ޓެކްސީގެ ހިދުމަތް، ޒަމާނީ ބަދަލަކަށް ބޭނުންވެފައި

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ޓެކްސީ ހިދުމަތް ހޯދަނީ އޮންލައިންކޮށެވެ. ހާއްސަކޮށް ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިހާރު އޫބާ އަދި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ގްރެބް ޓެކްސީ ހިދުމަތް ތައާރަފްކުރުމުން ގިނަ ބައެއްގެ މެދުގައި ވަނީ ވަރަށް މަގުބޫލު ހިދުމަތަކަށް ވެފަ އެވެ.


އެ ގައުމުތަކުގައި އޮންލައިން ޓެކްސީ ސާވިސް ދެމުން ގެންދިޔަ ނަމަވެސް މީޓަރަށް ދަތުރުކުރާ ޓެކްސީތައް ވެސް އޮޕަރޭޓްކުރެ އެވެ. ނަމަވެސް ނިސްބަތުން މީޓަރު ޓެކްސީގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މިހާރު މަދެވެ.

ގިނަ ގައުމުތަކުގައި މީޓަރު ޓެކްސީ ތައާރަފްކުރި މައިގަނޑު ސަބަބަކީ އެކި ޑްރައިވަރުން އެކި އަގު ނަގައިގެން ދަތުރުކުރާތީ އެއް އަގެއްގައި އެންމެނަށް ވެސް ދަތުރުކުރެވޭނެ ގޮތް ހަދައިދިނުމެވެ. ޓެކްސީތަކުން މީޓަރަށް މަކަރު ހަދާތީ ބައެއް ގައުމުތަކުގައި ޓްރާންސްޕޯޓް ކަންތައްތައް ރެގިއުލޭޓްކުރާ އިދާރާތަކުން ޓެކްސީތަކުގައި ހުންނަ މީޓަރުތައް ސީލްކުރެ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އަލަށް ހެދި ޓެކްސީ ޕާކިން ޒޯނުގައި ޓެކްސީއެއް މަޑުކޮށްގެން: ރާއްޖޭގައި ވެސް އޮންލައިން ޓެކްސީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭން ޖެހޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގައި ޓެކްސީ ހިދުމަތް އަދިވެސް މި އުޅެނީ ރަނގަޅަށް ރެގިއުލޭޓެއް ނުކުރެވިގެންނެވެ. މާލެ ފިޔަވައި އަތޮޅުތަކުގައި ޓެކްސީ ހިދުމަތް ދިނުމަށް ވަކި ރޭޓެއް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ އާބާދީ ބޮޑު ރަށްރަށުގައި ވެސް ޓެކްސީ ހިދުމަތް ދެނީ އެ ބަޔަކަށް ފެނުނު އަގަކަށެވެ.

ސިނަމާލެ ބްރިޖާ އެކު އަނެއްކާވެސް މާލޭގައި ޓެކްސީ މައުލޫއު ފެންމަތިވެއްޖެ އެވެ. މާލެ އާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ވެހިކަލްތަކަށް ދަތުރުކުރެވޭ ގޮތް ވުމުން، ފުރަތަމަ އަގު ކަނޑައެޅީ ޓެކްސީ ޑްރައިވަރުން އަމިއްލައަށެވެ. ބައެއް ޑްރައިވަރުން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރަކަށް 150ރ. އާއި 200ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ. އަދި މާލެ އާއި ހުޅުލެއާ ދެމެދު ކުރާ ދަތުރަކަށް 100ރ. ނަގާއިރު، ހުޅުމާލެއިން ހުޅުލެއަށް ވެސް 100ރ. ނަގަ އެވެ. އަދި ދަންވަރު 12ގެ ފަހުން ކުރާ ދަތުރަކަށް 200ރ. ނަގަ އެވެ.

އާއްމުންގެ ފާޑުކިއުންތައް ބޮޑުވެގެން އެންމެ ފަހުން ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު ވަނީ އަގުތަކެއް ކަނޑައަޅައި، އިއުލާން ވެސް ކޮށްފަ އެވެ. އެކަމަކު އެއީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއް ކަމަށް ބުނެ އެ އަގުތަކށް ޑްރައިވަރުން ދަތުރެއް ނުކުރެ އެވެ.

