އިންތިޚާބު ވީމާ ވެސް ހަވާލު ނުކުރަންތޯ ތި އުޅުއްވަނީ؟

މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިއާސީ އިންތިޚާބުގައި ދިވެހިން އެވަނީ ރައީސް ޔާމީންގެ ސިޔާސަތާ މެދު ދެކޭ ގޮތް ވަރަށް ސާފު ބަހުން ބުނެދީފަ އެވެ. އެ ދުވަހު ވޯޓު ލީ އިރު، ރާއްޖޭގައި ތިބި، އުމުރުން 18 އަހަރުން މަތީގެ 262,135 މީހުންގެ ތެރެއިން 134،616 (58.4 ޕަސެންޓް) މީހުން ބުނީ ރައީސް ޔާމީންގެ ވެރިކަން ބޭނުން ނުވާ ކަމަށެވެ.


ރައްޔިތުން އެ ދުވަހު އިއްވި ބަސް އިވިވަޑައިގަތުމުން ރައީސް ޔާމީން ވިދާޅުވި އެވެ؛ "ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިއްޔެ [މި ދިޔަ އާދީއްތަ ދުވަހު] ދިވެހި ރައްޔިތުން، އެ މީހުންގެ ގޮތް ބުނެދީފިއޭ. އެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމު. އަދި މިއަދު [މި ދިޔަ ހޯމަ ދުވަހު] ކުޑައިރުކޮޅެއް ކުރިން، ދެން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ދިވެހިން އިންތިޚާބު ކޮށްފައި އެ ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު މަރްޙަބާ ވެސް ދަންނަވައިފިން. އަޅުގަނޑު ބައްދަލު ވެސް ކޮށްފިން."

އެހެން ނަމަވެސް، އިއްޔެ އިން ފެށިގެން ރަށު ތެރޭގައި ދެކެވެމުންދަނީ، ވޯޓު ލުމުގައި އޮޅުވައިލުންތަކެއް ހުރި ކަމަށް ބުނެ އިންތިޚާބު ބާތިލު ކޮށްދިނުމަށް އެދި ޕީޕީއެމްގެ ފަރާތުން ކޯޓަށް ހުށަހަޅަން އުޅޭ ވާހަކަ އެވެ. ނަމަވެސް މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި މައްސަލަތައް އެންމެ މަދު އަދި އެއްވެސް ހަމަނުޖެހުމެއް ނުހިނގައި ނިމި ދިޔަ އިންތިޚާބު ކަމަށް، އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު އިބޫ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމަ އެފަދައިން އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވި، ވެރިކަންކުރާ ޕީޕީއެމުން ވެސް ވަނީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް އިއުތިރާފްވެ ބަލި ގަބޫލުކޮށްފަ އެވެ. އަދި ވޯޓު ލުން ނިމުނުތާ 96 ގަޑިއިރު ވެގެން ދިޔަ އިރު، އިންތިޚާބުގައި ވާދަކުރި އެއްވެސް ޕާޓީއަކުން އަދި އެއްވެސް ކެންޑިޑޭޓަކު ވެސް އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލެއް ނުއުފައްދަ އެވެ.

އެހެން ނަމަވެސް، ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު، އެ ގްރޫޕްގެ މެމްބަރުންނަށް އިއްޔެ ފޮނުއްވި ކަމަށް ބުނާ ވައިބަ މެސެޖުގެ އިބާރާތްތަކުން އެނގެނީ، އިންތިޚާބު ބާތިލު ކުރުމަށް ކޯޓަށް ހުށަހަޅާނެ ބަހަނާއެއް ހޯއްދަވަން އުޅުއްވާ ކަމެވެ. ނިހާން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ނިހާނަށް ރައްދު ދެއްވައި އިއްޔެ ކުރެއްވި ޓުވީޓެއް

ނިހާންގެ މެސެޖްގައި މަޖިލީހުގެ މެމްބަރުންގެ އަރިހުގައި އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ "އިންތިޚާބުގެ ގެޒެޓް ކުރި ވޯޓާސް ލިސްޓުގައި ނަން އޮވެފައި، ވޯޓު ދޭން ދިޔަ އިރު އެހެން ތަނަކަށް ބަދަލު ކޮށްފައި ހުރި ގިނަ ބައެއްގެ ކޮމްޕްލެއިން އެބަ ލިބޭ" ކަމަށެވެ. އެހެންކަމުން އެ މެމްބަރުންގެ ދާއިރާތަކުގައި އެފަދަ މައްސަލައެއް އުޅޭތޯ ބައްލަވާފައި، އެ ފަދަ މައްސަލައެއް އުޅޭ ނަމަ ވަރަށް އަވަހަށް އެ މައްސަލައެއް ޕާޓީގެ އޮފީހަށް ފޮނުވައި ދިނުމަށް ނިހާން އެދިވަޑައިގެންފައިވެ އެވެ.

