މިތުރުންގެ ހިތަށް އުއްމީދު ގެނެސްދިން ކުޑަކުޑަ ސިއްރު

އަވަހާރަވިތާ 30 އަހަރުވީ ނަމަވެސް އެމަނިކުފާގެ އަޑުފުޅެއް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން "ނުކެނޑެ" އެވެ. މިދާކަށްދުވަހު ގޮނޑި ގެއްލުނު ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަނުން މަނާކޮށްފައި އޮތުމުން ދައުރުވީ، ސިފައިން ގާޑުކޮށްގެން ސްރީ ލަންކާގެ މަޖިލިސް ބޭއްވި ދުވަހަކު ކަންވީ ގޮތް ސިފަކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެކެވެ. އިންތިހާބު ދުވަސްވަރު އިވުނީ، ވޯޓްލުމުގެ މުހިއްމު ވާޖިބު ރައްޔިތުންނަށް އެމަނިކުފާނު ހަނދާންކޮށްދެއްވައި ދެއްކި ވާހަކަފުޅެކެވެ. ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މަރްހޫމް އަލްއުސްތާޒް އިބްރާހީމް ޝިހާބުގެ ތަޖުރިބާކާރު ސިޔާސީ ހަޔާތްޕުޅުގައި އެކި ދުވަސްވަރު ދެއްވާފައިވާ އެފަދަ ތަގުރީރުތައް މިއަދަށް ވެސް ފުދެ އެވެ. އެކަމަކު މިއަދާއި މާދަމާ އަށް ވެސް ފުދި އިތުރުވަނީ "އުއްމީދުގެ ސިއްރު" މި ނަމުގައި އެމަނިކުފާނު ހެއްދެވި ޅެމެވެ.


ރާއްޖޭގެ ސިޔާސީ މައިދާނަށް އިރު އަރައި އޮއްސުނަސް، ހުޅަނގު މޫސުމަށް ފަހު އިރުވައި އަޔަސް، ނުކެނޑި އޮތް އަޑަކީ އެ ޅެމުގެ ދެ ތިން ބައިތެކެވެ. "އުއްމީދުގެ އަލިކަން އެ ގެނައި ކުޑަކުޑަ ސިއްރުން، އުއްމީދު އުފައްދައިފިޔެ މުޅި ދޭހަށަ ރަމްޒުން" އަދި "މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް ވެސް ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން" އެވެ. ރައީސް މުހައްމަދު ނަޝީދު ފަދަ މިޒަމާނުގެ ސިޔާސީވެރިންގެ ހިތްވަރުފުޅަކީ މި ބައިތުތައްކަން ކަށަވަރެވެ. މި ޅެން ގޮސް ގުޅެނީ މާ ކުރީ ޒަމާނަކާ އެވެ.

މިއީ އެ ބޭފުޅެއްގެ ސެނެޓަރީ މެޑަލް ޕާކިސްތާން ސަރުކާރުން ޝިހާބަށް އެރުވި، ޕާކިސްތާނުގެ މަޝްހޫރު ޅެންވެރިޔާ އަދި ފިލޯސަފަރު ޑރ. އައްލާމާ އިގްބާލް ހެއްދެވި "އުއްމީދު" މި ޅެމުން ހިޔާލާއި ހިތްވަރު ލިބިވަޑައިގެން ޝިހާބު ހެއްދެވި ޅެމެކެވެ. މިއީ އެމަނިކުފާނުގެ ކިބައިގައިވާ ޝާއިރީއްޔަތުގެ ކުޅަދާނަކަން އެންމެ ބޮޑަށް ސާބިތުވާ އެއް ޅެން ވެސް މެ އެވެ. އުރުދޫ ބަހުން ހަދާފައިވާ ޅެމެއް ހަމަ އެ ވަޒަނަށް، އެ ވާހަކަތަކައް ދިވެހި ބަހުން ގެނައުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. "ޒަމާނުގެ އާ ހިޔާލުތަކުން....ތަރައްގީ ފަހު ނުވާނެހޭ؟" މި ނަމުގައި އެމަނިކުފާނު ހެއްދެވި ލަވައިން ފެއްޓެވި ޅެންވެރިކަމުގައި، "އުއްމީދުގެ ސިއްރަ"ކީ ޔަގީނުން ވެސް ޒަމާނުގެ އާ ހިޔާލަކުން ޅެންވެރިކަމަށް ގެނެސްދެއްވި ތަރައްގީއެކެވެ. ކުޅަދާނަ އަދީބު މުހައްމަދު ޖަމީލް ދީދީ ވިދާޅުވީ މި ޅެމަކީ "ޝާއިރިއްޔަތުގެ އެންމެ މަތިވެރި ހިޔާލުތައް" ކަމަށާއި މިއީ "ޅެންވެރިކަމުގެ ވަރަށް ރީތި ނަމޫނާއެއް" ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި، އިބްރާހީމް ޝިހާބުގެ ޅެންތަކުގެ ތެރެއިން އެންމެ ވިދާ އެއް ޅެމަކީ އުއްމީދުގެ ސިއްރެވެ،" 1948 ވަނަ އަހަރުގެ ޖުލައި 8 ވަނަ ދުވަހު ނެރުނު "ސަރުކާރުގެ ހަބަރު" ގައި ގައި ޖަމީލް ދީދީ ލިޔުއްވާފައިވެ އެވެ.

