ފަރިތަ ނުވެވުނު ގާނޫނު އަސާސީގެ 49 ވަނަ މާއްދާ: އެއީ ކީއްވެ؟

ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ހުޅުމާލޭގައި ކުޑަކުދިންތަކެއް އަންހެން ކުއްޖަކަށް ބުލީކުރާ ވީޑިއޯއެއް އާންމުވެ، ފުލުހުން ބަލަން ފެށި މައްސަލައަށެވެ. އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުދިންނަކީ ކޮން ބައެއް ކަން އެނގޭއިރު، އެ މީހުން ހައްޔަރު ނުކުރުމަކީ ފުލުހުންނަށް ކުރިމަތިވި އެންމެ ބޮޑު ފާޑުކިޔުމެވެ. މިނޫނަސް، އާންމުންގެ ސަމާލުކަން ހުއްޓޭ ގިނަ މައްސަލަތަކުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަންނާނީ ހައްޔަރާ ބެހޭ ގޮތުންނެވެ.


ބައެއް ފަހަރު ހައްޔަރު ކުރުމުންނެވެ. އަނެއް ބައި ފަހަރު ހައްޔަރު ނުކުރުމުންނެވެ. އެކަމަކު އުފައްދަން ޖެހޭ ސުވާލަކީ ޖިނާއީ ކޮންމެ ތަހުގީގެއްގައި ހައްޔަރު އެއީ މަޖުބޫރު މާއްދާއެއް ހެއްޔެވެ؟. ހައްޔަރުގެ ވާހަކަ ނާންނަ ނަމަ އެކަން މައްސަލައަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

ކުށެއް ކޮށްފިއްޔާ ގާނޫނީ އިމުގެ ތެރެއިން އެ މީހަކާ މެދު ތަހުގީގު ހިންގައި، ދައުވާ އުފުލައި، އަދަބު ދޭން ޖެހޭނެ އެވެ. އެކަމަކު ޖިނާއީ ކޮންމެ ތަހުގީގެއްގެ ފުރަތަމަ މަރުހަލާއަކީ ކުށުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުން ކޮންމެހެން ލާޒިމެއް ނޫނެވެ. އަދި ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރު ނުކުރުމަކީ އެ ތަހުގީގު ފުރިހަމަ ނުވުން ކަމަށް ބުނެވޭނެ ސަބަބެއް ވެސް ނޫނެވެ. ހަމަ އެހެންމެ، ތުހުމަތެއްގައި ހައްޔަރު ކުރުމަށް ފަހު މީހަކު ދޫކޮށްލުމަކީ އެ ތަހުގީގެއްގެ ފައިލް ބަންދުވީ ކަމަށް ބެލެވޭނެ ސަބަބަކަށް ވެސް ނުވާނެ އެވެ. ސިޔާސީ ބޭފުޅެއްގެ މައްސަލައަކަށް ވިޔަސް އަދި އާންމު ރައްޔިތެއްގެ މައްސަލައަކަށް ވިޔަސް މިކަން އޮންނަންވާނީ އެގޮތަށެވެ.

ގިނަ ބަޔަކަށް އަބަދުވެސް ވިސްނިފައި އޮންނަނީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން އެންމެ ފުރަތަމަ ކަމަކީ އެ މީހަކު ހައްޔަރުކުރުން ކަމެވެ. ކޮންމެހެން ނުރައްކާތެރި ނޫން އާދައިގެ މައްސަލަތަކުގައި ވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒު ވާނީ ހައްޔަރަށެވެ. ބައެއް މައްސަލަތަކުގައި "ހައްޔަރު ކުރަން ނުޖެހޭ މީހަކު" ހައްޔަރު ކޮށްގެންނެވެ. އަނެއް ބައި މައްސަލަތަކުގައި "ހައްޔަރު ކުރަން ޖެހޭ މީހަކު" ހައްޔަރު ނުކޮށްގެންނެވެ. މިއީ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އަބަދުހެން އިވިއިވި ހުންނަ ޝަކުވާތަކެވެ.

