ބުރަ މަސައްކަތުން މުޅި ގައުމަށް ހޯދައިދިން ފަހުރު

އާއިލާ އާއި ގައުމު ފަހުރުވެރިވާ ފަދަ ދަރިވަރުންތަކަކަށް ވުމަކީ ކޮންމެ ކުއްޖެއްގެ ވެސް އަޒުމެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ދިން އޯ ލެވެލް ޓޮޕް ޓެން އެޗީވާސް އެވޯޑު ހަފުލާއިން ފެނުނީ އެ އަޒުމުގައި މަސައްކަތްކޮށް، ކާމިޔާބު ހޯދި ދަރިވަރުންތަކެކެވެ.


ދުނިޔޭގެ އެތައް ލައްކަ ދަރިވަރުންނާ ވާދަކޮށް މި ކުޑަކުޑަ ރާއްޖޭގެ 40 ދަރިވަރަކު އެ ވަނީ ގައުމު ފަހުރުވެރިކޮށްދީފަ އެވެ.

ތިރީގައި މިވަނީ މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން އެއް ވަނަ ހޯދި ބައެއް ދަރިވަރުންނާ ބެހޭ ކުރު ތައާރަފެކެވެ.

އަޒްހާ: ދެ މާއްދާއިން ދުނިޔެއިން އެއް ވަނަ ވަނީ ހޯދި --ފޮޓޯ:ރައީސް އޮފީސް

މަރިޔަމް އަޒްހާ އިބްރާހިމް

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން، މަރިޔަމް އަޒްހާ އިބްރާހިމް، 16، އޯލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދަން ބުރަކޮށް މަސައްކަތްކުރި އެވެ.

ކެމިސްޓްރީ އާއި އިކޮނޮމިކްސް އިން ދުނިޔެއިން އެއް ވަނަ އަދި ފިޒިކްސް އިން ދުނިޔެއިން ހަތަރު ވަނަ ހޯދި އަޒުހާ ބުނިގޮތުގައި ރަނގަޅު ނަތީޖާއެއް ހޯދަން ކުރީގެ ޕޭޕަރުތަކާއި އިންޓަނެޓުން އިތުރު މައުލޫމާތު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

"ޓެސްޓު ދުވަސްވަރު ވެސް ކިޔެވުމުގައި އަބަދު ވަގުތު ހޭދަކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން. މައިންޑް ފްރެޝް ކޮށްލަން ޖެހޭނެ. ރައްޓެހިންނާ އެކު ބޭރަށް ގޮސް މަޖާކޮށްލަން ޖެހޭނެ. އެކަމަކު މައިންޑުގައި ބަހައްޓަން ޖެހޭނެ އެގްޒާމް އެބަ އޮތްކަން،" ނިއުރޮލޮޖިސްޓަކަށް ވުމުގެ އަޒުމުގައި ހުރި އަޒުހާ ބުންޏެވެ.

ކިޔެވުމުގެ އިތުރުން ސްކޫލުގައި ހިންގި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ގަބޫލުކޮށް، އެ ނަމޫނާ ވެސް އެހެން ދަރިވަރުންނަށް ވަނީ ދައްކައިދީފަ އެވެ.

އިނގިރޭސި މާއްދާ އިން ދުނިޔެއިން އެއްވަނަ އަދި ބަޔޮލަޖީން ދުނިޔެއިން ހަތް ވަނަ ހޯދި ޝުއާއުއަށް ރައީސް ޔާމީން އެވޯޑު ހަވާލުކޮށްދެއްވަނީ --ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޝުއާއު މުހައްމަދު

އިނގިރޭސި މާއްދާއިން ދުނިޔެއިން އެއް ވަނަ އަދި ބަޔޮލޮޖީން ދުނިޔެއިން ހަތް ވަނަ ލިބޭނެ ކަމަކަށް އައިމިނަތު ޝުއާއު މުހައްމަދު އުއްމީދެއް ނުކުރެ އެވެ. ގޭގައި ދައްތައާ އެކު ކިޔަވާތީ އޭނާ ޓިއުޝަނަކަށް ނުދެ އެވެ. ނަމަވެސް އަށް މާއްދާއިން އޭ ހޯދައިގެން ޝުއާއު ވަނީ އާއިލާ އާއި އޭނާ ކިޔެވި އަމީނިއްޔާ ސްކޫލަށް އުފާވެރިކަން ގެނެސްދީފަ އެވެ.