ހުޅުލޭ އެއާޕޯޓް ހެދުމުގެ މަސައްކަތުގައި އިބްރާހިމް ޝިހާބު އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ: ގައުމަށް ދިމާވި ބޮޑު ހުރިހާ ކަމެއްގައި އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ އެމަނިކުފާނު.

އިލްމީ ނަޒަރަކުން ބަލާއިރު ގައިމުކުރެވެނީ މި ޅެން އެމަނިކުފާނު ބިނާކުރައްވާފައިވަނީ ކީރިތި ގުރުއާނުގެ އައްޒުމަރު ސޫރަތުގައި މާތް ﷲ ގެ ރަހުމަތްފުޅާ މެދު ނާއުންމީދު ނުވުމަށް އަންގަވާފައިވާ އާޔަތަށް ކަމަށެވެ. މިއީ ދިވެހި ތާރީހު ދުށް އެންމެ ކުޅަދާނަ އެއް ވާހަކަދެއްކުންތެރިޔާގެ ތަގުރީރުތަކުގައި ވެސް ވަރަށް ގިނައިން ފާހަގަކުރައްވާ އާޔަތެކެވެ.

ޅެން ފައްޓަވާފައި ވަނީ އުއްމީދުގެ މުހިންމު ކަމާއި އުއްމީދުގެ ފަހަތުގައިވާ ސިއްރުތަކުގެ ބޮޑުކަމަށް އަލިއަޅުއްވާލައްވަމުންނެވެ. ކާމިޔާބު ހާސިލުކުރުމުގައި އުއްމީދު އަދާކުރާ ދައުރުގެ އިސްކަމާއި އުއްމީދެއްގެ އަލި ދޯއްޖަކުން ގެނުވައިދޭ ކުޑަކުޑަ ސިއްރަކުން، އުއްމީދުގެ ހިޔާވަހިކަން ފެތުރިގެންދާ މިންވަރުގެ ބޮޑު ކަމުގެ ވާހަކަ އެވެ. އަދި އޭގެ އުޖާލާކަން މުޅި ދޭހަށް ރަމްޒުވެގެންދާ ކަމެވެ.

މި ޅެމުގެ ދެ ވަނަ ބައިތަކީ މީރު، މީރު ވަހެއް ފަތުރާ ހުވަނދެއް ފަދަ ބައިތެކެވެ. "އިރު އޭގެ ޝުއާއަށް އިވުނޭ ބުނިއަޑު ސިއްރުން، ދިރުވާށެ ހަވީރާ ހެނދުނާ ރީތި ހިޔާލުން" މި ބައިތަކީ، ރައީސް މައުމޫން އަބްދުލްގައްޔޫމް ފާހަގަކުރައްވާފައިވާ ގޮތުގައި ޝިހާބުގެ ޒުވާން މޮޅު ޅެންވެރިކަމުގެ ތަސްވީރުތަކުގައި ރީތިކަން ހިތަށް އެންމެ ބޮޑަށް ގެނެސްދޭ އެއް ބައިތެވެ.

"މި ބައިތަކީ މުޅި ދިވެހި ޅެންވެރިކަމުގެ މާބަގީޗާއިން ވެސް ޅެންވެރި ހިޔާލުގެ ގޮތުން ހޮވާލެވޭ ވަރުގެ މޮޅު ބައިތެއް ކަމުގައި ދެކެމެވެ،" އެމަނިކުފާނަށް މަދަރުސަތުލް ސަނިއްޔާގައި ދިވެހި ބަސް ކިޔަވައިދެއްވި މުދައްރިސުގެ އެ ޅެމާ ބެހޭގޮތުން ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ރަދުން މުހައްމަދު ފަރީދު (ކ-3) ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އިބްރާހިމް ޝިހާބު ތަގުރީރުކުރައްވަނީ: އެމަނިކުފާނު ވަނީ ހުރިހާ ސަރުކާރެއްގައި ވެސް މަގާމްތައް ފުރުއްވާފައި.

