ރިޕޯޓް / މީހުން މެރުން

ބޮޑެތި މަރުގެ އެންމެ ފުނަށް ފީނަން ޖެހޭ!

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު

ދީނީ އިލްމުވެރިޔާ އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލިތާ ހަ އަހަރެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރުވީ އެވެ. އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު ގަތުލުކޮށްލިތާ އަހަރަކަށްވުރެ ގިނަ ދުވަހެވެ. އޭގެ ފަހުން ވެސް، ވީގޮތެއް ނޭނގި ކުއްލި އެތައް މަރެއް ފެނިއްޖެ އެވެ. މިއިން ކޮންމެ ކަމެއްގެ ފަހަތުގައި އެތައް ބައިވަރު ކަންތައްތަކެކެވެ. ޖަވާބު ނުލިބި އެތަކެއް ސުވާލުތަކެކެވެ.

މި މަރުގެ ހަގީގަތާ ހަމައަށް ދިއުމަށް އެ އާއިލާތަކުގެ އިތުރުން މުޅި ގައުމު ވެސް ބޭނުން ވެ އެވެ. މުޖުރިމުން ދެނެގަންނަން ބޭނުންވެ އެވެ. އެ މީހުންނަށް ހައްގު އަދަބު ދޭން ބޭނުން ވެ އެވެ. އެކަމަކު އެތައް އަހަރެއްވީއިރު ވެސް އެކަން ނުވެ އެއޮތީ ފުރިހަމަ ތަހުގީގުތަކެއް ފުލުހުންނަށް ނުހިންގޭތީކަން ޔަގީނެވެ. ސުވާލަކީ އެފަދަ ގާބިލް ކަމެއް ފުލުހުންގެ ކިބައިގައި ނެތީތޯ އެވެ؟ ނުވަތަ ވަސީލަތް މަދީތޯ އެވެ؟ ނޫނީ ސިޔާސީ ނޫނީ ނުފޫޒުތަކެއްގެ ސަބަބުން މިނިވަން ތަހުގީގެއް ހިންގަން ފުރުސަތު ނުލިބެނީތޯ އެވެ؟

އަނިޔާވެރި ގޮތަކަށް ގަތުލްކޮށްލައިފައިވާ ޑރ. އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވެ، ހުސައިން ހުމާމް މެރުމަށް ވަނީ ހުކުމް ކޮށްފަ އެވެ. ރިލްވާން ގެއްލުވާލި ކަމުގެ ތުހުމަތުގައި ބައެއްގެ މައްޗަށް ދައުވާ އުފުލައި ކޯޓުގައި ޝަރީއަތް ހިންގައިފި އެވެ. ޔާމީން ރަޝީދު މަރާލި ކަމަށް ބެލެވޭ މީހުންގެ މައްޗަށް ވެސް ޝަރީއަތް އެބަކުރެވެ އެވެ. ނަމަވެސް ބޮޑު ސުވާލަކީ އެ މީހުންނާ ހިސާބުން އެކަން ނިމޭތޯ އެވެ؟ ހުމާމް، އަފްރާޝީމް ގަތުލުކޮށްލަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ގައިމުވެސް އަފްރާޝީމަކީ ހުމާމާ އިލްމީ ގޮތުން ވިޔަސް، އަދި ސިޔާސީ ގޮތުން ވެސް އެއްވެސް ވާދަވެރި ކަމެއް އޮތް މީހެއް ނޫނެވެ.

އަފްރާޝީމް ގަތުލްކޮށްލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް ކޯޓަށް ވައްދަނީ: --ފޮޓޯ/މިހާރު

