އިންކަމް ޓެކްސް ނަގައިދޭނެ މީހަކު އެބަ ހުރިބާ؟

ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން އާއްމުން ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ރާއްޖޭގައި އެކަން ކޮށްފާނެ ހެއްޔެވެ؟ މާޒީގެ ތަޖުރިބާ އަށާއި މި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ބެލިޔަސް އެނގެނީ އިންކަމް ޓެކްސްއާ މެދު އުއްމީދެއް ނެތް ކަމެވެ.


އިންކަމް ޓެކްސް ނެގުމާ އެންމެ ގާތަށް ދެވުނީ އެމްޑީޕީގެ ވެރިކަމުގަ އެވެ. މަހަކު 30،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ތިން ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޓެކުހެއް ނަގަން 2011ގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އެކަމަކު އޭރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އިދިކޮޅު ފަރާތްތަކުގެ ތާއީދެއް އެކަމަކަށް ނުލިބުނެވެ. އޭގެ ބަދަލުގައި، "އިންކަމް ޓެކްސް ނަގައިގެން ފައިދާއެއް ނެތް" ކަމަށް ބުނެ އެކަމާ ދެކޮޅަށް ޑީއާރުޕީން ކެމްޕެއިނެއް ފަށައި އެ ކެމްޕެއިން ހިންގަން ރަށްރަށަށް ދަތުރު ވެސް ކުރި އެވެ.

ދައުރު ހަމަވުމުގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިޔަސް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2012 ވަނަ އަހަރު ވެސް މަޖިލީހުގެ ކޮމިޓީން ބިލް ދިރާސާކުރުން ކުރިއަށް ގެންދިޔަ އެވެ. އަދި ކޮމެންޓްކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ފުރުސަތު ދީފައި ވެސް ވެ އެވެ. އެކަމަކު އޭގެ ފަހުން އެ ބިލުގެ ޚަބަރެއް ނުވެ، ޖެހިގެން އައި އަހަރުގެ މެދު ތެރޭގައި އިވުނީ، އިންކަމް ޓެކްސް ނުނަންގަވާނެ ކަމަށް ވަހީދު ވިދާޅުވި އަޑެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގަ އެވެ.

އެއާ ޚިލާފަށް ނަޝީދު އެ އިންތިޚާބަށް ނުކުންނެވީ އިންކަމް ޓެކްސް ނަންގަވާނެ ކަމުގެ ވައުދަކާ އެކުގަ އެވެ. ކުރިން ވެސް އެމްޑީޕީން ބޭނުންވި ގޮތަށް، 30،000 ރުފިޔާ އަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާނެ ކަމަށް އެ ޕާޓީގެ މެނިފެސްޓޯގައި އޮތެވެ. އެކަމަކު ދެވަނަ ބުރުގައި ނަޝީދު ބަލިކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވީ އިންކަމް ޓެކްސް ނަންގަވަން ބޭނުންފުޅު ނުވާ ކަމަށް ކެމްޕެއިންގައި ވިދާޅުވި ރައީސް އަބްދުﷲ ޔާމީނެވެ.

ރައީސް ޔާމީން ފުރަތަމަ ދައުރު ނިމުމަކާ ގާތަށް އައިސްފައިވާ އިރު، އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރުން މުޅިން ވެސް ވިދާޅުވެފައި ވަނީ އެ ޓެކްސް ނެގުމުގެ ސިޔާސަތެއް ޕީޕީއެމް ސަރުކާރުގައި ނެތް ކަމަށެވެ. ނާއިބު ރައީސް އަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު މަޖިލީހުގައި 2015 ވަނަ އަހަރު އެ ގޮތަށް ވިދާޅުވީ ވެސް، ރާއްޖޭގެ ޓެކްސްގެ ނިޒާމް ފުރިހަމަވާނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ސަރުކާރުން އިންކަމް ޓެކްސް ނަގަން ބޭނުން ނުވާ އިރު، މި އަހަރުގެ ބަޖެޓަށް އެމްއެމްއޭ އިން މިދިޔަ އަހަރު ދިން ލަފާގައި، ޓެކްސްގެ ނިޒާމަކީ ހަމަހަމަ އަދި އާއްމުދަނީގެ ފަރަގު ކުޑަކުރުމަށް ބާރު އެޅޭ ނިޒާމަކަށް ހަދަން އިންކަމް ޓެކްސް ނަގަން ލަފާދީފައިވެ އެވެ. އަދި ކުރީގެ ގަވަނަރު ޑރ. އަޒީމާ އާދަމް ވެސް ވަނީ އާމްދަނީގެ ފަރަގު ކުޑަކުރަން އިންކަމް ޓެކްސް ނެގުން މުހިއްމު ކަމަށް ވިދާޅުވެ 2016 ވަނަ އަހަރު މަޖިލީހުގައި ވާހަކަދައްކަވައިފަ އެވެ.

