ހައްޖުގެ އަޅުކަމަށް ފުރޭތީ ހިނިތުންވެފައި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގިނަ މީހުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ފައިސާ ޖަމާކުރެ އެވެ. ހައްޖަށް ފުރާ ދުވަހަކީ މުޅި އާއިލާ އަށް ވެސް އަންނަ އުފާވެރިކަމެކެވެ. ދަތުރު އެރެހެއްޓުމަށް އާއިލާ އާއި ގާތް ރައްޓެހިން ހުޅުލެއަށް ދެ އެވެ.


މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖޭން ދާ 2000 މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕްގައި ހިމެނޭ 200 ހައްޖާޖީން ފުރުވަން މިދިޔަ ހޯމަދުވަހު ޖުމްހޫރީ މައިދާނަށް ޖަމާވި މީހުންގެ މޫނުމަތިން ވެސް އެ އުފާވެރިކަން ފެނުނެވެ. މިއީ ކޮންމެ އަހަރަކު ފެންނަ އެކަމަކު ހަނދާނުން ފޮހެލަން އުނދަގޫ ދަނޑިވަޅެކެވެ.

ހައްޖާޖީންތަކެއް މިދިޔަ ހޯމަދުވަހު ޖުމްހޫރީ މައިދާނުގައި: ހައްޖާޖީން އެއާޕޯޓަށް ދިއުމުގެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައި .-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"މިހާރު"އާ ވާހަކަ ދެއްކި ގިނަ ހައްޖާޖީން ބުނީ ހައްޖަށް ދިއުމުގެ ނަސީބު ލިބުނީ ކެތްތެރިކަމާއި ހިތްވަރާއި މިންނަތާ އެކު ކުރި މަސައްކަތުން ކަމަށެވެ.

ހައްޖަށް ދާން ނިޔަތް ގަނެގެން އެކަން ކުރާ ނަމަ، ފައިސާ އެއްކުރަން މާ ގިނަ އަހަރުތަކެއް ނުނަގާނެ ކަމަށް ބައެއް މީހުން ބުންޏެވެ. މުރާލިކަމާއި ހީވާގިކަމާ އެކު މަސައްކަތް ކުރުމުން އޭގެ ހެޔޮ ނަތީޖާ ފެނުނީ ކަމަށް އަނެއް ބަޔަކު ސިފަކުރި އެވެ.

ހައްޖަށް ދިއުމުގެ ނަސީބު އެކި މީހުންނަށް އެކި ގޮތަށް ލިބެ އެވެ. ހޯމަދުވަހު ފުރި މީހުންގެ ތެރޭގައި ގުރުއަތުން ހޮވުނު ހައްޖާޖީން ވެސް ތިއްބެވެ. އޭގެ ތެރެއިން އެކަކަކީ ހއ. ތުރާކުނަށް އުފަން އިބްރާހިމް އިދުރީސް، 44، އެވެ. އޭނާ ބުނި ގޮތުގައި ހައްޖަށް ދެވެނީ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ދީލަތު އެހީތެރިކަމުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕުގައި ދާ ދެމަފިރިއަކު މާލޭން އެއާޕޯޓަށް ދާން ތައްޔާރުވެ، ޖުމްހޫރީ މައިދާނުގައި މިދިޔަ ހޯމަދުވަހު މަޑުކޮށްލައިގެން -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ އިބްރާހިމް ނިސްބަތްވާ ރަށުގެ އިތުރުން ހއ. ހޯރަފުއްޓާއި އުލިގަމު މީހުންގެ މެދުގައި މިދިޔަ އަހަރުން ފެށިގެން ހައްޖު ގުރުއަތުލުން ބާއްވަ އެވެ. އެގޮތުން ހޮވޭ މީހުންގެ ހުރިހާ ހަރަދެއް ކުރައްވަނީ ސިޔާމެވެ.

"އަލަށް ހައްޖަށް މި ދަނީ. މީގެ ކުރިން ހިތުގައި އޮތް ކޮންމެވެސް ދުވަހަކުން ހައްޖަށް ދެވޭނޭ. އެކަމަކު ހައްޖަށް ދާން ނިޔަތް ގަނެގެން ފައިސާ އެއްކޮށެއް އަދި ނަހަދަން،" އިބްރާހިމް ބުންޏެވެ.

