ގެދޮރު ގަންނަން ޕެންޝަން ފަންޑުގެ އެހީ: ގިނަ ބަޔަކު ބޭނުންވި ބަދަލެއް

އަމިއްލަ ބޯހިޔާވަހިކަމެއް ހޯދަން ބަލާއިރު ކޮންމެ މީހެއްގެ ޖީބު ވެސް އޮންނަނީ ހުހަށެވެ. މާނައަކީ؛ އަމިއްލަ ފްލެޓެއް ގަނެވޭވަރުގެ ތަނަވަސްކަމެއް ގިނަ ބައެއްގެ ނެތް ވާހަކަ އެވެ. ފްލެޓެއް ނުވަތަ އެޕާޓްމަންޓެއް ގަންނަން ޑައުންޕޭޓްމަންޓަށް މަދުވެގެން ހަތަރު ލައްކައެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. އެވަރުގެ ތަނަވަސްކަން ހުންނަނީ ވަރަށް މަދު ބައެއްގެ އެވެ. އެހެންވެ ގިނަ ބަޔަކަށް އަމިއްލަ ފްލެޓެއް ހޯދުމަކީ ވަރަށް ދަތިކަމެކެވެ.


ރާއްޖޭގައި ފައިސާގެ އެންމެ ބޮޑު ފަންޑެއް މިވަގުތު ޖަމާވެފައި ވަނީ ޕެންޝަން ފަންޑުގަ އެވެ. ސަރުކާރާއި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެތައް ބިލިއަން ރުފިޔާއެއް އެ ފަންޑުގައި އެބަ ހުއްޓެވެ. ވިޔަފާރިއެއްގެ ގޮތުގައި އެ ފައިސާގެ ބޮޑު ބައެއް މިހާތަނަށް ބޭނުންކޮށްފައި ވަނީ ސަރުކާރުން ބޮންޑް ގަތުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ގަތުމަށެވެ.

އެކަމަކު މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް މިހާރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ. އެ ސްކީމްގައި ހުރި އެ މީހެއްގެ ފައިސާއިން ގެދޮރު ގަނެވޭނެ އުސޫލްތަކެއް ހަމަޖައްސައި މި މަހުގެ އެއްވަނަ ދުވަހު ވަނީ އެއަށް އަމަލުކުރަން ފަށައިފަ އެވެ.

ހުޅުމާލޭގައި އަލަށް ބިނާކުރާ ހައުސިން ޔުނިޓްތަކެއް: ޕެންޝަން ފަންޑުގެ ބައިވެރިންނަށް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް ގެދޮރު ގަތުމަށް ފައިސާ ދޫކުރާނެ.

‎ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު ވިދާޅުވީ ޕެންޝަން ފަންޑުގެ ބައިވެރިންނަށް މި ހުޅުވާލި ފުރުސަތަކީ ވަރަށް ގިނަ ބަޔަކު އެދެމުން އައި ކަމެއްގެ ފެށުން ކަމަށެވެ.

"މި ގަވައިދުގެ ދަށުން ކޮލެޓްރަލް ވަރަށް ފަސޭހަކަމާ އެކު ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު މިދަނީ ޕެންޝަން ފަންޑުގެ ބައިވެރިންނަށް ލޯނު ދޭނެ ފަރާތްތަކަކާ ވާހަކަ ދައްކަމުން. ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އޭގެ ތެރެއިން އެއް ފަރާތާ އެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ކޮލެޓްރަލްގެ ގޮތުގައި ފައިސާ ދޫކުރާނީ ރިޓިޔަމަންޓް ސޭވިން އެކައުންޓްގައި އެ މީހެއްގެ ނަމުގައި ފައިސާ ހުރި މިންވަރަކަށް ބެލުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން މި ގަވައިދު އެކުލަވާލާފައި ވާނީ ގެދޮރު ގަންނަ މީހާއަށް 65 އަހަރު ވާއިރު އެ ލޯނު ދައްކައި ނިމޭނެ ގޮތަށް. އޭރުން އެ މީހަކަށް ޕެންޝަން ފަންޑުގެ ހަގީގީ ފައިދާ ލިބުނު ކަމަށް ވާނީ. އެ ލޯނު ނިމޭއިރު 65 އަހަރު ވެގެން ލިބޭ އިނާޔަތް ވެސް އޭރުން ލިބެން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށް ގޯތި ގަންނަ ފަރާތްތަކަށް ކޮލެޓްރަލްގެ ގޮތުގައި ދައްކައިދެނީ އެ މީހެއްގެ ނަމުގައި ހުންނަ ފައިސާއިން އެ މީހެއްގެ އުމުރަށް ބެލުމަށް ފަހު ވަކި މިންވަރެކެވެ. އެގޮތުން އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް އެ މީހެއްގެ އެކައުންޓްގައި ހުރި ފައިސާގެ 100 ޕަސެންޓް ކޮލެޓްރަލްގެ ގޮތުގައި ދޫކުރަން ވަނީ ނިންމައިފަ އެވެ. އަދި 36 އަހަރާއި 49 އަހަރާ ދެމެދުގެ މީހަކަށް ދޫކުރާނީ އެ މީހެއްގެ އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން 80 ޕަސެންޓެވެ. އަދި 50 އަހަރާއި 60 އަހަރާ ދެމެދުގެ މީހަކަށް ދޫކުރާނީ 50 ޕަސެންޓެވެ.

