އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟

ހުދު މުހުތާރު ވެރިކަން ހިންގާ ގައުމުތަކާއި ވެރިކަމުގެ ނިޒާމުގައި "ގޮތެއްފޮތެއް" ނެތް ގައުމުތަކުގައި ބާއްވާ އިންތިހާބުތަކާއި ނިންމާ އެކި ނިންމުތައް ސައްހަތޯ ބަލަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އެފަދަ ގަައުމުތަކަށް އެ ދާއިރާތަކުން އެހީތެރިކަމެއް ވެސް ނުދެ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުނުވުމާއި ވެރިން ބޭނުންހާ ގޮތަކަށް ދައުލަތުގެ މުއައްސަސާތަކުން އަމަލް ކުރާ ގައުމުތަކުގެ އަގެއް އެ ޖަމާއަތްތަކުގެ ކުރިމަތީގައި ނޯވެ އެވެ.


އަންނަ މަހު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިހާބާ މެދު އދ. އިން ދެކޭ ގޮތް މިހާރު އެ ވަނީ އެ މިސްރާބުގައި ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ މައި ޖަމިއްޔާ، އދ. އިން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާ ގޮތަށެވެ. މިއީ ސިޔާސީ ޕާޓީތައް އުފެދި 13 ވަރަކަށް އަހަރު ވެފައިވާ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށް ލިބުނު ބޮޑު ލަދަކާއި ދެރައެއް ކަމަށް، އެތައް ބަޔަކު ގަބޫލުކުރެ އެވެ.

އިންސާނީ ހައްގުތަކާއި ރައްޔިތުން ގޮތް ނިންމާ ވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތަކާ އެކު އާ ގާނޫނު އަސާސީ އެކުލަވާލައި 2008 ގައި ތަންފީޒު ކުރަން ފެށި ފަހުން މިއީ އެފަދަ ޖަމާއަތަކުން ރާއްޖެއާ ފެޔަށް ޖެހުނު ފުރަތަމަ ފަހަރެވެ. ވާދަވެރި ފުރަތަމަ ރިޔާސީ އިންތިހާބު، 2008ގައި ބާއްވަން އދ. އިން ގިނަ އެހީތަކެއް ފޯރުކޮށްދިނެވެ. މިނިވަން އިންތިހާބެއްގެ ތަޖުރިބާ ނެތް އާންމު ދިވެހިންނާއި މުއައްސަސާތައް ހޭލުންތެރިކުރުވައި ޑިމޮކުރަސީއަށް ފައްކާކޮށްދިނުމަށެވެ.

އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގެ އިތުރުން އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ އެހީތައް އދ. އިން ފޯރުކޮށްދިނެވެ.

އދ. ގެ ޕޮލިޓިކަލް އެފެއާސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޯސްލާވް ޖެންކާ މިމަހު ކުރީކޮޅު ރާއްޖެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ސަރުކާރާ އިދިކޮޅު ފަރާތްތަކާއި އިލެކްޝަންސް ކޮމިޝަނާ ވެސް ބައްދަލުކުރެއްވި އެވެ. އޭނާގެ އެ ދަތުރަކީ ރާއްޖޭގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ކުރިމަތިކޮށްފައި ހުރި ހުރަސްތަކާއި މިނިވަން މުއައްސަސާތަކުގެ ދައުރު ކުޑަކޮށްފައި އޮތް އޮތުމާއި އިދިކޮޅު ސިޔާސީ ފިކުރަން ހުރި ހުރަސްތަކުގެ ވާހަކަ ސީދާ ރައީސަށް ދަންނަވަން ކުރެއްވި ދަތުރެއް ކަމަށް، ބައެއް މީހުން ދެކެ އެވެ.