އެކަން ކުރީ ކޮން ބައެއްކަން ފުރިހަމަ ތަހުގީގެއްގައި އެންގެން އެބަ ޖެހެ އެވެ. އަދި އެންމެ މުހިންމު ކަމަކީ އެކަން ކުރުވި މީހުން ހޯދުމެވެ. އެއީ ކޮން މަގުސަދެއްގައި ކުރިކަމެއްތޯ ބެލުމަށެވެ. އެ ޖަރީމާއެއް ހިންގުމުގެ އެންމެ ފުނުގައި ހުރީ ކާކު، ނުވަތަ ކޮންބައެއްކަން ދެނެ ނުގަނެވޭ ނަމަ ތަހުގީގު އެއްވެސް ވަރަކަށް ފުރިހަމައެއް ނުވެ އެވެ. ކުރިން ފާހަގަ ކުރި ބޮޑެތި ކުށްތަކުގެ ޝަރީއަތްތަކާއި މިހާތަނަށް ހާމަކޮށްފައިވާ ކަންކަމަށް ބަލާއިރު ފުލުހުންނަށް ތަހުގީގު ފުރިހަމަ ކުރެވިފައެއްނުވެ އެވެ. މުޅިންހެން ޝަރީއަތަށް ގެންގޮސްފައި ހުރީ މަންޒަރު ފެނުނު މީހުންގެ ބަޔާނާއި ކުށްވެރިޔާގެ ބަޔާނެވެ. އެކަމެއްގެ އަޑި ހޯދިފައެއް ނުވެ އެވެ. ނަތީޖާއަކީ މުޖުރިމުން ދޫވެފައި ތިބުމެވެ.

ސަބަބު ނުހޯދެނީ ކީއްވެ؟

ފުލުހުންގެ އިދާރާއަށާއި އެތަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ގައުމުގެ ވެރިން ވަނީ އެތައް ފަހަރަކު ވިދާޅުވެފަ އެވެ. އޭގެ ނަތީޖާއަކަށް ވެފައިވަނީ ފުލުހުންގެ މަސައްކަތްތައް ވަކި ގޮތަކަށް ވަކި ބައެއްގެ މަސްލަހަތަށް ބައްޓަން ކުރަން ޖެހުމެވެ. ތަހުގީގުތަކުގައި ވެސް އެކަން އޮތީ އެގޮތަށެވެ. ނަތީޖާއަކަށް ވަނީ ހަގީގަތް ހޯދުމަށް ވުރެ ވަކި ބަޔަކަށް ޓާގެޓްކޮށްގެން އަބަދުވެސް ކަންކަން ކުރަން ޖެހުމެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ފާއިޒް ހަސަން ވިދާޅުވިގޮތުގައި އެފަދަ ބޮޑެތި މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ޓަކައި ވަކި ފަރާތަކަށް އަމާޒުކޮށްގެން ހިންގާ ތަހުގީގުތަކުގެ ބަދަލުގައި "އޯޕަން ތަހުގީގެއް" ހިންގަން ޖެހެ އެވެ.

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ޖަރީމާތަކުގެ ހަގީގަތް ހޯދުމަށް މިހާރު މިކުރާގޮތަށް ތަހުގީގު ކުރުމުގެ ބަދަލުގައި އޯޕަން އިންވެސްޓިގޭޝަނެއް ހިންގަން ޖެހޭ. ލިބޭ ހެކިތަކަށް ބަލައި އެކިއެކި ދިމާދިމާއަށް ވިސްނަން ޖެހޭ. ވަކި ގޮތަކަށް ގެންދަން ކުރާ ތަހުގީގަކުން މިފަދަ މައްސަލަތަކުގެ ހައްލެއް ނުހޯދޭނެ،" ބޮޑެތި ގިނަ މައްސަލަތަކެއް ބެއްލެވި ފަނޑިޔާރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީގެ ގަތުލަށް ބަލާއިރު ޝައްކު ކުރެވޭ އެކި ދިމަދިމާ އެބަހުއްޓެވެ. އަފްރާޝީމަކީ ދީނީ އިލްމުވެރިއެއްގެ އިތުރުން ސިޔާސީ ބޭފުޅަކަށް ވާއިރު އޭނާ ބައެއްގެ ޓާގެޓަކަށް ވެދާނެ ތަފާތު ސަބަބުތައް ވަނީ ނިއުޅިފަ އެވެ. ދީނީ ވިސްނުމަށް ބަލާއިރު ރާއްޖޭގައި ދެތިން ވައްތަރެއްގެ އިލްމުވެރިން އުޅެ އެވެ. އޭގެ ތެރެއިން އެއްބަޔަކީ ވަރަށް ހަރުކަށި ބައެކެވެ. ދެން ތިބީ މެދުމިނަށް ތާއީދު ކުރާ އިލްމުވެރިންތަކެކެވެ.