މަދުރަސީ ދައުރުގައި ވެސް ޝިހާބުގެ ޅެންތައް އެމަނިކުފާނު ހިތްޕުޅުން ދަސްކުރައްވަމުން ގެންދެވީ ޅެންބަހުގެ ސިފަކުރެއްވުންތަކުގެ މޮޅުކަމަށް ތައުރީފްކުރައްވަމުންނެވެ. މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ޝިހާބުގެ ޅެންވެރިކަމުގެ ޝުއޫރުގެ ބައިގައި ހުންނަ ތާޒާ ހޫނުކަމެއްގެ ސަބަބުން އެ ޅެންތަކުގެ ޒުވާންކަން އަބަދުވެސް ހުންނަނީ ކިޔުންތެރިންގެ ހިތްތަކާ ގުޅުވާލެވޭ ފަދަ ގޮތެއްގަ އެވެ.

މި ބައިތުން ޝިހާބު ސިފަކޮށްދެއްވަނީ، އެ ތާޒާ ހޫނުކަން، ގުދުރަތީ ގޮތުން އަހަރެމެންނަށް ފޯރުކޮށްދޭ އިރެވެ. ދުނިޔޭގެ ދިރުމަކީ އެއީ އެވެ. މި ބައިތުގައި އެމަނިކުފާނު އިރުން ރަމްޒުކޮށްދެއްވަނީ އިސްލާމްދީނެވެ. ޝުއާ ނުވަތަ ދޯދިން ރަމްޒުކޮށްދެނީ އިސްލާމް ދީނުގެ ހިދާޔަތެވެ. ޝިހާބު އެ ވިދާޅުވަނީ އެ ދޯދިތަކުން ހިތްތަކުގެ އުއްމީދު އުޖާލާކުރާށެވެ. ހިތްތަކުގެ ވާ މާޔޫސްކަން ފިލުވާލައި އުދާސްތައް ނެތިގެންދާނެ ކަމަށެވެ. އޭރުން "ހެނދުނާއި ހަވީރުގެ ދިރުން އެއިން އާވެ އިތުރުވެގެންދާނެ" ކަމަށާއި "ފިކުރުގައިވާ ކިލަނބުކަން ނެތިގެން ގޮސް ހިޔާލުތައް ފަހިވެ، ރީތިވެގެންދާނެ" ކަމަށެވެ.

އެ ދޯދިތަކާއި ދުނިޔެ ގުޅުވާލައި ދެން ނަގައިދެއްވީ އިބުރަތްތެރި ފިލާވަޅެކެވެ. ލިޔުއްވަނީ "ހަނަފަސް ހިކި ސަހަރާގެ ވެލީގައި އެވިދާހެން، ނަލަނަލަ ރީތި ބަގީޗާގެ މަލަށް ދޭށެ ވިދާލުން." މިހެންނެވެ. އެ ސިފަކޮށްދެއްވީ އިރުގެ އަލި އެޅުމުން ހަނަފަސް ހިކި ސަހަރާގެ ވެލި ވިދާތީ ފެންނަ ފަދައިން، އިސްލާމީ ނޫރުން، މައްކާގެ ހަނަފަސް ބިން ދިއްލާލި ދިއްލާލުމެވެ. ދެއްވާ ފިލާވަކީ ބަގީޗާއެއްގައި ފޮޅެމުންދާ މާތަކެއް ފަދަ އަޅުގަނޑުމެންގެ ޅަދަރީންނަށް އެ ތެދުމަގު ދޭށޭ އެވެ.

"އާފާގުގެ އެކި އަލިއަލި ކުލަ އެއްކުލަވެވިގެން، އާ ފާޑަކަށޭ ފެށިއަޑު އިވުނީ މި ޖަވާބުން،" މިހެން ލިޔުއްވާފައިވާ ބައިތުން އެ ވިދާޅުވަނީ އުޑުތަކުގެ އާފާގުތަކުން ބާވައިލެއްވި ދީންތަކުގެ ހިދާޔަތުތައް އެއް ހިދާޔަތަކަށްވެގެން، އިސްލާމްދީނުގެ ހިދާޔަތުގެ ނިދާގެ އަޑު އާ ފާޑަކަށް އައިގޮތް ނިކަން ދެކިވަޑައިގެން ބައްލަވާށޭ އެވެ. އެކަމަށް ބާރު ދެއްވައި ދެން ދެއްވަނީ ޖާހިލުންނާއި އިސްތިއުމާރުގެ ސަބަބުން އަދި ސިޔާސީ ކޯޅުންތަކުގެ ސަބަބުން ވެރިވާ ފިތުނަ އިސްލާމްދީނުގެ ހިދާޔަތުގެ އަލިން ނައްތައިލާނެ ކަމުގެ ޔަގީންކަމެވެ.

ހުސެއިން ސަލާހުއްދީން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެންގެވި ފޮޓޯއެއްގައި ޝިހާބު (ތުއްޕުޅުބޭފުޅާ) އަރިހުގައި: އެމަނިކުފާނަކީ އެ ދަތުރުގައި ގެންދެވި އެންމެ ހަގު ބޭފުޅާ.

