ދަތުރުކުރުމުގެ ފީ: ބްރިޖު ހުޅުވުމާ އެކު މިހާރު ހިނގާ ބަހުސް

މާލެ އާއި ހުޅުލެއާ ދެމެދު ހެދި "ސިނަމާލެ ބްރިޖް" ހުޅުވައިފި އެވެ. ނަމަވެސް ނޭނގޭ އެއް ކަމެއް އަދި އެބަ އޮތެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ނަގާ ފީ އެވެ. އެތައް ބައެއްގެ ބަހުސަކަށް މިހާރު އެ އޮތީ އެ މައުލޫ އެވެ.


ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާނެ އަގުތަކެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެކަމާ ބެހޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި ހައުސިން މިނިސްޓްރީން ވެސް ބުނެފައި ވަނީ އެކަމާ ބެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފެންވަރުން އެންމެންނަށް ވެސް އެކަށީގެންވާ ވަރުގެ ފީތަކަކަށް ވާނެ ކަމަށް ބުނެ އެވެ. އެހެންވެ އެ އަގުތަކަށް އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ފީ ނަގައިގެން ދަތުރުކުރެވޭ ބްރިޖާއި ޓަނަލްތަކާއި ހައިވޭއެއް ރާއްޖޭގައި އަދި ނެތް ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ ވަސީލަތްތަކުން ފީއެއް ނަގަ އެވެ. އެ ފީތައް ނެގުމުގައި މައިގަނޑު ގޮތެއް ބަލަނީ މަރާމާތަށް ހިނގާ ހަރަދު ކަވަރުކުރެވޭނެ މިންވަރަކަށެވެ. އަދި އެތަންތަނުގެ ޓްރެފިކް ބާރުބޮޑު ވިޔަ ނުދިނުމަށް ބައެއް ގަޑިތަކުގައި ފީ ބޮޑުވެ އެވެ.

ބްރިޖުން އާއްމުކޮށް ދަތުރުކުރުން އަންނަ ހުކުރު ދުވަހު ހުޅުވަނީ ހިލޭ ބްރިޖް ބޭނުންކުރެވޭ ގޮތަށެވެ. އާންމުންގެ ބަހުސަކަށް ވެފައި މިހާރު އޮތީ ފީ ނަގަން ފަށާނީ ކޮން އިރަކުކަމާއި ފީތަކުގެ ތަފުސީލެވެ. ބްރިޖުން ދަތުރުކުރެވޭ އަގުތަކެއް ކަމަށް ބުނާ އަގުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެކަމަކު އެއީ އަސްލު އެއްޗެއް ނޫން ކަމަށް ސަރުކާރުން ބުނެ އެވެ.

އެއީ އަސްލު އަގުތަކަކަށް ނުވިޔަސް ސޯޝަލް މީޑިއާގެ ބައިވެރިން ގެންދަނީ ހިޔާލު ފާޅުކުރަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި ސައިކަލްގައި ބްރިޖުން ކުރާ ދަތުރުގައި ކޮޅަކަށް ފަސް ރުފިޔާއަކީ އެކަށީގެންވާ އަގެކެވެ. ނަމަވެސް އަމިއްލަ ކާރުތަކާއި ވިޔަފާރި އުޅަނދުތަކުން ނަގާ ފީ ސައިކަލަށް ވުރެ ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށް އަނެއް ބަޔަކު ދެކެ އެވެ.

ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އާއްމު ދަތުރުފަތުރަށް އެމްޓީސީސީން ބޭނުންކުރާ ބަހެއް

ޕަބްލިކް ޓްރާންސްޕޯޓް ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ ބްރިޖުން ނަގާ ފީތައް ރާއްޖޭގެ ނިސްބަތުން އެކަށީގެންވާ އަގަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ދަތުރަކަށް ވަކި އަގެއް ނެގުމުގެ ބަދަލުގައި މަހު ފީއެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މީގެ އެންމެ ރަނގަޅު ގޮތަކީ މަހު ފީއެއް ނެގުން. އޭރުން ގިނަ ބަޔަކަށް ފަސޭހަވާނީ ވެސް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު ވެސް ސަރުކާރުން ވިސްނަމުން ދަނީ މަހު ފީއެއް ދައްކައިގެން ކޮންމެ ވެހިކަލަކަށް ވެސް ދަތުރުކުރެވޭނެ ގޮތް ހަދަން،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ގިނަ ދިވެހިންގެ އަސާސީ އުޅަނދަކީ ސައިކަލެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލެއާ ދެމެދު ސައިކަލްގައި ކޮޅަކަށް 10ރ ނަގާ ނަމަ އެ ފީ ގިނަ ބަޔަކަށް ބޮޑުވެދާނެ އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ އެކަށީގެންވާ އަގަކީ ސައިކަލަކުން ކޮޅަކަށް ފަސް ރުފިޔާ ނެގުން. ޓެކްސީ އާއި ޕްރައިވެޓް ކާރަކުން ދިހަ ރުފިޔާއަކީ އެކަށީގެންވާ އަގެއް ކަމަށް ފެނޭ،" އޭނާ ވިދާޅުވި އެވެ.

