ޓްރާންސްޕޯޓުގެ އަގަށް އާއްމުން ތައުރީފު އެކަމަކު ޑްރައިވަރުންގެ ޝަކުވާ!

ސިނާމާލެ ބްރިޖް އާއްމު ދަތުރުފަތުރަށް ހުޅުވާލުމާ އެކު ބައެއް ޓެކްސީތަކުން މާލެ- ހުޅުމާލެ ދަތުރަކަށް 100ރ. އާއި 200ރ. އާ ދެމެދުގެ އަގެއް ނަގަން ފެށި އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ޝަކުވާކުރަމުންނެވެ. ބްރިޖް އާއްމުކޮށް ހުޅުވާލިއިރު ޓެކްސީތަކަށް ހާއްސަ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައެއްނާޅަ އެވެ. އެހެންވެ ޑްރައިވަރުން ބޭނުން އަގެއް ނަގަން ފެށީ އެވެ.


ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ އެ ވަނީ އަގުތަކެއް އިއުލާންކޮށްފަ އެވެ. އެހެންކަމުން ދެން ބޭނުންހާ އަގެއް ނުނެގޭނެ އެވެ. އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީން އަގު ކަނޑައެޅި ގޮތާ މެދު ހިތްހަމަޖެހެ އެވެ. ނަމަވެސް ޑްރައިވަރުންނަށް އެ އަގު ކަމަކުނުދެ އެވެ.

ޓްރާންސްޕޯޓުން އަގު ކަނޑައެޅުމުން ބައެއް މީހުން ބުނެފައި ވަނީ މަގުތައް ހަދާފައި، ތާރުއަޅާފައި ރީތިކޮށްފައި ރޮނގު ދަމާފައި، ފަސޭހަކޮށްދިނީމާ ހިތުހުރި އަގެއް ނަގައިގެން ދަތުރުކޮށްގެން ނުވާނެކަން ޓެކްސީ ޑްރައިވަރުން ވެސް ދަންނަން ޖެހޭނެ ކަމަށެވެ.

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ: ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާ އަގާ މެދު ޑްރައިވަރުން ހިތްހަމަނުޖެހޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުރިން ޝަކުވާކުރީ މާލޭގެ މަގުތައް އަޑިގުޑަންވެފައި ޗަކަވެފައި އޮންނާތީ މަރާމާތުކުރަން ކުރަން ޖެހޭތީ ޚަރަދު ބޮޑު ވާހަކަ. އެއަށް ފަހު ދެއްކީ މާލޭގެ މަގުތަކުގައި ދުއްވަން ދަތި ވާހަކަ،" އާއްމު މީހަކު "މިހާރު"އަށް ފޮނުވި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

"މަގުތައް ރީތިކޮށްފައި ފަސޭހައިން ދުއްވޭ ގޮތް ހަދައިދިނުމަށް ފަހު މި އަގަށް ދަތުރުކުރާ ގޮތަށް ހަމަޖެއްސުމުން ޝަކުވާކޮށްފައި ކާރު ދުއްވަން ބޭނުންނުވާ ނަމަ އެހެން މަސައްކަތެއް ޓެކްސީ ޑްރައިވަރުން ފަށަންވީ."

ޓެކްސީ ދަތުރުތަކުގެ އަގުތައް:

- މާލޭގެ އެއް ތަނުން އަނެއް ތަނަށް 25ރ. - ހުޅުމާލޭގެ އެއް ތަނުން އަނެއް ތަނަަށް 25ރ. - މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 35ރ. - ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެ އަށް 35ރ. - މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް 40ރ.

އެހެން މީހަކު ބުނެފައި ވަނީ ޓްރާންސްޕޯޓުގެ އަގާ މެދު އުފާވާ ކަމަށެވެ. އެކަމަކު އެ އަގު ތަންކޮޅެއް ކުޑަ ކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ.

"އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާވޭ. އެކަމަކު ތި އަގު ކުޑަކަމަށް ފެނޭ. އެއީ މާލޭން ފެށިގެން ހުޅުމާލެއަށް އެއީ ހާދަ ދިގު ރާސްތާއެކޭ. އަދި ނުވިތާކަށް ހުޅުމާލެ އެތެރެއަށް ކާރު ވަދެގެން ދާން ޖެހޭނެ. އެހެންވީމަ ޓެކްސީކުރާ މީހުނަށް ގެއްލުންވާނެ ހެން ހީވަނީ،" އެ މީހާ ލިއުނެވެ.

