އިބޫ އަށް ޚާއްސަ ޝުއޫރުތައް: ވީޑިއޯ: ހައްވާ އަމާނީ އަބްދުﷲ

އިބޫ އަށް ޚާއްސަ ޝުއޫރުތަކެއް: "މިތިބީ، އުއްމީދުގައި،"!

ހިތްތައް ފުރި، ބަންޑުންވަނީ އާ ބަދަލުތަކެއްގެ އުއްމީދުންނެވެ. އޯގާތެރި، ވެރިކަމަކަށް ކުރި ދިގު އިންތިޒާރުގެ ނިމުން އައީ ކަމުގެ އުފާވެރި އިހްސާސްތަކުންނެވެ. ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ދިވެހިންނަށް ވެސް މިއަދަކީ އާ ފެށުމެކެވެ.


ރައީސް ކަމުގެ ހުވާ މިއަދު ކުރައްވާ އިބޫގެ ކުރިމަތީގައި އޮތީ ބުރަ ޒިންމާއެކެވެ. ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގަށް ވެރިވެގަނެ، ހިންގާފައި ހުރި ގޯސްތައް ރަނގަޅު ކުރައްވައި ގައުމު ބިނާ ކުރެއްވުމެވެ.

އެ މަސައްކަތްޕުޅުގައި މިއީ، އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދުމަފުޅު ނައްތާލައްވައިގެން ނުވާނެ ޝުއޫރުތަކެވެ. ރައްޔިތުންގެ ހަނދާން ކޮށްދިނުމެކެވެ؛

އުއްމީދަކީ އާ ސަރުކާރަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަދުލު އިންސާފު ގާއިމްކޮށް، ގެއްލިފައިވާ ހައްގުތައް ފުރިހަމަ އަށް އަދާކޮށްދޭ ސަރުކާރަކަށް ވުން.
އިބޫ އާއި އިންތިޚާބީ ރައީސް ފައިސަލް ނަސީމް. -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

އިބޫ އަށް ގިނަ ބަޔަކު ވޯޓު ދިނީ ނުހައްގު އަނިޔާ އިން މިންޖުވެ އިންސާފު ގާއިމްކުރާށެވެ. ތަފާތު ކުރުންތައް ނައްތައިލައި ހަމަހަމަ ކަމަށެވެ. ވަކި ކުލައަކަށް ނުވަތަ ފިކުރަކަށް ވީތީ އެކަހެރި ނުކުރުމަށެވެ. ކޮރަޕްޝަނާއި ފަސާދައިގެ މޫތައް ލުހެލައި، ދައުލަތް ސާފުކުރާށެވެ.

އެއް ބާރު، އަނެއް ބާރުގެ މައްޗަށް އަތްގަދަ ކުރިޔަނުދޭށެވެ. ގާނޫނީ އިމުން ބޭރު ނުވެ ވެރިކަން ހިންގުމަށެވެ. ކޯޓުތައް މިނިވަންކޮށް، އަދުލުވެރި ހުކުމްތަކެއް ކަމުގެ ޔަގީންކަން ހޯދުމަށެވެ. މިނިވަން މުއައްސަސާތައް، ނުފޫޒުން އެއްކިބާ ކުރުމަށެވެ. ގައުމަށް ސުލްހަވެރިކަމާއި ހަމަޖެހުން ހޯދާށެވެ.

މި ސިފަތައް، އިބޫ އަށް ހަދިޔާކުރި 134،507 ވޯޓުން އަމުނާލައި ދިވެހިން އެދެނީ، ހެޔޮވެރިކަމެއް ކޮށްދޭށެވެ. ހިތްތިރިކަމާއި އޯގާތެރިކަމާއި ހިކުމަތްތެރިކަމާ އެކު ނަމޫނާ ދައްކަވައި ދެއްވުމަށެވެ.

