ދަރަނީގެ ނުފޫޒާއި "އަރައިގަތުމު"ގެ ވިސްނުން!

ދަރަންޏަކަށް ފަހު ދަރަންޏެކެވެ. ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫތަކަށް ހިޔާނާތުގެ ތުހުމަތެވެ. ދަރަނި ނުދެއްކޭ ހާލަތުގައި ދެން އޮންނާނީ އެ ފައިސާ ދިން މީހުން ބުނިހާ ކަމެއް ކުރަން ޖެހުމުގެ ބިރެވެ.


މިހާރު ދުނިޔޭގައި ޖިއޯޕޮލިޓިކްސް ކުރިއަށް ދަނީ ތަފާތު އުކުޅުތަކާ އެކު އެވެ. ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ބޮޑެތި ލޯންތައް ދެ އެވެ. އަނެއް ބައި ފަހަރަށް ކުދި ގައުމުތައް ބޭނުންވާ ވަރަށް ތަރައްގީވިޔަ ނުދޭން ތަފާތު ހުރަސްތައް އަޅަ އެވެ.

ޗައިނާ އިން ދޭ ބޮޑެތި ލޯނުތަކުގެ ބިރު!

މި ވަގުތު އެކި ގައުމުތަކަށް އެންމެ ގިނަ ލޯނު ދެމުން ދަނީ ޗައިނާއިންނެވެ. އެގޮތުން ރާއްޖޭގައި ބޮޑެތި އެތައް ޕްރޮޖެކްޓެއް ޗައިނާގެ ލޯނުތަކުގައި އަންނަނީ ހިންގަމުންނެވެ. ބްރިޖާއި ފްލެޓްތަކެވެ. މަގުތަކާއި އެއާޕޯޓްތަކެވެ. އެ ލޯނުތައް އަނބުރާ ދައްކަން ހުރި ގޮންޖެހުންތައް ބޮޑުވާނެކަމާ މެދު ޝައްކެއް ނެތެވެ. އެއް ބަޔަކު ބުނާ ގޮތުން އުފެއްދުންތެރިކަން އިތުރުނުވެ، ދައުލަތުގެ ދަރަނި ދަނީ ބޮޑުވަމުންނެވެ.

ރައީސް ޔާމީން ޗައިނާގެ ރައީސްގެ އަރިހަށް ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ނިމޭ އިރު ބޭރުގެ ދަރަނި 1.4 ބިލިއަން ޑޮލަރު (21.7 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކުރެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ނެރި ދަރަނީގެ އަދަދު އެކަނި ވެސް 30 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް، އިދިކޮޅު މީހުން ލަފާކުރެ އެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2020 ވަނަ އަހަރު އަަންނަ އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން، ރާއްޖޭގެ ދަރަނި 120 ޕަސެންޓަށް އަރާނެ އެވެ.

ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒު ވިޔަސް ސަރުކާރުގެ ވެރިން ބުނަނީ ލޯން ނަގަނީ އެދެއްކޭނެ ފެންވަރު ހުރުމުން ކަމަށެވެ. ނަމަވެސް އެ ލޯނުތައް ދައްކަން އާމްދަނީ އިތުރުކުރާނެ އާ މަގުތަކެއް ނުފެނެ އެވެ. އަދިވެސް އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި މި އޮތީ ޓޫރިޒަމްގެ މައްޗަށެވެ. އެކަމަކު މިއީ ރާއްޖޭގެ ބާރު އޮތް އިންޑަސްޓްރީއެއް ނޫނެވެ. ދުނިޔޭގައި ހިނގާ ކަމަކުން ޓޫރިޒަމަށް އަސާރުކުރާނީ ކޮން އިރަކު ކަމެއް ބުނަން ދަައްޗެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރާއްޖޭގެ ބޮޑު ދަރަނިން ސަލާމަތްވާނެ ސާފު ގޮތްތައް ރައީސް އަބްދުﷲ ޔާމީން، އިންތިހާބުގެ ކުރިން ރަައްޔިތުންނަށް އޮޅުންފިލުވައިދެއްވަން ޖެހޭނެ އެވެ. ލޯނު ނަގަނީ އެ ދެއްކޭގެ ފެންވަރު ހުރެގެން ކަމަށް ހަމައެކަނި ވިދާޅުވުމަކުން ނުފުދޭ ކަމަށް ވެސް އެގޮތަށް ވިސްނާ މީހުން ދެކެ އެވެ.

