ޕީޖީ އެކަންޏެއް ނޫން، އިހުމާލުވި އެންމެންނަށް އެއް "ހުކުމެއް"!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ބާރު ދަމަހައްޓަވަން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް، ސިޔާސީ ބޭފުޅުންނަށް ގިނައިން އުފުއްލެވީ، ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، މުޅިން ގޯސް ދައުވާތަކެވެ. ނަތީޖާއަކަށް ވީ މުޅި ޝަރުއީ ނިޒާމް ގަޑުބަޑުވުމެވެ. އެއާއެކު، އެތައް ބަޔަކަށް ނުހައްގު އަނިޔާ ތަހައްމަލް ކުރަން ޖެހުމެވެ.


މަގާމުގެ ހައިސިއްޔަތުން، މިކަމުގައި ބިޝާމް ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެވެ.

އެ ތުހުމަތާ އެކު އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފަ އެވެ. މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ދުވަހު އެ އަނބުރާ ނެގީ، ސަރުކާރު ކޯލިޝަންގެ މަސްލަހަތުތަކެއް އޮވެގެން ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ. "ހައްލު" ލިބުމާ އެކު އަލުން ހުށަހަޅާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށް ދެއްވުމުގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނަވައި، ބިޝާމް އަމަލު ކުރެއްވި ގޮތުން، ގާނޫނީ އިމުގެ ތެރެއިން އޭނާ މަގާމުން ދުރު ކުރަން ޖެހެ އެވެ. ގާނޫނާ ޚިލާފު އަމަލުތަކަށް ޖަވާބުދާރީ ކުރުވައި، ރައްޔިތުންނަށް އިންސާފު ލިބެން ޖެހެ އެވެ.

އެކަމަކު މި "ހުކުމް" އަންނަން ޖެހެނީ ޕީޖީ ބިޝާމަށް އެކަންޏެއް ނޫނެވެ.

ކޮމިޝަންތަކުގެ އިސް ބައެއް ބޭފުޅުން ޖަލްސާއެއްގައި.

ފަސް އަހަރުގެ ދައުރެއް ނިމި ދައުލަތާއި ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބުނީ، "މިނިވަންކަމެއް" ނެތް މިނިވަން މުއައްސަސާތަކާ ހެދި އެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކެއް ދީފައި އޮތް ނަމަވެސް ޒިންމާ އަދާކުރުމުގައި އިހުމާލުވުމުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކުގެ ބޭފުޅުން، ނުފޫޒުން އެއްކިބާވެ، ގާނޫނީ ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދައެއް ނުކުރައްވަ އެވެ. ގާނޫނީ ޒިންމާ އަދާކުރެއްވި ނަމަ، ރައްޔިތުންނަށް އެކަން އިހްސާސް ކުރެވޭނެ އެވެ. އިތުބާރު ވެސް ދެމިއޮތީހެވެ.

މިނިވަން މުއައްސަސާތަކުގެ ހާލަތު!

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވޭތުވެދިޔަ ފަސް އަހަރު ހުށަހެޅީ އެންމެ ޝަކުވާއެއް ނޫނެވެ. އިންސާނީ ހައްގުތައް ނިގުޅައިގަތް ކަމަށް ބުނެ ފުލުފުލުގައި ޝަކުވާ އެވެ. ޖަލުތަކުގައި އިންސާނުންނަށް އެކަށީގެން ނުވާ އަނިޔާދިނުމާއި އިހުމާލުވަމުންދާ އެތައް މައްސަލައެއް ވެސް ހުށަހެޅި އެވެ.

މެއި، 1، 2015، ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ޖަލަށް ލީ، އަބްދުﷲ ރަޝީދު، ކަރެކްޝަނަލް ސާވިސްގެ އިހުމާލުން މަރުވި މައްސަލަ ފެންމަތިވީ، އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވަމުންދާ ކަމުގެ ތުހުމަތު ކުރަމުން ދަނިކޮށެވެ. އެ މަރު، ޖަލަށް ގޮސްގެން އެޗްއާރުސީއެމުން ބެލި އެވެ. އެކަމަކު، އެ ތަހުގީގުން ފަޅާއެރި ކަންކަމަށް ފަސްއަޅައި ފޮރުވީ އެވެ. އެންމެ ކުޑަވެގެން އެކަމުގައި ބައެއްގެ އިހުމާލު ހިމެނޭތޯ ނުވަތަ ނޫންތޯ މިހާތަނަށް ވެސް ބުނެއެއް ނުދެވުނެވެ.