މިއީ މިހާތަނަށް ކަން ހިނގާފައިވާ ގޮތެވެ. އާ އިންތިޚާބަކާ އެކު އިންކަމް ޓެކްސްގެ ވާހަކަ އަނެއްކާވެސް ފެންމަތިވީ އެވެ. އެކަމަކު އެކަން ވެފައި ވަނީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުން ފިޔަވައި ދެން ތިބި މީހުން ދައްކާ ވާހަކައަކަށެވެ. ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅަކު އިންތިޚާބު ކާމިޔާބުކުރެއްވިޔަސް އިންކަމް ޓެކްސް ނެގުމުގެ އުއްމީދެއް ނެތެވެ. ސަބަބަކީ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެ ކަމަށް ވައުދުވެވަޑައިގެންފައި ނެތުމާއި ކެމްޕެއިންގެ ބާކީ އޮތް ބައިގައި ވެސް އެ ވައުދު އަތުވެދާނެ ކަމަށް ނުބެލެވުމެވެ.

ފަރުދުންގެ އަތުން އިންކަމް ޓެކްސް ނެގުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ކުރީ ފަހަރު ވިދާޅުވެފައިވާ އިރު، މި އިންތިޚާބުގައި ވެސް އެ ގޮތަށް ވިސްނުންފުޅު ބެހެއްޓެވުމާ މެދު ހައިރާންކަމެއް ނެތެވެ. އެއާ ޚިލާފަށް، އެމްޑީޕީން އެންމެ ކުރިންސުރެ ގެންގުޅެމުން އައި އިންކަމް ޓެކްސް ނެގުމުގެ ވިސްނުން، މި އިންތިޚާބަށް އެ ޕާޓީން ނެރުނު މެނިފެސްޓޯގައި ހިމަނާފައި ނެތުމަކީ ހައިރާންކަމެކެވެ. "ޓެކްސްގެ ނިޒާމް ވާން ޖެހެނީ ވަށާޖެހިފައިވާ އަދުލުވެރި ނިޒާމަކަށް" ކަމަށް އެމްޑީޕީގެ ވެބްސައިޓުގައި، އެ "ޕާޓީގެ ވިސްނުންތަކު"ގެ ތެރެއިން އިގްތިސޯދާ ބެހޭ ބައިގައި ހިމަނާފައި އޮތަސް، ނަޝީދު މި އިންތިޚާބަށް ނުކުންނަވަން އުޅުއްވި އިރު އެމްޑީޕީން އާއްމުކުރި މެނިފެސްޓޯގައި އިންކަމް ޓެކްސް ނެގުމުގެ ވައުދެއް ނެތެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަދި އޭނާގެ ރަނިންމޭޓްގެ ގޮތުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފައިސަލް ނަސީމް ނުކުންނަވާނީ އާ މެނިފެސްޓޯއެއްގަ އެވެ. އެކަމަކު އެމްޑީޕީން ވަކިން ނެރުނު މެނިފެސްޓޯގައި އިންކަމް ޓެކްސްގެ ވާހަކަ ނެތް އިރު އަދި ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ދެ އަހަރު ކުރިން އެ ޓެކުހާ ދެކޮޅަށް ވާހަކަދައްކަވާފައިވާ އިރު، އިދިކޮޅު ކޯލިޝަނުން ވެސް އެ ވައުދު ވެދާނެ ކަމަކަށް ނުބެލެވެ އެވެ. އެނގިފައިވާ ގޮތުގައި މެނިފެސްޓޯގައި އެކަން ހިމަނާކަށް ކޯލިޝަނުން ގަސްދެއް ނުކުރެ އެވެ.

