އެންޓި ޑިފެކްޝަން ގާނޫނުގެ ބިރު އެންމެ ފަހުން ޕީޕީއެމަށް

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މައޫމޫން އަބްދުލްގައްޔޫމް މިދިޔަ އަހަރު ވަކިކުރީ ރައީސް އަބްދުﷲ ޔާމީނާ ޚިޔާލު ތަފާތުވުމުންނެވެ. މައުމޫނާ ހެދި ޕާޓީ ހިންގެން ނެތް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހުކުމްކުރީ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީ ހިންގައި، ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. އެ ނިންމުމަކީ ރައީސް ޔާމީނާ ޕާޓީ ހަވާލުކުރުމެވެ. އެކަމަކު ރިޔާސީ އިންތިޚާބުން ބަލިވުމާ އެކު ޕާޓީގެ ވެރިކަން ވެސް ރައީސް ޔާމީނަށް ގެއްލުމުގެ ބިރު މިހާރު މި އޮތީ ބޮޑުވެފަ އެވެ. އެއާ އެކު ރައީސް މައުމޫނާ ދެކޮޅަށް އަތުރާލި މަޖިލިސް މެންބަރުންނަށް ވެސް އެހާ ބިރު ބޮޑެވެ. އެ މެންބަރުންނަށް އޮތީ އަމިއްލަ އަށް ޖެއްސެވި މަޅީގައި ބެދުމުގެ ބިރެވެ. އެއީ އެންޓި ޑިފެކްޝަން ގާނޫނެވެ.


ރިޔާސީ އިންތިޚާބުގެ ބޮޑު ބައްޔަށް ފަހު، އެ ބަލި ގަބޫލުނުކުރައްވައި ސުޕްރީމް ކޯޓާ ހިސާބަށް ވަޑައިގަތުމުން ވެސް މަގެއް ފެނިވަޑައިނުގެންނެވި ރައީސް ޔާމީނަށް ޕީޕީއެމް ގެއްލުމުގެ ބިރު އެހާ ބޮޑީ މި ހުރިހާ ދުވަހު މުށުތެރޭގައި ގެންގުޅުއްވި މުއައްސަސާތައް ވީއްލި ރައީސަށް ކޮންޓްރޯލް ގެއްލުމުންނެވެ.

ޕީޕީއެމުން ރައީސް މައުމޫން ވަކިކުރި ގޮތާއި ޕާޓީގެ ރައީސްކަން ގެއްލުވާލި ގޮތާއި މި ހުރިހާ ކަމެއްގެ އިޖުރާއާތުތަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.

ރައީސް ޔާމީންގެ ބާރު ކެނޑި މެންބަރުން އެކަނިވާނެ

ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނާ ގޮތުން ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނީ ގައުމީ ޖަލްސާއެއްގައި، އެ ޖަލްސާގައި ބައިވެރިވާ މީހުންގެ ތިން ބައިކުޅަ ދެ ބައި މީހުންގެ ވޯޓު ލިބިގެންނެވެ. އެކަމަކު "މައުމޫންގެ ކިބައިން ސަލާމަތްވާން" އޭރު އިޚްތިޔާރުކުރީ އެންމެ ކުރު މަގެވެ. ޕާޓީން ވަކި ކުރުމެވެ. އެހެންވެ މައުމޫން މިއަދު މަސައްކަތްކުރައްވަނީ އެމަނިކުފާނު ޕާޓީން ވަކިކުރި އިޖުރާއާތު ސައްހަތޯ އޮޅުންފިލުއްވުމަށެވެ. ގޯސްވެއްޖެ ނަމަ މައުމޫނު ވާނީ ޕާޓީގެ ރައީސްއަށެވެ. އެހެން ވެއްޖެ ނަމަ ރިޔާސީ ދައުރު ނިމުމާ އެކު ރައީސް ޔާމީނަށް ޕާޓީގައި ދައުރެއް ނޯންނާނެ އެވެ. މިއީ ޔާމީނާ އެކު ތިއްބެވި މަޖިލިސް މެންބަރުންގެ ކަންބޮޑުވުމަކަށް ވާނެ އެވެ.