ޑރ. އަފްރާޝީމަކީ ހަރުކަށި ދީނީ ވިސްނުންތަކާއި ފަތުވާތަކާ ދެކޮޅު ބޭފުޅެކެވެ. މިއުޒިކް ފަދަ މައްސަލަތަކުގައި އަފްރާޝީމް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ހަރުކަށި ދީނީ އިލްމުވެރިންނާއި އެބޭފުޅުންނަށް ތާއީދު ކުރާ މީހުން ވަރަށް ވެސް ރުޅި އައި ކަންކަމެވެ. ނަތީޖާއެއްގެ ގޮތުން މިސްކިތްތަކުގަޔާއި މަގުމަތިން އޭނާއަށް ދިމާކޮށް ފުރައްސާރަ ކޮށްފައި އެބަހުއްޓެވެ.

ޔާމީން މަރަށް އިންސާފު ހޯދުމަށް އެދި އޭނާގެ ބައްޕަ ފުލުހުންނަށް ސިޓީތަކެއް ހުށަހެޅުން--

ހަމަ އެހެންމެ ސިޔާސީ ގޮތުން ބެލިޔަސް އެފަދަ ކޮޅުތައް އެބަހުއްޓެވެ. އަފްރާޝީމަކީ ޕީޕީއެމްގައި އިސްކޮށް ހުންނެވި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިސް ބޭފުޅަކަށް ވުމުން ލިބިވަޑައިގެންފާނެ ސިޔާސީ ފުރުސަތުތަކަށް ހަސަދަވެރިވާ ބަޔަކު އުޅުން ވެސް އެކަށީގެންވެ އެވެ. ހަމައެހެންމެ އަފްރާޝީމް ފަދަ އިލްމީ ބޭފުޅަކީ ސިޔާސީ ގޮތުން އިދިކޮޅު މީހުންނަށް އޮތް ނުރައްކަލަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެގޮތަށް އާންމުންގެ ތެރޭގައި ވެސް ވާހަކަތައް ދެކެވެ އެވެ.

އަފްރާޝީމާއި ރިލްވާންގެ މައްސަލަ އަށް ބަލާއިރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ތަހުގީގުތައް ބައްޓަންކޮށްފައިވާ ކުރުމެވެ. ނަތީޖާއަކަށް ވަނީ އެ މީހުން އެކަމުގައި ބައްދަން އުޅެގެން ހަގީގީ ސަބަބާ ދުރަށް ދެވުމެވެ.

ފާއިޒް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ތަހުގީގުތަކުގެ ޓްރެންޑަށް ބަދަލު ނައުމަކީ ވެސް އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލަ އެވެ. އެންމެ ކުރީ ޒަމާނުގައި ތަހުގީގުތައް ހިންގި ފަދައިން ކްރައިމް ސީނަށް ދިޔަ މީހާ ނުވަތަ މަންޒަރު ދުށްމީހާގެ ބަޔާނުގެ މައްޗަށް ތަހުގީގު ކުރުމެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް.

ފާއިޒް ވިދާޅުވިގޮތުގައި މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ބޭނުންތެރި އެއްޗަކީ މާއްދީ ގޮތުން ފެންނަ ހެކިތަކެވެ. އެ ތަކެއްޗަކީ ނުފޫޒު ނުފޯރުވޭނެ ތަކެއްޗަށްވާއިރު 100 ޕަސެންޓް އެކިއުރޭޓް ހެއްކަކީ އެއީ ކަމަށް ފާއިޒް ވިދާޅުވި އެވެ.

"މާއްދީ ހެކި ހޯދައި އެކަތި އަނެކައްޗާ ގުޅުވުމުގައި ވަރަށް ދަށްކޮށް ރާއްޖޭގެ ފުލުހުން އުޅެނީ. އެހެން އެވަނީ ތަހުގީގު ކުރާ ޓީމް ޅަ ވީމަ. ދިވެހި ފުލުހުންގެ ޓީމް ވަރަށް ވެސް ޅަ. ބުނާ ބުނުންތަކަށް، ލިޔާ ބަޔާންތަކުގެ އިތުރަށް ހެކިތައް ހޯދަން ޖެހޭ،" ފާއިޒް ވިދާޅުވި އެވެ.

