ބްރިޖަކީ ރައީސް ޔާމީންގެ "ކާލާ މަންނަ"ތަ؟

ރާއްޖޭގެ ސިޔާސީ މައިދާނުގެ "ކާލާ މަންނަ"އަކީ ރައީސް މައުމޫން ހެއްޔެވެ؟ މި ސިފަކުރުން އެންމެ ފުރަތަމަ ބޭނުންކުރެވުނީ އެމަނިކުފާނަށް ނިސްބަތްކޮށެވެ. އޭގެ ފަހުން ރައީސް ނަޝީދު އަދި ގާސިމް އިބްރާހީމަށް ވެސް "ކާލާ މަންނަ"އިގެ ދަރަޖަ ދެވިފައިވެ އެވެ. ސިޔާސީ ކަންކަމުގައި މި ތިން ބޭފުޅުންގެ ނުފޫޒު ގަދަކަން އަދި ޚާއްސަކޮށް އިންތިޚާބުތައް އެ ބޭފުޅުން ތިއްބެވި ކޮޅަކަށް ދީލައިލުމުގައި ކާމިޔާބުކަން ހާމަކޮށްދޭށެވެ. މިހާރު ބޯމަތިވެފައި އޮތް އިންތިޚާބުގައި މައުމޫނާއި ނަޝީދާއި ގާސިމް ތިއްބެވީ އެއްގަލެއްގަ އެވެ. އަނެއް ގަލުގައި ރައީސް ޔާމީން އިންނެވީ އެއިން އެއްވެސް ބޭފުޅެއްގެ ތާއީދެއް ނެތި ގިނިކަންޏާ އެވެ. އެކަމަކު މި ދެތިން ދުވަހު ފެންނަމުންދަނީ އިދިކޮޅުގައި ނެތް މަންނައެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމުގެ ނިޝާންތަކެވެ؛ ސިނަމާލެ ބްރިޖެވެ.


މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ ރަނގަޅަށެވެ؛ ބްރިޖާ އެކު އެ މަނިކުފާނުގެ ސަރުކާރުން ހަގީގަތަކަށް އެ ހަދައިދިނީ ދިވެހިންގެ ބޮޑު އުއްމީދެކެވެ. އޭގެ ހެއްކަކީ ބްރިޖު ހުޅުވާ މަންޒަރު ބަލަން ދިޔަ މީހުންނާއި އެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އުފާފާޅުކުރާ މީހުންގެ އަދަދެވެ. ސަޕޯޓަރުންނަށް ކަށަވަރެވެ؛ "ރައީސް ޔާމީނަށް 2018 ޔަގީންވީ" އެވެ. ބްރިޖުގެ މަންޒަރުތަކާ އެކު ބޭނުންކުރަމުން ގެންދާ "#ޔާމީންޝަހީމް" އަދި "#ރައީސްޔާމީން2018" ފަދަ ހޭޝްޓެގްތަކުން ޔަގީންވަނީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ހޯދައިދޭން ސަރުކާރުގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ބޭނުންކުރާ އެންމެ ބޮޑު އެކައްޗަކީ ބްރިޖުގެ ކާމިޔާބީ ކަމެވެ.

އެކަމަކު އަނެއްކޮޅުން، އިހަށް ފުއްދައިދޭން ޖެހޭ އަސާސީ ބޭނުންތަކެއް ހުއްޓާ ބްރިޖަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކުރުމަކީ ބޮޑު އިސްރާފެއް ކަމަށް ދެކޭ މީހުން އެބަ ތިއްބެވެ. މާލެ-ހުޅުލެ ބްރިޖުން މާލެ އާއި ހުޅުމާލެ ގުޅުވާލުމަކީ ސަރުކާރުން ރަށްރަށުގެ ތަރައްގީ އަށް ވުރެ މާލެ ސަރަހައްދު އިސްކުރާ ކަމުގެ އެންމެ ބޮޑު ހެކި ކަމަށް އެބަ ވާހަކަދެކެވެ އެވެ. މާލެ ސަރަހައްދު އިތުރަށް ތޮއްޖައްސާނެ، ބޮޑު ނުބައެއްގެ ގޮތުގައި ބްރިޖު އެބަ ސިފަކުރެވެ އެވެ. އެކަމަކު މިފަދަ ޝުއޫރެއް މިއަދު ފާޅުކޮށްފިއްޔާ ދެބަސްވުމާއި މަލާމާތް ކުރިމަތިވުން ކައިރި އެވެ.