ޖުމްހޫރީ ޕާޓީ އުފެއްދިތާ ދެ ހަފްތާ ފަހުން، 2008ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެ ޕާޓީން ބުނެފައިވާ ގޮތުގައި ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާނީ އެ ޕާޓީގެ ސަރުކާރަކުންނެވެ. އަދި 2013 ވަނަ އަހަރު ވެސް ގާސިމްގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ އިންކަމް ޓެކްސް ނަންގަވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އެކަމަކު އޭގެ އަހަރުތަކެއް ފަހުން ނޮވެމްބަރު 2016ގައި މަޖިލީހުގެ މެމްބަރުންތަކެއް އިންކަމް ޓެކްސް ނަގަން ގޮވާލުމާ ގުޅިގެން ގާސިމް ވާހަކަދެއްކެވީ އެކަމާ ދެކޮޅަށެވެ. އޭނާ އޭރު ވިދާޅުވީ އިންކަމް ޓެކްސް ނަގައިފި ނަމަ، ރާއްޖެ އަށް އިންވެސްޓަރުން ނާންނާނެ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން ވެސް، އިންކަމް ޓެކްސް ނަގަން މަޖިލީހުގައި ވަކާލާތުކުރައްވާފައިވާ މެމްބަރުން އިދިކޮޅު ކޯލިޝަންގައި އެބަ ތިއްބެވި އެވެ. އެކަމަށް ތާއީދުކުރައްވާ އިދިކޮޅުގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މެނިފެސްޓޯގައި ނުލިޔުނަސް، ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، އިންކަމް ޓެކްސް ތައާރަފްކުރާނެ އެވެ. އެ ބޭފުޅުން ވިދާޅުވަނީ އެކަން ކުރުމުގެ ކުރިން ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިވެރިންނާ މެދު ބޭއިންސާފުން ފިޔަވަޅު ނޭޅޭ ގޮތަށް، މީރާ އިސްލާހުކުރަން ޖެހޭ ކަމަށެވެ.

އިންތިހާބާ ދިމާކޮށް އިންކަމް ޓެކްސްގެ ވާހަކަ އަނެއްކާ ތިލަވެގެން މި އުޅެނީ ސިޔާސީ މަސްލަހަތެއް ނެތް ބޭފުޅަކު އެ މައުލޫއު ނެންގެވުމުންނެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ހުންނެވި މައިޒާން އާދަމް މަނިކު އިއުލާންކުރެއްވީ އިންކަމް ޓެކްސް ދައްކަވަން އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ. ޓޫރިޒަމް އާއި އެހެން ވެސް ބަައެއް ވިޔަފާރިތައް ކުރަމުން އަންނަ ސީޕްރިއާ ހޮޓެލްސްގެ އެއް ހިއްސާދާރު ސިފަކުރެއްވި ގޮތުގައި ރާއްޖެ އެހެން ހަރުފަތަކަށް ގެންދެވެން އޮތް ހަމައެކަނި މަގަކީ އިންކަމް ޓެކްސް ނެގުމެވެ.

އިންކަމް ޓެކްސް ނަގަން ހުރަސް އަޅަނީ ބޮޑެތި ވިޔަފާރިވެރިން ކަމަށް އާންމުން ދައްކާ ވާހަކަ އަށް ވެސް އޭނާ ޖަވާބު ދެއްވި އެވެ.

"ގައިމު ވެސް އަޅުގަނޑު އެކަމަކާ ދެކޮޅެއް ނޫން. އެކަމަކު މިފަދަ ކަމެއް ކުރަން ޖެހޭނީ ޓްރާންސްޕޭރެންޓް އަދި އެކައުންޓަބަލް ސިސްޓަމަކުން. އެއީ މީގައި އެންމެ މުހިންމު ކަންތައް. ވީހާ ވެސް ފަސޭހަކޮށް ޕާސަނަލް އިންކަމް ޓެކްސް ކަލެކްޝަން ޕްރޮސެސް ވެސް އިންނަން ޖެހޭނީ،" އާދަމް މަނިކު ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ މަހުޖަނުންގެ ނުފޫޒު ސިޔާސީ މީހުންގެ ތެރެއިން ކެނޑި، އެ އުއްމީދު ހަގީގަތަކަށް ވެދާނެ ކަމުގެ މާ ބޮޑު އިޝާރާތެއް މި އިންތިޚާބަކުން ވެސް އަދި ނުލިބެ އެވެ. ހަމައެކަނި އިވިފައި އޮތީ "އަހަރެމެން އެދޭ ވެރިކަމެއްގައި" އިންކަމް ޓެކްސް ތައާރަފްކޮށް މަހަކު 60،000 ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ތިން ޕަސެންޓް ދައްކަން ޖެހޭ ގޮތް ހަދާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވި ވާހަކަ އެވެ. އެކަމަކު މިސާލަކަށް އެފަދަ ހުށަހެޅުމެއް މަޖިލީހާ ހަމައަށް ދިޔަޔަސް، ފާސްވެދާނެ ހެއްޔެވެ؟ ކުރިން ވެސް ފެއިލްވީ އެވެ. މިހާރު އަދި އަމުދުން އެކަން ނުވާނެ ކަމަށް ބަލަން ޖެހޭ ސަބަބަކީ މަޖިލީހުގެ މެމްބަރުންނަށް މަހަކު ލިބޭ 85،000 ރުފިޔާގެ މަސްލަހަތެވެ. އަމިއްލަ އަށް އިންކަމް ޓެކްސް ދައްކަން ރުހި ގަބޫލުވެގެން އެ މީހުން ވޯޓު ދީފާނެ ހެއްޔެވެ؟