ފާއިޒް ފާހަގަ ކުރެއްވި އަނެއް މައްސަލައަކީ ކްރިމިނަލް ޖަސްޓިސް ސިސްޓަމްގައި ހުރި މައްސަލަތަކެވެ. އޭގެ ތެރެއިން ތަހުގީގު ކުރާ މުއައްސަސާ ކަމުގައިވާ ފުލުހުން ޒުވާންވެފައި ތަޖުރިބާ މަދުކަން އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރަން ދުވަސްވީ ތަޖުރިބާކާރުން މުހިންމު ކަމަށާއި ދުނިޔޭގައި އެކަން ކުރާގޮތަކީ ވެސް އެއީ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ފުލުހުން ކްރައިމް ސީނެއްގައި--- ފޮޓޯ: މިހާރު

"ބޮޑެތި މައްސަލަތަކަކީ އާލާތްތައް ހުރިއަސް މުޅިއަކުން ކާމިޔާބު ވާނެ ކަންކަމެއް ނޫން. ސިކުނޑީގައި އެ ގާބިލްކަން ނެތީވިއްޔާ ނުވާނެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވަރަށް ބޮޑެތި ތަޖުރިބާކާރުން ތިބެނީ. އެއީ ތަހުގީގުން ފެންނަ ހެކިތަކާ ގުޅިގެން ކަންކަން ހޯދުމަށާއި ދެން ދާނެ މަގު ދެނެގަތުމަށް. ތަހުގީގެއްގައި އެންމެ މުހިންމު އެއްޗަކީ ސިކުނޑި،" ފާއިޒް ވިދާޅުވި އެވެ.

ރާއްޖޭގައި އެފަދަ ގާބިލް މީހުން މަދުވުމުން ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ދިގު މުއްދަތަކަށް ބޭރުގެ އެކްސްޕާޓުން ގެންގުޅެން ޖެހޭ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. ހާއްސަކޮށް ދީނީ ހަރުކަށި ވިސްނުމުގައި އުޅޭ މީހުން ކުރާ ކަންކަން ހޯދަން އުނދަގޫއިރު އެފަދަ ކަންކަމަށް ބޭރުގެ ތަޖުރިބާކާރުން އަމަލީގޮތުން ބޭނުން ކުރުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ބޮޑެތި މައްސަލަތަކުގެ ތަހުގީގަށް އެފްބީއައި ފަދަ ތަންތަނުގެ އެހީތެރިކަން ރާއްޖެއިން ހޯދާފައިވެ އެވެ. ނަމަވެސް ގިނަފަހަރަށް އެއީ ކޮންސަލްޓެންޓުންގެ ގޮތުގަ އެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އަމަލީގޮތުން ބޭނުން ކުރާތަނެއް ނުފެނެ އެވެ.

އަލި މަގެއް އެބައޮތްތަ؟

ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވައުދުތަކުގެ ތެރޭގައި، ގޮތް ނޭންގޭ މި މަރުތަކުގެ ހަގީގަތް ހޯދުން ހިމެނެ އެވެ. އަދި އާއިލާތަކަށް އިންސާފު ހޯދައިދީ، ހަގީގީ މުޖުރިމުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ދުނިޔޭގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކިތަންމެ ދުވަސްވީ މައްސަލައެއް ނަމަވެސް އޭގެ ހަގީގަތް ހޯދޭނެ އެވެ. ނައްތާނުލެވޭނެ ހެކި ހުންނާނެ އެވެ. ބޭނުންވަނީ ރަނގަޅު ނިޔަތަކާއި މަސައްކަތެވެ.