މި އުއްމީދުގައި، ދެ ފަހަރަކު ވެރިއަކު ހޮވި އެވެ. އެކަމަކު ކުރިމަތިލާން ޖެހުނީ މާޔޫސް ކަމެވެ. ރައްޔިތުން ހަވާލުކުރި އަމާނާތަށް، އިޚްލާސްތެރި ނުވުމުންނެވެ. އިބޫ ފިލާވަޅު ދަސްކުރައްވަންވީ އެ ތަޖުރިބާ އިންނެވެ.

ބޮޑު މީހާ އަށް ބޮޑު ގޮތް، ދެރަ މީހާ އަށް ދެރަ ގޮތް ވެގެން ނުވާނެ. އަދުލު އިންސާފުން، އިބޫ ކަންކަން ކޮށްދެއްވީމަ ހުންނާނީ ބަރާބަރަށް.
އިބޫ: އެމަނިކުފާނަށް އެތައް ހާސް ބަޔަކު ވޯޓު ދިނީ އުއްމީދުތަކަކާ އެކު.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"އިންސާފު ގާއިމްކޮށް، ހެޔޮވެރިކަމެއް ކޮށްދީ"

އިބޫއާ އެކު އުއްމީދުތައް ފެށެނީ، ހައްގުތައް ގެއްލުވާލައި ރައްޔިތުން މާޔޫސްކުރުވި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުންނެވެ.

"ނިމިގެން މިދިޔައީ ވަރަށް، ވޭންދެނިވި ފަސް އަހަރު. [ސިޔާސީ ފިކުރު ތަފާތުވުމުން] ވަޒީފާ އިން ކަނޑާލައި އެއްލައިލީ. ކޯޓުން ވަޒީފާ ދޭން ހުކުމް ކުރީމަ ވެސް އަދިވެސް ތަންފީޒެއް ނުކުރޭ. އަދުލު އިންސާފެއް ނެތް ގައުމުގައި. ދިރިއުޅުމުގެ ހާލަތު ދަށްވެއްޖެ. ބާޒާރުގައި ތަކެތީގެ އަގު އުފުލިއްޖެ،" މާރުކޭޓުގެ ގޮޅިއެއް ހިންގާ، ހުސެއިން އަފީފް، 33 ބުންޏެވެ.

"އާ ވެރިކަމެއް ފެށޭއިރު، އުއްމީދަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އާ ސަރުކާރަކީ އަދުލު އިންސާފު ގާއިމްކޮށް، ގެއްލިފައިވާ ހައްގުތައް ފުރިހަމަ އަށް އަދާކޮށްދޭ ސަރުކާރަކަށް ވުން. ނުވެއްޖިއްޔާ، މިހާރު ވެސް މި ދުވާ ގޮތަށް އަޅުގަނޑުމެން ފަހަތުން ދުވާނަން."

ގޮށްމުށުގެ ބާރުން ވެރިކަމެއް ނުކުރެވޭނެ. ވެރިކަން ކުރަން ވާނީ ގާނޫނީ އިމުން ބޭރު ނުވެ.
އިބޫ، ކުޑަކުދިންތަކަކާ އެކު: .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންސާފު ގާއިމް ކުރުމުގައި، ސަރުކާރުގައި މިހާރު ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައްޔިތުންގެ ތެރެއިން އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދިން މީހުންނަށް ވެސް ބޭއިންސާފުން އެއްވެސް ކަމެއް ހިންގާކަށް ދިވެހިން ނޭދެ އެވެ. އެންމެންނާ ދޭތެރޭގައި ވެސް އަމަލުކުރަން ޖެހޭނީ އަދުލުވެރިކަމާ އެކުގައި ކަމަށް ގަބޫލުކުރެ އެވެ.

"ބޮޑު މީހާ އަށް ބޮޑު ގޮތް، ދެރަ މީހާ އަށް ދެރަ ގޮތް ވެގެން ނުވާނެ. އަދުލު އިންސާފުން އިބޫ ކަންކަން ކޮށްދިނީމަ ހުންނާނީ ބަރާބަރަށް. އުއްމީދަކީ އެ މަގަށް ވެރިކަން ދިއުން،" އއ. މަތިވެރި، އަލީ ވަހީދު، 57 ބުންޏެވެ.

