ރިޕޯޓް / ހުޅުމާލެ

ހުޅުމާލޭގެ ފުރަތަމަ ރަށްވެހިންގެ ހަނދާންތައް

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ ކުރީކޮޅު، އެ އަވަށުގައި ބޭއްވި ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ: އެޗްޑީސީ

މިއަދު އައިމިނަތު ހުސެން، އޭނާގެ އާއިލާއާ އެކު ހުޅުމާލޭން މާލެ އެ ދަނީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް ހުރަސްކޮށް، ބަހުގަ އެވެ. އެކަމަކު މާލޭގެ މަލަމަތި ފެނުމާ އެކު، އޭނާގެ ހަނދާނަށް އަންނަނީ މީގެ 14 އަހަރު ކުރި އެވެ. މާލޭގެ މަސްވެރިންގެ މައިޒާނުގައި ހަދާފައި ހުރި ކުޑަކުޑަ "ޓާމިނަލަކުން" ޓިކެޓް ގަނެގެން، ހުޅުމާލެއަށް ކުރި ދަތުރުތަކެވެ. ހިއްކާފައިވާ ރަށަށް ފެރީ މަޑުކުރުމުން، ގަހެއްގެ ހިޔާކޮޅެއްހާ ހިސާބު ވެސް ނެތް މަގުތަކުން ހިނގާފައި ފްލެޓަށް ދާ ހަނދާނެވެ.

މިއަދު ބްރިޖް އެޅުމުން، "ވޫސް" އަޅުވަމުން އެތައް ބަޔަކު ހުޅުމާލެއަށް ދަތުރު ކުރަމުން ދާއިރު، ކުރިން އުފުލި ބުރަ އާއި މިހާރު ލިބުނު ފަސޭހަ އެންމެ ރަނގަޅަށް ތަސައްވުރު ކުރެވޭނީ އައިމިނަތު ފަދަ މީހުންނަށެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އެޅި ފްލެޓްތައް-- ފޮޓޯ: އެޗްޑީސީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެޕްރީލް 2004 ގައި، ހުޅުމާލޭގައި މީހުން އާބާދުވުން ރަސްމީކޮށް ފައްޓަވައިދެއްވި އިރު، އެތަނަށް ހިޖުރަކުރީ 100 އެއްހާ މީހުންނެވެ. އެންމެ ފުރަތަމަ އެޅި، 250 ފްލެޓުން ޖާގަ ލިބިގެން ހުޅުމާލެއަށް ބަދަލުވި، އައިމިނަތާ ދިމާލަށް އޭރު މީހުން ބުނެއުޅުނީ މިހެންނެވެ:

"ތިއައީ މޮޔައެއް ހެއްޔެވެ؟ އެތައް އަހަރެއް ވީއިރު ވިލިމާލެ ތަރައްގީ ނުވި އިރު، ތިޔަތަން ވަކި ތަރައްގީ ވާނެ ހެއްޔެވެ؟ ތިޔަ ދަނީ ހަމަ ހަނަފަސް ސަހަރާއެއްގައި ދިރިއުޅޭށެވެ."

އެއީ ތެދެކެވެ. ފަރުކޮޅުފުށި (ކްލަބް މެޑް ރިސޯޓް ހިންގި ރަށް) ފަޅު ހިއްކައިގެން ހުޅުމާލެ ފުރަތަމަ ހެދި އިރު އެތަން ސިފަކުރެވުނީ، އައިމިނަތުގެ ވެސް ބަހުން ނަމަ، "ހަނަފަސް ސަހަރާއެއް"ގެ ގޮތުގަ އެވެ. ދެ ފޫޓެއްހާ ދިގަށް ހެދިފައި ހުރި މަގޫ ގަސްތަކާއި، އަތިރިމަތީގައި ޖަހާފައި ހުރި، ކުރިމަރުވެފައިވާ ރުއްތައް ފިޔަވައި އިތުރު ފެހިކަމެއް އެތަނުގައި ނެތެވެ. މީހުން މަދުކަމާ އެކު، ފެރީ އޮންނަނީ ކޮންމެ ގަޑިއިރަކުން ނުވަތަ ދެ ގަޑިއިރަކުންނެވެ. ރަށުގައި ދުއްވާނެ ވެހިކަލެއް ނޯވެ އެވެ. ކިތަންމެ ހޫނު ގަދަޔަސް، ބޯކޮށް ވާރޭ ވެހުނަސް ފެރީއަށް އަރަން ދާން ޖެހެނީ ހިނގާފަ އެވެ.