"މީގައި ވިސްނަންވީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ފައިސާތަކެއް ހޯދުމަކަށް ނޫން. އާއްމުންނަށް ބުރައަކަށް ނުވާނެ އަގެއް ނެގުން."

ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުންޏެއްގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ބްރިޖްގައި ކުރާ ދަތުރުތަކަށް ނަގާނެ އަގުތަކެއް ކަނޑައަޅަންވާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ. މީގެ އެންމެ ބޮޑު މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވީ ސަރުކާރުން ދޭ ހިދުމަތަކަށް ވާތީ އިރުއިރުކޮޅާ އަގުތަކަށް ބަދަލު ގެނައުން ފަސޭހަ ނުވުމެވެ.

"ބަލަމާ ހިނގާ ހުޅުލެ ފެރީގެ އަގާއި ވިލިމާލެ އަދި ހުޅުމާލެ ފެރީގެ އަގުތައް. ގެއްލުން ވިޔަސް އެއިން އެއްވެސް ތަނެއް އަގާ ކުޅޭކަށް ސަރުކާރަކަށް ލާހިކެއް ނޫން. އެއްވެސް ސަރުކާރަކަށް ދެން ވިލިމާލޭގެ ފެރީ ޓިކެޓްގެ އަގު ބޮޑެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ބްރިޖާ އެކު ހުޅުލެ ފެރީ އަދި ހުޅުމާލެ ފެރީގެ ޑިމާންޑް ދަށްވާނެ."

ސިނަމާލެ ބްރިޖުގައި ދުއްވާ އެމްޕީއެލްގެ ބަސްތަކެއް: އާންމު ދަތުރުތަކަށް އަންނަ ހުކުރުދުވަހު ބްރިޖު ހުޅުވާނެ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ސަރުކާރުން ދޭ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުގެ އަގާއި ބްރިޖުން ނަގާ ފީ ވެސް އިރުއިރުކޮޅާ ބޮޑު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ހިދުމަތްތައް ހިލޭ ދެވޭނެ ކަމަށް އާންމުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފުރަތަމަ ފީ ނަގަން ހަމަޖައްސާފައި ވަނީ ސްޓިކާއެއް ވިއްކައިގެންނެވެ. ނަމަވެސް އިލެކްޓްރޯނިކް ކޮށް ފައިސާ ދެއްކޭ ގޮތަށް، ފަހުން ކޮންމެ އުޅަނދެއްގައި އިލެކްޓްރޯނިކް ޑިވައިސްއެއް ހަރުކުރާ ގޮތަށް ހަމަޖައްސާފައިވެ އެވެ. އޭރުން ވެސް ނަގާނީ މަހު ފީއެއް ކަމެއް ނުވަތަ ދަތުރަކަށް ވަކިން ކަމެއް ނޭނގެ އެވެ.

ޓެކްސީތަކަށް ވަކި އަގެއް އޮންނަންވާނެ

"މާލޭގެ ޓްރާންސްޕޯޓަށް އަންނަ ވަރަށް ބޮޑު ބަދަލަކަށް ވާނެ ބްރިޖްގެ ދަތުރުތައް ފެށުމަކީ. މިއާ ގުޅިގެން ދަތުރުފަތުރުގެ ޓްރެންޑަށް އަންނާނީ ކޮން ކަހަލަ ބަދަލުތަކެއް ކަމެއް ނޭނގެ. އެކަމާ ބެހޭ ދިރާސާއެއް ހެދިފައެއް ނެތް،" ކުރިން ވާހަކަ ދެއްކެވި ސަރުކާރު ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖް އާއްމުކޮށް ހުޅުވި މާލެ އާއި ހުޅުމާލެއާ ދެމެދު ފުރަތަމަ ފަހަރަށް ވެހިކަލްތަައް ދުއްވަން ފަށާ އިރު އެއީ ވިޔަފާރިއަށް ވެސް ހުޅުވޭނެ ދޮރެކެވެ. އެކަން ވާނީ، ޕަބްލިކް ޓްރާންސްޕޯޓްގެ ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގެ ޓްރާންސްޕޯޓަށް އަންނާނެ ބޮޑު ޑިމާންޑަކަށެވެ.