"ކާކުތޯ ގަބޫލުކުރާނީ ތި ވާހަކަ؟ އެ މީހަކު ވޯޓުލާން ދިއުމުން އެ މީހާގެ ނަން އެހެން ތަނެއްގައި އޮވެ، އެ ދުވަހު ވޯޓު ނުލެވުނު ނަމަ، ނިހާނުމެން މަޑުމަޑުން 72 ގަޑި އިރުވަންދެން އެ ފަތިވަރު ނުގޮވާ ޒުވާބު ނުކޮށް ތިބޭނެތޯ؟ ޕީޕީއެމްގެ ކުދިން ވެސް ތިބޭނެތޯ؟ ތޭވީސް ސެޕްޓެމްބަރުގައި ތިޔަ ބާވަތުގެ އެއްވެސް މައްސަލައެއް ޖެހުނު ނަމަ، އެކަން އޮންނާނީ، ހަމަ އެ ދުވަހު ކޮމްޕްލެއިންސް ބިއުރޯގައި ރަޖިސްޓްރީކުރެވިފައި. އެ ބިއުރޯގައި ރަޖިސްޓްރީ ކުރެވުނީ އެންމެ 18 މައްސަލަ،" ނިހާންގެ ވާހަކަތަކަށް ރައްދު ދީ، "މިހާރު"ގެ ކިޔުންތެރިއަކު ފޮނުވި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

ނިހާން އެ ގޮތަށް އެދިވަޑައިގެން ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިއްޔެ ވިދާޅުވެފައިވަނީ ވޯޓު ލާން ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓާ ގުޅޭ ގޮތުން، އިންތިޚާބުގެ ތެރޭގައި އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށެވެ.

"ރީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާއެއް ނުލިބޭ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ، ފުލުހުންގެ އެހީތެރިކަމަށް އެދޭކަށް ނުޖެހުނު،" ޝަރީފް ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކުން އެނގުނީ އެ ދުވަހުގެ އިންތިޚާބުގައި ވޯޓު ލާން ދިޔަ އެއްވެސް މީހަކު، އެއްވެސް ސަބަބަކާ ހުރެ ވޯޓު ނުލެވިގެން އެނބުރި ދާން ނުޖެހުނު ކަމެވެ. އަދި އަމުދުން ހުރިހާ ވޯޓު ފޮއްޓެއްގެ ކައިރީގައި ދިވެހި ނޫސްވެރިންނާއި ދެ ޕާޓީގެ އޮބްޒާވަރުންނާއި ދެ ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވަގުތެއްގައި ވެސް ތިބި އިރު، އެއްވެސް މީހަކަށް ވޯޓު ނުލެވިގެން އެއްވެސް ޕާޓީއަކުން ވެސް އަދި މީޑިއާއެއްގައި ވެސް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓުވީޓް

މި މައްސަލައިގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރޭ ވިދާޅުވި ގޮތުގައި ޕީޕީއެމުން މިހާރު މަސައްކަތް ކުރަމުން ދަނީ އިންތިޚާބުގެ ތެރޭގައި ދިމާނުވާ މައްސަލަތަކެއް އަލުން އުފަން ކުރުވައިގެން އިންތިޚާބުގެ ނަތީޖާ ބަދަލު ކޮށްލުމަށެވެ. ނަމަވެސް އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ އިންތިޚާބުގެ ތެރޭގައި "ކުރަން ރާވައިގެން ހުރި ކަންކަން ރައްޔިތުން ވަނީ ފެއިލްކޮށްލާފައި" ކަމަށާއި ދެން އޮތް ތަނުގައި ވެސް "ރައްޔިތުން ލީ ވޯޓު ރައްޔިތުން ހިމާޔަތްކުރާނެ" ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ހޯދި ކާމިޔާބެއް މިއީ. އެ ކާމިޔާބު ދަމަހައްޓާނީ ރާއްޖޭގެ ރައްޔިތުން."

