އެމްޑީޕީ އަށް ގޮތް ހުސްވީތަ؟

އެމްޑީޕީ އުފެދިގެން އައީ ވަރުގަދަ ރޫހަކާ އެކުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އެއީ އެހެން ޕާޓީތަކަށް ނަމޫނާއެކެވެ. އެކަމަކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައި ސިޔާސީ މައިދާނުން އެކަހެރިވުމާ އެކު ޕާޓީގެ ރޫހު މަރުވެއްޖެ އެވެ. ގޮތް ހުސްވީހެއްޔެވެ؟

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގަން ނުކުރޭނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ދުވަސްވަރެއް ދިޔަ އެވެ. ޝަރީއަތް ފެށިޔަސް ނަޝީދު ހައްޔަރު ނުކުރާނެ ކަމަށާއި އެކަން ކޮށްފި ނަމަ ގައުމު ފާލުން ނެއްޓި މިތަން ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެދާނެ ކަމަށް ހީކުރި މީހުން ވަރަށް ގިނަ އެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ނުފޫޒު އޭރު އޮތް މިންވަރުންނެވެ. ޕާޓީއަށް މަރުދޭ ސަޕޯޓަރުން އެ ޕާޓީގެ ރައީސަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ކަމަށް އޭރު ތިބީ ގަބޫލުކޮށްގެންނެވެ.


ނަޝީދު ހައްޔަރު ވެސް ކުރި އެވެ. ޝަރީއަތް ހިންގައި ޖަލަށް ވެސް ލީ އެވެ. ނަޝީދަށް ހުކުމް ކުރި ރޭ ނަޝީދަށް ތާއީދުކޮށް މުޒާހަރާކުރި މީހުން އިސްދަށަށް ޖަހާލައި ގެޔަށް ވަންގޮތަށް މުޅި މަންޒަރު ބަދަލުވީ އެވެ.

އެމްޑީޕީ މަޝްހޫރުވެފައި އޮތީ މަގުމަތީގެ ހަރަކާތްތަކަށް ކުޅަދާނަ ޕާޓީއެއްގެ ގޮތުގަ އެވެ. އެކަމަކު ނަޝީދަށް ހުކުމްކުރި ފަހުން އެއްވެސް ކަމެއް މަގުމައްޗަކުން ކާމިޔާބެއް ނުވެ އެވެ. ފެނިގެން ދިޔައީ މަގުމައްޗަށް ނިކުންނަ ކޮންމެ ފަހަރަކު ވެސް ޕާޓީގެ ސަފުތައް ހާއަޅަމުންދާ ތަނެވެ. އެއްބަޔަކު ބުނަމުން ދިޔައީ ނަޝީދުގެ މޭސްތިރިކަމުގައި ނޫނީ މުޒާހަރާއަކަށް ނިކުންނާނެ މީހަކު ވެސް ނުވަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ސަރުކާރުން އިސްކުރި ހަރުކަށި ކަމުގެ ސަބަބުން ކަމަށެވެ. ފުލުހުން “އަނިޔާވެރިވުން” އާންމުވެ މުޒާހަރާތަކުގެ ބައިވެރިން ހައްޔަރުކޮށް ބޮޑެތި ދައުވާތައް ކޮށް ޖަލަށް ލާން ފެށުމުން އެންމެން ބިރުގަތީ ކަމަށެވެ. މުޒާހަރާކުރަން ނިކުމެއްޖެ ނަމަ ވާނެ ގޮތް މާކުރިން ވެސް އެނގޭ ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: އޭޕީ

