އަބުރު ގެއްލެނީ އާންމު މީހާގެ، އެކަމަކު މާލީ ބޮޑު ފައިދާ ދައުލަތަށް؟

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދުގައި ފާސްކުރި ބިލަށް އެކި ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށް ވެސް އެ އޮތީ ފާސްކޮށްފަ އެވެ. ނޫސްވެރިންނާއި ކަމާ ބެހޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދީ އެ ބިލް ފާސްކުރީ އެވެ. ދެން ރައީސް އެ ބިލް ތަސްދީގުކުރެއްވުމުން އެއަށް އަމަލުކުރަން ފަށާނެ އެވެ.


އެ ބިލް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު ހުރި ހަމަނުޖެހޭ ކަންކަން ބިލް އިއްޔެ ފާސްކުރިއިރު ވެސް އޮތީ އެގޮތަށެވެ. ނުވަތަ އެއަށް ވުރެ ވެސް ގޯސްކޮށެވެ. އޭގެ ތެރެއިން ޖޫރިމަނާއާ ބެހޭ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ.

ޖަލަށް ލަނީ ޖޫރިމަނާ ނުދެއްކުމުން، އަބުރުގެ ބަދަލު ނުދެއްކިޔަސް ޖަލަކަށް ނުލާ!

އެ ބިލަށް ތާއީދުކުރި މީހުން ވެސް އެންމެ ހަރު އަޑުން ދައްކާ ވާހަކައަކީ އެއީ ވަކި ބައެއްގެ އަބުރު ހިމާޔަތް ކުރުން ނޫން ކަމަށާއި އާންމު ރައްޔިތުންގެ ވެސް އަބުރު ރައްކާތެރިކުރާ ބިލެއް ކަމަށެވެ. އެކަމަކު އެ ބިލު އޮތީ އާންމު ރައްޔިތު މީހާގެ އަބުރު ރައްކާތެރިކުރުމަށް ވުރެ ބޮޑަށް ދައުލަތަށް ފައިދާތަކެއް ލިބޭ ގޮތަށެވެ.

މީހެއްގެ އަބުރާ ބެހިއްޖެ ނަމަ .50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި އޮތަސް އަބުރު ގެއްލޭ މީހާއަށް އޭގެ ހިތްހަމަޖެހުމެއް ނެތެވެ. އެހެނީ އެއީ ދައުލަތަށް ދައްކަން ޖެހޭ އެއްޗެކެވެ. އަބުރު ގެއްލޭ މީހާއަށް ލިބޭނީ އެޓާނީ ޖެނެރަލް އެކަމަށް ހަދާ ގަވާއިދަކުން ކަނޑަޅާ މިންވަރެކެވެ. ސުވާލަކީ އާންމު މީހެއްގެ އަބުރު ގެއްލުމުން އެކަމުން ދައުލަތަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟. އެއިން ދައުލަތަށް އިތުރު މާލީ ފައިދާތަކެއް ލިބެން ޖެހެނީ ކީއްވެގެންތޯ އެވެ؟

މިވަރުން ނިމުނީކީ ނޫނެވެ. އެ ބިލް އޮތް ގޮތުން އަބުރުގެ މައްސަލަތަކުގައި ޖަލަށް ދާން ޖެހޭނީ ދައުލަތަށް ދައްކަން ޖެހޭ ބޮޑު ޖޫރިމަނާ ނުދެއްކުމުންނެވެ. އަބުރު ގެއްލޭ މީހާއަށް ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ މިންވަރު ނުދެއްކިޔަސް ޖަލަށް ދާކަށް ނުޖެހެ އެވެ. މާނައަކީ އަބުރު ގެއްލޭ މީހާއަށް ދައްކަން ކޯޓުން ކަނޑައަޅާފައިވާ ބަދަލު ނުލިބިއްޖެ ނަމަ އެ މީހަކަށް އެ ފައިސާ ލިބޭނީ ހަމަ މިހާރު ވެސް އޮންނަ ގޮތަށް މަދަނީ ވަކި މައްސަލައެއްގެ ގޮތުގައި މަދަނީ މައްސަލަ ބަލާ ކޯޓަކަށް ހުށަހެޅުމުން ކަމެވެ.