ގެއްލިގެން ހޯދަމުން އަންނަ ރިލްވާން (ކ) އާއި ޔާމީން

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިގޮތުގައި އިބޫގެ ވައުދަކީ އެކަންކަން އަލުން ތަހުގީގު ކުރުން ކަމުގައިވާއިރު އެ މައްސަލަތަކުގެ ހަގީގަތް ހޯދޭނެ އެވެ. އެ ތަހުގީގުތަކަށް އެކުލަވާލާ ކޮމެޓީން އެ މައްސަލަތައް ތަހުގީގު ކޮށްފައިވާ ގޮތް އަލުން ބަލައި އަދި ތަހުގީގުގައި ނުބަލައި ހުރި ކަންކަން ބަލަން ނިންމާފައި ވުމަކީ އޭގެ ހަގީގަތް ހޯދޭނެ ސަބަބު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އޭރުން ވާނެ ގޮތަކީ ކުރިން ނުބެލި ހުރި ކަންކަން ބެލޭނެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ވަރަށް ގިނަ ކަންކަން އެބަހުރި ގަސްތުގައި ދޫކޮށްލާފައި. ބަލަން ވާވަރަށް ނުބަލައި. ތަހުގީގު ކޮމެޓީން ފުލުހުން ޖަވާބުދާރީ ކުރެވޭނެ ކަމަށް ގަބޫލު ކުރަނީ،" ތަޖުރިބާކާރު ވަކީލް ވިދާޅުވި އެވެ.

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަދި ގިނަ މައްސަލަތަކެއްގެ ތަހުގީގުގައި އުޅުއްވާފައިވާ އަބްދުﷲ ފައިރޫޝް ގަބޫލު ކުރައްވާގޮތުގައި ހަގީގީ މައްސަލަތައް ހޯދޭނީ މިނިވަން ކޮމެޓީއެއްގެ ބެލުމުގެ ދަށުން އެ މައްސަލަތައް ބެލުމަށް އަލުން ތަހުގީގުތަކެއް ހިންގައިގެންނެވެ.

ފުލުހުން ލައްވައި އެ ތަހުގީގުތައް ކުރި ނަމަވެސް އެކަން މޮނީޓާކޮށް ބަލައި ކޮމެޓީގައި ފުލުހުން ނުހިމެނުމަށް އޭނާ ލަފާދެއްވަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިދާރާއެއްގެ ބެލުމުގެ ދަށުން ފުލުހުންގެ ތަހުގީގުތައް ބަލައި އެ އިދާރާއެއްގެ ބެލުމުގެ ދަށުން ޕީޖީ އަށް މައްސަލަ ފޮނުވުމަކީ މިނިވަން ތަހުގީގެއް ކުރެވޭނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ ރާއްޖޭގެ ކްރިމިނަލް ސިސްޓްމްގައި ހުރި މައްސަލަތައް ދެނެގަތުމަށް އެންމެ ރަނގަޅު އެއް ފުރުސަތެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް އަލުން ބަލައި އަޅާނުލެވި ހުރި ކަންކަން ބަލަން ފެށުމަކީ ސިސްޓަމުގައި ހުރި މައްސަލަތައް ދެނެގަނެވި އެކަންކަން ހައްލު ކުރަން ލިބޭނެ ފުރުސަތެކެވެ.

"ސީރިއަސް އޮޑިޓެއް ހަދަން ޖެހޭ. އަމިއްލަ ވީކްނެސް އެނގިގެން ނޫނީ ރަނގަޅު ކުރެވޭނެ ޖާގައެއް ނޯންނާނެ. މިހާތަނަށް ވާގޮތަކީ އީގޯ ބޮޑުވީމަ ވީކްނެސް ފެންނާނެހެން ހީވާ ދިމާލެއް ވެސް ނުބަލައި ދޫކޮށްލަނީ،" ޝަމީމް ވިދާޅުވި އެވެ.