ދެން އޮތީ ބޮޑު ތުހުމަތެކެވެ. ނަޝީދު ޖަލުން ސަލާމަތްކުރުމަށް އެމްޑީޕީން ސަރުކާރާ އެކު ޑީލް ހެދި ކަމަށް ކުރާ ތުހުމަތެވެ. ސަރުކާރުން އެދުނުހާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދީ، ނައިބު ރައީސް ކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަކިކޮށް އަހްމަދު އަދީބު ގެނައުމެވެ. އެ ހުރިހާ ކަމެއް ވެސް ކުރީ އެމްޑީގެ އެހީތެރިކަމާ އެކުގަ އެވެ. އެކަމަކު އެމްޑީޕީ އަށް ލިބުނު އެއްޗެއް ނެތެވެ. ޖަލުގައި ހުންނެވި ނަޝީދު ދުވަސްކޮޅަކަށް ގޭބަންދަން ގެނައުން ނޫން ކަމެއް ނުވެ އެމްޑީޕީ އަށް ލިބުނީ ލަނޑެކެވެ. ޕާޓީ ދެކެ ލޯބިވާ އެތައް ބަޔަކު މާޔޫސްވެ ރުޅި ގަދަވި އެވެ. ޕާޓީގެ ލީޑަޝިޕަށް އިތުބާރު ގެއްލުނު ސަބަބަކަށް މިކަން ވެގެން ދިޔަ ކަމަށް ޕާޓީން ގަބޫލު ނުކުރިޔަސް މިއީ ހަގީގަތެވެ.

ދެން ދައްކަންޖެހެނީ ނަޝީދު ނެތިއްޔާ އެމްޑީޕީ ވެސް ނޯންނާނެޔޭ ބުނާ މީހުންގެ ވާހަކަ އެވެ. މިހާރު ކަންތައް ވަމުން ދަނީ އެ މަގުން ނޫންހެއްޔެވެ؟

އިދިކޮޅު ޕާޓީގެ ނޭވާ ހުއްޓުމަކީ ކާމިޔާބީއެއް ކަމަށް ވާނީ ސިޔާސީ ވާދަވެރި ޕާޓީތަކަށެވެ. އެކަމަކު އިދިކޮޅު ޕާޓީއެއް ނެތުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ގައުމަށް ލިބޭ މޮޅެއް ނޫނެވެ. ހުރިހާ ބާރެއް އެއް ދިމާލަކަށް ޖަމާވުމަކީ އުފަލެއް ނޫނެވެ. އިދިކޮޅު ޕާޓީއެއް ނެތުމަކީ ކާމިޔާބީއެއް ނޫނެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ދިން "އާދަޔާ ޚިލާފު" ހުއްދަ އަށް ފަހު އެމްޑީޕީ އިތުރަށް ފިނިވި އެވެ. މި ހުރިހާ ކަމަކަށް އިޝާރާތް ކުރައްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވަނީ ނަޝީދަށް އިނގިރޭސި ވިލާތުން ހިމާޔަތް ދިނުމަކީ ސަރުކާރަށް ލިބޭ ފަސޭހައެއް ކަމަށާއި މިއީ އެމްޑީޕީގެ ހަރަކާތްތައް މަދުވެ ޕާޓީ ވަޅުޖަހާނެ ސަބަބަކަށް ވާނެ ކަމަށެވެ. މިއީ އުފައްދަންޖެހޭ ސުވާލެކެވެ. ނަޝީދު ހުންނަވަނިކޮށް ޕާޓީގެ ލީޑަޝިޕް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލަފާނެ ހެއްޔެވެ؟ ނަޝީދަށް ވެރިކަމަށް އަލުން ވަޑައިގަނެވޭނެ ގޮތެއް އަދި ފެނިވަޑައިގެންފައި ނުވާއިރު އަމާޒެއް ހާސިލް ނުވާ ގޮތަށް ޕާޓީ އޮޔާދާން ދޫކޮށްލަންވީ ހެއްޔެވެ؟ އިދިކޮޅު ޕާޓީއެއް މިހާރު ނެތޭ ބުނަން ޖާގަ ލިބުނީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުން ރައްޔިތުން ދިން ހިއްސާ ކުޑަވުމުންހެއްޔެވެ؟ ނުވަތަ އެމްޑީޕީގެ އަމާޒު ގެއްލި ސަރުކާރުގެ މަޅީގައި ޖެހުމުން ހެއްޔެވެ؟ ސުވާލުތައް ގިނަ އެވެ.

އިދިކޮޅު ޕާޓީގެ ނޭވާ ހުއްޓުމަކީ ކާމިޔާބީއެއް ކަމަށް ވާނީ ސިޔާސީ ވާދަވެރި ޕާޓީތަކަށެވެ. އެކަމަކު އިދިކޮޅު ޕާޓީއެއް ނެތުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ގައުމަށް ލިބޭ މޮޅެއް ނޫނެވެ. ހުރިހާ ބާރެއް އެއް ދިމާލަކަށް ޖަމާވުމަކީ އުފަލެއް ނޫނެވެ. އިދިކޮޅު ޕާޓީއެއް ނެތުމަކީ ކާމިޔާބީއެއް ނޫނެވެ.