މީގެ އިތުރުން ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ ނުދައްކާ ނަމަ އެ މައްސަލަ އިސްތިއުނާފް ނުކުރެވޭ ގޮތަށް އޮތަސް އަބުރު ގެއްލޭ މީހާއަށް ކޯޓުން ނަގައިދޭ ބަދަލު އެ މީހާއަށް ދެއްކުމެއް ނެތި ވެސް އެ ބައި އިސްތިއުނާފް ކުރަން ހުރަހެއް ނެތެވެ. ކުރުކޮށް ބުނާ ނަމަ އާންމު ރައްޔިތު މީހާގެ އަބުރު ރައްކާތެރި ކުރުމުގެ މަގްސަދުގައި ފާސްކުރި ބިލެއްގައި މުޅިން ވެސް މިއޮތީ ދައުލަތަށް މާލީ ފައިދާ ވާ ގޮތަށެވެ.

ބިލު ދިރާސާކުރި ކޮމެޓީގެ މެމްބަރުން: ކޮމެޓީ މަރުހަލާގައި ބޮޑެތި ބަދަލުތަކެއް ގެނައި -- ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު

"އެހެން ގައުމުތަކުގައި ޓެކްސް މައްސަލަތަކުގައި އަމަލުކުރާ އުސޫލު ފަދަ ހަރުކަށި އުސޫލެއް ރާއްޖޭގައި މި ހަދަނީ އާންމުންގެ އަބުރު ރައްކާތެރިކުރާށޭ ކިޔާފައި. އޭގެ ހުރިހާ ފައިދާއެއް ދައުލަތުން މި ނަގަނީ. އާންމު މީހާގެ އަބުރު ގެއްލުނީމަ ދައުލަތަށް ކޮން ފައިސާއެއްތޯ މި ދޭން ޖެހޭނީ؟ އާންމު މީހާގެ އަބުރު ބޭނުންކޮށްގެން ދައުލަތުން ވިޔަފާރިއެއް ކުރަނީހެން ހީވަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އާންމު މީހާގެ އަބުރު ގެއްލުމުން އެކަމުން ދައުލަތަށް ލިބެން ޖެހޭ މިންވަރު އެ ގާނޫނުގައި ހިމަނާފައި އޮތަސް އާންމު މީހާއަށް އަބުރުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭނެ މިންވަރެއް ނެތެވެ. އެ ބިލް ބުނާ ގޮތުން އަބުރު ގެއްލުނު މީހާއަށް ނަގައިދެވޭނެ ބަދަލުގެ މިންވަރު ކަނޑައަޅާނީ އެޓާނީ ޖެނެރަލް ހަދާ ގަވާއިދަކުންނެވެ.

އެ ބިލް ބުނާ ގޮތުން އަބުރާ ބެހިގެން ކުރާ ޖޫރިމަނާ ހުކުމާ އެއްގޮތަށް ނުދައްކައިފި ނަމަ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޖިނާއީ މައްސަލަ ބަލާ ކޯޓަކަށް ޕީޖީން އެ މައްސަލަ ފޮނުވަން ޖެހޭނެ އެވެ. މިއީ ޔަގީނުން ވެސް ފުލުހުންނާއި ޕީޖީ އޮފީހާއި އަދި ޖިނާއީ މައްސަލަ ބަލާ ކޯޓުތަކަށް ވެސް އަންނާނެ އިތުރު ބުރައެކެވެ.

އޭގެ ބަދަލުގައި، މިހާރު ވެސް އޮންނަ ގޮތަށް ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން މަދަނީ މައްސަލައެއްގެ ގޮތުގައި އެކަމަށް ފިޔަވަޅު އަޅާ ނަމަ ޕީޖީ އާއި ޖިނާއީ މައްސަލަ ބަލާ ކޯޓުތަކަށް އެ ބުރަ އުފުލާކަށް ނުޖެހޭނެ އެވެ.

ޖޫރިމަނާ ނުދެއްކުމުން ޖަލަށް ލީމަ ނިމުނީ، ޖޫރިމަނާ އަށް ހޯދޭނެ ގޮތެއް ނެތް؟!