ގުރުއަތަކުން ދިމާވެގެން ހައްޖަށް ދެވޭ ގޮތް ވުމަކީ އޭނާގެ ހިޔާލަށް ވެސް އައި ކަމެއް ނޫނެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ހައްޖަށް ދާން ފައިސާ ޖަމާކުރަން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވި އެވެ. އެގޮތުން ބައެއް މީހުން ފައިސާ އެއްކުރީ ކޮންމެ އަހަރަކު 10،000ރ. އެއްކޮށްގެންނެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕުގައި ހިމެނޭ މީހަކު މިދިޔަ ހޯމަދުވަހު މާލޭން އެއާޕޯޓަށް ދާން ފެރީ އަށް އަރަނީ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 222 މީހަކު ހޯމަދުވަހު ހައްޖަށް ފުރި -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ރަށުގައި ހުންނަ ކުޑަ އޮފީހެއްގައި އުޅެމުން ފައިސާ އެއްކުރީ. ދެމަފިރިން އެކުގައި ހައްޖަށް ދެވޭތީ ވަރަށް އުފަލުން މިތިބީ،" ފުވައްމުލަކުގެ ދެމަފިރިއަކު ބުންޏެވެ.

މި އަހަރުގެ ހައްޖަށް ދާ އެހެން ދެމަފިރިއެއްގެ ތެރެއިން އަބްދުއްރަޝީދު ހާމިދު 52، އާއި މަރިޔަމް ހަލީލާ ހާރޫން 45، އަކީ ވެސް ހައްޖުގެ އަޅުކަމަށް ނިޔަތް ގަނެގެން ފައިސާ އެއްކުރި ބައެކެވެ.

އަބްދުއްރަޝީދު ބުނީ ފައިސާ އެއްވީ ފަސް އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން ކަމަށެވެ.

"ދޯނިފަހަރުގެ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ، ވަޑާމްގެ މަސައްކަތް ވެސް ކުރަން. މިއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ،" އޭނާ ބުންޏެވެ.

ބ. ދޮންފަނަށް އުފަން އަބްދުއްރަޝީދު ބުނި ގޮތުގައި ހައްޖަށް ދާން ފައިސާ ދެއްކީ ޑިސެމްބަރު 2014 ގަ އެވެ. އެހެންވެ ހައްޖަށް ދިއުމުގެ ނަސީބު ދެމަފިރިންނަށް މި ލިބުނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އުމުރުން ދުވަސްވީ ހައްޖާޖީއަކު މިދިޔަ ހޯމަދުވަހު އެއާޕޯޓަށް ދާން، އާއިލާގެ ބައެއްގެ އެހީއާ އެކު ފެރީ އަށް އަރަނީ: ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1000 މީހުން ހައްޖަށް ދާނެ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހައްޖުގެ އަޅުކަމަށް ހޯމަދުވަހުގެ ރޭ ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 222 މީހަކާއި ޒައީމާ ހައްޖު ގްރޫޕްގެ އެޑްވާންސް ޓީމުގައި ހިމެނޭ ހަތަރު މީހަކާ އެކު ޖުމްލަ 226 މީހެކެވެ. މި ހަފުތާ އާއި އަންނަ ހަފުތާގެ އެކި ދުވަސް ދުވަހު ހައްޖާޖީން ފުރަން ވަނީ ހަމަޖެހިފަ އެވެ.

ހައްޖާޖީން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގެ ހުރިހާ ހިދުމަތެއް ސަރުކާރުގެ ހަރަދުގައި ވަނީ ހަމަޖައްސާފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޖުމްހޫރީ މައިދާނު ކައިރިން ފުރާ އިރު ކޮންމެ ހައްޖާޖީއަކާ އެކު އާއިލާގެ ތިން މީހަކަށް އެއާޕޯޓަށް ދާނެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ރާއްޖެ އަށްދިން 2000 ކޯޓާ ވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ކުންފުންޏަކަށް ބަހައިފަ އެވެ. އޭގެ ތެރެއިން ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު 1000 މީހުން ހައްޖަށް ދާނެ އެވެ.