މިފަދަ ކޮންމެ ހާދިސާއަކާ އެކު ހަގީގަތް ހޯދަން ގާތައް ފުރޮޅަން ފަށަ އެވެ. އެކަމަކު ގިނަ ފަހަރަށް ފުރޮޅެނީ ތިލައިގައި ހުންނަ ގާ ގަލެވެ. ހަގީގަތް ހޯދޭނީ ފުނަށް ފީނައި، ހަގީގީ މާނައިގައި އަތް ފުނާއަޅައި ބޮޑެތި ގާތަށް ވެސް ފުރޮޅައިގެންނެވެ. އެހެންކަމުން މިއީ ކުރެވޭނެ ކަމެކެވެ. ކުރަންވީ ކަމަކީ ހެޔޮ ނިޔަތަކާއެކު، ނުފޫޒެއް ނެތި މަސައްކަތް ކުރުމެވެ.

40 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 5%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީޖޭ

07 November 2018

ތަހްޤީޤުގައި އެންމެ ފުނަށް ދެވޭނީ ފުލުހުންގެ މުއައްސަސާ އަކީ ސިޔާސީ މީހުން އައްޔަން ކުރާ މަގާމަކަށް ނުހެދުމުން، ކޮމިޝަނަރ އަކީ ރައީސް އައްޔަން ކުރާ މަގާމެއް، އޮންނަނީ ހައިރާކީ ފްލޯކުރަން، ދެން ކޮން ވާހަކައެއް، މިކަން ރަގަޅުކުރަން ގާނޫނުތައް ބަދަލުކުރަން ޖެހޭ، އެކަމު ބެސްޓް ޕްރެކްޓިސް ފޮލޯ ކުރާ ގަވްމުތަކުގައި އޮންނަނީ ރާއްޖޭގައި އޮންނަ ގޮތަށް، 2008 ގައި ގާނޫނު އަސާސީ ބަދަލުކުރި އޮތީ ފުލުހުންގެ ބާރުތައް ލިމިޓްކޮށް ކުއްވެރިންގެ ހައްގުތައް ބޮޑަށް..

The name is already taken The name is available. Register?

ބޮޑުމަރު ކުޑަމަރު

28 October 2018

ބޮޑުމަރެއް ކުޑަމަރެއް ކިޔާނެ ކަމެއް ނެތް، އެކި ގޮތްގޮތުން މަރާލެވިފައިވާ ހުރިހާ މަރުތަކެއްގެ ހަޤީޤަތް ހޯދުމަށްޓާކައި ފީނޭ އެއްމެ ފުނަކަށް ފީނަންޖެހޭނެ، އިބޫގެ ވައުދެއް. އިންސާފު އަރާ ހަމަކުރާނެ.

The name is already taken The name is available. Register?

މިއުޒިކް

28 October 2018

ރާއްޖޭގައި އެކިވައްތަރު ވައްތަރު ޢިލްމެރިން އުޅެއޭ ބުނެ، ޢިލްމުވެރިންނަށް ކުޑަމީސް ނުކުރާށެވެ. އެމީހުންނަށް ދޭންޖެގޭ ޤަދަރު ދޭށެވެ. "ޢިލްމުވެރިން" އެއީ ވަރަށް ޢާންމު ބަހެކެވެ. ލިޔުންތައްލިޔާއިރު ވިސްނާލުން މުހިންމު ކަމެކެވެ. އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއްނޫނެވެ. 3 އޮފް3-2

The name is already taken The name is available. Register?

މިއުޒިކް

28 October 2018

މުޖުތަމަޢުގައި ކަމެއް އާންމުވެފައި ވުމަކީ އެއީ އެކަމެއް "ޙަލާލު" ވުމުގެ ސިއްކަތޯއެެވެ؟ މިއުޒިކް، ކޮރަޕްޝަން، މީހުން މެރުން އަދި ސިިނގިރޭޓް ބުއިން. މީ މިހާރު އާންމު ކަންތައްތަކެވެ. ސިނގިރޭޓް ހަރާމް އޭ ބުނާ ޢިލްމެވެރިޔަކާ ދިމާލަށް ހަރުކަށްޓޭ ބުނާނަންތޯ؟ އަޅުގަނޑުމެންނަށް ގޯސްމިވަނީ ނުބައިމަގުން އަމިއްަލަ ނަސްފަށް ލިބޭ ނަފާތަކުން، ހިއްހަމަޖައްސަން ކުރާކަންތައްތަކުން ދުރުވުމުށް ގޮވާލާ މީހާއެވެ. 3 އޮފް 3-1

The name is already taken The name is available. Register?