ހުޅުމާލެ އާބާދުވުމުގެ ކުރިން، 2003 ވަނަ އަހަރު އެ އަވަށުގެ އަތިރިމަތީގައި އިންދާފައި ހުރި ރުއްތަކެއް-- ފޮޓޯ: އެޗްޑީސީ

މިއީ އައިމިނަތާ އެކު ހުޅުމާލެއަށް އެންމެ ފުރަތަމަ ހިޖުރަކުރި 100 މީހުންގެ ވެސް ދިރިއުޅުމެވެ.

އެކަމަކު މިދިއަ 10 އަހަރުގެ ތެރޭގައި ހުޅުމާލެއަށް އައިސްފައި ވަނީ، އޭރު އެއްވެސް މީހަކު ހީކޮށްފައިނުވާ ފަދަ، ތަރައްގީއެކެވެ. ގަސްތައް ގިނަވެ، ރަށުގެ ބޮޑު ބައެއް ފެހިވެފަ އެވެ. ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފަ އެވެ.

ހުޅުމާލޭގައި ފުރަތަމަ އެޅި ފްލެޓްތައް ލިބުނު ބައެއް މީހުން އޭރު އެތަން އޮތް ގޮތުން ދިރިއުޅުން ބަދަލުކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ އޭރު ގިނަ ފްލެޓްތައް ހުރީ ހުހަށެވެ. ނޫނީ ކޮންމެވެސް ބަޔަކަށް ހެޔޮ އަގެއްގައި ކުއްޔަށް ދީފަ އެވެ.

އައިމިނަތަށް ބޯހިޔާވަހިކަން ލިބުނީ ނެއިބަހުޑް އެކެއްގެ ފްލެޓަކުންނެވެ. އާމްދަނީ ހޯދަން ގޭގައި އިނދެގެން ފަހަން ފެށި ނަމަވެސް، ގޮންޖެހުންތަކެއް ހުއްޓެވެ. އެކަމަކު އެއަށް ވުރެ ބޮޑު ކަމަކަށް ވީ، އޭނާގެ މަސައްކަތަށް ބޭނުންވާ ކިތަންމެ ކުޑައެއްޗެއް ގަންނަން ބޭނުންވިޔަސް މާލެ ދާން ޖެހުމެވެ. ތިނޯހެއް ގަންނަން ވިޔަސް، ބަރަންޏެއް ހޯދަން ވިޔަސް ކަމާކަން ފަށައި، ކަނޑު ދަތުރެއް ކުރަން ޖެހުނެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުމާއެކު، ކުރީގެ ރައީސް މައުމޫން އެ އަވަށް ބައްލަވާލައްވަން ވަޑައިގަންނަވަނީ-- ފޮޓޯ: އެޗްޑީސީ

"އޭރު ހުންނާނީ ހަމަ އެންމެ ފިހާރައެއް. އެކަމަކު އެތަނުން ވެސް ލިބެން ހުންނާނީ ހަނޑުލާއި ފުށް ފަދަ އެންމެ އަސާސީ އެއްޗެހި. މަސް ވިއްކާ ތަނެއް ނުހުރޭ. ދެން ކިތަންމެ ކުޑައެއްޗެއް ގަންނަން ޖެހުނަސް ޖެހޭނީ މާލެ ދާން. އެ ހެޔޮ ތިނޯހެއް ގަންނަން ވިޔަސް" އައިމިނަތުގެ ތަޖުރިބާ ކިޔައިދިނެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ މީހުން އާބާދުވި އިރު، އެމްޓީސީސީން ހިންގާ ފެރީ ޓާމިނަލް ހުންނަނީ މިހާރު އަޅަމުން އަންނަ ބޮޑު އިންޖީނުގެއާ ކައިރީގަ އެވެ. އެއީ އެންމެ ފުރަތަމަ މީހުން އާބާދުކުރި ހިސާބަށް ބަލާ ނަމަ ރަށުގެ އެއް ކޮޅެވެ. ބަހެއް ނޫނީ ޓެކްސީއެއް ނޯންނާތީ އެ ހިސާބަށް ދާން ޖެހެނީ ހިނގާފަ އެވެ.