ހަގީގަތަކީ ކުށެއް ސާބިތުވުމުގެ ކުރިން މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ އެއްވެސް ގޮތަކަށް ގާނޫނު އަސާސީގެ ރޫހެއް ނޫނެވެ. ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ބުނާ ގޮތުން ހަތަރު ހާލަތެއްގައި މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމް ކުރުމުގެ ކުރިން އެއްވެސް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ އެވެ. މާނައަކީ މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނަސް އަދި ދައުވާއެއް އުފުލުނަސް، އެ ހަތަރު ހާލަތުން ކުރެ ހާލަތެއް ނެތް ނަމަ އެ މީހަކު ހުންނަން ޖެހޭނީ މިނިވަނެއްގެ ގޮތުގައި ކަމެވެ. ޝަރީއަތުގެ ކުރިމަތީގައި ކުށެއް ސާބިތު ނުވާހާ ހިނދަކު، ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ވާތީ، ތުހުމަތުކުރެވޭ މީހާ މިނިވަންކޮށް ބަހައްޓައިގެން ތަހުގީގާއި ދައުވާ އާއި ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަކީ އެ މާއްދާގެ މަގްސަދެވެ.

ދެން އުފެދިދާނެ ސުވާލަކީ ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، އަދި ކިތަންމެ ފާޅުގައި ހެކިތައް ފެންނަން ހުއްޓަސް، ހުކުމެއް ކުރެވެން ދެން އެ މީހަކު މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައި ބަހައްޓަންވީ ހެއްޔެވެ؟. ނޫނެކެވެ. ގާނޫނު އަސާސީގައި 49 ވަނަ މާއްދާ އެކަމަށް ފަރުވާއެއް ދީފައި އެބަ އޮތެވެ. މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެ ކަމަށް ބެލެވޭނެ ނަމަ ނުވަތަ ފިލާފާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލެވޭ ނަމަ، ހުކުމް ކުރުމުގެ ކުރިން ވެސް، ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓިދާނެ އެވެ. ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުން ގާނޫނު އަސާސީ ހުއްދަ ކުރާ ހަމައެކަނި ހާލަތްތަކަކީ އެއީ އެވެ.

ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބެހެއްޓުން (ޕްރީ ޓްރަޔަލް ޑިޓެންޝަން) އާ ގާނޫނު އަސާސީ ހަމައެކަނި ދެކޮޅީކީއެއް ވެސް ނޫނެވެ. ފަހުން އަމަލު ކުރަން ފެށި ގާނޫނުތައް އޮތް ގޮތުން ތަހުގީގު މަރުހަލާގައި މީހަކު ހައްޔަރުކޮށްފި ނަމަ އެއީ ތަހުގީގީ އިދާރާތަކުން ނަގަން ޖެހޭ ވަރަށް ބޮޑު "ރިސްކް" އެއް ވެސް މެ އެވެ. ސަބަބަކީ ތަހުގީގު މަރުހަލާގައި ހައްޔަރުކޮށްފި ނަމަ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހުމެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ތަހުގީގު މަރުހަލާގައި 24 ގަޑިއިރަށް ވުރެ އިތުރަށް މީހަކު ބަންދުގައި ބަހައްޓައިފި ނަމަ ނުވަތަ ބަންދުގައި ބަހައްޓަން ކޯޓުގައި އެދިއްޖެ ނަމަ، 45 ދުވަސް ތެރޭގައި އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ އެވެ.

އެހެންވުމުން ތަހުގީގު މަރުހަލާގައި މީހަކު ހައްޔަރުކުރާ ނަމަ، އެ މުއްދަތުގައި ދައުވާ ކުރެވޭނެ މިންވަރަށް ހެކި ހޯދޭނެ ކަމުގެ ޔަގީންކަން ތަހުގީގީ އިދާރާތަކަށް އޮންނަން ޖެހެ އެވެ. އެ މުއްދަތުގައި އެ މިންވަރުގެ ހެކި ނުލިބިގެން ދައުވާ ނުކުރެވިއްޖެ ނަމަ، އެ މީހަކު ސަލާމަތްވީ އެވެ.

އޭގެ ބަދަލުގައި، 24 ގަޑިއިރަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓުމެއް ނެތި ތަހުގީގު ހިންގާ ނަމަ މިދެންނެވި މުއްދަތުގައި ދައުވާ ކުރާކަށް ލާޒިމެއް ނުވެ އެވެ. އެކަށީގެންވާ ހެކި ލިބެންދެން އެ ތަހުގީގެއް ހިންގުމުގެ ފުރުސަތު އޭރުން ލިބިދެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުންދާ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި މި ފޯމިއުލާ ލިޔުނު އެއް ސަބަބަކީ ވެސް، ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ބުނާ ފަދައިން، ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދު ނުކުރުމަށް ބާރު އެޅުމަށެވެ.