އިރުމަތީގެ އިސްލާމީ ގައުމުތަކަށް ވެސް އަންނަމުން އެދަނީ، ހުޅަނގުގެ ތަހުޒީބާއި ތަރައްގީ ކަމަށާއި އެކަމަކު އޭގައި އިސްލާމީ ފޭރާމެއް ލެވިގެން ކަމަށް ވިދާޅުވަނީ "މަޣުރިބުގެ އުދަރެހުން އެވިދާ ރީތި މަނާޒިރު، މަޝްރިގުގެ ފަޒާއަށް ވެރިކޮށްލާނަމެ ނޫރުން" މިހެން ލިޔުއްވައިގެންނެވެ.

"އުންމީދުގެ އަލިކަން ނަލަ އުންމީދުގެ އަލިކަން، އުންމީދު އިތުރުކޮށްފިޔެ ގުދުރަތުގެ މި ސިއްރުން،" ކަމަށް ލިޔުއްވައި އެ ވިދާޅުވަނީ ގުދުރަތުގެ މި ސިއްރުތަކާ އެކު ހިތުގައި އުފެދޭ އުއްމީދުތަކުގެ ވާހަކަތަކެވެ. މީހުންނަށް ކުރެވޭ ނޭދެވޭ ކަންކަމުން ލިބޭ އުނދަގޫތަކާ މެދު ހިތާމަކޮށްކޮށް ތިބި ނަމަވެސް، އިލްމާއި ހިލްމު ބޭނުންކޮށްގެން ރޭވުންތައް ރާވައި، ސައްލާތައް ކޮށް، ދެވަނަ ވިސްނުން ނެރެ، ހިތްވަރާ އެކު ގަދައަޅައި މަސައްކަތްކޮށް ހަމަ މަގަށް އެޅޭނެ ކަމަށް ވިދާޅުވެ އެވެ.

އެހެންކަމުން މީސްތަކުންގެ ހިތަށް ހިތްދަތިކަން ކުރިމަތިވާ އެފަދަ ކަންކަމުން، ހިތްވަރާ އެކު މަސައްކަތްކޮށް އުފާވެރިކަން ލިބޭނެ ކަމަށް ދެކެވަޑައިގަނެ އެވެ. އުއްމީދުގެ އަލިކަމުން ލިބުނު ކޮންމެ ޝުއާއަކުން ވެސް، އެ ސިއްރުތަކުން އުފައްދައިދެނީ އުއްމީދު ކަމަށާއި ހައްގަށް ނަސްރު ލިބޭނެކަމުގެ ޔަގީންކަން ދެއްވަ އެވެ.

ތެދެކެވެ. އުއްމީދު ދޫކޮށްގެން ނުވާނެ އެވެ. އުމުރުފުޅުން އަށް އަހަރުފުޅުގައި، ބައްޕާފުޅު އައްޝައިހް ހުސެއިން ސަލާހުއްދީން އެމަނިކުފާނު ހައްޖުގެ މަތިވެރިއަޅުކަމަށް ގެންދެވިއިރު އެމަނިކުފާނުގެ ވާހަކަފުޅުދެއްކެވުމުގައި ދަތިފުޅުކަމެއް ހުއްޓެވެ. އެ ދަތުރުފުޅުގައި ގެފުޅުގެ ބަނޑޭރިންނަށް އެ ވާހަކަ ދެންނެވުމުން، އެމަނިކުފާނުގެ ދޫފުޅަކީ ފަސޭހަ ދޫފުޅެއް ކަމުގައި ލެއްވުމަށް އެދި ދުއާ ދެންނެވި އެވެ. އެ ދުއާ އިޖާބަކުރެއްވިތޯ ނިންމަވާނީ ކިޔުންތެރިންނެވެ. ޔަގީންވާ ކަމަކީ އެމަނިކުފާނަށް ދިވެހިން ދެއްވާފައިވާ ލަގަބަކީ "ރިހި ދޫ" ކަމެވެ. ޖަމީލް ދީދީ ވިދާޅުވެފައިވާ ފަދައިން "އެމަނިކުފާނުގެ ދޫފުޅުން އޮހިގަންނަ ފޮނި ލަފްޒުތަކުން، ނަޒުމެއްގެ ސިފައިގައި އެކުލެވިފައި ނެތަކަސް" އެ ބަހުގެ ހެކިތައް ހުރަހެއް ނެތި ފެންނަން އެހުރީ އެވެ.

