އިބޫ: ހީވެސް ނުކުރެވޭ ފަދަ ސިޔާސީ ކާމިޔާބީއެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުން ފިޔަވައި ސިޔާސީ ގޮތުން އިތުރަށް ކުރިއަށް ވަޑައިގަތުމުގެ މާ ބޮޑު އުންމީދެއް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ނެތެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގަތުމުގެ ކުރިން ވެސް މައިގަނޑު ގޮތެއްގައި ޅ. އަތޮޅު ގޮނޑި [މީގެ ކުރިން ކިޔާ ގޮތުން] ފުރުއްވީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ކަމަށް ވުމުން އެ މަގާމުގައި ދެމިހުންނެވުމަކީ ޝަރަފެއް ކަމަށް ދެކެވަޑައިގަތެވެ.


އެކަމަކު، އިދިކޮޅު ކޯލިޝަންގެ ތެރެއިން، ރައީސްކަމުގެ ހުވަފެން ދެކެވަޑައިގަންނަވަމުން ގެންދަވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އައި ޖަލު ހުކުމުގެ ނަތީޖާ އަކީ އިބޫ ނޫން ބޭފުޅަކު އެ ކޯލިޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނެރެވެން ނެތުމެވެ. ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަކީ އިބޫ ދުވަހަކު ވެސް ބޭނުންފުޅުވި ކަމަކަށް ނުވިޔަސް އެ ނޫން ޗޮއިސްއެއް ކޯލިޝަނުން ފެންނަން ނެތީ އެވެ. ކޯލިޝަންގެ އިސް ވެރިންގެ އިތުރުން ޖުމްލަކޮށް އެ ކޯލިޝަންގެ އާންމު މެމްބަރުންނަށް ވެސް ރައީސް ކަމަށް ގަބޫލުކުރެވޭ ނަމަކަށް ވީ އިބޫގެ ނަންފުޅެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަނުން ނަތީޖާއާ ހަމައަށް ވާސިލް ވާން ސަލާމަތުން ހުންނެވި އެންމެ ގާބިލް ބޭފުޅަކީ އިބޫ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ އެންމެ ބޮޑު "ކިއްލާ" ކަމަށް ވާއިރު، ސިޔާސީ ގޮތުން ރާއްޖޭގެ ހާލަތު އެމަނިކުފާނަށް ވުރެ ވަކިން ބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކު، ކޯލިޝަންގެ ލީޑަރުން ފިޔަވައި، ނެތީ އެވެ. އެހެންވެ، ކޯލިޝަންގެ އިސް ވެރިންގެ ލަފާގެ މަތިން އިބޫއަށް ޖެހިވަޑައިގަތީ ކުރިއަށް ނުކުންނެވުމަށެވެ.

އިންތިޚާބީ ރައީސް އިބޫ (ކ) ކުރީގެ ރައީސް ނަޝީދު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ނަޝީދަށް ކުރިމަތި ލުމުގެ ފުރުސަތު މި ސަރުކާރުން ފަހިކޮށް ނުދޭނެކަން އޮތީ ޔަގީން ވެފައި. އަނެއްކާ ނަޝީދާ މެދު ކޯލިޝަންގެ ތެރޭގައި އޮތީ ހިޔާލު ތަފާތު ވެފައި. އެހެންވެ، އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ކޯލިޝަންގެ ތެރެއިން ނޫން އެހެން ހައްލެއް ނުފެނުނީ. ނަޝީދު މަސައްކަތް ކުރެއްވީ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް އިންތިޚާބަށް ކުރިމަތި ލައްވަން،" ކޯލިޝަންގެ އިސް ވެރިއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ނަޝީދު ހުންނެވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް އެ ޕާޓީން ބޭއްވި ޕްރައިމަރީން ފާސްކުރި އެވެ. އޭރު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންގެ ވިސްނުމަކީ ބައިނަލްއަގްވާމީ ފިއްތުންތަކާ އެކު، އިންތިޚާބުގެ ކުރިން އެމަނިކުފަނު މިނިވަންކުރާނެ ކަމެވެ. އެވަރަށް ޕްރެޝަރު ވެސް ކުރި އެވެ.

"އެންމެ ފަހު ވަގުތު ނަޝީދަށް ވެސް މަޖުބޫރުވީ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވަން. ނަޝީދު ދޫނުދެއްވައި އެންމެ ފަހު ވަގުތާ ހަމައަށް މަޑުކުރައްވައިފި ނަމަ ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަން ބައެއް އަރިސް ބޭފުޅުން ނަޝީދަށް ވިސްނައި ދެއްވީ. ފަހުން ކޮންގްރެސް ބާއްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ނިންމީ އެމްޑީޕީ އާއި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ޕްރެޝަރާ ވެސް އެކު،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އަގު ވައްޓާލެވޭ ފެންވަރުގެ ކަމެއް ވެސް ނެތް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރުންގެ ތެރެއިން ވެރިކަމަށް ޝައުގުވެރިވެވަވަޑައިގެންނެވި ބޭފުޅުން ޖަލަށް ލުމާ އެކު، އިބޫއާ މެދު ގާސިމްގެ ހުވަފެންތަކެއް ހުރި ކަމަށެވެ. އެއީ ރާއްޖޭގެ ރައީސްގެ މަގާމަށް ގާބިލް ބޭފުޅެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އިބޫ ނެރުމުގެ ހުވަފެނެވެ.