ދެން އޮތީ އެހެން މައްސަލައެކެވެ. އެ ބިލް ބުނާ ގޮތުން ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ މީހުންނަށް ވަކި ދައުވާއެއް އުފުލައި، ޖަލަށް ލުމުން ނިމުނީ އެވެ. ދެން އެ ޖޫރިމަނާ ހޯދޭނެ އެހެން ގޮތެއް އެ ބިލްގައި ބަޔާންކޮށްފައެއް ނެތެވެ. ޖަލު ހުކުމް ތަންފީޒުކޮށް ނިމުމަށް ފަހު އެ ޖޫރިމަނާ ދައްކަން ޖެހޭ ކަން ނުވަތަ ނޫން ކަން ވެސް ނެތެވެ. އެ ޖޫރިމަނާ އަކީ ސާބިތު ދަރަންޏަކަށް ވާނެ ކަން ނުވަތަ ނޫން ކަމެއް ވެސް އެ ބިލުން އެނގޭކަށް ނެތެވެ.

"އެހާ ބޮޑެތި ޖޫރިމަނާތަކެއް އެހެރީ ބަޔާންކޮށްފައި. މިސާލަކަށް ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާ މީހާއަށް ފަސޭހަވެދާނެ އެ ބޮޑު ޖޫރިމަނާ ދެއްކުމަށް ވުރެ ހަ މަހަށް ޖަލަށް ދިއުން ވެސް،" އެ ވަކީލް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލު ދިރާސާކުރި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގާނޫނެއްގެ މަގްސަދަކީ މީހުން ޖަލަށް ލައި ބަންދުކުރުން ކަމަށް ވެގެން ނުވާނެ އެވެ. ގާނޫނުގެ މަގްސަދު އޮންނަންވާނީ ނޭދެވޭ ނުވަތަ ގޯސްކޮށް ހިނގާ ކަންކަން ހުއްޓުވުން ނުވަތަ ހުއްޓުވަން ބާރު އެޅުމެވެ. އެހެންވެ ޖޫރިމަނާ ނުދައްކާ ނަމަ ހަދަންވީ އެ ޖޫރިމަނާ ހޯދޭނެ އުސޫލެކެވެ. ނުވަތަ މީހަކަށް ދެއްކޭނެ ވަރުގެ ޖޫރިމަނާއަކަށް ބަދަލުކުރުމެވެ. އޭގެ ބަދަލުގައި ވަކި ޖިނާއީ ދައުވާއެއް އުފުލައި، އެ މީހަކު ޖަލަށް ލުމަކީ ހައްލެއް ކަމަކަށް ނުބެލެވެ އެވެ.

"ޖޫރިމަނާ ދައްކަން ބާރު އެޅުން ނުވަތަ ޖޫރިމަނާ ހޯދުން މަގްސަދަކަށް ވާން ޖެހޭނީ. އެކަން ކުރެވޭނެ ކޮންމެހެން ވަކި ޖިނާއީ ކުށަކަށް ނެހެދިޔަސް. ޖޫރިމަނާ ނުދެއްކުން އެއީ ވަކި ކުށަކަށް ހެދުމުގެ އެއްވެސް ބޭނުމެއް ނުފެނޭ. ކިތަންމެ މައްސަލައެއްގައި ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ އެބަތިބި. ކީއްވެތޯ އެ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރަނީ؟." ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

ޖަލަށް ލަނީ ހަމައެކަނި އަބުރުގެ ޖޫރިމަނާ ނުދެއްކުމުން

ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެކަން ވަކި ޖިނާއީ ކުށަކަށް ބަދަލުވެ، ތިން މަހާއި ހަ މަހާއދެމެދުގެ މުއްދަތަކަށް ޖަލަށް ދާން ޖެހޭ ގޮތަށް ބިލުގައި އޮތްއިރު މިއީ ވެސް އަރަތެއް ކަހަލަ ކަމެކެވެ. ޖިނާއީ މައްސަލަތަކުގައި މިިހާރު ވެސް އެތައް ބަޔަކު ޖޫރިމަނާ ނުދައްކާ އެބަ ތިއްބެވެ. މިސާލެއްގެ ގޮތުން މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލަމާ ހިނގާށެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ޕެޑްލް ކުރުމާއި އެތެރެކުރުމަކީ މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާ ކުރެވެމުން އަންނަ މައްސަލަތަކެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި ޖޫރިމަނާ ކުރިޔަސް އެ ޖޫރިމަނާ ދައްކާފައިވަނީ ނިސްބަތުން ވަރަށް މަދު ބައެކެވެ. ޖިނާއީ މައްސަލަތަކުގައި ހަމައެކަނި ކްރިމިނަލް ކޯޓުން ކުރި ޖޫރިމަނާގެ ތެރެއިން ވެސް އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ނުލިބި އޮތެވެ.

