޮޑެތި ފާޑުކިޔުންތަކެއްތޯ ވެސް ވިސްނާލުން ރަނގަޅެވެ.