24 ގަޑިއިރަށް ވިޔަފާރިވެރިން ތައްޔާރު!

ކާރުބާރު ބޮޑު މާލޭގައި "ޝޮފިން" ކޮށްލުމަކީ މިހާރު އެހާ ފަސޭހަ ކަމެއް ނޫނެވެ. ވިޔަފާރިކޮށްލަން ރޭގަނޑު އަށެއް ޖަހާއިރު ނުކުންނަ މީހާ އަށް ހިތްހަމަޖެހިލައިގެން ބާޒާރުކޮށްލެވޭނީ ލައްކަ އަވަސްކޮށްގެންނެވެ. މުދާ އުފުލާ ލޮރީތަކާއި ފިކަޕާއި ކާރުތަކާ ހެދި މަގުތައް ތޮއްޖެހިފައި އޮންނަ އިރު ހިނގާފައިދާއިރު ޕޭވްމަންޓް މަތި ވެސް އޮންނާނީ ފުރިފަ އެވެ. މި ބިޒީކަމުގައި އުޅެމުން ވިޔަފާރިކޮށްލުމަށް ޓަކައި މަގު މައްޗަށް ނިކުތުމަށް ގިނަ ފަހަރަށް އޮންނަނީ ބޮޑު ކަމަށްވެފަ އެވެ. މީގެ ކުރިން ވެސް މިކަމަށް ހައްލުތަކެއް ހޯދައިދިނުމަށް 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ސައި ހޮޓާ އަދި ކެފޭ ރެސްޓޯރެންޓްތައް 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުޅުވާލި އެވެ.


އެހެން ނަމަވެސް 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ފިހާރަތަކާއި ކެފޭތައް ބަންދުކުރާ ވަގުތުތައް އަވަސްކޮށް، 24 ގަޑިއިރު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓުމަށް ދިން ހުއްދަތައް ބާތިލް ކުރި އެވެ.

އެކަމަކު އެކަން ބަދަލުވުމުގެ ކޮޅުމަތި އަނެއްކާ ވެސް މި ވަނީ ފެންނަން ފަށައިފަ އެވެ. ސައުވީސް ގަޑިއިރު ފިހާރަތައް ހުޅުވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އިއުލާންކޮށް އެއީ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑްވޭވުން ފިހާރައިން ބަޔަކު ވިޔަފާރި ކުރަނީ: ގިނަ މީހުން ގަބޫލު ކުރަނީ 24 ގަޑިއިރު ވިޔަފާރިތައް ހުޅުވުމުން ފަސޭހަތަކެއް ވާނެ ކަމަށް --. ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ މާލެ އަށް އާ ކަމެއް ނޫނެވެ. ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. މާލޭގައި 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ހުރުމުގެ ސަބަބުން ފިހާރަތަކަށާއި އާންމުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބުނެވެ. އެހެން ނަމަވެސް އެކަން ބަދަލުކޮށް ރޭގަނޑު ފިހާރަތައް ބަންދު ކުރާ ވަގުތު އަވަސްކޮށްފައިވަނީ ދަންވަރު ހޭލާ އުޅޭ ޒުވާނުން އިތުރުވެ، ކުށް ކުރުން އިތުރުވުމާ ގުޅިގެން ކަމަށް ބުނެ އެވެ.

ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ސަބަބުން އާންމު ތަކެތި ވިއްކާ ފިހާރަތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދެ އެވެ. ދަންވަރު ވަޒީފާތަކަށްދާ ފަރާތްތަކާއި އެކި ބޭނުންތަކުގައި ހޭލާ އުޅޭ ފަރާތްތަކަށް މިފަދަ ފިހާރަތައް ހުރުމުގެ ސަބަބުން ގިނަ ގުނަ ފަސޭހަތަކެއް ލިބެ އެވެ.