1987 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އިބްރާހިމް ޝިހާބު ތަގުރީރުކުރައްވަނީ: މިއީ އެމަނިކުފާނު ދެއްވި އެންމެ ފަހުގެ ތަގުރީރު ވެސް މެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 1987 ވަނަ އަހަރު އެމަނިކުފާނު ގަޑިއެއްހާއިރު ވަންދެން ދެއްކެވި ވާހަކަފުޅު ފޫހިކަމެއްނެތި، ހާޒިރީން އަޑުއެހީ "އިތުރު ގޮތެއް" ނެތިގެން ކަމަށް ބުނެފާނެ އެވެ. އެކަމަކު ޔޫޓިއުބަށް ލާފައިވާ އެ ތަގުރީރު މިއަދުގެ ޒުވާނުން ފޫހިކަމެއް ނެތި އަޑުއަހަނީ އިތުރު ގޮތެއް ނެތިގެން ހެއްޔެވެ؟ ނޫނެކެވެ. ރައީސް މައުމޫން ވިދާޅުވެފައިވާ ފަދައިން "ސަރީހަކޮށް ހިތްޕުޅުގައި އޮތް އެއްޗެއް ވިދާޅުވާން ފެނިވަޑައިގެންފި ކޮންމެ ހިނދެއްގައި އެއްވެސް ޖެހިލުމެއް ނެތި ހިޔާލުފާޅުކުރައްވާ ބޭފުޅަކަށް" ޝިހާބު ވާތީ އެވެ.

ޝިހާބު އަވަހާރަވުމުގެ ތިން މަހެއްހާ ދުވަސް ކުރިން އޮތް އެ ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުގެ މިނިސްޓަރުންނާއި އެކިއެކި ވެރިންނަށް ތިޔައީ ރައްޔިތުންގެ ހާދިމުންކަމާއި އެއްވެސް ގޮތަކަށް ރައްޔިތުންގެ މައްޗަށް އަމުރު ހިންގަން ތިބި ބަޔެއް ނޫންކަން ހަނދުމަފުޅުކޮށްދެއްވައިފަ އެވެ. އެމަނިކުފާނު އެ ބޭފުޅުންނަށް ވެދުމަށް އެރުވި ހިޔާލީ މޫނުބަލާ ލޯގަނޑުން ބަލާއިރު ތިމަންނައަކީ ރައްޔިތެއްގެ ހާދިމެކޭ މިގޮތް ބޮޑަށް ވަންނަ ކަމުގައި ވަންޏާ އެ ބޭފުޅަކަށް ހާސް މުބާރަކު ދަންނަވާ ކަމަށް ވިދާޅުވި އެވެ. އެއް ދުވަހު ކަތުމަންޑޫގައި އަނެއް ދުވަހު ކެނެޑާގައި އަނެއް ދުވަހު އަނެއް ތަނެއްގައި ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން އެ ގެންދަވަނީ "އެތަންތަނުން މޮޅު އައިސް ކްރީމް އެމަނިކުފާނު ފަރިއްކުޅުއްވާ ހިތްޕުޅަކުން ނޫނޭ" ވިދާޅުވެ ރައީސާއި މިނިސްޓަރުންގެ ހިދުމަތް ފާހަގަ ވެސް ކުރެއްވި އެވެ. އެކަމުގެ ފަހަތުގައި އޮތް މާނައެއް ނޭނގެ އެވެ.

އަދި އެކި ސަބަބުތަކާ ހެދި ޝަރީއަތް ކުރިއަށް ގެންދެވެން ނެތިގެން، ޝަރީއަތަށް ހާޒިރުވެ ތިބި ވޯރާ ވިޔަފާރިވެރިންނާ ދިމާއަށް އޭރުގެ ފަނޑިޔާރު މާދަމާގެ ދޭއް ޖަހާއިރު އަންނަން އުރުދޫ ބަހުން "ކަލް ދޯ ބަޖޭ އާއޯ އޭ" ވިދާޅުވި ވިދާޅުވުމުގެ ވާހަކަތައް އެންމެން ހެއްވާލާފައި ވިދާޅުވެދެއްވީ ވަރުގަދަ ނަސޭހަތެއް ވެސް ދެއްވަމުންނެވެ.

"އެ ދޭއްޖަހާއިރު އައުމެއް ނުނިމޭ އިނގޭތޯ. އެ މީހާ ހިނގައިފާނެ ފަސް ހަ މަސް ވަންދެއް ދޯ ބަޖޭގައި. މި ގޮތް އަޅުގަނޑުމެންގެ މިހާ ތަރައްގީވެ މިހާރު ރައްޔިތުންގެ ބޭނުންތައް ބޮޑުވެފައި މިހާ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ރޫހު އުފެދިފައި އޮތް ސަރުކާރެއްގައި ހަމަ އެއްގޮތަކަށް ވެސް އޮވެގެން ނުވާނެ،" ޝިހާބު ވިދާޅުވި އެވެ.