މިވަގުތު ރައީސް ޔާމީނަށް ޕާޓީގައި ބާރު އޮތީ އެއީ މުސްތަޝާރު ކަމަށް ވާތީ އެވެ. އެއީ އަސާސީ ގަވައިދު ބުނާ ގޮތުން، ޕާޓީގެ ވެރިކަމުގައި ގައުމުގެ ރައީސަކީ މުސްތަޝާރު ކަމަށް އޮންނާތީ އޮޓޮމެޓިކުން ލިބިވަޑައިގެންނެވި މަގާމެކެވެ. ރިޔާސީ ދައުރު ހަމަވުމުން އެ މަގާމު ގެއްލޭއިރު، މި ހާލަތު މެދުވެރި ވެދާނެތީ ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސް ވެސް ސައްހަ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވާތީ ރައީސް ޔާމީނަށް ޕާޓީގައި ދެން އެކައްޗެއް ވެސް ނޯންނާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މައުމޫން ޕާޓީން ވަކިކުރީ ރަނގަޅަށްތޯ ބަލަން ނިންމައިފަ އެވެ. އަދި ރައީސް މައުމޫން ވެސް ވަނީ އެކަން ބަލައިދިނުމަށް އެދިވަޑައިގެން އިލެކްޝަންސް އަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މިއީ މައުމޫނަށް ކާމިޔާބުވުން ގާތް މައްސަލައެކެވެ. އަދި ހަމަ މިކަމާ ގުޅުން ހުރި މައްސަލައެއް ސިވިލް ކޯޓުގައި ވެސް ދަނީ ކުރިއަށެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީން ސްޓޭޖުމަތީގައި މަޑުކޮށްލައްވައިގެން: މި ކޮންގްރެސް ސައްހަ ނޫން ކަމަށް އިލެކްޝަންސް އިން ވަނީ ނިންމާފައި. --ފޮޓޯ: ޕީޕީއެމް

ޕާޓީގެ ކައުންސިލާއި އެހެން ގުނަވަންތަކުގެ ސައްހަކަން ވެސް އޮތީ ހަމަ މި އޮޅުންބޮޅުން ބޮޑު ސުވާލުގެ ތެރޭގަ އެވެ. މައުމޫނަށް ޕާޓީ ލިބޭ ހާލަތެއްގައި ނަމަ، އެންމެ ކުރިން އޮތް ގޮތަށް ހުރިހާ ކަމެއް ޕާޓީ ތެރޭ ބަދަލުވުން ގާތެވެ. އޭރުން މައުމޫނަށް ކޮންޓްރޯލް ލިބުނީ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ބިރު މެންބަރުންނަށް

ޕާޓީގެ ކޮންޓްރޯލް ހޯއްދަވަން ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅަށް ފަހު ވެރިކަން ދިފާއު ކުރައްވަން ދެން މައިތިރިކުރައްވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ ތެރެއިން ރައީސް ޔާމީނަށް އަތުވެދާނެ "ނުރައްކަލެއް" ހުއްޓުވަން މެންބަރުން އޮބި އެޅުއްވީ އެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އިރު ހުރި ޕާޓީއަކުން ވަކިވެ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ހިނގައްޖެ ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓު މެދުވެރިކޮށް ނެރުއްވި ހައްލުންނެވެ. އަދި އޭގެ ފަހުން އެގޮތް މިގޮތުން މަޖިލިހުން އެކަމަށް އެންޓި ޑިފެކްޝަން ގާނޫނު ވެސް އުފަންކުރުވީ އެވެ.

މިއީ ރައީސް ޔާމީނުގެ އައްޑަނައަކަށް މެންބަރުން ހެއްދެވުމެވެ. ޚިޔާލު ތަފާތުވެއްޖެ ނަމަ ގޮނޑި ގެއްލުވާލާނެކަން އެނގިވަޑައިގަންނަވާތީ މެންބަރުން "ބަސް އަހައިގެން" ތިއްބަވަން މަޖުބޫރެވެ. އެ ހިސާބުން މެންބަރުން ކަސްތޮޅު އެޅުވުނީ އެވެ. އެކަމަކު މެންބަރުން އޭރު ގެންދެވީ މި ގާނޫނުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް މައުމޫނަށް ޕާޓީގެ ކޮންޓްރޯލް ލިބިވަޑައިގެންފި ނަމަ ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް އެންޓި ޑިފެކްޝަން ގާނޫނަކީ ބޮޑު ބިރަކަށް ވެދާނެ ކަމަށް ބައެއް މެންބަރުން ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމް ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ: ސޯޝަލް މީޑިއާ

"ބައެއް މެންބަރުން ވިދާޅުވެފައި އެބަހުރި މައުމޫނަށް ޕާޓީ ލިބިއްޖާ ރައީސް ޔާމީނާ އެކު ތިއްބެވި ހުރިހާ މެންބަރުންގެ ގޮނޑި ގެއްލުވާލާނޭ. އެހެންވެ އެ މެންބަރުން އެބަ ޚިޔާލު ދެއްވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން އަވަހަށް މަސައްކަތް ފެށުމަށް. ޕާޓީ އުވާލަން ހިނގާށޭ ވެސް އެބަ ބުނޭ،" ޕީޕީއެމްގެ މަޖިލިސް މެންބަރުންނާ ގާތް ގުޅުމެއް އޮންނަ އެ ޕާޓީގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލްގެ ވައިބަ ގްރޫޕްގައި މިކަމާ ބެހޭ ގޮތުން ދައްކާފައިވާ ވާހަތަކެއްގެ ސްކްރީން ޝޮޓްތަކެއް ވެސް ލީކުވެފައި ވާއިރު މި ވާހަކަ އަށް ބާރު ލިބެ އެވެ.

