އިސްލާމީ މަރުކަޒު ޗާލުކޮށްދޭ އަންހެންވެރިން

ފެހި ކުލައިގެ ހެދުމުގައި، މުޅި ގައިގައި ފޮތި އޮޅައި މޫނު ނިވާކޮށްގެން އެ މީހުން ތިބީ އިސްލާމީ މަރުކަޒު ވަށައިގެން ހުރި ސިޑިމަތި ގާނާށެވެ. އަތަށް ލެވުނު ބާރެއް ލައި އުނގުޅުމުގެ ބޭނުމަކީ އެތަނުގެ ވިދުން ގަދަކުރުމެވެ. އެއީ، ރާއްޖޭގައި ހުރި އެންމެ ހައިބަތު ބޮޑު، ރީތި ބިނާ އެ ގޮތުގައި ބަހައްޓަން ބަޔަކު ކުރާ މަސައްކަތުގެ ކުޑަ މިންވަރެކެވެ.


އިސްލާމީ މަރުކަޒު، އަބަދުވެސް ފެންނަނީ އެ ރީތިކަން މަތީގައި ހުއްޓަ އެވެ. އެއީ، ދިވެހިންނާއި މާލެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އެކަމަކު އެތަން އެ ގޮތުގައި ދަމަހައްޓަން، ރެ އާއި ދުވާލު ބަޔަކު ކުރާ ބުރަ މަސައްކަތް ފެންނަނީ މަދު ބަޔަކަށެވެ. އެ މަސައްކަތުގެ ފަހަތުގައި ގިނައީ، ޚިދުމަތްތެރި އަންހެނުންނެވެ.

އިސްލާމީ މަރުކަޒުގެ ސިޑި ރީތިކުރުމުގެ މަސައްކަތުގައި: އެތަނުގެ ޚިދުމަތުގައި އުޅޭތާ 30 އަހަރު ވީ މީހުން ވެސް އެބަ ތިބި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބައެއް މީހުންގެ މުޅި އުމުރު އެކަމަށް ހޭދަކޮށްފި އެވެ. އެ މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި، އެއީ ސަރުކާރުގެ ޚިދުމަތްތެރިންގެ ތެރޭގައި ތިބި ބައެއް ކަން ދަންނަ މާ ގިނަ ބަޔަކާ ވެސް ދިމައެއް ނުވެ އެވެ. މަރުކަޒާ ހަވާލުވެފައިވާ އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ފިޔަވައި، އެ މީހުންގެ މަސައްކަތަށް ތައުރީފްގެ ބަހެއް ބުނެލާ ބަޔަކު 30 އަހަރު ވިއިރު ވެސް ނެތެވެ. އެއީ، އެ މީހުންނަށް މާ ބޮޑު މައްސަލައެއް ނޫނެވެ. އެކަމުގައި ޝަކުވާއެއް ވެސް ނެތެވެ.

އެ ބުރަ މަސައްކަތާ ގުޅިފައި ވަނީ ހިތްހަމަޖެހުމެވެ. އެހެން ނޫން ނަމަ، ލިބޭ ކުޑަ އުޖޫރައަކަށް ނުބަލައި، އެ މަސައްކަތަށް ހުސްވެގެން ނުތިބޭނެ އެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރެ ކުނި ކަހަނީ: ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިސްލާމީ މަރުކަޒުގެ މަސައްކަތު މީހުންގެ ގޮތުގައި ތިބެ އެ މީހުން ކުރަން ޖެހޭ ކަމަކީ ހަމައެކަނި އެތަން ފޮޅައި ސާފުކުރުން ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. އެ އިމާރާތް، ވަށައިގެން ހުރި ބިޔަ ގަސްތަކުން ފައިބާ ކުނި އަބަދު ނެގުމުގެ އިތުރުން، އެތަނުގެ ސާފުތާހިރުކަމަކީ ވެސް އެ މީހުންގެ ޒިންމާއެކެވެ. އެ ތަނުގައި ބާއްވާ ޖަލްސާތަކާއި ހަފުލާތަކަށް ގޮނޑި އަތުރައި، މޭޒުތަކުގައި ފޮތިއަޅައި ބައްދަލުވުންތަކަށް ތަން ތައްޔާރުކޮށްދެނީ ވެސް އެ މީހުންނެވެ.