އެފަދަ ކިތަންމެ ހާދިސާތަކެއް ހިނގިއިރު އެ ކޮމިޝަން އޮތީ ހިމޭނުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން: އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ނުކުޅެދިފައިވާ ކަމުގެ ޝަކުވާ ބޮޑު.

ދެން އޮތީ، އޭސީސީ އެވެ. ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދަ އާއްމުވިއިރު ވެސް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވި ކަމުގެ ތުހުމަތެވެ. ބައެއް މައްސަލަތައް ތަހުގީގުކުރި ނަމަވެސް ހަމަޔާއި އިންސާފުން ދައުވާ ކުރަން ފޮނުވުން އަދި މައުލޫމާތު އާއްމު ކުރުމުގެ ހިތްވަރެއް ނުލިބުނެވެ.

އެއް މައްސަލަައަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތެވެ. އޭސީސީގެ ތަހުގީގަށް ފަހު، އެ ފައިސާ ވަދެފައިވާ، ދައުލަތުގެ އިސް ބޭފުޅުންގެ އެކައުންޓަކުގެ ތަފްސީލް އާއްމުންނަށް ހާމަކުރާނެ ކަން އިއުލާންކޮށް، ފަހު ވަގުތު، މުއައްސަސާތަކަށް ރިޕޯޓް ފޮނުވާލައި، ވާހަކަ މުޅިން އަނބުރާލީ އެވެ. އަދިވެސް އެ ކޮމިޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަން ހިންގީ، އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ވެރިކަން ކުރާ ޕީޕީއެމްގެ "ގޮތްޕެއް"ގެ ގޮތުގަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަން ފެނުނީ، ރާއްޖެ ޓީވީން އެކަނި މިންގަނޑާ ޚިލާފުވި ތަނެވެ. އެ ސްޓޭޝަނަށް ހުސްވެގެން ތިބެ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރި އެވެ. އެއީ، އެންމެ ރަނގަޅަށް ހިނގަދިޔަ ކަމެއް ނޫން ކަމަށް ފަހުން، އެއްބަސް ވެސް ވި އެވެ.

ފުލުހުންގެ އިހުމާލު، ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނަށް ނުފެނުނުއިރު، ސިވިލް ސާވިސްގެ މުވައްޒަފުން ވައްޓާލި ސިޔާސީ އަނދަވަޅުން ސަލާމަތްކޮށްދިނުމުގައި އެ ކޮމިޝަނަށް ކުރެވުނު ކަމެއް ނެތެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްގެ އެހެން ވާޖިބެއް ވެސް ގާނޫނީ ގޮތުން އޮވެ އެވެ: ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމެވެ. މިދިއަ ފަސް އަހަރު އެތަނުގައި އޭނާ ހުންނަވައިގެން ޖޭއެސްސީގައި ކުރެއްވި މަސައްކަތާ މެދު ސުވާލު އުފެދެ އެވެ.

"މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ. ގާނޫނީ ޒިންމާ އަދާކުރެއްވުމުގައި ގިނަ މުއައްސަސާތައް ވަނީ ނުކުޅެދިފައި. އެ ހުރިހާ ބޭފުޅުން، މަގާމުތަކުން ދުރު ކުރެވެން ޖެހޭ،" ޕީޖީ ބިޝާމް ވަކިކުރަން މަޖިލީހަށް ހުށަހެޅި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ (އަބުޅޯ) ވިދާޅުވި އެވެ.

ޖަވާބުދާރީ ކުރުވެން ވާނެ!