މި ވަގުތު ބޮޑީ، ބްރިޖުގެ ފޮޓޯތަކާއި ހަވާ ބަލައިލުމާއި ބްރިޖު މަތީގެ ކައިވެންޏާއި ލަސް ކަނޑު ދަތުރެއް ކުރަން ނުޖެހި އެއްގަމުން ރާސްލާފައި ހުޅުމާލެ އަށާއި ހުޅުލެ އަށް ޖައްސާލުމުގެ ޖޯޝާއި ފޯރި އެވެ. އެތައް ބަޔަކަށް ބްރިޖު ފެންނަނީ ތަރައްގީގެ ވަރުގަދަ ރަމްޒެއްގެ ގޮތުގަ އެވެ. އިހުސާސްކުރެވެނީ ބްރިޖުން ދަތުރުފަތުރަށާއި ދިރިއުޅުމަށް ލިބޭނެ ފަސޭހަ އެވެ. އަޑުއިވެނީ ބްރިޖާ އެކު ފަހިވެގެން އަންނާނެ އިގްތިސޯދީ ކުރިއެރުމުގެ ވާހަކަ އެވެ.

އިދިކޮޅުން ވެސް ބްރިޖުގެ ކްރެޑިޓް ބޭނުންވޭ

ރިޔާސީ އިންތިޚާބުގައި ވޯޓު ލާން އެންމެ 23 ދުވަހަށް ވެފައި އޮތް މި ވަގުތު ސިނަމާލެ ބްރިޖު ހުޅުވުމާއި އެ މުނާސަބާ ފާހަގަކުރަން ސަރުކާރުން ރާވާފައި ހުރި ކުލަގަދަ ހަރަކާތްތަކާއި އެ ކަންކަމަށް ލިބެމުންދާ މީޑިއާ ކަވަރޭޖަކީ ރައީސް ޔާމީންގެ ކެމްޕެއިނަށް ލިބޭ ބޮޑު ކުރިއެރުމެއްކަން އިދިކޮޅުން ވެސް ގަބޫލުކުރާ ކަހަލަ އެވެ. އިދިކޮޅުގެ ސިޔާސީ މީހުންނާއި ސަޕޯޓަރުން އަވަދިނެތި އުޅެނީ ބްރިޖު އެޅުމުގެ ހަގީގީ ކްރެޑިޓް ހައްގުވަނީ އެމަނިކުފާނަށް ނޫން ކަމާއި މި ވަގުތު އިދިކޮޅުގައި ތިއްބެވި ލީޑަރުންނަށް ކަން ހާމަކޮށްދިނުމުގެ މަސައްކަތުގަ އެވެ. އެއީ ކުރީގެ ރައީސުންގެ ތަސައްވުރެއް ކަމާއި އެ މަސައްކަތް ފެއްޓެވީ އެ ބޭފުޅުން ކަމާއި ކަރުދާހުގައި އޮތް ކުރެހުމުން ބްރިޖެއް އުފަންކުރުމުގެ ހަގީގީ މޭސްތިރިއަކީ ޖަލަށް ލާފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ކަމެވެ. ޖުމްލަކޮށް ބުނާ ނަމަ، ބްރިޖުގެ އެއްވެސް ކަމެއްގައި ރައީސް ޔާމީނަށް ތައުރީފުކުރަން ޖެހޭ ސަބަބެއް ނެތް ކަމެވެ.