"ގޮށްމުށުގެ ބާރުން ވެރިކަމެއް ނުކުރެވޭނެ. ވެރިކަން ކުރަން ވާނީ ގާނޫނީ އިމުން ބޭރު ނުވެ."

އިބޫ އަށް ވޯޓު ދިނީ، އދ. އޮމަދޫ ފަރީދާ މުހައްމަދު ބުނިގޮތުގައި، ނިމިދިޔަ ވެރިކަމުން ތަޖުރިބާކުރެވުނު ހާސްކަމުން އަރައިގަތުމަށެވެ. އުއްމީދުން ފުރިގެންވާ ފެށުމަކުން ރައީސް ޔާމީން ފެއްޓެވި ނަމަވެސް އެމަނިކުފާނު ދެން ކަންތައް ކުރެއްވި ގޮތާ މެދު ރައްޔިތެއްގެ ހައިސިއްޔަތުން ދެރަވާ ކަމަށް އޭނާ ބުންޏެވެ.

ގާނޫނީ ހަމައެއް ނެތި، އެތައް ބަޔަކު ޖަލަށް ލަމުން ގޮސް، އެއްބަފާ ބޭބޭފުޅު، މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލައި ކަންކަން ކުރެއްވި ގޮތުން ރައްޔިތުންނާ ދޭތެރޭ ވިސްނުން ގެންގުޅުއްވި ގޮތް ސާފުވެ ރޮވުނު ކަމަށް ފަރީދާ، 65، ބުންޏެވެ.

"ހިތުން ރުހުމުން ވޯޓުލައި ވަރަށް އުފަލުން މިހިރީ. ވަޅުޖެހިފައި އޮތް ކަންކަން ރަނގަޅުކޮށް، އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް އިބޫ ހޯދައި ދިނުން، ބޭނުން ވަނީ،" އޭނާ ބުންޏެވެ.

ހީވޭ، ވަރަށް ބޮޑު ތަނުން ރަނގަޅުވާނެ ހެން. ކޮރްޕަޝަނުގެ ބައިތައް ވެސް ހުއްޓުވާލާނެ ކަން ވަރަށް ބޮޑަށް ޔަގީން. ބޮޑަށް އިސްކަން ދޭންވީ ރައްޔިތުންނަށް. --ރަޝީދު
އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު އިބޫ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ: ފުއްދައިދެއްވަން ޖެހިވަޑައިގަންނަވާ ބޮޑެތި ވައުދުތަކެއް އެބަ ހުރި. ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޮޑީ ބިލްޑަރު، މުހައްމަދު ރަޝީދު ބުނިގޮތުގައި ސިޔާސީ ހަޔާތްޕުޅުގައި ހޭދަކުރެއްވި 24 އަހަރު، އިބޫ މިހާތަނަށް ދައްކަވާފައިވާ ނަމޫނާ، އެމަނިކުފާނުގެ ވެރިކަމުގައި ވެސް ފެންނާނެ ކަމުގެ ޔަގީންކަން ބޮޑެވެ.

"ހީވޭ، ވަރަށް ބޮޑު ތަނުން ރަނގަޅުވާނެ ހެން. ކޮރްޕަޝަނުގެ ބައިތައް ވެސް ހުއްޓުވާލާނެ ކަން ވަރަށް ބޮޑަށް ޔަގީން. ބޮޑަށް އިސްކަން ދޭންވީ ރައްޔިތުންނަށް. ފްލެޓްތައް ބެހިއިރު ވެސް ތާކުންތާކު ނުޖެހޭ. އެކަހަލަ ކަންކަން ރަނގަޅުކޮށް، ބޯހިޔާވަހިކަން ވެސް އެންމެންނަށް އެއް ހަމައަކުން ފޯރުކޮށްދިނުން ފަދަ ހެޔޮ ބަދަލަކަށް އެދެނީ."