ހޮޓަލަކާއި ފިހާރައެއްގެ އިތުރުން ހޮސްޕިޓަލެއް ހުރި ނަމަވެސް، ހޫނު ގަދަވުމުގެ ސަބަބުން އޭރު ދުވާލު ވަގުތު މަގެއްގެ މަތިން މީހަކު ނުފެނެ އެވެ. މުޅި ސަރަހައްދު އޮންނަނީ ފަޅަށެވެ.

ހުޅުމާލޭގެ އަތިރިމަތި 2004 އަހަރު -- ފޮޓޯ: އެޗްޑީސީ

މިއީ 2004ގެ ފަހުކޮޅު، ހުޅުމާލެއަށް ބަދަލުވި އަލީ ސަމާހުގެ ވެސް ތަޖުރިބާ އެވެ. އޭރު މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ސަމާހު ހުޅުމާލެ ސިފަކުރީ، "ވެލީގެ ފަރުބަދަތައް ހުރި ހަނަފަސް ސަހަރާއެއް"ގެ ގޮތުގަ އެވެ. އަދި ރޭގަނޑު ވަގުތުގައި، އެއްވެސް އަލިކަމެއް ނެތް ހުސް ބިމެއްގެ ގޮތުގަ އެވެ.

"ހޮސްޕިޓަލްގެ ބިއްދޮށުގައި ވެސް އޮންނާނީ ވެލިފުނިތައް. ފެރީ ޓާމިނަލުން ފަށައިގެން ފްލެޓްތަކާ ހަމައަށް، މަގުމަތީގައި ހޮޅިބުރި ޖަހައި އަލިކޮށްފައި ހުރި ނަމަވެސް، އެހެން ތަނެއްގައި އެއްވެސް އަލިކަމެއް ނުހުންނާނެ،" ސަމާހު ކިޔައިދިނެވެ.

"ނެއިބަހުޑް ފްލެޓްތަކުގައި އުޅޭ މީހުން ފިޔަވައި އިތުރު ބައެއް މުޅި ހުޅުމާލޭގައި ވެސް ނޫޅޭނެ."

އާއިލާއާ އެކު އޭނާ ހުޅުމާލެއަށް ބަދަލުވީ، ދެ ކޮޓަރި އާއި ބަގީޗާއެއް ހިމެނޭ އެޕާޓްމެންޓެއް، 5،000 ރުފިޔާއަށް ކުއްޔަށް ނަގައިގެންނެވެ. އެ އަގަށް ވެސް ގިނަ ބަޔަކު އޭރު ހުޅުމާލެ ބަދަލުވާން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތް ކުރި ފްލެޓްތައް-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ އާބާދުކުރީ ފަރީދިއްޔާ ސްކޫލާ އެކީގައި ކަމަށް ވުމުން، އެ ރަށަށް ބަދަލުވި ގިނަ ކުދިން ކިޔަވަން ދިޔައީ އެ ސްކޫލަށެވެ. މާލެއަށް އައީ ސަމާހު ފަދަ، މަދު ދަރިވަރުންތަކެކެވެ.