ދެ ބުރި އިމާރާތުގެ ބިއްލޫރި ސާފުކުރަން، ބަރިބަރިއަށް ދަނޑިތައް ގުޅުވައި، ކަރު މައްޗަށް ނަގައިގެން ތިބެ ކުރަނީ ވެސް ބުރަ މަސައްކަތެކެވެ. މިސްކިތުގެ ތެރޭގައި އަޅާފައި ހުންނަ ކާޕެޓްތައް ފޮޅައި އަވީލާން، ބޮޑެތި ރޯލުތައް އޮޅާލައިގެން މިސްކިތުގެ މައްޗަށް ގެންދަނީ ވެސް އަންހެނުންނެވެ. އިމާރާތް ދޮވެ، ޗާލުކޮށްދިނުމުގައި ހުރިހާ ޝުކުރެއް ވެސް ހައްގުވަނީ އެ މީހުންނަށެވެ.

"މިތާ ގުއްބު މައްޗަށް އަރައި، އެތަން ވެސް ފޮޅާ ހަދާނެ. އަސްލުގައި އަންހެނުންނަށް ކުރެވޭވަރުގެ ކަންތައްތަކެއް ވެސް ނޫން މިއީކީ،" އެ މީހުންގެ ބުރަކަން ސިފަކޮށްދޭން، މަރުކަޒުގައި ހުރި ފިރިހެނަކު ބުންޏެވެ.

އޭނާ، އެހެން ބުންޏަސް އެ މީހުންގެ ޚިދުމަތުގައި އޮތީ ދިގު ތާރީޚެކެވެ. އަންހެނުންނަށް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަން އެ މީހުން ދައްކުވައިދިނީ، ފޫހިވުމެއް ނެތި ކޮށްދީފައިވާ މަސައްކަތްތަކުންނެވެ.

އެ މީހުން ތިބީ ހިތްޖެހިފައި، ދުރަކަށް ނުދެވޭނެ!

މީގެ 34 އަހަރު ކުރިން އިސްލާމީ މަރުކަޒު ހުޅުވީއްސުރެން އެތަނުގައި މަސައްކަތް ކުރާ މީހުން އަދިވެސް އެބަ ތިއްބެވެ. އޭރު، 45 ފިރިހެނުންނާއި 15 އަންހެނުން މަސައްކަތް ކުރިއަސް، އެކަމުގެ ބުރަކަމާއި ލިބޭ މުސާރަ ކުޑަކަމުން ގިނަ ބަޔަކު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ. އެތަނުގައި ހަރުލީ، އަންހެނުންނެވެ.

އެއްފަހަރާ، 5،000 މީހުންގެ ޖާގައިގެ މިސްކިތާއި ކޮންފަރެންސް ހޯލާއި އިސްލާމިކް މިނިސްޓްރީ ހިމެނޭ ގޮތުން މަސައްކަތްތަކުގައި 17 އަންހެނުން މިހާރު ހަރަކާތްތެރިވެ އެވެ.

އައިޝަތު މޫސާ (ކ) އާއި އައިޝަތު ފަހުމީ (މ) އަދި ވަހީދާ: އެ މަސައްކަތުން ދުރަށް ދިއުމުގެ ވިސްނުމެއް އެ މީހުންގެ ނެތް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭގެތެރޭގައި ހިމެނޭ، މ. ޕެރިސްވިލާ، ވަހީދާ މޫސާ އަކީ އެތަނުގައި މިހާރު އެންމެ ދުވަސް ވީ އެކެކެވެ. މީގެ 30 އަހަރު ކުރިން، ވަހީދާ އެތަނުގެ ވަޒީފާ އަށް ނުކުތީ ދަރިންނަށް ކިޔަވައިދޭށެވެ. ދަރިން ބޮޑެތިވެ ވަޒީފާ އިން އޭނާ ރިޓަޔާކުރާ އުމުރަށް ދިޔައިރު ވެސް ވަހީދާ އެތަނުން ދާހިތް ނުވީ އެވެ.

"އެހާ ގިނަ ދުވަހު އުޅެވުނީމަ މިތަނަށް ހިތްޖެހިފައި. އަޅުގަނޑު ނުވޭ މިތަނަކުން ދާހިތެއް. ވަރަށް ބޮޑު އަގަލެއް މިތަނަށް ޖެހިފައި މިވަނީ. މިތަނުގެ ވަށައި ފާރު ތަޅާލި ދުވަހު ވެސް އަޅުގަނަޑަށް ހަމަ ރޮވުނު ދެރަވެގެން،" ވަހީދާ، 59، ބުންޏެވެ.

މަރުކަޒުގެ ވަށާ ފާރު ތަޅާލުމުން އެ މީހުން ހިތްދަތިވި ސަބަބެއް އޮތެވެ. އެއީ، އެންމެ ހަޑިކޮޅެއް ޖެހުނަ ނުދީ ދަވާދު ލައި ދޮވެގެން ގެންގުޅުނު ފާރެއް ތަޅައި ބިމާ ހަމަކޮށްލީމަ އެވެ.