ރައީސް ޔާމީންގެ މި ތަރައްގީ، ހުއްޓުމެއް ނެތި ދެން އަންނަ ސަރުކާރަކުން ކުރިއަށް ގެންދިއުން ބޭނުން ވަނީ. މި ތަރައްގީ އަދިވެސް ލިބޭނެ ކަމަށް އަހަރެމެން އުއްމީދު ކުރަނީ. --އައިޝަތު

ރައީސް ޔާމީންގެ ވެރިކަން "އަނިޔާވެރި" ކަމަށް ތުހުމަތުކުރިއަސް ސ. ހުޅުދޫ، އައިޝަތު ދިޔެ، 59، އެކަން ގަބޫލެއް ނުކުރެ އެވެ. އޭނާ ދެކޭ ގޮތުގައި، އެމަނިކުފާނަކީ ތަރައްގީ ގެނެސްދެއްވި ލީޑަރެކެވެ.

"ރައީސް ޔާމީންގެ މި ތަރައްގީ، ހުއްޓުމެއް ނެތި ދެން އަންނަ ސަރުކާރަކުން ކުރިއަށް ގެންދިއުން ބޭނުން ވަނީ. މި ތަރައްގީ އަދިވެސް ލިބޭނެ ކަމަށް އަހަރެމެން އުއްމީދު ކުރަނީ،" އޭނާ ބުންޏެވެ.

"ކެބިނެޓުގައި [އިބޫ] ބޭނުންވާ މީހުން ތިބެގެން ރައްޔިތުންނަށް ކުރި ލިބޭ ގޮތް ހެދުން ބޭނުން ވަނީ. ރައީސް ޔާމީން ވެސް ހަމައެކަނި ފިޔާތޮއްޓަކަށް ނޫން ކަންތައް ކޮށްދީފައި ހުރީ. އެއްވެސް މީހަކަށް ބެލުމެއް ނެތި ކުރީ."

"ލޮޅުމަކަށް ޖާގަ ނުދިނުން"

އިބޫ އަށް އިތުބާރު ކުރިއަސް ރައްޔިތުންނަށް އޮތް ބިރަކީ މައްސުނިވެފައިވާ ޚިޔާލުތަކެއް ސަރުކާރު ތެރޭގައި ހިމެނުމެވެ. ތަފާތު ފިކުރުގެ ޕާޓީތައް ގުޅިގެން ވެރިކަމެއް އުފެއްދިއަސް، އެ ހިޔާލުތަފާތުވުންތަކާ އެކު ވެރިކަން ދެމެހެއްޓުމަކީ އިބޫ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ހަތަރު ލީޑަރުން ތިއްބެވީ އިބޫއާ އެކުގައި ކަމަށް ވިދާޅުވިއަސް، ނުތަނަވަސްކަމުން ރައްޔިތުންނަކަށް އަރައެއް ނުގަނެވޭނެ އެވެ.

އުއްމީދުކުރަން، ނިދަން ދިޔައިރު ވެރިކަމުގައި އިބޫ، ހޭލިއިރު ވެރިކަން ކުރަނީ ޖޭޕީ ކަމަށް ނުވާނެ ކަމަށް. ވޯޓުލީ ޔާމީންއާ ދެކޮޅށް ކޯލިޝަނަކަށް. ކުރީ ސަރުކާރުތަކަށް ވުރެން، ކަންކަން ރަނގަޅު ކުރަން. --މާޔަން

ރައްޔިތުންނަށް ވުރެން، އެ ފިކުރުތައް ވެރިކަމުގެ ތެރޭގައި "ތޫފާނެއްހެން" ބާރުގަދަ ވެދާނެ ކަމަކީ އޮތް މާޔޫސް ކަމެކެވެ. ކޯލިޝަން ސަރުކާރުތައް ދެ ފަޅިވެ، ގޮސް ހުއްޓެނީ އަބަދުވެސް ނުރައްކާތެރި ހިސާބެއްގަ އެވެ.

