ވިޕްލައިނާ ހިލާފުވި މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާނެތަ؟

ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ވިޕްލައިނާ ހިލާފުވި މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅައިފާނެ ކަމާ ދޭތެރޭ އެ ޕާޓީގެ ބައެއް މެމްބަރުން ސުވާލު އުފައްދަން ފަށައިފި އެވެ. މިހެން ބުނަން ފެށީ، މާލޭގައި ތިއްބަވައި، ޖަލްސާ އަށް ވަޑައިނުގެންނެވި މެމްބަރުންނާއި ޖަލްސާ އަށް ވަޑައިގަތް މެމްބަރުންނާ އެކު ހަތް މެމްބަރަކު ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ވޯޓު ނުދެއްވިޔަސް، އެއިން މެމްބަރަކާ ދޭތެރޭ މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅުން ލަސްވަމުން ދިއުމާ ގުޅިގެންނެވެ.


ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިޕްލައިނާ ހިލާފުވުމުން، ޕާޓީން ވަކިކުރަން ސުލޫކް ކޮމިޓީން ނިންމައި އަދި އޭނާ މަޖިލިހުގައި ތަމްސީލް ކުރި ކޮމިޓީން އާދައިގެ ކޮމިޓީއަކަށް ދާދި އިހަކަށް ދުވަހު ވަނީ ބަދަލުކޮށްފަ އެވެ. ހަމަ އެހެންމެ، އާދައިގެ ކޮމިޓީއަކަށް ބަދަލުކުރުމުގެ ފިޔަވަޅެއް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމަށް ވެސް އެޅި އެވެ.

އެކަމަކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލްގެ މައްސަލާގައި އެކެއް ނުވަތަ ދެ މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވުމުން ވެސް މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އެކަން ބައެއް މީހުން ސިފަކުރަނީ ތަފާތުކުރުމެއްގެ ގޮތުގަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ފާސްކުރަން އިއްޔެ ވޯޓު ނުދެއްވި މެމްބަރުންގެ ތެރޭގައި، އެ ބިލް ބަލައިގަތުމަށް މިދިޔަ ހަފުތާގައި ވޯޓު ނުދެއްވި މެމްބަރުން ވެސް ތިއްބެވި އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ފާރިސް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް ހިމެނިވަައިގަންނަވަ އެވެ. ބިލް ބަލައިގަތުމާ މެދު ނަޝީދު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވި ނަމަވެސް ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް ސީދާ އޭނާ ވޯޓު ދެއްވި އެވެ. އެ ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ވޯޓު ދެއްވިޔަސް އެއީ ވިޕްލައިނާ ހިލާފުވުމެވެ. ބިލް ބަލައިގަތުމުގެ ވޯޓު ނެގިއިރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާ ކަމަށް ޕީޖީ ގުރޫޕަށް އެންގެވި، ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ ވެސް ބިލަށް "ރަތް" ޖައްސަވައި ވަނީ ވިޕްލައިނާ ކަނޑައެޅިގެން ހިލާފުވެވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމް ކޯލިޝަންގެ ހަތަރު މެމްބަރުން: (ކ-ވ). މުހައްމަދު ނަޝީދު، ފާރިސް، ހުސެއިން އަރީފް އަދި މުސްތަފާ.--- ފޮޓޯ: މަޖިލިސް

މީގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކަކީ ވެސް މި ބިލް ބަލައިގަތުމަށް މިދިޔަ ހަފުތާގައި ވޯޓު ނެގި ވަގުތު މަޖިލިހަށް ވަޑައިނުގެންނެވި ދެ މެމްބަރުންނެވެ. އެކަމަކު އެ ދުވަހުގެ ހެނދުނުގެ ސެޝަންގައި އެ ދެބޭފުޅުން ވެސް ތިއްބެވި އެވެ. މީގެ ތެރެއިން ހުސެއިން މަނިކު ބިލް ފާސްކުރަން އިއްޔެ ވޯޓު ދެއްވި ނަމަވެސް، ސަލީމް ހިމެނިވަޑައިގަންނަވަނީ އެ ވޯޓަށް މަޖިލިހަށް ވަޑައިނުގެންނެވި ތިން މެމްބަރުންގެ ތެރޭގަ އެވެ. ބިލް ފާސްކުރުމުގެ ވޯޓަށް މަޖިލިހަށް ވަޑައިނުގެންނެވި މެމްބަރުންގެ ލިސްޓުގައި ދެން ތިއްބެވީ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދެވެ.

ޕީޕީއެމް މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި ހަމަހަމަކޮށް، މެމްބަރުންނާ މެދު ފިޔަވަޅު އަޅަމުން އައި ނަމަ، މިހާ ގިނަ މެމްބަރުންނަށް އެއްފަހަރާ ވިޕްލައިނާ ހިލާފުވާކަށް ނުކެރޭނެ ކަމަށެވެ.