އަދިވެސް ޑްރައިވަރުން އެ މީހުންގެ އަމިއްލަ އަގުތަކެއް ކިޔާތީ އާއްމުންގެ ޝަކުވާ ބޮޑުވުމުން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ދަތުރުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު އެހެން ބުނި ފަހުން ވެސް ޓެކްސީ ޑްރައިވަރުން ސަރުކާރުގެ އަގުތަކަށް ދަތުރެއް ނުކުރެ އެވެ.

ޓްރާންސްޕޯޓް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޓެކްސީ ހިދުމަތް ރެގިއުލޭޓްކުރަން ހަރުދަނާ ގަވައިދެއް ނެތް ކަމަށެވެ. އަދި ހަދާފައިވާ ގަވައިދުތައް ވެސް ތަންފީޒު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ޓެކްސީއެއް: ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކުގައި ޓެކްސީތަކުން ނަގަނީ އެ މީހުން އަމިއްލައަށް ކަނޑައަޅާފައިވާ އަގެއް. ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބްރިޖް ހުޅުވާލުމާ އެކު ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއް ނަގަމުން އަންނައިރު އެކަން ހުއްޓުވޭ ތަނެއް ނުފެނޭ. އަދި އެކަން ކޮންޓްރޯލްކުރަން ސަރުކާރުން އަގުތައް އިއުލާންކުރިލެއް ލަސްވީމަ މި މައްސަލަ ބޮޑުވީ. ދެން އެކަން ހުއްޓުވުމަކީ ނުވާނެ ކަމެއް،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރާނެ ގޮތުގެ ހިޔާލެއް ވެސް އޭނާ ދެއްވި އެވެ. މާލޭގައި އޮންލައިން ޓެކްސީ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން "ކޮބާ ޓެކްސީ"ގެ ނަމުގައި ހިދުމަތެއް ތައާރަފްކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އަމިއްލަ ކާރުތައް އެ ޕޫލުގައި ބައިވެރިކުރެވޭނެ ގޮތެއް ނެތުމުން ކަމަށް އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވަ އެވެ.

"މާލެ- ހުޅުލެ އަދި ހުޅުމާލެއަށް ކުރާ ދަތުރުތަކުގެ އަގުތައް ކުޑަކުރެވޭނީ ޕްރައިވެޓް ކާރުތައް އޮންލައިންކޮށް ބުކް ކުރެވޭނެ ގޮތެއް ހަދައިގެން. އޭރުން ޓެކްސީ ޑްރައިވަރުން ވެސް އެ އަގަށް ކުޑަކުރަން މަޖުބޫރުވާނެ. މިހާރު މިވާ ގޮތަކީ މިތަނުގައި ޑިމާންޑާ އެއް ވަރަށް ޓެކްސީއެއް ނެތުމުން، ޗޮއިސްއެއް ނެތް އާންމުންނަކަށް،" އޭނާ ވިދާޅުވި އެވެ.

އެ ތަޖުރިބާކާރު ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މީޓަރު ޓެކްސީ އާއި އަގު ކިޔައިގެން ދަތުރުކުރުން ކޮންޓްރޯލްކޮށް އަގުތައް ތިރިކޮށްލީ އޫބާ ފަދަ ކުންފުނިތަކުން ކަމަށެވެ.