ކުށެއް ސާބިތުވުމުގެ ކުރިން މީހުން ހައްޔަރުކޮށް، ބަންދު ކުރުން ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ހުއްދަ ނުކުރަނީ ނުވަތަ އެކަން ހަނިކޮށްފައި އޮތީ އޭގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ތުހުމަތެއް އުފެދޭ އިރަށް އެ މީހަކު ހައްޔަރުކޮށް، ދުވަސްތަކެއް ވަންދެން ބަންދުގައި ހޭދަކުރުމަށް ފަހު، ދައުވާ ކުރެވެން ނެތިގެން ނުވަތަ ކުށް ސާބިތު ނުވެގެން މިނިވަންވެދާނެ އެވެ. އެކަމަކު ބަންދުގައި ހުރެ، އެ މީހަކަށް ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ އިއާދައެއް ނުކުރެވޭނެ އެވެ. ހުކުމެއް ކުރުމުގެ ކުރިން ބަންދު ކުރުމާ ގާނޫނު އަސާސީ ދެކޮޅު ސަބަބަކީ ވެެސް އެއީ އެވެ.

ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުގައި ބެހެއްޓުމާ ދެކޮޅީ ހަމައެކަނި ރާއްޖޭގެ ގާނޫނު އަސާސީއެއް ނޫނެވެ. އޭގެ އިތުރަށް ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް، ކުށެއް ސާބިތުވުމުގެ ކުރިން ބަންދުގައި ބެހެއްޓުމަކީ ވަރަށް ހަނިކޮށްފައި އޮންނަ ކަމެކެވެ. އެއީ އޭގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. މިކަން ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"މި ހުރިހާ އެއްބަސްވުންތަކާއި މަބާދީތަކަށް ބަލާއިރު އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގައިލެވޭ އިންސާނީ ހައްގެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (ޕްރީ ޓްރަޔަލް ޑިޓެންޝަން) ކަން އެނގެން" އެގޮތުން ކަމަށް، ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން 2010 ގައި ކުރި ހުކުމެއްގައިވެ އެވެ.

މީހަކު ހައްޔަރުކޮށް ގެންދަނީ: ކޮންމެ ތުހުމަތެއްގައި ހައްޔަރުކުރަން ގާނޫނުއަސާސީ ދެކޮޅު -- ފޮޓޯ/ޕޮލިސް

ގާނޫނީ ނިޒާމު އޮތީ ހުކުމެއް އިއްވުމުގެ ކުރިން މީހުން ބަންދު ކުރުމާ ކިތަންމެ ދެކޮޅަށް ކަމަށް ވިޔަސް، ގިނަ ބަޔަކަށް އަދިވެސް ވިސްނިފައި އޮންނަނީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން އެންމެ ފުރަތަމަ ކަމަކީ އެ މީހަކު ހައްޔަރުކުރުން ކަމެވެ. ކޮންމެހެން ނުރައްކާތެރި ނޫން އާދައިގެ މައްސަލަތަކުގައި ވެސް އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒު ވާނީ ހައްޔަރަށެވެ. ބައެއް މައްސަލަތަކުގައި މީހުން ހައްޔަރު ކޮށްފި ނަމަ އެވ. އަނެއް ބައި މައްސަލަތަކުގައި މީހަކު ހައްޔަރުނުކޮށްފި ނަމަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވާ ގޮތުން ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކީ ހައްޔަރު ކުރަން ޖެހޭ ހާލަތެއް ނޫނެވެ. ހައްޔަރު ކުރުމެއް ނެތި، ތަހުގީގު ހިންގުމަކީ ގާނޫނު އަސާސީ ބާރު އަޅާ ކަމެއް ކަން އޭނާ ވެސް ފާހަގަކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހައްޔަރު ކުރުމާއި ބަންދު ކުރުމާ ބެހޭ ގޮތުން އެންމެ ޝަކުވާ ބޮޑުވަނީ ބައެއް ފަހަރު އަމަލުކުރާ ގޮތުން ނުބައި މެސެޖްތަކެއް ދެވިފައި އޮންނާތީ އެވެ. އެކި ތުހުމަތުތައް ކުރެވޭ ސިޔާސީ ބޭފުޅުންނާ މެދު އަމަލުކުރެވޭ ގޮތަކީ އެ ވިސްނުން އޮންނަ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މީހުންގެ މައްސަލަތަކުގައި އަމަލުކުރާ ގޮތް ޕަބްލިކަށް އާންމުކޮށް ފެންނާނީ. އެހެންވީމަ ޕަބްލިކަށް ގަބޫލު ކުރެވިފައި މި އޮންނަނީ މިއީއޭ އެކަން އޮންނަން ޖެހޭ ގޮތަކީ. އެ މައްސަލާގައި ވެސް މިވެނި ގޮތަކަށް އަމަލު ކުރިއޭ. އެހެންވީމަ މި މައްސަލާގައި ވެސް އަމަލު ކުރަން ޖެހޭނީ އެގޮތަށޭ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކޮށް، ބޮޑެތި އަދަބުތައް ދީގެން ކުށްކުރުން ނުހުއްޓުވޭނެ ކަން ވޭތުވެދިޔަ މުއްދަތުގެ ތަޖުރިބާ އިން އޮތީ ސާބިތުވެފަ އެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދިނުމަށް މީގެ 40 ވަރަކަށް އަހަރު ކުރިން 1977 ގައި އެކުލަވާލި މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހައްޔަރުކޮށް، ބޮޑެތި އަދަބުތަކެއް ދިނުމަށް ވުރެ މުހިންމީ ކުށް ކުރުން ހުއްޓުވޭނެ ގޮތެއް ހޯދުމެވެ.

"މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ހެދީ ހައްޔަރުކޮށް، ބޮޑު އަދަބު ދީގެން އެ މައްސަލަ ހައްލުކުރަން. އެކަމަކު އެ ގާނޫނުުގެ ދަށުން 1977 އިން ފެށިގެން ހައްޔަރުކޮށް، ބޮޑު އަދަބު ދީގެން ވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލެއް ނުވި،" ޝަމީމް ވިދާޅުވި އެވެ.

"މިދަންނަވަނީ ނަމްބަރުތަކަކަށް ނޫނޭ ވިސްނަންވީކީ. އެއަށް ވުރެ މުހިންމޭ އެކަމެއް ހައްލު ކުރުން. މިސާލަކަށް ބުލީ ކުރީމަ ވިސްނަންވީ އެކަން ހުއްޓުވޭނެ ގޮތެއް ހޯދަން."

ގާނޫނީ އެހެން ބޭފުޅެއްގެ ނަޒަރުގައި ވެސް އެފަދަ ފާޑުކިޔުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ކަންކަން ހިނގާ ގޮތެވެ. އޭނާ ވެސް ވިދާޅުވާ ގޮތުން ކޮންމެ ތުހުމަތަކީ އޭގެ ޒާތުގައި ތުހުމަތުކުރެވޭ މީހާ ބަންދު ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އަދި ކުރެވެނީ ސީރިއަސް ތުހުމަތަކަށް ވިޔަސް، އެކަށީގެންވާ ހެކި ނެތް ނަމަ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.

"ސިޔާސީ ބައެއް މީހުން އާދައިގެ ކަންކަމުގައި ވެސް ހައްޔަރުކުރާ ތަން އެންމެންނަށް ވެސް މިފެންނަނީ. އެހެންވީމަ އެވަރުގެ ކަންކަމުގައި ދެން ކީއްވެގެން ހެއްޔޭ އެހެން މީހުން ހައްޔަރު ނުކުރަނީ؟ އެހެންވެ، އެ ދެމެދުގައި މި އޮންނަ ބޮޑު ފަރަގު ހާމަކުރަން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ތަހުގީގު މަރުހަލާގައި ކުރެވޭ ހައްޔަރުގެ މައްސަލަ، މޮޅު ގާނޫނު އަސާސީއެއް ގެނެސްގެން ވެސް، މި އޮތީ ހައްލުނުވެފަ އެވެ. ގާނޫނީ ތަޖުރިބާކާރުން ފާހަގަކުރައްވާ ފަދައިން، ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި އާންމު އާދައިިގެ މައްސަލަތަކުގައި މިފެންނަ ބޮޑު ފަރަގު ނައްތާލެވިގެން ނޫނީ މިކަމަށް ހައްލެއް ނާންނާނެ އެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ޒިންމާ، މި މައްސަލާގައި، ކުޑައެއް ނޫނެވެ. ތަހުގީގުތަކުގެ ކޮންމެ މަރުހަލާއެއް ހިނގާ ނުހިނގާ ގޮތް ބަލައި، ފާރަވެރިވުމަކީ ގާނޫނު އަސާސީން ޕީޖީ އަށް މަތިކޮށްފައި އޮތް ޒިންމާއެކެވެ.