ސްރީ ލަންކާގައި 1976 ވަނަ އަހަރު ބޭއްވި ބައިނަލްއަގްވާމީ ނޮން އެލަޔަންސް ކޮންފަރެންސްގައި އިބްރާހިމް ޝިހާބު (ވ) އަދި ފަތުހުﷲ ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ: ޝިހާބަކީ އުރުދޫ ބަހާއި އިނގިރޭސި ބަހަށް ވެސް ފަރިތަ ބޭފުޅެއް.

އެ ވާހަކަތައް މިއަދާ ވެސް ގުޅެ އެވެ. އަދި ގައުމީ ދުވަސް ފާހަގަކުރަން ޖަލްސާ ބާއްވާއިރު، އާސާރީ ތަންތަން ނެތި ފަނާވެ ގައުމިއްޔަތެއް ނެތް ނަމަ ޖަލްސާގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެ އެއްސެވި ސުވާލު ވެސް މިއަދާ ކިހާ މުނާސަބަތުތޯ އެވެ؟ އެ މަނިކުފާނުގެ ވަރުގަދަ އަޑުފުޅުން އެ ވާހަކަތައް ގޮވާލައްވަނީ ހިނިތުންވެ ހުންނަވަ އެވެ. އަޑުއަހާ މީހުން ހެއްވާލަމުންނެވެ. އެ ވާހަކަތައް އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުތުމުގެ ބަދަލުގައި ހިތް މެދުވެރިކޮށް ސިކުނޑި އަށް ވަދެގެންދަނީ އެ ވާހަކަތަކުގައި ހުރި މަޖާޒީ، އިލްމީ މީރު ރަހައެއްގެ ސަބަބުންނެވެ. ޒުވާން ދުވަސްވަރު ހަކުރާގޭގައި ރީތި އަޑުފުޅުން ވިދާޅުވީ ލަވަތަކެކޭ ފަހުން ދެއްވި ތަގުރީރުތަކޭ ތަފާތެއް ނެތީ އެހެންވެ އެވެ. އިލްމީ ތަގުރީރު ދެއްވި އެތައް ބޭފުޅުން ތިއްބެވި އެވެ. އެކަމަކު އާއްމުންނާ ގުޅޭގޮތަށް ހެއްވައިލާ، ފޫހިނުކޮށް، އިލްމީ ތަގުރީރު ދެއްވުމުގައި އެފަދަ ދެ ވަނައެއް ހަމަ ނެތީ އެވެ.

އެމަނިކުފާނުގެ އިލްމުވެރިކަން ގޮސް ގުޅެނީ ބައްޕާފުޅު އަދި ދިވެހި ބަހުގެ ޕްރޮފެސަރު ފަލީލަތުއްޝައިހް ހުސެއިން ސަލާހުއްދީނާ އެވެ. އެމަނިކުފާނުގެ ފުރަތަމަ މުދައްރިއްސަކީ އެއީ އެވެ. ފުރަތަމަ މަދަރުސާއަކީ އަމިއްލަ ގެކޮޅު ކަމަށްވާ މ. ބަގީޗާގޭ ފެންޑާ އެވެ. އޭގެ ފަހުން މިސްރުން އަދި އިންޑިއާގެ މަޝްހޫރު ޖާމިއާ މިލިއްޔާ އިސްލާމިއްޔާ އިން ކިޔަވާވިދާޅުވި އެވެ.

ރާއްޖެ ވަޑައިގެންނެވިއިރު ދިވެހި އަދަބީ ޖައްވު އޮތީ ޅަފަތުގެ ދައުރަށް ހޭލައިފަ އެވެ. ބައްޕާފުޅު ފެއްޓެވި އެ ދައުރަށް ފަހު، ދެން އައި ފިރުކެން ފެށި ދައުރާއި ހިނގައިގަނެވުނު ދައުރުގައި ޅެންވެރިކަމުގައި އެމަނިކުފާނު ވެގެން ދިޔައީ ބަބުޅާލި ތަރިއަކަށެވެ. ދިވެހި ޅެންވެރިންގެ ދުވަސް އެ ބޭފުޅެއްގެ ހަނދާނުގައި ފާހަގަކުރެވޭ "ޝާއިރުއްޝަބާބު"ގެ އެ ވިދުވަރުން ދިވެހި ސިޔާސީ ޖައްވަށް ވެސް ދިޔައީ އަލިކުރަމުންނެވެ. އެމަނިކުފާނު ފުރާފުރިހަމަވީއްސުރެ އަވަހާރަވުމާ ހަމަޔަށް ހިދުމަތްނުކުރައްވާ ސަރުކާރެއް ރާއްޖޭގައި ހިނގާފައެއް ނެތެވެ. ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ބަތަލު މުލީގެ ދޮންބަންޑާރައިންނަށް، މައިފުށުން ކާފަވިދާޅުވާ ޝިހާބު ވެގެންދިޔައީ ސިޔާސީ މައިދާނަށް އައި ކޮންމެ ކޮޅިގަނޑެއްގައި، ގައުމު ސަލާމަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކަށެވެ.