އަޅުގަނޑުމެން މި ގަވައިދު އެކުލަވާލާފައި ވާނީ ގެދޮރު ގަންނަ މީހާއަށް 65 އަހަރުވާއިރު އެ ލޯނު ދައްކައި ނިމޭނެ ގޮތަށް. އޭރުން އެ މީހަކަށް ޕެންޝަން ފަންޑުގެ ހަގީގީ ފައިދާ ލިބުނު ކަމަށް ވާނީ. އެ ލޯނު ނިމޭއިރު 65 އަހަރުވެގެން ލިބޭ އިނާޔަތް ވެސް އޭރުން ލިބެން ފަށާނެ،" ސުޖާއު

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ގޯތި ގަންނަން ލޯނު ހޯދަން ބަލާއިރު ގިނަ ބަޔަކަށް ކޮލެޓްރަލްގެ ގޮތުގައި ބަހައްޓަން ޖެހޭ 20 ޕަސެންޓް ހަމަނުވާކަން. މިހާރު މި ހަމަޖެއްސި ގަވައިދުގެ ދަށުން ފަންޑުގެ ބައިވެރިން މިތަނަށް ހުށަހެޅުމުން ކޮލެޓްރަލް ހަމަޖައްސައިދޭނަން. ނަމަވެސް ބައެއް ފަރާތްތަކަށް އެއްކޮށް ކޮލެޓްރަލް ހަމަޖައްސައި ނުދެވިދާނެ. އެ ބައި ހަމަޖައްސަން ޖެހޭނީ އެ މީހަކު އަމިއްލައަށް،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފަންޑުގެ ބައިިވެރިންނަށް ލޯނު ދިނުމުގައި އަމަލުކުރަމުންދާނީ، މިހާރު ވެސް އެހެން ފަރާތްތަކަށް ވެސް ލޯނު ދިނުމުގައި ގެންގުޅޭ އުސޫލުން ކަމަށެވެ. އަދި ފަންޑުގެ ބައިވެރިންނަށް ފައިސާ ހަމަޖައްސައިދޭނީ ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުމުން ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

‎ފަންޑުގެ ބައިވެރިންނަށް ކޮލެޓްރަލް ހަމަޖައްސައިދިނުމާ ބެހޭ ގަވައިދުގައި ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ގެދޮރު ގަންނަން ދޫކޮށްފައިވާ ލޯނު ޑީފޯލްޓް ވެއްޖެ ނަމަ ލޯނު އަނބުރާ ހޯދަން ފުރަތަމަ ވިއްކާލެވޭނީ ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ ގެދޮރެވެ. އަދި ގެދޮރު ވިއްކާލައިގެން ލޯނުގެ އަދަދަށް ފައިސާ ހަމަނުވެއްޖެ ނަމަ އެ އަދަދު ހަމަކުރަން ކޮލެޓަރަލައިޒްކުރި ފައިސާ އިން ދޫކުރެވޭނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އަމީނީމަގުގައި ހަދާފައިވާ ރެހެންދި ފްލެޓު އިމާރާތް: ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގެ ބައިވެރިންނަށް ލޯނު ލިބޭނެ ގޮތްް މިހާރު ވަނީ ހަމަޖައްސާފައި. -- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ ދެ މެމްބަރަކު ގުޅިގެން ނުވަތަ އެއަށް ވުރެ ގިނަ މެމްބަރުން އެކުވެގެން ވެސް ލޯނު ނެގިދާނެ އެވެ.

"އަޅުގަނޑުމެން މި ހަމަޖެއްސި އުސޫލްގެ ދަށުން ފިރިމީހާ ނަމަ ފަންޑުގައި ބައިވެރިވެފައިވާ އަނބި މީހާ އާއި ދަރިން ވެސް ބައިވެރިކުރެވިދާނެ. އޭރުން ކޮލެޓްރަލްގެ ގޮތުގައި ލިބޭ މިންވަރު ބޮޑުވެގެންދާނެ. ކޮލެޓްރަލް ހަމަޖެހުނަސް ބޭންކުން ލޯނު ދޫކުރާނީ އެ ފައިސާ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން ލޯނު ނަގާ ފަރާތުން ދިނުމުން،" ސުޖާއު ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގެ ބައިވެރިންނަށް ކޮލެޓްރަލް ދޫކުރާ ގޮތަށް ހަމަޖެހުމަކީ ގިނަ ބަޔަކަށް ލިބޭނެ ފަސޭހައެކެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު އެ ފަންޑުގައި އެދެމުން އައި އެއް ކަމަކީ ވެސް އެއެވެ.

ސުޖާއު ވިދާޅުވީ ޕެންޝަން ފަންޑުން ބޭންކަށް ނުވަތަ އެނޫން ވެސް ލޯނު ދޫކުރާ ފަރާތްތަކަށް ހަމަޖައްސައިދޭނީ ހަމައެކަނި ކޮލެޓްރަލް ކަމަށެވެ. އޭގެ ފަހުން ލޯނާ ގުޅޭ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ލޯނަށް އެދޭ ފަރާތުން ކަމަށް ވެސް ވިދާޅުވި އެވެ.

‎ޕެންޝަން އޮފީހުން ހެދި ގަވައިދުގައިވާ ގޮތުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަނެވޭނީ ދިރިއުޅުމުގެ ބޭނުމަށް އެކަންޏެވެ.

"މި ގަވައިދުގެ ދަށުން ގަނެވޭނެ އަމިއްލަ ކުންފުނިތަކުން ތަރައްގީކުރާ ކޮންޑޮމީނިއަމްތަކުން ވެސް އެޕާޓްމަންޓް. އަދި ސަރުކާރުން ތަރައްގީކޮށް ދޫކުރާ ސޯޝަލް ހައުސިންގެ ފްލެޓްތައް ވެސް،" އޭނާ ވިދާޅުވި އެވެ.