"އެ ތަޖުރިބާ އަށް ބަލައި، ރައްޔިތުންގެ ގިނަ ބަޔަކު ވޯޓު ދިނީ އަނެއްކާވެސް ކޯލިޝަން ސަރުކާރަށޭ. އެ ނޫން ގޮތެއް ނެތިގެން ނަމަވެސް. ދެން އޮތީ، ކޯލިޝަން ދަމަހައްޓައިގެން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމޭ. ދަތި ކަންތައްތަކެއް ހުއްޓަސް މަޝްވަރާކޮށްގެން އުނދަގޫތައް ފިލުވައި، ހައްލުކުރުމޭ،" ޒުވާނަކު ބުންޏެވެ.

"އޭރަށް، ރައްޔިތުންގެ ރުހުން އިބޫ އަށް އިތުރަށް ލިބިގެންދާނެ. މިހާރު ވެސް މިތިބީ އިބޫގެ ފަހަތުގައި."

ސަރުކާރުގައި ހިމެނޭ ލީޑަރުން އިބޫއާ އެކު: އެންމެ ބޮޑު ނުތަނަވަސްކަމަކީ ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެފަދަ ހާލަތްތަކުގައި ވެސް އިބޫގެ މަސްލަހަތަކީ އަމިއްލަފުޅު ޕާޓީ ކަމަށް ވެގެން ނުވާނެ އެވެ. ނުވަތަ އެ ޕާޓީއާ ދެން ބައިއަތު ހިފާ ބައަކު ގާތްކޮށް، އަނެއް ބަޔަކު ސިޔާސީ ގޮތުން ބިކަކުރުމެއް ވެސް ނޫނެވެ. ހިކުމަތްތެރިކަމާ އެކު މަގުކޮއްޓަވަން ޖެހިވަޑައިގަންނަވާނީ، ގައުމާއި ރައްޔިތުން އިސްކުރައްވަ އެވެ.

"އުއްމީދުކުރަން، ނިދަން ދިޔައިރު ވެރިކަމުގައި އިބޫ، ހޭލިއިރު ވެރިކަމުގައި ޖޭޕީ ކަމަށް ނުވާނެ ކަމަށް. ވޯޓުލީ ޔާމީންއާ ދެކޮޅަށް ކޯލިޝަނަކަށް. ކުރީ ސަރުކާރުތަކަށް ވުރެން، ކަންކަން ރަނގަޅު ކުރަން. ހެދުނު ގޯސްތައް އިސްލާހުކޮށް އާ ފެށުމަކުން ފަށަން. އުއްމީދު އެބަ އޮތް. ގައުމަށް ހެޔޮގޮތްވާން އެދެން،" މާޔަން، ޓުވިޓާގައި އޭނާގެ ޝުއޫރު ހިއްސާކުރަމުން ލިއެފައިވެ އެވެ.

މިއީ ހައްތާވެސް އިބޫ އަށް ޚާއްސަ ޝުއޫރުތަކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިބޫ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އިބޫއާ މެދު ރައްޔިތުންގެ އުއްމީދުތަކެއް ވާ ކަން ހަނދުމަފުޅު ބަހައްޓަވާށެވެ. ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ވެރިކަން އިޔާދަކޮށް ދެއްވާށެވެ. ސިޔާސީ ބާރުވެރިންގެ މަސްލަހަތަށް ވުރެން ގައުމާއި ރައްޔިތުން އިސްކޮށް ދެއްވާށެވެ. އެކަން ކުރެއްވުމުގައި ގާނޫނީ ތަރަހައިން ބޭރުވެވަޑައިނުގެން އިންސާފަށް ލޯބި ކުރެއްވުމުގައި ދެމިހުންނަވާށެވެ.