"ކަމެއް ރަނގަޅަށް ކުރަންޏާ މިރޭ ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ޕީޕީއެމް އުވާލަން އިލެކްޝަންސް އަށް ހުށަހަޅަންވީ މާދަމާ،" އާދީއްތަ ދުވަހުގެ ރޭ ލީކުވި ސްކްރީން ޝޮޓެއްގައި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެފައިިވެ އެވެ.

ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވާތީ ޕާޓީން ވަކިކޮށް މަޖިލީހުގެ މެންބަރުކަން ގެއްލުވައިލި ބައެއް މެންބަރުންނާ ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އޭނާ ވިދާޅުވެފައި ވަނީ މައުމޫނަށް ޕީޕީއެމް ލިބިވަޑައިގެންފި ނަމަ 30 މެންބަރުންގެ ގޮނޑި ގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި އެ ވާހަކަ އަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އެއްބަސްވެވަޑައިގެން "ވެރީ ޓްރޫ" އޭ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހަޅަން ފަލާހް ޚިޔާލު ދެއްވުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް "ތަމްބްސް އަޕް" އެއް ދެއްވައި ތާއީދު ވެސް ކުރެއްވި އެވެ.

މި ވާހަކަތަކުން އެނގެނީ މެންބަރުން އަމިއްލަ އަށް ފާސްކުރެއްވި އެންޓި ޑިފެކްޝަން ގާނޫނުގެ މަޅި ހަމަ އެ ބޭފުޅުންގެ ކަރަށް މެހެމުން އަންނަތަން އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަމެވެ.

އެކަމަކު މައުމޫނަށް ޕާޓީ ލިބިވަޑައިގަތުމަކުން "ލިބޭނެ އެއްޗެއް އަދި ގެއްލޭނެ އެއްޗެއް ވެސް ނެތް" ކަމަށް ވިދާޅުވެ ޕާޓީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވިކަން ވެސް އެނގިފައިވެ އެވެ.

ދެން އޮތީ ކޮޅު ބަދަލުކުރުން؟

ޕީޕީއެމުން މިހާތަނަށް ކަންތައް ކުރި ގޮތަކީ ޚިޔާލު ތަފާތުވާ މެންބަރުން ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވާލުމެވެ. ކަންބޮޑުވުމަކީ މައުމޫންގެ ބާރުތައް އަލުން ލިބިވަޑައިގެންފި ހާލަތެއްގައި މައުމޫނާ ދެކޮޅަށް މަސައްކަތްކުރައްވާ މެންބަރުންގެ ގޮނޑި ގެއްލުވާލަފާނެތީ އެވެ. އެއީ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މެންބަރުންނަށް ގުޑާލެވެން ނެތީމަ އެވެ.

ޕާޓީގައި ތިބެ ޕާޓީގެ ވިޕްލައިނާ ޚިލާފުވާ ނަމަ ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭނެ އެވެ. ޕާޓީއާ މެދު ހިތްހަމަނުޖެހިގެން ޕާޓީން ކެނޑުނަސް، އެހެން ޕާޓީއަކަށް ދިޔަޔަސް މެންބަރުކަން ގެއްލޭނެ އެވެ. އެހެންވެ ރައީސް ޔާމީން ދޫކޮށް، މައުމޫން ފަޅިޔަށް ބަދަލުވުން ނޫން އެހެން ގޮތެއް ކޮބައި ހެއްޔެވެ؟

އެންޓި ޑިފެކްޝަން ގާނޫނަކީ އޭގެ ޒާތުގައި މުހިންމު ގާނޫނެއް ނަމަވެސް، އެ ގާނޫނު ވުޖޫދުކުރީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް، ވަކި ބަޔަކަށް އަމާޒުކޮށް، ވަކި ނިޔަތެއްގައި ކަމަށް ވުމުން އެ ގާނޫނުގެ ވޭން އެންމެ ބޮޑަށް އުފުލަން ޖެހިފައި މިހާރު މި އޮތީ އެ ގާނޫނުން އެހެން މީހުންގެ ދުވަސް ދުއްވާލަން ހިފި މީހުންނަށެވެ.