އިސްލާމީ މަރުކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާ އަށް، އައިޝަތު މޫސާ، 54، ވަނީ މާލޭގައި ކުއްޔަށް އުޅެން ޖެހުމުން އަތްމަތި ދަތިވެގެންނެވެ. މީގެ 26 އަހަރު ކުރިން، އޭނާ އެ ވަޒީފާ އަށް ނުކުތީ އެހެން ވަޒީފާއެއް ވެސް އަދާކުރަމުންނެވެ. އޭރު ލިބޭ މުސާރައަކީ، 1،000ރ. އެވެ. ވަޒީފާގައި ހޭދަވި މުއްދަތާއި ކުރާ މަސައްކަތަށް ބަލައި، ވޭތުވެދިޔަ އަހަރުތަކުގައި އަސާސީ މުސާރަ 3،100 ރުފިޔާ އަށް ބޮޑުވެ، އެ ވަރުގައި ވަނީ ހިފެހެއްޓިފަ އެވެ. ކުރާ މަސައްކަތާ އަޅާބަލާއިރު ނިސްބަތުން މުސާރަ ކުޑަ އެވެ. އެކަމަކު، އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް މަސައްކަތް ކުރަނީ ހަމައެކަނި އުޖޫރައަކަށް ނޫނެވެ. ހިލޭ ސާބަހަށް އެކަން ކުރެވޭ ވަރަށް ވެސް ލޯބި އޮތީ ޖެހިފަ އެވެ.

ވަހީދާ އާއި އައިޝަތު މޫސާ "މިހާރު" އަށް ވާހަކަ ދައްކަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މިތަނަށް ވަންއިރު ވެސް ބުނި މިއީ، 24 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ތަނެކޭ. ބަންދު ދުވަސްތައް ވެސް ނުލިބޭނެއޭ މާ ގިނައިން. އެކަމަށް އެއްބަސްވިން. އަދިވެސް ހަމަ އެގޮތުގައި މަސައްކަތް ކުރަން ޖެހެނީ. ރޯދަ މަސް ބުރަ، ހައްޖު ދުވަހާއި އީދު ކަހަލަ ދުވަސްތަކުގައި ވެސް މިތަނުގެ މަސައްކަތް އޮންނާނެ،" އޭނާ ބުންޏެވެ.

ހަރުގަނޑެއް ހެން ހުންނަ ސިޑިއަކުން މިސްކިތުގެ ގުއްބަށް އަރައި، އެތަން ސާފުކުރި މަންޒަރާއި އެ ނޫން ވެސް މަރުކަޒުގައި ކުރަން ޖެހުނު ބައެއް މަސައްކަތްތައް އެ މީހުންގެ ފޯނުތަކުގައި ވީޑިއޯކޮށްގެން ޒަމާންތަކެއް ވަންދެން ގެންގުޅުނެވެ. އެކަމަކު އެ ވީޑިއޯތައް ދައްކާނެ ނުވަތަ މާ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރި ބަޔަކު ނެތުމުން ހުރިހާ ވީޑިއޯތަކެއް ވެސް ޑިލީޓްކޮށްލީ އެވެ.

"އެ ވީޑިއޯ ހާމަކޮށްލާނެ ފަރާތެއް ހަމަ ނުވި،" އޭނާ ބުންޏެވެ.

"އެންމެ ބޮޑު ހިތާމައަކީ މިގޮތަށް އުޅެފައި ވެސް ގޮސް އިށށީނދެލާނެ ޚާއްސަ ތަންކޮޅެއް ނެތުން. އެއީ ދައްތަމެން އެންމެ ދެރަވާ ކަމަކީ. ވާހަކައަކީ ދައްތަމެންނަށް ހެޔޮވާނެއޭ މިސާލަކަށް ބޮޑު އިމާރާތެއް ނޫނަސް، މިތަނުގެ ތަންކޮޅެއް ޚާއްސަކޮށްލަނިކޮށް ތިބެވޭ ގޮތަށް. އިށީނދެލެވެންޏާ ރަނގަޅޭ، ގޮދަޑި ޖެހި ގޮނޑިއެއް ނެތަކަސް."