މީގެ ކުރިންވެސް 24 ގަޑިއިރު ހުޅުވާފައި ހުރި ފިހާރައެއް ކަމުގައިވާ ނިއު ޗެއިންގެ ސޭލްސް މެނޭޖަރު މުހައްމަދު އާދިލް ވިދާޅުވީ، ދުވާލުގެ ވަގުތަށް ވުރެ ދަންވަރު 40 ޕަސެންޓް އިތުރަށް ވިޔަފާރި ރަނގަޅުވެގެންދާ ކަމަށެވެ. ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތުތައް 24 ގަޑިއިރަށް ބަދަލު ކުރުމަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި ރޭގަނޑު 11:00 އިން މެންދަމު 3:00 އަށް ފުދޭ ވަރަކަށް ވިޔަފާރިވޭ. ކަސްޓަމަރުން ވެސް އިތުރުވޭ. ދުއްވާލަން ނުކުމެ އުޅޭ ދެމަފިރިން ގެއަށް ނިދަން ވަނުމުގެ ކުރިން ގެއަށް ބޭނުންވާ ސާމާނު ގަންނަކަން ފާހަގަކުރެވޭ. އެފަދަ މީހުން ވެސް ވަރަށް ގިނައިން އަންނަކަން ފާހަގަކުރެވޭ،" އާދިލް ވިދާޅުވި އެވެ.

މި ވަގުތުތަކުގައި ވިޔަފާރި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދަންވަރު ކާރޫބާރު ކުޑަވެ، ވިޔަފާރިކުރަން ފަސޭހަވުން ކަމަށް އާދިލް ބުންޏެވެ. ފިހާރަތައް 24 ގަޑިއިރު ހުޅުވާ ކަމުގައިވާ ނަމަ އިތުރު ސްޓާފުން ވެސް ބޭނުންވެ އެވެ. ކަރަންޓު ބިލް ބޮޑު ވެގެންދެ އެވެ.

"ބޮޑު ފައިދާއެއް ލިބުމުން މި ހަރަދުތައް ވެސް މެނޭޖްކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ބައެއް ފިހާރަތަކަކީ މީގެ ކުރިން 24 ގަޑި އިރަށް ފިހާރަތައް ހުޅުވާލުމާ ގުޅިގެން އެކަމަށް ހާއްސަކޮށްގެން އޭރު ހުޅުވި ފިހާރަތަކެވެ. އެގޮތުން ސޯސަންމަގުގައި ހުންނަ ޝޮފް އެންޑް ސޭވް ފިހާރަ ހުޅުވާފައިވަނީ 24 ގަޑިއިރަށް ޓާގެޓްކޮށްގެންނެވެ. އެ ފިހާރައިގެ އެޑްމިނިސްޓްރޭޝަން މެނޭޖަރު އައިޝަތު އަބްދުﷲ ވިދާޅުވީ، މިފަދަ ބަދަލެއް އަނެއްކާ އައުމަކީ ފިހާރަތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

"އަނެއްކާ ވެސް ފެށީމަ އަޅުގަނޑުމެންނަށް އެނގޭނީ ސޭލްސް އަށް އަންނަ ބަދަލުތައް. އެކަމަކު 2012 ވަނަ އަހަރު ހިސާބުގައި 24 ގަޑިއިރަށް ފިހާރަތައް ހިންގި އިރު ދުވާލަށްވުރެ ޑަބަލްކޮށް ސޭލްސް ރޭގަނޑުވޭ،" އޭނާ ބުންޏެވެ.

އެހެން ނަމަވެސް އޭރު މާލޭގައި 24 ގަޑިއިރު ހުޅުވުމަށް ހުއްދަދީފައި ވަނީ މަދު ފިހާތަކަކަށެވެ. މިފަހަރު އެ ހުއްދަދޭނެ ގޮތެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ގިނަ ފިހާރަތައް ހުޅުވައިފި ނަމަ ވަކިވަކި ފިހާރަތަކަށް ލިބޭ ފައިދާ ބެހިގެންދާނެ އެވެ.