ތެދެކެވެ؛ ބްރިޖު އެޅުމަކީ މައުމޫނާއި ނަޝީދުގެ ވެސް ވައުދެކެވެ. ކެމްޕެއިންތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި ވީޑިއޯ ޕްރެޒެންޓޭޝަންތަކާއި ކުރެހުންތަކާއި މަޝްވަރާތަކުގަ އެވެ. މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅުވާލަން ނަޝީދުގެ ކެބިނެޓުން ނިންމައި އެ މަޝްރޫއު އަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދު ޑިސެމްބަރު 2011ގައި ރައީސް އޮފީހުން ހާމަ ވެސް ކުރި އެވެ. އަދި މިހާރު އަދީބުގެ ފަރާތުން ބުނާ ގޮތުން ނަމަ، ބްރިޖު އަޅަން ޗައިނާ ސަރުކާރާ އެންމެ ފުރަތަމަ މަޝްވަރާކުރެއްވީ ނަޝީދަށް ފަހު އަދި ޔާމީނުގެ ކުރިން ވެރިކަންކުރެއްވި ރައީސް ވަހީދެވެ.

ކަން ހިނގީ މި ގޮތަށް ކަމަށް ވިޔަސް، ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާއި ސަޕޯޓަރުންގެ ބަހަކީ، ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ފުއްދައިނުދެއްވުނު ވައުދު ފުއްދަވައިދެއްވީ އެމަނިކުފާނެވެ؛ ނޭޅޭނެއޭ ބުނި ބްރިޖު އަޅާފައި ދެއްކެވީ "ގަޓު ހުރި ރައީސް" ޔާމީނެވެ.

ޔާމީން ކުރިން ބްރިޖާ ދެކޮޅު

އެކަމަކު ބްރިޖު އެޅުމަކީ ރައީސް ޔާމީން ކުރިން ތާއީދު ވެސް ކުރެއްވި ކަމެއް ނޫނެވެ. ރިޔާސީ އިންތިޚާބު 2013ގައި ކާމިޔާބުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައި ވަނީ އެ ވިސްނުމާ ދެކޮޅަށެވެ. މާލެ އާއި ހުޅުލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށި ބުރިޖަކުން ގުޅާލާނެ ކަމަށް އެ އިންތިޚާބުގައި ގާސިމް ވިދާޅުވީމާ އެ ކަމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވެފައި ވަނީ ބުރިޖެއް އެޅުމަކީ ކުރެވިދާނެ ކަމަކަށް ވިޔަސް "ރާއްޖެ މިއަދު މި އޮތް ހާލަތުގައި" އެފަދަ މަޝްރޫއުއެއް ހިންގިދާނެތޯ ވިސްނަން ޖެހޭ ކަމަށެވެ.

ހެންވޭރު ޕާކް ސަރަހައްދުގައި ފުޅާކޮށްގެން އަލުން ހެދި މަގުން ބްރިޖް ފެންނަ ގޮތް --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޖުލައި 30، 2013ގައި ކޮލަމްބޯގައި ގާސިމަށް ރައްދު ދެއްވައި ވާހަކަދެއްކެވި އިރު ޔާމީން ގެންގުޅުއްވި ވިސްނުމަކީ މި އެވެ؛ ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ މީހުން ދައްކާ ވާހަކައަކީ ކުރެވިދާނެ ކަމެއްތޯ ރައްޔިތުން ވިސްނަން ޖެހެ އެވެ؛ ބްރިޖު އަޅަން ދައުލަތުން އެތައް ބައިވަރު ޚަރަދެއް ހިނގާނެ އެވެ؛ ދައުލަތުގެ ދަރަނި އިންތިހާ އަށް ގޮސްފައި އޮތް އިރު ބަޖެޓުގައި އެ ވަރުގެ ހަކަތައެއް ނެތެވެ؛ އެ ކަމަށް ބޭރުގެ އިންވެސްޓްމަންޓް ބޭނުންވާނެ އެވެ؛ ބްރިޖް މަތިން ދަތުރުކުރާ ކޮންމެ ފަސިންޖަރަކާއި އުޅަނދަކުން ޓޯލްގެ ގޮތުގައި އެތައް ބައިވަރު ފައިސާއެއް ދައްކަން ޖެހޭނެ އެވެ. އެކަމަކު، އެ ހާލަތު އޮތް ގޮތަށް އޮއްވާ، މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅާލާނެ ކަމަށް، އޭގެ ދެ ހަފްތާ ފަހުން ޔާމީން ވިދާޅުވި އެވެ. ހުޅުމާލޭގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ބައެއްގެ ގޮތުގައި އެކަން ކުރަން ޗައިނާއާ ވާހަކަދެއްކެވުމުގެ ވިސްނުން ވެސް އޭރު ހާމަކުރެއްވި އެވެ.