އޭނާ ބުނީ ފެރީގެ ދަތުރުތައް އޮންނަ ގޮތުން ހެނދުނު ގަޑި ނުޖެހި ސްކޫލަށް ދިޔުމަށް، ފަތިހު 5:30ގެ ފެރީއަށް އަރަން ޖެހޭ ކަމަށެވެ. އެކަމަކު އެ ވަގުތު ފެރީގައި ތިބެނީ މާލެއަށް ސްކޫލަށް ދާ ފަސްވަރަކަށް ކުދިން އެކަނި ކަމަށް ބުންޏެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އާބާދުވި މީހުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ފަރުވާ އެވެ. ހޮސްޕިޓަލެއް ހުރި ނަމަވެސް، އެތަނުގައި ވަސީލަތްތަކެއް ނެތެވެ. އޭރު ސީއެމްބިއުލާންސް ވެސް ނޯންނާތީ، އެ މީހަކު މާލެ ގެންދަން ޖެހެނީ، ފެރީ އޮންނަ ވަގުތަކާ ދިމާކޮށެވެ. އެކަމަކު ސަމާހު ބުނިގޮތުގައި އޭރު ހުޅުމާލޭގައި ތިބި ފުލުހުންގެ އެހީތެރިކަން އެ މީހުންނަށް ވަރަށް ބޮޑަށް ލިބުނެވެ.

"އިމަޖެންސީ ހާލަތެއް ދިމާވުމުން އަޅުގަނޑުމެން ދަނީ ޕޮލިސް ސްޓޭޝަނަށް. އެތަނުގައި އޮންނަ ލޯޯންޗުގައި މާލެއަށް އެ މީހަކު ގެންގޮސްދޭ،" އޭނާ ބުންޏެވެ.

ހުޅުމާލޭގެ މަގެއްގެ މަތި 2004 ވަނަ އަހަރު-- ފޮޓޯ: އެޗްޑީސީ

އައިމިނަތު ބުނިގޮތުގައި މިދިޔަ އަހަރާ ހަމައަށް، ހުޅުމާލޭ ހޮސްޕިޓަލުން ރަނގަޅު ސިއްހީ ހިދުމަތްތަކެއް ނުލިބެ އެވެ. އެހެންވެ، ބޭސް ފަރުވާގެ ކަންކަމުގައި އެންމެންހެން ބަރޯސާވެފައި އޮންނަނީ މާލެއަށް ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ އާބާދުވިތާ ފުރަތަމަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެތަނުގައި މީހުން ދިރިއުޅުނީ އުނދަގުލުގަ އެވެ. އެކަމަކު އޭގެ ފަހުން ގިނަ ބަޔަކު އެ އަވަށަށް ހިޖުރަކުރަން ފެށުމާ އެކު، ވިޔަފާރިތަކާއި ހިދުމަތްތައް ހީނުކުރާ ސްޕީޑުގައި ކުރިއަރައި ދާން ފެށި އެވެ. ފްލެޓްތަކާއި ގެތައް އިތުރުވެ، ކޮންމެ އަހަރަކު ވެސް އެ އަވަށުގެ އާބާދީ ހާހުން މައްޗަށް އެރި އެވެ.

އެންމެ 100 މީހުންނާ އެކު އާބާދުކުރި އެތަނުގައި 14 އަހަރު ފަހުން، ބައި ލައްކައެއްހާ މީހުން ދިރިއުޅެ އެވެ. އެ ރަށުގައި މިހާރު ހިންގަމުން އަންނަ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ނިމުމުން، އަންނަ އަހަރު އެ އަދަދު ދެ ގުނަވާނެ ކަމަށް ބެލެވެ އެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިއިރު އެތަން އޮތްގޮތުގެ ފޮޓޯއެއް-- ފޮޓޯ: އެޗްޑީސީ

އެ ތަރައްގީ އައިމިނަތަށް ސިފަކުރެވުނީ ހުވަފެނެއް ފަދައިންނެވެ. އޭނާ އެ ބަދަލުތައް މިހާރު ފެންނަނީ "ލޯ މަރާލާފައި ހުޅުވާލާހާ އަވަހަށް" އައިސް އޮތް ތަނެވެ. އެހާ ވެސް ބޮޑެތި ބަދަލުތަކެއް، ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި އައި ކަމަށް ގަބޫލުކުރެ އެވެ.