ދަރަނި ބޮޑުވުން ގިނަ މީހުންނަށް މަައްސަލައަކަށް ނުވަނީ، އެއް ބަޔަކު ދެކޭ ގޮތުގައި، އެހެން ގައުމުތަކަށް ވަމުންދާ ގޮތް ނޭނގޭތީ އެވެ. މިސާލަކަށް އަވަށްޓެރި ސްރީ ލަންކާއަށް ވީ ގޮތް މިސާލަކަށް ނެގެން އެބަ އޮތެވެ. ޗައިނާ އިން ބޮޑެތި ލޯނުތައް ދީގެން ހިންގި ބައެއް މަޝްރޫއުތައް، ވިޔަފާރީގެ ގޮތުން ކާމިޔާބުނުވުމާއި ލޯނު ދެއްކޭގެ ގޮތް ނެތުމުން އެންމެ ފަހުން ބޮޑެތި ބިންތައް ދިގު މުއްދަތަކަށް ދޭން މަޖުބޫރުވީ އެވެ.

އިންޑިއާގެ ސިޔާސީ ބޭފުޅުންގެ ތަފާތު އިންޒާރުތައް!

ނަގާ ލޯނުގެ ބުރައިން ޗައިނާ ފަޅިޔަށް ރާއްޖެ އަރިއަޅާލާފައިވާ އިރު، އަނެއް ބަޔަކަށް ދެން އޮތް ބިރަކީ، ޗައިނާއަށްޓަކައި އިންޑިއާ ފެއަށް ޖެއްސުމުން ނުކުމެދާނެ ނުބައި ނަތީޖާތަކެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި އަދި ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެއް ގައުމެވެ. ރާއްޖޭގެ ފޮރިން ޕޮލިސީއަށް އަންނަ ބަދަލުތަކުން އިންޑިއާއަށް ނުބައި އަސަރެއްކުރާ ނަމަ އެގައުމުގެ ހިތްހަމަނުޖެހުން ރާއްޖެއަށް ކުރިމަތިވާނެ އެވެ. އޭގެ ހެކިތައް އިންޑިއާގެ ސިޔާސީ ބައެއް ވެރިން ދައްކަވާ ވާހަކަތަކުން އެނގެ އެވެ. މިސާލަކަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ސަރުކާރުން ލަސްކުރަން ފެށުމުން ބީޖޭޕީގެ ލީޑަރު ޔަޝްވަންތު ސިންހަ ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ސަބަބުން އިންޑިއާއަށް ނުރައްކަލެއް ފޯރަފާނެތީ އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ބީޖޭޕީގެ ލީޑަރު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮތީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރަން އިންޑިއާ ސިފައިން ދޮނުވައިދޭން ގޮވާލައްވައި ޓުވީޓެއް ވެސް ކުރައްވައިފަ އެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ވެރިއެއްގެ ފަރާތުން އެކަހަ ބަސްތަކެއް އަނެއްކާވެސް މިވަނީ އިވިފަ އެވެ. އިންޑިއާގެ ކުރީގެ މިނިސްޓަރު އަދި ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ މިދިޔަ ހުކުރު ދުވަހު، ޓްވިޓާ މެދުވެރިކުރައްވައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ.

ދޭދޭ ގައުމުތަކާ ގުޅޭ ގޮތުން ދައްކަން ނުޖެހޭ ޒާތުގެ ހަރުކަށި އެ ވާހަކަ އޭނާ ދެއްކެވީ ނަޝީދާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ސްރީ ލަންކާގައި މަޝްވަރާކުރެއްވި ފަހުންނެވެ. އެހެންކަމުން ނަޝީދަށް ވެސް ދިވެހިންގެ ފާާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އިންޑިއާ ސަރުކާރުން ފަހުން ބުނީ އެއީ ސުބްރަމާނިއަމްގެ އަމިއްލަ ހިޔާލެއް ކަމަށާއި ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ.