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އެއްފަރާތް ކޮށް، ހަމައެކަނި ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. ހުރިހާ ވޯޓު ފޮށިތަކުގެ ވެރިންގެ ގޮތުގަޔާއި ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ގޮތުގައި މިފަހަރު ތިބީ ޕީޕީއެމަށް އިތުބާރު ކުރެވޭ މީހުންނެވެ.

އިންތިޚާބު ބާތިލުކުރުމާ ދެކޮޅަށް އާންމުން އުފުލި އަޑުތަކަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ތާއީދު ކުރައްވައި ރޭ ކުރެއްވި ޓުވީޓު

ވޯޓު ލާން ދިއުމުން މީހުންގެ އައިޑީ ކާޑުތައް ޗެކް ކުރީ ޕީޕީއެމްގެ މީހުންނެވެ. ކިޔޫ ނަންބަރު ދިނީ އެމީހުންނެވެ. ލިސްޓުގައި ނަން އޮތްތޯ ބެލީ އެ މީހުންނެވެ. އިނގިލީގައި ފާހަގަ ޖެހީ އެމީހުންނެވެ. ވޯޓު ކަރުދާސްކޮޅު ދޫކުރީ އެމީހުންނެވެ. ވޯޓު ލައި ނިމުމުން ވޯޓު ގުނައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅީ ވެސް އެމީހުންނެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވި ކަމަށް ކަނޑައަޅައި ކޮންމެ ވޯޓު ފޮއްޓެއްގެ ނަތީޖާ އިއުލާން ކުރީ ވެސް ހަމަ ޕީޕީއެމަށް މަރުދިން ކުދިންނާއި މީހުންނެވެ.

ވީއިރު، ނިހާން އެ ވިދާޅުވި ފަދަ މައްސަލައެއް ވޯޓުގެ ތެރޭގައި ދިމާވި ނަމަ، އެންމެ ފުރަތަމަ އެކަން ފާހަގަކުރީހީ ހަމަ ޕީޕީއެމުންނެވެ. އެ ޕާޓީގެ ފުރިހަމަ ބެލުމުގެ ދަށުން، އެ ޕާޓީގެ މެމްބަރުން ބޭއްވި އިންތިޚާބެއްގައި، ނަތީޖާ ބަދަލުވެގެންދާ ވަރުގެ ކަމެއް ހިނގި ނަމަ އެކަން އެނގެންވީ އޭގެ 72 ގަޑިއިރު ފަހުން، ހަމައެކަނި ނިހާނަށްތޯ އެވެ؟

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

އީޔޫ އާއި އދ. ފަދަ ބައިނަލްއަގުވާމީ މައި ޖަމިއްޔާތަކުން މި އިންތިޚާބު ބޮއިކޮޓް ކޮށްފައި އޮތަސް ވެސް، ބައިނަލްއަގުވާމީ އެހެން އޮބްޒާވަރުން އިންތިޚާބުގެ ކަންތައް ވަރަށް ގާތުން ބަލައި މޮނިޓާކުރި އެވެ. އެ މީހުން ވެސް ބުނެފައިވަނީ އިޖުރާއީ އަދި އިދާރީ ބައެއް މައްސަތައް ހުއްޓަސް ވެސް، މިއީ އިންސާފުވެރި، މިނިވަން އިންތިޚާބެއް ކަމަށެވެ.

އެ ދުވަހު ރައްޔިތުން އެމީހުންގެ ބަސް އިއްވުމުން އެކަމާ ދެކޮޅު ހެދުމުގެ ބޭނުމެއް ނެތެވެ. އަދި އެކަމަށް މި ރާއްޖޭގެ އެއްވެސް އިދާރާއަކުން ދެން ފުރުސަތު ދޭނެ ކަމަކަށް ނުފެނެ އެވެ. ސަލާމަތީ ބާރުތަކުން ވެސް ފާޅުގައި ބުނެފައި އެވަނީ، ކުރިއަށް އޮތް ފަސް އަހަރުގެ ރައީސަކީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓުން ނިންމާފައިވާތީ، އެ ނިންމުން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.