ބްރިޖް ހުރަސްކޮށް ކުރާ ދަތުރާ ބެހޭ ގޮތުން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ ބްރިޖްގެ މާލޭ ކޮޅުން ފެށިގެން ހުޅުމާލޭ ބަސް ސްޓޭޝަނާ ދޭތެރޭ ފަސް ކިލޯ މީޓަރު ވެސް ހަމަނުވާ ކަމަށާއި ޓެކްސީއަކަށް ޕެޓްރޯލް ލިޓަރަކުން މަދުވެގެން 10 ވަރަކަށް ކިލޯމީޓަރު ދުއްވޭނެ ކަމަށެވެ.

"އެހެންވީމަ ދެކޮޅަށް ރަށުތެރޭގައި ދުއްވަން ޖެހޭ ސަރަހައްދު ނުލާ ތެލައް ޚަރަދު ވާނީ ދިހަވަރަކަށް ރުފިޔާ. އެހެންވީމަ ދަތުރަކަށް 40 އޯކޭ. ބޮޑު އަގު އޯކޭއެއް ނޫން،" އެ މީހާ ބުންޏެވެ.

ބައެއް މީހުން ބުނެފައި ވަނީ މިހާރުގެ އަގަށް ޓެކްސީތަކުން ދަތުރު ނުކުރާނެ ކަމަށެވެ.

ބްރިޖާ ގުޅިފައިވާ ލިންކު ރޯޑުން ޓެކްސީއެއް ދުއްވާފައި ދަނީ. މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް ޑްރައިވަރުން މަދުވެގެން 100ރ. ނަގާ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"މާ ކުޑަ އަގެއް ތީ. ތިހެން ހެދީމަ ޓެކްސީތައް ނުދާނެ. މާލެތެރެ 25ރ. (މާލެ ތެރެއިން ބުރިޖް ކައިރިއަށް) ބްރިޖް ހުރަސް ކުރަން 40ރ. (ބްރިޖަށް އަރާ އަގުލައިގެން) ހުޅުމާލެ ތެރެއަށް 25ރ. (ހުޅުމާލެ ގޭދޮރު މައްޗަށް ނުވަތަ އެއާޕޯޓަށް) ޖުމްލަ 90ރ. އަކީ ރަނގަޅު އަގެއް. މާލެއިން ހުޅުމާލެ އަށް ހަތް ކިލޯ މީޓަރު ހުރޭ. ބްރިޖާއި ހައިވޭގައި އެކަނި ވެސް 4.5 ކިލޯމީޓަރު ހުރޭ. މާލެއިން ހުޅުމާލެ ދިއުމަކީ މާލޭ މަޖީދީމަގުގައި ހަ ބުރު ޖެހުމާ އެއްވަރަށް ދުއްވުން،" އެހެން މީހަކު ބުނެފައިވެ އެވެ.

ޓްރާންސްޕޯޓުގެ އަގު އިއުލާންކުރުމުން އެހެން މީހަކު ބުނީ އޭނާ ހުރީ އެ އަގުތައް އިއުލާންކުރަންދެން ކެތް މަދުވެފައި ކަމަށެވެ. ޑްރައިވަރުން އުޅެނީ ހަމަ "އޯވަނައިޓަކުން މުއްސަނދިވާން" ކަމަށް ބުނެ އެ މީހާ ޑްރައިވަރުންނަށް ފާޑުކިޔާފައިވެ އެވެ.

"ޓެކްސީ ޑްރައިވަރުން ހިފާލާފައި ތިބިއިރު ވިސްނާލަން ވާނެ ދޯ ތިމާ މި ލާރިގަނޑު މި ހޯދަނީ މިއީ އަދި ރަނގަޅަކަށް ނޫންކަން. މީހަކު ނުބުންޏަސް އެވަރު އެނގެން ވާނެކަން ނޭނގެ. ތިމާ ކުރާ ކޮންމެ ކަމަކަށް ކޮންމެވެސް އޮތޯރިޓީއަކުން ބަސް ބުނުމުގެ ކުރިން ވެސް ހެވާއި ނުބައި ވިސްނަންވާނެ. ބޮޑު އަގުގައި ދަތުރުކުރުން އެއީ ޑްރައިވަރުން ވަރަށް ނުލަފާކޮށް ކުރިކަމެއް އެއީ. އަދި ސެންޓަރުތަކުން ބުނާނެ އަހަރެމެންނަކަށް ނޭނގެއޭ. ބައެއް ޑްރައިވަރުން އަމިއްލައަށް އަގެއް ހަދައިގެންނޭ. ބުނާއިރު، ކީއްވެގެންތަ އެ ޓެކްސީއަށް އެކަން ހުއްޓަން ނާންގަނީ؟" އެހެން މީހަކު ލިއުނެވެ. ޓްރާންސްޕޯޓުން ކަނޑައެޅި އަގާމެދު ޑްރައިވަރުން ހިތްހަމައެއް ނުޖެހެ އެވެ. އެ މީހުން ދެކެނީ އެއީ ވަރަށް ނާއިންސާފު އަދި ދެކޮޅުނުޖެހޭ އަގެއް ކަމަށެވެ.