"އެ ޑިމާންޑަށް ކޭޓާކުރެވޭނެ ގޮތްތަކެއް ވެސް ހުންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން، ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ އަގުތައް އާންމުންގެ އަތްނުފޯރާ ފަށަށް އަރައިގެން ދިޔަ ދީގެން ނުވާނެ އެވެ. މިސާލަކަށް މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ޓެކްސީތަކުން ނަގާ އަގުތައް އޮންނަން ޖެހޭނީ، މިހާރެކޭ ވެސް އެއްގޮތަށް، ކޮންޓްރޯލްކުރެވިފަ އެވެ.

"ޓެކްސީތަކުން ހުޅުލެ- ހުޅުމާލެ- މާލެ އަށް ދަތުރުކުރާ އަގުތަކެއް އަމިއްލައަށް ކަނޑައެޅުމުގެ ކުރިން ސަރުކާރުން އަގުތަކެއް ކަނޑައަޅަން ޖެހޭނެ. އެހެން ނޫނީ ފަހުން އެ އަގުތައް ކޮންޓްރޯލްކުރަން އުނދަގޫވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުލޭ ފެރީ ކައިރީގައި ޓެކްސީއެއް މަޑުކޮށްލައިގެން: ބްރިޖާ އެކު ޓެކްސީތަކަށް މީޓަރު ތައާރަފްކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ.

އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވާ ގޮތުގައި ޓެކްސީ ދަތުރުތަކަށް ވަކި އަގުތަކެއް ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ މީޓަރު ތައާރަފްކުރުމެކެވެ.

"މިސާލަކަށް މާލެ ތެރޭގެ ދަތުރުތަކަށް މިހާރު ވެސް ނަގާ އަގު ނެގިދާނެ. ހުޅުމާލެ ތެރޭގައި މިހާރު ވެސް ނަގާ އަގު ނެގިދާނެ. އެކަމަކު ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް މީޓަރަށް އަގު ނަގާ ގޮތަށް ހެދުން އެންމެ ރަނގަޅު ގޮތަކީ. އޭގެ ތެރޭގައި ޓޮލް ވެސް ހިމަނަން ވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖްގައި ބަހުގެ ހިދުމަތް އެމްޕީއެލް އިން ދޭއިރު މީޓަރަށް ދަތުރުކުރާ ޓެކްސީގެ ހިދުމަތް އެމްޓީސީސީ ކަހަލަ ކުންފުންޏަކަށް ދިނުމުން އާއްމު ޓެކްސީތަކަށް ބޭނުން އަގެއް އަމިއްލައަށް ކަނޑައެޅުމުގެ ބާރު ކެނޑިގެންދާނެ ކަަމަށެވެ.

"ސަރުކާރުން ޖެހޭނެ ޓެކްސީތަކުގެ އަގުތަކަކީ އެންމެނަށް އެކަށީގެންވާ އަގުތަކަށް ހަދަން. އަދި އެއާ އެކު އެމްޕީއެލް އަދި އެމްޓީސީސީއަށް ވެސް އެއާޕޯޓަށް ދަތުރުކުރުމުގެ ފުރުސަތު ދޭންވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއުގައި ބްރިޖް އެވަނީ ހުޅުވައިފަ އެވެ. އަދި މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ތިން ލައްކައެއްހާ މީހުންނަށް މާލެ-ހުޅުލެ-ހުޅުމާލެ އަށް ދަތުރުކުރަން މި ސަރުކާރުން ފަހިކޮށްދިން ވަރަށް ބޮޑު މަގެއް ވެސް މެ އެވެ. މިހާރު މި އޮތީ ސިނަމާލެ ބްރިޖް ބޭނުންކުރަން ހަމަޖައްސާނެ އަގުގެ ބަހުސެވެ. ސަރުކާރުން ވެސް އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނާނެކަން ޔަގީނެވެ.