"ބްރިލިއަންސް އެވޯޑު ހޯދާކަށް މަސައްކަތެއް ނުކުރަން. އާއިލާ އާއި ސްކޫލު ހިތްހަަމަޖެހޭ ވަރުގެ ނަތީޖާއެއް ހޯދަން ވަރަށް މަސައްކަތް ކުރިން. ވަރަށް ހިތްހަމަޖެހިއްޖެ ގައުމު ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުނީތީ. ހެއްދެވި ފަރާތަށާއި އާއިލާއަށް، ސްކޫލަށް ޝުކުރު ހައްގު،" ޝުއާއު ބުންޏެވެ.

ކޮމްޕިއުޓާ ސައިންސް އިން ދުނިޔެއިން ހަތް ވަނަ ހޯދި މިޝްއަލް އަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ.--ފޮޓޯ:ރައީސް އޮފީސް

މިޝްއަލް މުހައްމަދު ނައީމް

ކޮމްޕިއުޓާ ސައިންސް އިން ދުނިޔެއިން ހަތް ވަނަ އަދި ރާއްޖެއިން އެއްވަނަ ހޯދައިގެން މިޝްއަލް މުހައްމަދު ނައީމު ވަނީ ރާއްޖޭގެ ގަދަ ދިހައެއްގެ އެއް ވަނަ އަށް އަރައިފަ އެވެ. މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުގެ ކެޕްޓަންކަން ކުރަމުން އިތުރު ހަރަކާތްތަކުގައ ބައިވެރިވި އެވެ.

"ހިއެއް ނުކުރަން މިކަހަލަ ވަނައެއް ލިބޭނެ ކަމަކަށް. އެކަމަކު ވަރަށް މަސައްކަތްކުރިން ރަނގަޅު ނަތީޖާއެއް ހޯދަން،" ބަޔޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ވިސްނައިގެން ހުރި މިޝްއަލް، 16، ބުންޏެވެ.

ޖީސީއީ އޯލެވެލް ފެށެން މަހަކަށް ވުމުން އިތުރަށް ފިލާވަޅު ދަސްކުރަން މިޝްއަލް ޓިއުޝަން ނެގި އެވެ. އެކަމަކު ވަގުތު ހޯދާލައިގެން ރައްޓެހިންނާ އެކު ވެސް ބޭރަށް ދެ އެވެ.

ޕްރެކްޓިކަލްގެ މަސައްކަތްތައް ގިނަވުމުން މިޝްއަލް އަށް ބަޔޮލޮޖީ އުނދަގޫވިއަސް އޭނާ އެންމެ ކިޔަވާ ހިތްވަނީ އެ މާއްދާ އެވެ.

މާވީ (މ) އޭނާގެ މަންމަ އާއި ބައްޕައާ އެކު.-- ފޮޓޯ:މުހައްމަދު ޝާފީ

ފާތިމަތު މާވީ ސޯލިހު

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު އޯ ލެވެލް ހެދި ފާތިމަތު މާވީ ސޯލިހު އުއްމީދުކޮށްގެން ހުރީ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނޭނެ ކަމަށެވެ. އެގޮތަށް އެކަން ނުދިޔަ ކަމަށް ވިޔަސް އިނގިރޭސި މާއްދާއިން ދުނިޔެ އާއި ރާއްޖެއިން އެއް ވަނަ ހޯދައިފަ އެވެ.

"ސްކޫލުން ވެސް އުއްމީދުކޮށްގެން ހުރީ ޓޮޕް 10 ގައި ހިމެނޭނެ ކަމަށް. އެކަމަކު ވަރަށް އަން އެކްސްޕެކްޓެޑް ކޮށް ނަތީޖާ މި އައީ. ދެ މާއްދާއިން އޭ އެއް ލިބުނީ،" ސީއެޗްއެސްއީގައި މިހާރު އޭ ލެވެލް އަށް ކިޔަވަމުން އަންނަ މާވީ ބުންޏެވެ.

އޯ ލެވެލްގައި ލިބުނު ނަތީޖާއިން އޭނާ މިހާރު އަޒުމް ކަނޑައަޅައިގެން ހުރީ އޭ ލެވެލް އިން ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ.

މިދިޔަ އަހަރު ރާއްޖެއިން 5،000 އަށް ވުރެ ގިނަ ދަރިވަރުން އޯ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 63 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ. އޯ ލެވެލް ގަދަ ދިހައެއްގައި 504 ދަރިވަރުން ހިމެނުނު އިރު ދުނިޔޭގެ ގަދަ ދިހަޔަކަށް ރާއްޖޭގެ 40 ދަރިވަރުން އެރި އެވެ. އަދި ހަތަރު މާއްދާއަކުން ދުނިޔެއިން އެއް ވަނަ ދިވެހި ފަސް ދަރިވަރަކު ވަނީ ހޯދައިފަ އެވެ.