މުހައްމަދު އަމީނުގެ ރައީސްކަމުގައި ހިނގި އުތުރު ގަޑުބަޑާ ކުރިމަތިލެއްވީ އުމުރުފުޅުން 21 އަހަރުފުޅުގަ އެވެ. ފަހުން އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ބައިގައި ހިމެނިވަޑައިގަތެވެ. އޭގެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ކެބިނެޓުގައި މަސައްކަތްޕުޅު ކުރެއްވިއިރު އިބްރާހީމް ނާސިރު ރައީސްކަމަށް ވެވަޑައިގަތުމުން ނައިބު ރައީސެއްގެ މަގާމަށް އައްޔަންކުރެއްވި އެވެ. އަދި އެޓާނީ ޖެނެރަލް ކަމާއި އެގްރިކަލްޗާ މިނިސްޓަރުގެ މަގާމް ވެސް ފުރުއްވި އެވެ. ބޮޑަށް ހަރަކާތްތެރިވެ ވަޑައިގަތީ ހާރިޖީ ކަންކަމުގަ އެވެ. އެގޮތުން މިސްރުގެ ރައީސް ޖަމާލް އަބްދުއްނާސިރުގެ އަރިހަށް ރައީސް ނާސިރު ފޮނުއްވި ވަފުދުގައި ހިމެނިވަޑައިގަތެވެ. އަދި 1976 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ނޮން އެލައިން ސަމިޓުގައި ރާއްޖެ ތަމްސީލްކުރައްވަން ވަޑައިގަތީ ވެސް އެމަނިކުފާނެވެ.

ރައީސް އިބްރާހިމް ނާސިރުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިބްރާހިމް ޝިހާބު (ވ) މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސް ޖަމާލް އަބްދުއްނާސިރާ ބައްދަލުކުރައްވަނީ: އޭރު އެމަނިކުފާނަކީ ރާއްޖޭގެ ނައިބް ރައީސް.

މުޅި ރާއްޖެ ގުޑުވާލި އައްޑޫ ބަގާވާތާ ގުޅިގެން، ކަންކަން ހަމަޖެއްސެވުމަށް ރައީސް ނާސިރު އެ އަތޮޅަށް ފޮނުއްވި މަންދޫބަކީ އެމަނިކުފާނެވެ. ކުޑައިރުގެ އެކުވެރިޔާ އަބްދުﷲ އަފީފް އިސްވެ ހުންނަވައި އުފެއްދެވި އެ "ސަރުކާރާ" މަޝްވަރާކޮށް އަލިމަގެއް ހޯއްދެވުމަށް ބުރަ މަސައްކަތްޕުޅެއް ކުރެއްވި އެވެ.

ސަރުކާރުގެ މަންދޫބެއްގެ މަގާމް ފުރުއްވުމުގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ މަންދޫބެއް ވެސް މެ އެވެ. ރައްޔިތުން މަޖިލީސް އުފެދި ފުރަތަމަ 55 އަހަރުގެ ތެރެއިން 38 އަހަރު މެމްބަރުކަންކުރެއްވި އެވެ. ސަރުކާރަށް ހިދުމަތްކުރައްވާ ބަރާބަރު 46 އަހަރު ފުރުމާ އެކު، 1988 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު ސްރީ ލަންކާގައި އަވަހާރަވީއިރު ހުންނެވީ ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. އޭރު އެމަނިކުފާނުގެ ދެ ދަރިކަލުން ކަމަށްވާ ސަލާހު ޝިހާބާއި މުހައްމަދު ޝިހާބަކީ އެ މަޖިލީހުގެ ދެ މެމްބަރުންނެވެ. ތިން ކައިވެންޏެއް ކުރައްވައި 10 ބޭފުޅުން ލިބިވަޑައިގެންނެވިއިރު ހަގު ދަރިކަލުން އިސްމާއީލް ޝިހާބު ވެސް ފަހުން މެމްބަރުކަން ކުރެއްވި އެވެ. ޝިހާބުގެ ތައުބީނުގެ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެ އުސް ތަނބު ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިބްރާހީމް ޝިހާބު ކުޅުއްވި ބައި އެއީ ވެސް މި ދިވެހި ތާރީހުން ދުވަހަކު ވެސް ފޮހެވިގެންދާނެ ބައެއް ނޫން،" މައުމޫން ވިދާޅުވެފައިވެ އެވެ. "އޭނާ އެ ކުޅުއްވި ބަޔަކީ ގައުމުގެ ހަމަޖެހުން ދެމެހެއްޓެވުމަށް ޓަކައި ކުޅުއްވި ބަޔެއް. އަބަދު ވެސް ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށްދެއްވުން. ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރެއްވުން."