"ގާސިމް އަޅުގަނޑު ކައިރީ ވަރަށް ކުރިން ވިދާޅުވެއްޖެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވާނެއޭ. ހަމަ ގައިމު ވެސް ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ވިސްނުމުގައި އެންމެ ކުރިއްސުރެ ފެށިގެން [ލީޑަރުންނަށް ފުރުސަތު ބަންދުވުމާ ހަމައަށް] އިބޫ ނޫން ބޭފުޅެއްގެ ނަމެއް ނެތް. އިސްލާހީ މަސައްކަތް ފެށި ހިސާބުން ފެށިގެން އިބޫގެ ނަން އަޅުގަނޑުމެންގެ ލިސްޓުގައި އޮތީ،" ރިޔާޒް ވިދާޅުވި އެވެ.

އިންތިޚާބީ ރައީސް އިބޫ (މ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް (ކ) އަދި ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، ޕީޕީއެމް ނުވަތަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ނެގެޓިވް ކެމްޕެއިނެއް ނުކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ އިބޫ އެވެ. ޚާއްސަކޮށް މިހާތަނަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިފައި ނެތުމަކީ ވަރަށް ގިނަ ބަޔަކު ފާހަގަކުރާ ޕްލަސް ޕޮއިންޓެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ބޮޑު ކެމްޕެއިނެއް ނިންމައިލިއިރު އިބޫއާ ގުޅޭ ގޮތުން އެންޓި ކެމްޕެއިނެއް ނުފެނުނީ އެހެންވެ ނޫންތޯ؟ އިބޫއާ ދިމާއަށް ކިޔާނެ އެއްޗެއް ނެތުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ރައީސް ޔާމީނަކަށް ވެސް ޕީޕީއެމަކަށް ވެސް އެ ފުރުސަތެއް ނުލިބުނު،" ޖަލަށް ލުމާ ހަމައަށް އިދިކޮޅު ކޯލިޝަންގައި އިބޫގެ އަރިހުގައި ގާސިމްގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވި ރިޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ކުރިން، އިދިކޮޅު ލީޑަރުން ޖަލަށް ލުމުން އެ ކޯލިޝަންގައި ނަގައިކިޔާ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ އިބޫ އެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު 134،000 ވޯޓުން ކާމިޔާބު ކުރެއްވުމާ ހަމައަށް ވެސް އެ ކޯލިޝަންގެ އިސް ބޭފުޅަކީ އިބޫ އެވެ. އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރަކީ އެއީ އެވެ. އެ މުއްދަތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކާއި ބޮޑެތި ނިންމުންތައް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅަކީ ވެސް އެމަނިކުފާނެވެ.

އިންތިޚާބީ ރައީސް އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް އަދި އިދިކޮޅު ކޯލިޝަންގެ ތިން ލީޑަރުން ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑު ސްޓްރަގްލްއެއް ކުރެއްވި އެއް ބޭފުޅަކީ އިބޫ. ހަތަރު ލީޑަރުން ބަންދުގައި ތިއްބެވިއިރު، އެކި ފިކުރުގެ ބޭފުޅުން ގޮވައިގެން މިހާ ދުވަސް ވަންދެން އުޅުއްވޭނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ގާބިލް ވީމާ،" ރިޔާޒު ވިދާޅުވި އެވެ.

"އިބޫގެ ފަރާތުން ފެންނަ އެންމެ ބޮޑު ކަމަކީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އަޑުއެއްސެވުމާއި މަޝްވަރާ ކުރެއްވުމާއި ދީނީ ކަންކަމަށް ދެއްވާ އަހައްމިއްޔަތު."

އެ ކަންކަމުގެ އިތުރުން އިބޫއާ ގުޅޭ ގޮތުން ރިޔާޒް ފާހަގަކުރެއްވި އެންމެ ބޮޑު ކަމަކީ ރުޅި އިސްނުކުރެއްވުމާއި ކެތްތެރިކަމެވެ.

"ޚާއްސަކޮށް ރައީސް ނަޝީދާ އެންމެ ގާތް ބޭފުޅަކީ އިބޫ ކަމަށް ވުމަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދިޔަ،" ރިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ރަން ޔޫބީލް މިއަދު ފާހަގަކުރާ އިރު، އަލަށް ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިބޫއާ މެދު ރައްޔިތުން ތިބީ އުއްމީދުކޮށްގެންނެވެ. އެމަނިކުފާނުގެ ވައުދުތައް އަހައިގެންނެވެ. ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެކަމުގެ ޔަގީންކަމާ އެކުގަ އެވެ.