"ވިޕްލައިނާ ހިލާފުވުވުމުން ފިޔަވަޅު އެޅުމަކީ ޕީޖީ ގުރޫޕުގެ ތެރޭގައި ކަނޑައަޅާފައި އޮތް އުސޫލެއް. އެކަމަކު އެ އުސޫލު މުގުރާލެވޭ ގޮތަށް އަމަލުކުރާތީ މިހެން މި ދިމާވަނީ. ފާރިސްއާ މެދު އަވަސް އަރުވާލައިގެން ފިޔަވަޅު އަޅައި ނިންމާލިއިރު، ފަހުން ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު، ހަފުތާއެއް ވީއިރު ވެސް ފިޔަވަޅެއް ނޭޅުނު. އެހެން އޮއްވައި އޭގެ ތެރެއިން އެހެން މެމްބަރުންތަކެއް ވިޕްލައިނާ އަނެއްކާ މި ހިލާފުވީ. މިއީ އޭގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ބަލައިގަތުމަށް މިދިޔަ ހަފުތާގެ ހޯމަދުވަހު ނެގި ވޯޓުގައި ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު އަޅާނެ ފިޔަވަޅެއް ބަލަމުން އަންނަ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އެ ދުވަހު ވިދާޅުވި އެވެ. އެކަމަކު ހަމަ އޭގެ ތެރެއިން މެމްބަރުންތަކެއް ދެވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެ އަދި އެހެން މެމްބަރުންތަކެއް މިކަމުގެ ތެރޭގައި އަލަށް ހިމެނުނީ ނިހާނާއި ޕީޖީ ގުރޫޕުގެ ލީޑަޝިޕުން ދެ އަތް އުރާލައިގެން ތިބީމަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލަކަށް ފާރިސް ވެފައި އަދި އެއީ މައުމޫންގެ ފެކްޝަންގެ ބޭފުޅަކަށް ވުމުން، ފިޔަވަޅު އެޅި ގޮތަށް އަޅަން ނުކެރުނީ ކަމަށް ވެސް ވެދާނެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލުގެ މައްސަލާގައި ވިޕްލައިނާ ހިލާފުވި މެމްބަރުންގެ ތެރެއިން ސަލީމް ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާއިން ރޭ ބޭރުކޮށްލައިފަ އެވެ. ބިލް ފާސްކުރަން ވޯޓަށް އެހުމުގެ ދެ ތިން ދުވަސް ކުރިން މުސްތަފާއާ މެދު އެ ފިޔަވަޅު ވަނީ އަޅައިފަ އެވެ. މުސްތަފާ ވައިބަ ގުރޫޕުން ބޭރުކޮށްލީ، ބިލާ ދެކޮޅަށް އެ ގުރޫޕުގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

މި މައްސަލާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ، ބިލުގެ މައްސަލާގައި ވިޕްލައިނާ ހިލާފުވި ހުރިހާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެކަން އަންނަ ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް (ކ) އަދި އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ވާހަކަ ދައްކަވަނީ: ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު އަންނަ ހަފުތާގައި ފިޔަވަޅު އަޅާނެ ކަމަށް ރިޔާޒް ވިދާޅުވި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ވިޕްލައިނާ ހިލާފުވި ބޮޑުކުޑަމިނަށް ބަލައި ފިޔަވަޅު އަޅާނަން. މިކަމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އެކަން އަންނަ ހަފުތާގައި ފެންނާނެ،" ރިޔާޒް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި ވެސް ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު މިހާތަނަށް ފިޔަވަޅު ނޭޅީ ކީއްވެތޯ ދެންނެވުމުން ސަބަބެއް ކަމަށް އޭނާ ވިދާޅުވީ "މި ބިލްގެ ކަންތައް ކުރިއަށް އޮތުމުން" ކަމަށެވެ.

ވިޕްލައިނާ ހިލާފުވުމުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެ މެމްބަރަކު މަޖިލިހުގެ އާދައިގެ ކޮމިޓީއަކަށް ބަދަލުކުރުމާއި މަޖިލިހުގެ ފަރާތުން ޕާޓީއަށް ލިބޭ ދަތުރުތައް އެ މެމްބަރުންނަށް ނުދިނުމާއި ކުރިއަށް އޮންނަ މަޖިލިހުގެ އިންތިހާބުގައި ފުރުސަތު ނުދިނުން އަދި ޕާޓީން ވަކިކުރުން ހިމެނެ އެވެ.

"މިހާރު ވެސް ސަލީމާއި މުސްތަފާ ވާނީ ވައިބަ ގުރޫޕުން ބޭރުކޮށްލާފައި. ދެން ހުރި ފިޔަވަޅުތައް ވެސް އަޅާނެ،" ރިޔާޒް ވިދާޅުވި އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