ނޫ ގާނޫނު އަސާސީ ހަދަމުން ދިޔައިރު އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާގެ މުއްސަނދިކަން ލިބުނުކަމަށް މެމްބަރުން ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އިބްރާހީމް ޝިހާބަކީ އެތައް ގޮޅިއަކަށް ފެތޭ ގޮތުގައި ހައްދަވާފައިވާ ބޭފުޅެއް ކަމަށް ޖަމީލް ދީދީ ވިދާޅުވީ އެހެންވެގެންނެވެ. އެ ހުރިހާ ގޮޅިތަކެއްގައި، ގޮޅިތަކުގެ ވެރިންނާ އެކު އެކުގައި އަދި ބައެއް ފަހަރު ދެކޮޅަށް މަސައްކަތްކުރެއްވި ނަމަވެސް ދުވަހަކު ވެސް ޖަލު ގޮޅިއަކަށް ވަންނަވަން ޖެހިވަޑައެއްނުގަނެ އެވެ. ފަހަރުގައި އެމަނިކުފާނަކީ، "ޖަލުކޮއްތު" ފަރިއްކުޅުއްވަން ޖެހިވަޑައިނުގެންނެވި ހަމައެކަނި ސިޔާސީ އިސް ބޭފުޅާ ކަމަށް ވެދާނެ އެވެ.

އިބްރާހިމް ޝިހާބު ތަގުރީރެއް ދެއްވަނީ: ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ވާދައިގެ ތަށްޓަށް ނަން ދެވިފައިވަނީ އެމަނިކުފާނުގެ ނަންފުޅާ ގުޅުވައިގެން.

އޭގެ ސިއްރަކީ، އަޅުގަނޑުމެންނަކީ މަގާމުގެ ދަހިވެތިކަމުގެ ބަދަލުގައި އެއިރަކު އޮންނަ ސަރުކާރަކުން އެންގި ކަމެއްކުރަން ތިބޭ ބަޔެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ފަލްސަފާކަމަށް ވެދާނެ އެވެ. ތައުލީމީ، ސިޔާސީ، ގާނޫނީ، އިޖްތިމާއީ އަދި އަދަބީ ދާއިރާއަށް ކޮންމެ ދައުރެއްގައި ވެސް ހިދުމަތްކުރެއްވި އެވެ. ޅެންވެރިޔާ މަރްހޫމާ އައިޝަތު މޫސާ ދީދީ ލިޔުއްވި ފަދައިން "ދިވެހި އަދަބީ ގުލްޝަނަށް ފާގަތި ރަބީއެއް ގެންނަވާ، ރިވެތި ނަލަނަލަ މާތަކެއް ފަރިކޮށް ފޮޅުއްވި" އަދީބު ތަފާތު ދާއިރާތަކުގައި ކުރެއްވި ހިދުމަތްތައް އެއީ، އެމަނިކުފާނުގެ ގާބިލިއްޔަތު ހާމަވެގެންދިޔަ އުޖާލާ ހެއްކެކެވެ. އެމަނިކުފާނު އަވަހާރަވި ރޭ ސިފަކޮށްދެއްވަމުން "ދިވެހި ވިންދަށް މަޑުމަޑުން ބަދަލު އަންނަން ފެށި" ކަމަށާއި "ދިވެހި އުއްމަތުގެ ހިތް ވެސް ހުއްޓެނީ" ކަމަށް ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމް ލިޔުއްވީ އެހެންވެ އެވެ.

އެކަމަކު ޝިހާބުގެ "އުއްމީދުގެ އަލިކަން، ނަލަ އުއްމީދުގެ އަލިކަން" ގެނެސްދިނީ މާޔޫސްނުވުމުގެ ފިލާވަޅެވެ. އެ ފަދަ ފިލާވަޅުތަކުން އެނގި ކަށަވަރުވަނީ ޝިހާބަކީ، އެމަނިކުފާނުގެ ނަންފުޅު ގުޅިފައިވާ ބަހުގެ މާނައިގައި ބުނާ ފަދަ އަލިގަދަތަރިއެއް ކަމެވެ. ޖަމީލް ދީދީ ވިދާޅުވި ފަދައިން ކޮންމެ ތަރިއަކީ ވެސް އަލިކޮށްދިނުމަށް ފަހު އޮއްސިގެންދާ އެއްޗެއް ކަމުގައި ވިޔަސް ޝިހާބޭ ކިޔުނު ތަރީގެ އަލި އޮއްސިގެނެއް ނުދެ އެވެ. ނުވެސް ދާނެ އެވެ. މިއަދު ވެސް އެކަން އެދަނީ އެނގި ސާބިތުވަމުންނެވެ.