"މީގެ ކުރިން މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި މީޓަރު ޓެކްސީ ނޫން އެއްޗެއް ނުލިބޭނެ ދަތުރުކުރަން. ބައެއް ފަހަރު މީޓަރު ނުޖައްސައި ދަތުރު ނިންމާލުމަށް ފަހު އޮޅުވާލައިގެން ފައިސާ އަތުލާފައި އެބަހުރި. ނަމަވެސް އޫބާ އަދި ގްރެބް ތައާރަފްކުރުމުން އެ ޓެކްސީތަކުގެ ޑިމާންޑް ދަށްވި،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ދުއްވާ ގިނަ ޓެކްސީތައް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. ޓްރާންސްޕޯޓް ގަވައިދުގައި ބުނާ ގޮތުން ޓެކްސީ ހިދުމަތްދޭ ކާރުތައް ހުންނަން ޖެހޭނީ ވަކި ފެންވަރެއްގަ އެވެ. އަދި ސާފުތާހިރުކަން ވެސް ބަލަހައްޓަން ޖެހެ އެވެ. ނަމަވެސް މިހާރު އެ ގަވައިދަށް ފެތޭ މަދު ޓެކްސީއެއް ނޫނީ ނުފެނެ އެވެ.

ޓެކްސީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ބޭނުން ނަމަ އެ ހިދުމަތް ދޭން ބޭނުންވާ ބަޔަކަށް ލުއިފަސޭހަ ގޮތަކަށް އެކަން ކުރެވޭނެ މަގު ވެސް ހުޅުވާލަން ޖެހެ އެވެ. އެގޮތުން ޓެކްސީ ބޯޑު ވިއްކާ އަގު 50،000ރ. އަށް ވުރެ ކުޑަކުރުން މުހިންމެވެ. އަދި ފަސް އަހަރަށް ނަގާ 5،000ރ.ގެ ފީ ވެސް ކުޑަކުރެވިދާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ.

"މި ހިދުމަތް ވަކި ބަޔަަކަށް މޮނޮޕޮލައިޒް ކުރެވޭ ގޮތަކަށް އޮވެގެން ނުވާނެ. ޓެކްސީ ބޯޑު ޖަހައިގެން ދުއްވަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ވެސް ފަސޭހަކޮށް ލިބޭނެ ގޮތެއް އޮންނަން ވާނެ. އަދި އޮންލައިންކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުން ބަޔަކަށް ޕްރައިވެޓް ބޯޑު ޖަހައިގެން ވެސް އެކަން ކުރެވޭނެ ގޮތެއް އޮންނަން ވާނެ،" ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވި އެވެ.

މާލޭގެ މަގެއްގައި ޓެކްސީއެއް ދުއްވާފައި ދަނީ: އޮންލައިން ޓެކްސީ ތައާރަފްކޮށް ޕްރައިވެޓް ކާރުތަކަށް ވެސް އެ ހިދުމަތް ދެވޭނެ ގޮތެއް ހަދަން ޖެހޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ޕްރައިވެޓް ކާރުތަކަށް އޮންލައިންކޮށް ބުކްކޮށްގެން ދަތުރުކުރެވޭ ގޮތަށް ހުޅުވާލައިފި ނަމަ މިހާރު ބޭނުންކުރާ ބާ ޓެކްސީތައް މަގުތަކުން ގެއްލޭނެ ކަމަށެވެ. އަދި އެ މީހުން ވެސް އަލުން ނުކުންނާނީ ފެންވަރު ރަނގަޅު ކާރާ އެކު ކަމަށް ވެސް ތަޖުރިބާކާރު ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު ބޭނުންކުރާ ބައެއް ކާރުތަކަށް އަރަން ވެސް ކަމުނުދޭ. މީގެ ކުރިން އަޅުގަނޑުމެން ހީކުރަނީ އެންމެ ބާ ކާރުތައް ބޭނުންކުރަނީ އަވަށްޓެރި އިންޑިއާ، ލަންކާގައި ކަމަށް. އެކަމަކު މިހާރު އެތަންތަނުގައި ވެސް ބޭނުންކުރާ ކާރުތަކަށް ވުރެ ރާއްޖޭގައި ބޭނުންކުރާ ޓެކްސީ ކާރުތަކުގެ ފެންވަރު ދަށް،" އޭނާ ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖާ އެކު ޓެކްސީ ދަތުރުތަކަށް ވެސް އެ ހުޅުވުނީ އާ ދޮރެކެވެ. އެހެންކަމުން ޒަމާނީ ފެންވަރަކަށް ވެސް ޓެކްސީގެ ހިދުމަތް ގެންދަން ޖެހެ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