ނަޝީދަށް ޖަލުން ސަލާމަތްވެވުމުން ޕާޓީގެ މަގްސަދު ހާސިލުވީ ކަމަށް ބަލައި އަތްއުރާލައިގެން ތިބެން ވިސްނައިފި ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ނުވަތަ ނަޝީދު އަދި ވަޑައިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އުންމީދުކޮށްގެން އެހެން ކަންކަމަށް ލޯމަރާލައިގެން ތިބުމަކުން ވެސް ނުފުދެ އެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާ އެމްޑީޕީން އަދާކުރަންޖެހެ އެވެ. އެ ޒިންމާ އަކީ ހަރުގޭގައި ދެތިންމީހަކު އެއްވެ ކޮންމެ ރެޔަކު ވާހަކަ ދައްކަން ތިބުމެއް ނޫނެވެ. ހުރިހާ ދިމާލެއްގައި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ކަމުގައި ވިޔަސް ގައުމަށް އިސްލާހު ގެނެވޭނެ ފޯމިއުލާއެއް ހޯދުމަކީ އިދިކޮޅު ޕާޓީގެ އެންމެ ބޮޑު ޒިންމާއަށް ވާންޖެހޭނެ އެވެ. މަލްޓި ޕާޓީ ޑިމޮކްރަސީ އޮންނަ ކޮންމެ ގައުމެއްގައި ބާރުތައް ހުންނަނީ އެކި ޕާޓީތަކަށް ހަމަޔަށް ބެހިފައެއް ނޫނެވެ. އެކަމަކު ގައުމު ސަލާމަތްކުރުމަށް މަސައްކަތް ކުރެވޭނެ މަގު ހޯދަ އެވެ.

އެމްޑީޕީން ކުރި މުޒާހަރާއެއްގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިން. ---ފޮޓޯ: އަހްމަދު އަންވަރު (ސިމް)

ގަބޫލުކުރަމެވެ. ވެރިކަމުގައި އޮންނަ ޕާޓީ ނުވަތަ ޕާޓީތަކުގެ ޒިންމާއެއް ވެސް އޮންނާނެ އެވެ. އިދިކޮޅު ޕާޓީތަކާ ގުޅިގެން، ޒިންމާ އަދާކުރެވޭނެ މާހައުލު ތަނަވަސްކޮށްދޭން ވެސް ޖެހޭނެ އެވެ. ވަކި ފިކުރެއްގެ ބަޔަކަށް ނޫނީ ގައުމުގައި އެއްވެސް ފުރުސަތެއް ނެތް ކަމަށް ހީވާ ހިސާބަށް ކަންތައް ގެންދިއުމަކީ ގައުމުގެ ކޮންޓްރޯލް އޮންނަ ޕާޓީއަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެ ނޫން ގޮތަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ހީވާ ނަމަ އެއީ މައްސަލައެކެވެ.

ސަރުކާރުގެ ސިޔާސަތު ބައްޓަންކުރަން ޖެހެނީ އިދިކޮޅު ޕާޓީ ނައްތާލާކަށް ނޫނެވެ. އިދިކޮޅު ޕާޓީ މަސައްކަތްކުރަން ޖެހޭނީ ހަމައެކަނި ޕާޓީގެ ވެރިންގެ މަސްލަހަތަކަށް ވެސް ނޫނެވެ. މި ދެ ކަންތަކަށް ބަލާއިރު އިދިކޮޅު ޕާޓީގެ ޒިންމާ ބޮޑެވެ. އިދިކޮޅު ޕާޓީއެއް ވާންޖެހޭނީ ވެރިކަމުގެ ބާރު ކޮންމެ ފަދަ ގޮތަކަށް އެނބުރިގެން ދިޔަ ނަމަވެސް ހަމަ މަގަށް އަޅުވަން އެނގޭ ބަޔަކަށެވެ. އެމްޑީޕީ އަކީ އެ ފެންވަރުގެ ފިކުރެއްކަން ސާބިތުކޮށްދޭން ޖެހެ އެވެ.