ސުބްރަމާނިއަމްގެ ވާހަކަ ކުށްވެރިކުރައްވާ މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ހަމަހަމަ ސިޔާސަތެއް ބޭނުން

ޗައިނާ އާއި އިންޑިއާ ވެސް ރާއްޖެ އަށް މުހިންމެވެ. އެކަމަކު އެ ދެ ގައުމުގެ ނުފޫޒުގެ ތެރޭގައި ރާއްޖެ މުޅިން ބެނދެވިގެން ނުވާނެ އެވެ. އެކަން ކޮންޓްރޯލްކުރެވެން އޮތީ ރާއްޖެ އިން ގެންގުޅޭ ސިޔާސަތު ރަނގަޅުކޮށްގެންނެވެ.

ރާއްޖޭގެ ސަލާމަތީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ރާއްޖޭގެ ގައުމީ ސަލާމަތަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކާތަކުގެ ތެރޭގައި ޗައިނާގެ ދަރަންޏާއި އިންޑިއާގެ ނުފޫޒު ހިމެނޭ ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމަށް އެބަ ޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އެޅެން. ގައުމު އެބަ ޖެހޭ ފުދެން. ވަކި ބައެއްގެ އުނގަށް ނުވެއްޓި އުޅެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"މިދަންނަވަނީ ގައުމުތަކާ ގުޅުން ނުބާއްވާ ވާހަކައެއް ނޫން. ޕްރޮޖެކްޓް ނުހިންގާ ވާހަކައެއް ވެސް ނޫން. އަދި ބޭރުގެ އިސް ބޭފުޅުންނާ މަޝްވަރާ ނުކުރައްވާ ވާހަކައެއް ވެސް ނޫން. އަޅުގަނޑުމެންގެ ލީޑަރުން މެޗުއާޑް ބަޔަކަށް ވާން ޖެހޭ ވާހަކަ."

ރާއްޖޭގެ ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ރާއްޖެއަށް ނުފޫޒާއި ބާރު ފޯރުވަން އެހެން ގައުމުތަކުން ކުރާ މަސައްކަތް ހުއްޓުވުމުގެ އެންމެ ބޮޑު ފިޔަވަޅަކީ ހާރިޖީ ހަމަހަމަ ސިޔާސަތެއް ގެންގުޅުން ކަމަށެވެ.

"ވަކި ގައުމަކަށް ފުރުސަތު ނުދީ ރާއްޖޭގައި ކަންކަން ކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ގޮތެއްގެ މަތިން ދޭން ޖެހޭ. އިންވެސްޓުމަންޓްތަކަކީ ވަރަށް މުހިންމު ކަންކަން. އެފުރުސަތުތައް ވެސް ދޭން ޖެހޭނީ ވަކި ބަޔަކަށް ގައުމުގެ ކަންކަން ކޮންޓުރޯލް ނުނެގޭނެހެން،" އޭނާ ވިދާޅުވި އެވެ.

"އޭރުން ހުރިހާ ގައުމެއްގެ މަސްލަހަތު އޮންނާނެ ރާއްޖެ ހިމާޔަތް ކުރަން."

ރާއްޖެ ކުޑަ ނަމަވެސް މި ޒަމާނުގެ ޖިއޯޕޮލިޓިކްސްގެ ތެރޭގައި މިނިވަންކަން ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ގިނަ އެވެ. އެކަން ކުރެވެން އޮތީ ސިޔާސީ ލީޑަރުންގެ ވެސް އިހުލާސްތެރިކަމާ އެކު އެވެ. ވެރިކަން ދެމެހެއްޓުމާއި އަމިއްލަ ފައިދާއަށް ގައުމު ވިއްކާލައިގެން ނުވާނެ އެވެ. އަދި ވެރިކަން ހޯދުމުގެ ނަމުގައި އެހެން ގައުމަކުން ރާއްޖެއަށް ވެރިވެގަތުމުގެ ވިސްނުން ވެސް ނެރެގެން ނުވާނެ އެވެ.