މިއުޒިކް

28 October 2018

އެހެންނަމަވެސް އެހެން އެވިދާޅުވާ ޢިލްމުވެރިޔަކާ ދިމާލަށް "ހަރުކަށި" ފިކުރުގެ ޢިލްމްވުރިއެކޭ ނުބުނެވޭނެއެވެ. މިލިޔުމުގައި އެގޮތަށް ދޭހަވާގޮތަށް ލިޔެފައި އެބަވެެެއެވެ. ޢިލްމުވެރިންނަކީ އެމީހަކަށް ލިބިފައިވާ ޢިލްމަކުން (ދަލީލުތަކަކުން) ވިސްނޭ ވިސްނުމަކުން، އެހެން ޢިލްމުވެރިޔަކު ނެރޭ "ފަތުވާ" ޔަކާ ގުޅުވައިގެން އެ ޢިލްމުވެރިޔަކު މަރާލަން ގޮވާނޭ ބަޔެއްނޫނެވެ. އިސްލާމްދީނުގައި ޚިޔާލުތަފާތުވުމަކީ ރަޙްމަތެކެވެ. 2 އޮފް 3

The name is already taken The name is available. Register?

ޓިނު

28 October 2018

ފުލުހުން ވެއްޖެއެއްނު އިތުބާރު ކުރެވޭ މުއައްސަސާއަކަށްވާން! ފުލުހުންކުރާއެއްވެސް ކަމެއްގައި އިތުބާރެއްނުކުރެވޭ. މިއީ ހިތާމަކުރަންޖެހޭ ބޮޑު މައްސަލައެއް!

The name is already taken The name is available. Register?

ކުޑަމަނިކު

28 October 2018

ފުލުހުންގެ މުއައްސަސާއަށް އެކަނި ފޫޅުކަނޑާލައިގެން ނުނިމޭނެ! މިނިވަން މުއައްސަސާތަކާއި، ސަރުއީ ދާއިރާއާއި، ދައުލަތުގެ އެހެނިހެންވެސް ބާރުތައްވެސް އެކުލެވޭ ގޮތަށް މުޅި ސިސްޓަމް ފޭލްވީމައި ވާގޮތް! ކަމެއް ދަނީގޯސްކޮށް ކަން އެނގޭއިރުވެސް ބިރުން އެއްޗެއް ބުނާކަށް ނުވަތަ ކަމެއްކުރަން ނުކެރި ބޮޑުވަރިހަމައިގައި ތިބެނީ! މުޅި އިންޖީނު ޑީކާރބަނައިޒްކޮށް ސިސްޓަމް އޯވަރހޯލް ކުރެވިއްޖެއްޔާ ރަނގަޅުވެދާނެ!

The name is already taken The name is available. Register?

1819

28 October 2018

އޮޅުމަކުން ލައިގެން ހުރި ޓީޝާޓުގެ ސަބަބުން!!!!!!! މިއީ ކިހިނަކުން ވާނެ ކަމެއް މި ތަހުގީގު މިހާ ހަމައިން ނުނިމޭނެ

The name is already taken The name is available. Register?

ސުލޭމާނު

28 October 2018

އަބަދު ހުސް ރިޟުވާނަށް އިންސާފު ހޯދާވާހަކައެއް ނޫން ދައްކާންވީކީ. ހުރިހާމަރަށްވެސް އިންސާފު ހޯދަން ޖެހޭ އިންސާފަކަށް ވާނީ މަރަށް މަރު ހިފީމަ

The name is already taken The name is available. Register?

ސިޔާސީ

28 October 2018

ހުސް ބޮޑެތި މަރު ދޯ ހަމަ އެކަނި ތި ތިންމީހުންނަކަށް ނޫން އިންސާފު ހޯދަންޖެހޭނީކީ. ނިކެމެތި ޢާއިލާ ގެ މީހުންވެސް ބޭނުންވޭ ހަމަ އިންސާފު. ކޮންމެހެން ސިޔާސީ ބޭނުމަކު ތި ތިންމީހުގެ ފޯޓޮ އާއްމުކުރާނެ ކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454