އެކަމަކު އެ ތަރައްގީއާ އެއްގޮތަށް ގޯސް ކަންކަން ވެސް ހުޅުމާލެއިން ފެނެ އެވެ. އެންމެ ބޮޑު ޝަކުވާ އަކީ، ކުރިން އޮތް އަމާންކަމާއި ހަމަޖެހުން ނެތެމުން ދިޔުމެވެ.

ހަލަބޮލި މާލެ ދޫކޮށް، އައިމިނަތާއި ސަމާހު ފަދަ މީހުން، ހިދުމަތްތައް މަދު ހުޅުމާލެއަށް ބަދަލުވީ އެ ހިތްހަމަޖެހުން ހޯދާށެވެ. އެ މީހުން އަދިވެސް އުއްމީދުކުރަނީ، ބްރިޖް ފަދަ ފަސޭހަތަކާ އެކު އެ ހަމަޖެހުން ވެސް އަނބުރާ އަންނާނެ ކަމަށެވެ.

"ވަރަށް ހާލުގައި ކުރިން އުޅުނީ. ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި. އެކަމަކު މިހާރު ވަރަށް އުފާވޭ، މާލޭން ލިބެން ހުރި އެ ފަސޭހަތައް ދޫކޮށްލާފައި މިތަނަށް ބަދަލުވެވުނީތީ،" އައިމިނަތު ބުންޏެވެ.

އެކަމަކު ބުރިޖުގެ ފަސޭހައާ އެކު ހުޅުމާލޭގެ ހިމޭންކަން މިހާރު ވަނީ ނެތިފަ އެވެ. ކުރިން ބޮޑު ކަމަށް ބެލެވުނު މަގުތައް، މާލެއިން އަންނަ ވެހިކަލްތަކުން، ބަައެއް ގަޑިގަޑީގައި މިހާރު އޮންނަނީ ތޮއްޖެހިފަ އެވެ.

ތަރައްގީއާ އެކު މި ހުރިހާ ކަމެއް ވެސް މި ޖެހެނީ ތަޖުރިބާކުރާށެވެ.

14 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 4%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޕާ

18 September 2018

އެންމެ ފުރަތަމަ ކަމަކަށް ހުޅުމާލެއަކީ ތޮއްނުޖެހޭނެ ތަނެތް ކަމަށް ވިސްނުމަކީ ގޯހެއް.... ހުޅުމާލެ ހިިއްކީ މާލެގަ މީހުން މަދުކުރަން....

The name is already taken The name is available. Register?

ޙިނި

18 September 2018

މަބުނީ މިހާތަނައް އައިއިރު ބިންހިއްކަން ކަޑައް ކިހާ ފައިސާ އެއް އެޅިއްޖބާ، ރާއްޖޭގައި ބޮޑެތި ރައް ރައް އޮއްވައި މީ ކުރާން ހެޔޮނުވާވަރުކަމެއް. ޢިސްރާފު

The name is already taken The name is available. Register?

ހަސަން8

18 September 2018

ބުރިޖު އަޅައިގެން... އަދި ދެވަނަ ފޭސް ހިއްކައިގެން ވާން އޮތް ތަަރައްގީއެއްވާނީ ކުރިއައް އޮތް ތަނުގަ.... މިހާރު ވެފަ ތިވާ ތަރައްގީއަކީ ޔާމިނުގެ ދުރު ވިސްނުމެތްނޫން...

The name is already taken The name is available. Register?

hulhulemeeha

18 September 2018

ކޮބާހޭ ހުޅުލެ ގަ ފުރަތަމަ އުޅުން ރަށްވެހިންނަށް ހެދި ގޮތް ކާކު ދެނަހުރީ ، މާލެ ގެނެސް ބަދަލުނުދީ އުކާލުމުން ބިކަވި ގޮތައް ބޮޑު އާއިލާއެއް ދިރި މިއުޅެނީ ، ފުރަތަމަ ދަފްތަރު އުފެދުނީ އަހަރުމެން ޖައްސަން. އަދި އަދައްވެސް އިންސާފު ލިބިދީފަނުވޭ. ކޮންމެ ސަރުކާރެއްގަ އާދޭސްކުރަމުން މިދަނީ އަހަރުމެންގެ ހައްގު ދޭށޭ ، މައްސަލަޔަކީ ސިޔާސީ ޕޯޑިއަމް ތަކައްއަރާ ހާޅެއް ނުލަވާތީ. ހައްގަކީ ސިޔާސީ ބޭފުޅުންގެ އެކަނި އެއްޗެއްފަދަ.