އިސްލާމީ މަރުކަޒުގެ ގޯތިތެރެ ކުނި ކަހަނީ: --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އައިޝަތު މޫސާ ހުޅުމާލޭގައި ދިރިއުޅުނަސް ހުކުރު ދުވަހު ދެ ޝިފްޓަކަށް މަސައްކަތަށް ނުކުންނަން ޖެހެ އެވެ. އެއީ، ހެނދުނު 7-10 އަށް އަދި މެންދުރު 2 ޖަހާއިރު އަނެއް ޝިފްޓަށެވެ. މިވަގުތުކޮޅު، މަރުކަޒުގައި މަޑުކޮށްލެވޭ ގޮތަށް އޮންނަ ނަމަ، ހުޅުމާލެ އަށް ދަތުރެއް ނާޅާނެ އެވެ.

އެ މީހުން ތިބީ ކޮންމެވެސް އިރަކުން، އެކަމަށް ވެސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

"ދައްތަމެން މަސައްކަތް ކުރަނީ އުޖޫރައަކަށް ނޫން، ހިލޭ ސާބަހަށް ކަމަށް ދެކިގެން. އެކަމަކު، އެ މަސައްކަތަށް ކަނޑައަޅާފައި އޮތް އުޖޫރައެއް ދޭ. ހިތު ނިޔަތަކު ނެތް، ހާދަ މުސާރަ ކުޑައޭ، ހާދަ މަސައްކަތް ބުރައޭ،" އައިޝަތު ބުންޏެވެ.

ދަރިފުޅު އޯ ލެވެލްގައި ބައިވެރިކުރަން، މީހަކު އަތުން ނެގި ލޯނެއް އަދާކުރަން މަސައްކަތަށް ނުކުންނަން މަޖުބޫރުވި އައިޝަތު ފަހުމީ، 65، އަށް ވެސް މަސައްކަތް ކުރަން މިހާރު މަޖުބޫރެއް ނޫނެވެ.

"މިތަން ދޫކޮށްފައި ދާން އުނދަގޫވީ. ބުރަޔަސް، އެކަކު އަނެކަކަށް ބަލައިގެން އެހީތެރިވެދީގެން އެންމެން ވެސް އުޅެނީ،" އޭނާ ބުންޏެވެ.

އައިޝަތު (ކ) ވަހީދާ: ވަޒީފާގައި ދެ މީހުން ވެސް ދެމިތިބީ ހިތްހަމަޖެހިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި އިހްސާސްތަކާ އެކު އެއީ ގައުމަށް ޚިދުމަތްތެރި އާއިލާއެކެވެ. އެ މީހުންގެ ބަހުން ނަމަ، އިސްލާމީ މަރުކަޒު ރީތިކޮށް، ނަލަކޮށް ބާއްވަން ބޭނުންވާ ވަރަށް އަދިވެސް ނުބޭއްވެ އެވެ.

އެތަން ރީތިކޮށް ބޭއްވުމަކީ އެ މީހުންގެ ހިތްހަމަޖެހުމެވެ. ބަޔަކު އެ މަސައްކަތް ބަލައިނުގަތަސް އެ މީހުންގެ ފަރުވާލެއް ނެތެވެ. އެ މީހުންގެ އެދުމަކީ، އެތަނަށް އެންމެން އިހްތިރާމް ކުރުމެވެ.

"ދެރަވޭ، ސިޑިމައްޗަށް ފައިވާނާ އެކު އެރިޔަސް. އެއީ، މިއީ އާއްމު މާހައުލެއްގެ ގޮތަކު ނޫން މިސްކިތް ވީމަ އަޅުގަނޑުމެން ދެކެނީ. މިސާލަކަށް، ހުކުރު ދުވަހު މުޅި ތަން ސާފުކޮށް، ޗޭނު ޖަހާފައި ދިޔައިމަ ވެސް ބައެއް މީހުން އެބަ ވަދޭ ފައިވާނާ އެއްކޮށް. އެ ހުންނަނީ ދެރަ ކަންތައް. ބޯޑުތަކުގައި ހުންނަ ނިޝާންތައް ބަލައިގެން ގެސްޓުން ގޮވައިގެން އަންނަ މީހާ ވެސް އެބަ ޖެހޭ ވިސްނާލަން،" އައިޝަތު ބުންޏެވެ.

ތަން ރީތިކުރާ މީހުންނަށް އެ ހުންނަނީ ހަމަ ބޮޑެތި މައްސަލަތަކެވެ. ތަން ބޭނުންކުރާ މީހުން އެންމެ ކުޑަވެގެން އެ ކަންކަމަށް ވިސްނާލިޔަސް، މި އަންހެންވެރިން އިސްކޮށް ތިބެގެން ކޮންމެ ދުވަހަކު ކުރާ މަސައްކަތުގެ މަގުސަދަކީ ކޮބައިކަން އެނގޭނެ އެވެ.