މުހިއްމީ ބްރިޖަށް ވޯޓު ލިބުން

ރައީސް ޔާމީން އޭރު ބޭނުންފުޅު ނުވި ނަމަވެސް ބޭރުގެ އިންވެސްޓްމެންޓެއްގައި އަދި ޓޯލް ނަގާ ގޮތަށް ސިނަމާލެ ބްރިޖު އެންމެ ފަހުން ނިމިގެން ދިޔައީ މާލެ ވަށައިގެން ހުރި އެހެން ތަންތަން ވެސް ބްރިޖުން ގުޅުވާލާނެ ކަމުގެ ވައުދު ދެވަނަ ދައުރުގެ ކެމްޕެއިންގައި ވެވަޑައިގަންނަވަމުންނެވެ. އެކަމަކު މިއީ އުނބަށް ޖެހުން އާއްމު ރާއްޖޭގެ ސިޔާސީ މައިދާނުގައި ލީޑަރަކު ވާހަކަ ބަދަލުކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ގައިމު ވެސް ރައީސް ޔާމީންގެ ދިފާއުގައި ސަޕޯޓަރުން ދައްކާނެ ބައިވަރު ވާހަކަ އެބަ ހުއްޓެވެ.

ބްރިޖް ހުޅުވުމަށް ފަހު ހަވާ އަރުވާތަން އާންމުން ފޮޓޯ ނަގަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވޯޓު ލާން ތިން ހަފްތާ އަށް ވެފައި އޮތް އިރު، މިހާތަނަށް އިންތިޚާބުތަކުގެ ކާމިޔާބީ ގުޅުވުނު ތިން "މަންނަ" ވެސް އޮތީ ރައީސް ޔާމީން ބަލިކުރައްވަން ނުކުމެވަޑައިގެން ހުންނެވި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އަތްޕުޅުގަ އެވެ؛ މައުމޫނާއި ނަޝީދާއި ގާސިމެވެ. އެހެން ކަމަށްވާ ނަމަ ހަތަރު ވަނަ "މަންނަ"އަކީ ރައީސް ޔާމީންގެ އަތްޕުޅުގައި އޮތް ބްރިޖު ހެއްޔެވެ؟ އަދި އެއީ އެންމެ ބާރުގަދަ "ކާލާ މަންނަ" ހެއްޔެވެ؟

ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު، ސިނަމާލެ ބްރިޖާ ގުޅުމެއް ނެތް އަދި އޭގެ ފަސޭހަ ވެސް ލިބެން ނެތް ރަށްރަށުގައި ދިރިއުޅެ އެވެ. އެހެންކަމުން ބްރިޖަކީ އިންތިޚާބު ކާމިޔާބުކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ވަރަށް، ހުރިހާ ދިވެހިންނަށް މުހިއްމު ބިނާއެއްތޯ އަދި ބްރިޖުގެ ކްރެޑިޓް އާއްމުން ދެނީ ރައީސް ޔާމީނަށްތޯ ނުވަތަ އިދިކޮޅު ލީޑަރުންނަށްތޯ އެއީ އިންތިޚާބުގެ ނަތީޖާ އިން ނެގިދާނެ އެއް މާނަ ކަމަށް، މި ދަނޑިވަޅުގައި ޝުއޫރުތައް ހުރި ގޮތުން، ބެލިދާނެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