އދ. އިން ރާއްޖޭގެ ހާލަތު ބެލުމަށް ކުރި މަސައްކަތްތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ އދ އިން އެގޮތަށް ނިންމުމުގެ ކުރިން މިނިވަން އިންތިހާބެއް ބާއްވަން ގިނަ ކަންތައްތަކެއް ހުށަހެޅި ކަމަށެވެ. އަދި އިންތިހާބަކަށް ދާއިރު ރައްޔިތުން ބާރުވެރިކުރުވައި މިނިވަން މާހައުލެއް ކަށަވަރު ކޮށްދިނުމަށް ވެސް ގިނަ ކަންތައްތަކެއް އދ. އިން ސަރުކާރަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންތިހާބެއް މިނިވަންކުރަން ބައިނަލްއަގުވާމީ ގޮތެއްގައި ބަލާ މައިގަނޑު ކަންތައްތަކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން ވޯޓުލާ މީހުން ހުށަހަޅާ ޝަކުވާތައް ބަލާނެ މިނިވަން ބަޔަކު ތިބުން ވެސް ހިމެނެ އެވެ. އިންތިހާބުގެ ކަންކަން ނިންމާ ގައުމީ ލަފާދޭ ކޮމެޓީގައި އަމިއްލަ ޖަމިއްޔާތަކާއި ޑިމޮކްރަސީގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރުސަތު ދޭން ވެސް އދ. އިން ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން ހައްޔަރުކުރުމާ ގުޅިގެން އދ.ގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެ އެންމެން މިނިވަންކުރަން ވެސް އެ ޖަމާއަތުން ގޮވާލައިފައިވެ އެވެ.

އެކަމަކު އެއިން އެއްވެސް ކަމަކަށް ސަރުކާރުން މިހާތަނަށް އަމަލުކޮށްފައެއް ނުވެ އެވެ. އެ ހުށަހެޅުންތައް ސަރުކާރުން ސިފަކުރަމުން ގެންދަނީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުން ކަމަށެވެ. އެހެންކަމުން އިސްލާހު ކުރުމުގެ ނިޔަތެއް ނުފެނެ އެވެ.

ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އދ. އިން އެންގި ގިނަ ކަންތައްތަކަށް ސަރުކާރުން އަމަލްނުކުރުމަކީ ރިޔާސީ އިންތިހާބަށް އެހީތެރިނުވާން އެ ޖަމާއަތުން ނިންމި މައިގަނޑު ސަބަބު ކަމަށެވެ.

ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ޓްރާންސްޕޭރެންސީގެ ރާއްޖެ ގޮފީގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވި ގޮތުގައި މިނިވަންކަން ޔަގީން ނުވާ އިންތިހާބަކަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ އެއްވެސް ޖަމާއަތަކުން ބޭނުމެއް ނުވާނެ އެވެ.

އދ. އިން އެގޮތަށް ނިންމީ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ނުކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިވަން ނޫން ގޮތަށް އިންތިހާބުތައް ބާއްވާފައި އެ އިންތިހާބަކީ ޔޫއެންގެ ވެސް އެހީތެރިކަމާ އެކު ބޭއްވި އިންތިހާބެކޭ ބުނުމުގެ ފުރުސަތު ދޭން ޔޫއެންއިން ބޭނުމެއް ނުވާނެ. ޔޫއެންގެ ހުށަހެޅުންތަކަށް އަމަލު ނުކުރީމަ ކަމަށް ގަބޫލުކުރެވެނީ އެ ނިންމުން އެ ނިންމީ،" ތޮލާލް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވުމުން މި އިންތިހާބުގައި އެޖަމާއަތުގެ އެއްވެސް ކަހަލަ ރޯލެއް ނެތުން ވެސް އެކަށީގެންވެ އެވެ.

ތޮލާލް ވިދާޅުވީ އދ. ފަދަ ބޮޑު ޖަމާއަތަކުން ރިޔާސީ އިންތިހާބަށް އެހީތެރިވުން ހުއްޓާލުމުން އެހެން ޖަމާއަތް/ޖަމިއްޔާތަކުން ވެސް އެގޮތަށް ނިންމުން ވަރަށް ކައިރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ އެހެން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އދ. ގެ ބޭފުޅުން ވަރަށް ފަހުން ވެސް އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރެއްވި ކަމަށާއި އިންތިހާބަށް އެހީތެރިކަން ނުދޭނެކަން މިހާތަނަށް އަންގާފައިނުވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އަަބަދުވެސް ބުނަމުން އަންނަނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރުމަށް އެކަންކަން ބަލަހައްޓާ ބައިނަލްއަގުވާމީ ހުރިހާ ޖަމާއަތަކަށް ދައުވަތު ދީފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު މޮނީޓާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެއީ ކޮންކޮން ބައެއް ކަމެއް ވިދާޅެއްނުވެ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށް އދ. އިން އެއްވެސް ކަހަލަ އެހީތެރިކަމެއް ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ އިންތިހާބުގެ މިނިވަންކަން މިހާރު ވެސް ކަށަވަރު ނޫން ކަމަށް ބައިނަލްއަގުވާމީ ބޮޑެތި ޖަމާއަތްތަކުން ގަބޫލުކުރުން ކަމަށް ވެސް ބެލިދާނެ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