އެކަމަކު އެ ޖޫރިމަނާތައް ނުދައްކާ މީހުންނާ މެދު ކުރެވޭނެ ކަމެއް ނެތެވެ. އެ ޖޫރިމަނާ ހޯދަން އެޅޭ ފިޔަވަޅެއް ވެސް ގާނޫނެއްގައި މިހާތަނަށް ބަޔާންކޮށްފައެއް ނެތެވެ. އަދި ޖޫރިމަނާ ނުދެއްކުމުން އެކަން ޖިނާއީ ވަކި ކުށަކަށް ބަދަލެއް ވެސް ނުވެ އެވެ. ނުވިތާކަށް އަދަބު އިތުރަށް ބޮޑެއް ވެސް ނުވެ އެވެ. އެކަމަކު އަބުރުގެ ބިލުގައި އޮތީ އޭގެ އިދިކޮޅަށެވެ. އެކަން ވަކި ކުށަކަށް ވާ ގޮތަށެވެ.

މިއީ އަބުރާ ބެހުމަށް ވުރެ މާ ސީރިއަސް މައްސަލަތަކުގައި ޖޫރިމަނާ ނުދެއްކުމުން މިހާތަނަށް އަމަލުކޮށްފައި ނެތް އުސޫލެކެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގައި އެންމެ ހަރުކަށި އުސޫލެއް ރާއްޖޭގައި އޮންނަނީ ޓެކްސް ފައިސާގެ މައްސަލަތަކުގަ އެވެ. އެ ބާވަތުގެ މައްސަލަތަކުގައި ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އޮންނަނީ އެކައުންޓް ފްރީޒްކޮށްގެން ފައިސާ ނެގުމާއި ދައުލަތުން އެ މީހަކަށް ދޭ ޚިދުމަތްތައް ހުއްޓާލުން ފަދަ އިދާރީ ފިޔަވަޅުތަކެވެ. އެކަން ޖިނާއީ ވަކި ކުށަކަށް ބަދަލުކޮށް، ޖަލަށް ލުމުގެ އުސޫލެއް ނޯވެ އެވެ.

ހައްލަކީ ކޮބާ؟

އެ ބިލްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ބޮޑު ޖޫރިމަނާ ނުދެއްކުމަކީ ޖިނާއީ ވަކި ކުށެއްގެ ގޮތުގައި ބިލުގައި އޮންނަ އޮތުން އުވާލަންވީ އެވެ. އޭގެ ބަދަލުގައި އެ ފައިސާ ދައުލަތަށް ލިބޭނެ ގޮތް ހަދަން މަދަނީ ވަކި ދައުވާއެއް ދައުލަތުން ކުރާ ގޮތަށް ނުވަތަ މަދަނީ މައްސަލަ ބަލާ ކޯޓަކުން އިސްވެ ނަމަވެސް އެ ފައިސާ ދައުލަތަށް ހޯދޭނެ ގޮތް ހަމަޖެއްސިދާނެ އެވެ. މީގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ތަންކޮޅަކީ ދެއްކޭ ވަރުގެ ޖޫރިމަނާއަކަށް ބަދަލުކުރުމެވެ. އަނެއްކޮޅުން އާންމު ރައްޔިތު މީހާގެ އަބުރު ގެއްލުމުން ދައުލަތަށް ޖޫރިމަނާ ދައްކަން ޖެހޭ ގޮތަށް އޮންނަ އޮތުން ވެސް އުވާލަންވީ އެވެ.

ޖޫރިމަނާ ނުދެއްކުމަކީ ޖިނާއީ ވަކި ކުށަކަށް ހަދަން ބޭނުން ނަމަ ޖިނާއީ އެހެން މައްސަލަތަކުގައި ވެސް ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ މީހުންނަށް ޖިނާއީ ދައުވާ ކުރާ ގޮތަށް ހަމަޖައްސާށެވެ. ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދެއްކުމުން ޖަލަށް ދާން ޖެހޭނީ ހަމައެކަނި އަބުރާ ބެހޭ މީހުންނެއް ނޫނެވެ. ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ އުސޫލުގެ ދަށުން އެންމެންނާ މެދު އެއް ހަމަޔަކުން އަމަލު ކުރެވެން ޖެހޭނެ އެވެ.