The name is already taken The name is available. Register?

ހަގީގަތް5

18 September 2018

އަސްލު ހުޅުމާލޭގަ ރުއްގަސް އިންދާ ރަށަށް ދިރުން ގެނަސް ދިނީ އެޗްޑީސީއެއް ނޫން... އަހަރެމެން އޮފީސް މީހުން 100 ގަސް .. ހިލޭ ސާބަހަށް.. އަނެއް އޮފީސް މީހުން 50 ގަސް.. ރަތްދަކަ އަވީގަ.. ސްކޫލްތައް 300 ގަސް... ބެލެނިވެރިން ގެ ހިތްވަރުން... ކޮބާ މިކަން ހަނދާން ހުރީ ކޮންބައެއްބާ؟؟ ރައްޔިތުން ނިކުމެ މިކަން ކުރީ ޤައުމީ ލޯބީގަ.. އެކަމަކު 5 މިލިއަނަށް ފްލެޓް ވިއްކީމަ ކަޑަ...

The name is already taken The name is available. Register?

1828

18 September 2018

އެކަމުގެ ރީތި މިސާލަކީ ރާއްޖެގެ ބައިވަރު ފަޅުރަށްތައް ހުއްޓައި މާލެ ކައިރީގައި ހުރި ގިރިތަކާ ފަޅުތައް ހިއްކައިގެން ރިސޯޓް ހެދުން.

The name is already taken The name is available. Register?

ލިއާ

18 September 2018

އެހާރާ މިހާރު ޖެހިޖެހިގެން ފޮޓޯ ދައްކާލިނަމަ އަދި ސަޅިވީށް

The name is already taken The name is available. Register?

ތާރޭ

18 September 2018

ހަޖަމް ނުވެގެންމިއުޅެނީ 600 މިލިއަން ޑޮލަރަށް އެޅޭތަނެއް 1200 މިލިއަން ޑޮލަރަށް އެޅުނީމަ އެއްފަރާތް ކޮށްލިބައި ބޮޑުތަނުން ބޮޑުކަމުން

The name is already taken The name is available. Register?

މައުބެ

18 September 2018

ހުޅުމާލެ އަކީ ބޮޑު އިސްރާފެއް . ލާމު އަތޮޅު ފަދަ ބިންއޮތް ތަނެއްގައި ސިޓީއެއް ހެދި ނަމަ މާ ރަނގަޅުވީސް.

The name is already taken The name is available. Register?

ރަދީފް

18 September 2018

މަރުހަބާ ހުޅުމާލޭގެ ހުރިހާ ރައްޔަތުން.ޝުކުރިއްޔާ ހުޅުމާލެ ހުޅުމާލެއަކަށް ހެދުމުގެ ވިސްނުން ގެންގުޅުއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އޭރުގެ މިނިސްޓަރ އުމަރު ޒާހިރުގެ މަސައްކަތް އެއީ މިއަދު ހަނދާންކުރަންޖެހޭނެ ގުރުބާނީތަކެއް.އަދި އޭގެފަހުން ރައީސްކަން ކުރެއްވި ހުރިހާ ރައީސުން އަދި މިހާރުގެ ރައީސް ޔާމީން ހުޅުމާލޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ ހަރުދަނާ މަސައްކަތްތަކަށް އިހްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރަން.ވ.ވެދުން

The name is already taken The name is available. Register?

ޭވަޓް

18 September 2018

ކޮބާ އިބްރާހިމް ރަފީގް ގެ ވާހަކަ. ކުރީގެ މިނިސްޓަރު.. އަހަރެމެންގެ ފުވައްމުލަކު ދަރި...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454