ގާނޫނުއަސާސީން ވަކިކޮށްދިން ބާރުތައް، ސަރުކާރަށް ޖަމާކޮށްފައި އޮތް ގޮތަށް ބަލާއިރު ނުފޫޒުން އެއްކިބާވެ މަސައްކަތް ނުކުރެއްވޭނެ ކަމަށް ކޮމިޝަންތަކުގައި ބައެއް ބޭފުޅުން ތިއްބެވީ ގަބޫލުކުރައްވައިގެންނެވެ. ކޮމިޝަންތަކުން ކަންކަން ކުރުވަނީ ގާނޫނީ އިމުން ބޭރުގައި ކަން މެމްބަރުންނަށް ވެސް އެނގިވަޑައިގަނެ އެވެ. އެކަމަކު އެ ގޯސްތަކުން ދުރަށް ވަޑައިގަތުމުގެ ބަދަލުގައި އިސްކުރެއްވި ތަން ފެނުނީ މަގާމާއި އަމިއްލަ މަސްލަހަތެވެ. އެހެންނޫން ނަމަ، ޒިންމާ އުފުއްލެވުމުގެ ސިފަ، ކޮމިޝަންތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން ފެނުނީހެވެ.

ކުރީގެ ބަންޑާރަ ނައިބު، ހުސްނުއްސުއޫދު ވިދާޅުވީ ގާނޫނާ ޚިލާފު އަމަލުތައް ހިންގެވި ބޭފުޅުން، ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރެވެން ޖެހޭ ކަމަށެވެ. އެކަން ކުރެވެން އޮތީ، ބައެއް ބޭފުޅުން މަގާމްތަކުން ވަކިކޮށްގެން ކަމަށް ވާ ނަމަ، މުޅި ނިޒާމް ރަނގަޅު ކުރަން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެންމެ މުހިއްމު ކަމަކީ ޖަވާބުދާރީ ކުރުވުން. އެއާއެކު އެފަދަ ގާނޫނާ ޚިލާފު އަމަލުތައް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނީ ކިހިނެއް ހަދައިގެންތޯ ވެސް ބަލައި ހޯދަން ޖެހޭ. އެފަދަ އަމަލުތައް ތަކުރާރުވާން ފުރުސަތު ދީގެން ނުވާނެ،" މުއައްސަސާތައް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން އަބަދުވެސް ވަކާލާތު ކުރައްވާ ސުއޫދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނީ. - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ބާރުތަކެއް ދީފައިވާ މުއައްސަސާތަކުގެ ޒިންމާ އަދާނުކުރުމުގެ ނަތީޖާ އޮތީ ފެންނާށެވެ. އެހެންވިޔަސް ސުއޫދު ބާރުއަޅުއްވަނީ، އެކަމުގައި ފިޔަވަޅު އަޅާއިރު ވެސް ގާނޫނީ އިމުން ބޭރު ނުވުމަށެވެ.

މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން މަގާމްތަކުން ވަކިކުރެވޭނީ ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސަކަށް ނޫނެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

"މަގާމުން ވަކިކުރުމުގައި ވެސް ފިޔަވަޅު އަޅަންވާނީ އިޖުރާއަތުތަކުގެ ތެރެއިން، ހަމަޔާއި އިންސާފުން. މިކަންކަމާ އެކު ވެސް އިހުމާލުވި މީހުން ޖަވާބުދާރީ ކުރުވެން ވާނެ،" ސުއޫދު ވިދާޅުވި އެވެ.

ޕީޖީގެ މައްސަލަ އިން ފަށައި، މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް، އިހުމާލުވި އެންމެން ޖަވާބުދާރީ ކުރުވައި އިންސާފު ހޯދައި ދޭން ޖެހެ އެވެ. މިނިވަން މުއައްސަސާތަކަށް މަސައްކަތް ނުކުރެވިގެން މުޅި ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު، އެއީ އެފަދަ ތަންތަނުގައި ތިއްބަވަން ގާބިލް ބޭފުޅުން ނޫންކަން، މިދިއަ ފަސް އަހަރު އެ އޮތީ ފެންނާށެވެ. އެހެންކަމުން ބިޝާމާ އެކު، އެ ހުރިހާ ބޭފުޅުން ވެސް ނިޒާމުގެ ތެރެއިން ނެރެ، ބޭރުކުރެވެން ޖެހޭނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ރައްޔިތުން ލީ ވޯޓުގައި، ރާއްޖޭގައި މިހާރު މި އޮތް ޚަރާބުވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމް ބަދަލުކުރުން ހިމެނޭކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގަބޫލުކުރައްވަން ޖެހެ އެވެ.