"މިހިރީ ނާއިންސާފުކަން ހާމަވާން ހުރި މިންވަރު. އެމްޓީސީސީ 'އެއާޕޯޓް އެކްސްޕްރެސް' ގަައި ކާރެއްގައި (5 ވަރަކަށް މިނިޓުން ދެވޭ) ހުޅުލެ އެއާޕޯޓް އަށް ދާން 110ރ ކިތަންމެ ފަހަރަކު ދައްކައިފިން. އެކަމަކު މާލެ ހުޅުމާލެ ޓެކްސީ ދަތުރަކަށް އެންމެ 40ރ. މީ ކޮން ކަހަލަ އިންސާފެއް؟" ޓެކްސީ ޑްރައިވަރުންގެ ހައްގުގައި މީހަކު ބުންޏެވެ.

މާލޭގެ މަޝްހޫރު 3132 ނުވަތަ ޑައިލް ކެބްގެ ޑްރައިވަރަކު ބުނީ ޓްރާންސްޕޯޓުން އަގެއް ކަނޑައެޅި ނަމަވެސް އެ އަގަށް ޑްރައިވަރުން ދަތުރުކޮށްދޭން ބޭނުން ނުވާ ކަމަށެވެ.

"މާލެ- ހުޅުމާލެއަށް އެ އަގަށް ދަތުރު ނުކޮށްދޭ. އެ އަގު މާ ކުޑައީ. އެއީ ދިހަ ކިލޯ މީޓަރު، ގިނަ މީހުން ހިތްހަމަނުޖެހޭ އަގާ މެދު،" އޭނާ ބުންޏެވެ.

އެ ޑްރައިވަރު ބުނީ ޓްރާންސްޕޯޓުން އަގެއް ކަނޑައެޅި ނަމަވެސް ޑްރައިވަރުން ދަތުރަކަށް 100ރ. ނަގާ ކަމަށެވެ.

ބްރިޖް ހުރަސްކޮށް މާލެއަށް ޓެކްސީއެއް ދަތުރުކުރަނީ: ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ދަތުރުނުކުރާނެ ކަމަށް ޓެކްސީ ޑްރައިވަރުން ބުނޭ.

"ރަސްމީ އަގަކަށް ދަތުރެއް ނުކުރާނެ. އަގުތައް ކަނޑައެޅުމުގެ ކުރިން އަޅުގަނޑުމެންނާ މަޝްވަރާކޮށްލަން ވެސް ޖެހޭނެ. އެ އަގަކީ މާ ކުޑަ އަގެއް،" އެ މީހާ ބުންޏެވެ.

ރަސަލް ޓެކްސީ ނުވަތަ 1919 އިން ބުނީ ޓްރާންސްޕޯޓުން އަގު ކަނޑައެޅި ނަމަވެސް މާލެއިން ހުޅުމާލެ އަށް ދަތުރުކަށް 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއް ނަގާ ކަމަށެވެ.

"ޑްރައިވަރުން ބުނަނީ ޓްރާންސްޕޯޓުގެ އަގަކަށް ނުދާނަމޭ. ސެންޓަރުން އެންގުމުން ވެސް ބުނީ ނުކޮށް ތިބޭނީއޭ،" އެތަނުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ސެންޓަރުގެ އެހެން މީހަކު ބުނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ދަތުރުކުރަން ޑްރައިވަރުންނަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ސެންޓަރުތަކުން ދަތުރުނުކުރާ ނަމަ، އެ މައްސަލަ ހައްލުކުރުމުގެ ބާރު އޮތީ ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނަގާ ނަމަ އާއްމުން ހިތްހަމައެއް ނުޖެހޭނެ އެވެ.