ފީސްޓް ކެފޭ ބިސްޓްރޯ: 24 ގަޑިއިރު ކެފޭތައް ހުޅުވުމަކީ އެ ތަންތަނުން ގަބޫލު ކުރާ ގޮތުގައި ރަނގަޅު ނިންމުމެެއް .-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރީޓެއިލް ފިހާރަތަކުގެ އިތުރުން ހޮޓާ އާއި ކެފޭތައް ހިންގާ ފަރާތްތަކުން ވެސް ތިބީ 24 ގަޑިއިރަށް ފިހާރަތައް ހުޅުވާތީ އުފަލުންނެވެ. މާލޭގައި ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު ކެޕޭ ސީހައުސްގެ ސީއީއޯ އިސްމާއިލް ފަސީހް ވިދާޅުވީ، 24 ގަޑިއިރު ފިހާރަތައް ހުޅުވާލުން ވެގެންދާނީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއަކަށް ކަމަށެވެ.

"ސީހައުސް އެންމެ ފުރަތަމަ ފެށިގެން ދިޔައީ 24 ގަޑިއިރު ހިދުމަތްދޭ ކެފޭއެއްގެ ގޮތުގައި. މިއީ ސީހައުސްގެ ކަސްޓަމަރުން ވަރަށް ލުކް ފޯވަޑް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަޝްހޫރު މާރުކޭޓް ހޮޓާގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު) ވިދާޅުވީ، ހޮޓާތައް އަނެއްކާވެސް 24 ގަޑިއިރަށް ހުޅުވާލައިފި ނަމަ މަސްދޯނިތަކުގެ ފަޅުވެރިންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"އެކަމަކު 24 ގަޑިއިރަށް ފިހާރަތައް ހުޅުވާލާއިރު ހުޅުވާފައި ހުންނަ ހޮޓާތައް ކައިރީ ސީސީޓީވީ ކެމެރާތައް އިންސްޓޯލް ކުރެވި ސެކިއުރިޓީ ކަންކަން ވަރުގަދަ ކުރަންޖެހޭ. މުޅި މާލޭގައި މިކަން ކުރާ ނަމަ ފުލުންނަށް ވެސް ބަލަހައްޓަން އުނދަގޫވާނެ،" ތައުފީގު ވިދާޅުވި އެވެ.

މާރުކޭޓު ހޮޓާ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ތައުފީގުގެ ވިދާޅުވީ މިއީ ފިހާރަތައް ހިންގާ ފަރާތްތަކާއި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ވެސް ކަންބޮޑުވުމެވެ. މީގެ ކުރިން 24 ގަޑިއިރަށް ހުޅުވާލުމުން ބައެއް ފިހާރައިގެ ސޭޓުންނަށް ބިރު ދައްކައި، ފޭރުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ރީޓެއިލް ފިހާރަތަކާއި ހޮޓާ އަދި ކެފޭތަކުން 24 ގަޑިއިރަށް ހުޅުވާލުމަށް ކެތްމަދުވެފައިވާ އިރު މާލޭގައި އަމާންވެއްޓެއް ގާއިމްވެފައި އޮތުން ވަރަށް މުހިއްމެވެ. ފުރިހަމަ ސިޓީއެއްގެ ކުލަވަރު މާލެއަށް ގެނައުމަށް މަސައްކަތް ކުރާއިރު މާލެ އަކީ 24 ގަޑިއިރު ވެސް އަމާން، އާންމުންނަށް ބިރެއް ނެތި އުޅޭނެ ތަނަކަށް ވާންޖެހެ އެވެ. މާރާމާރީ އާއި ފޭރުމުގެ އަމަލުތައް ހުއްޓުވަން ޖެހެ އެވެ. އެކަންކަމަށް އަމަން ބަލަހައްޓާ ފަރާތްތަކުން ތައްޔާރުވާން ޖެހެ އެވެ.