ކުންފުނިތައް އަދިވެސް ޕާޓީތަކަށްތަ؟ ތަޖުރިބާ ގޯސް!

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަސްކޮޅު ގުނަމުން ދަނީ އެވެ. ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖައްސަމުން އެބަ ގެންދެ އެވެ. ދެން އޮތީ އެންމެ މުހިންމު އަނެއް މަސައްކަތެވެ. އެއީ ކުންފުނިތަކަށް މީހުން ހަމަޖެއްސުމެވެ. އޭގެ ތެރެއިން ހަތަރު ކުންފުންޏަކަށް މިހާރު ވަނީ މީހުން ހަމަޖައްސައިފަ އެވެ.


ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އަދި ސަރުކާރުގެ ހިއްސާ އޮތް ކުންފުނިތަކުގެ އަދަދު 30 އަށް އަރަ އެވެ. ކުންފުނިތަކުގައި މަސައްކަތް ކުރާ ޖުމްލަ މުވައްޒަފުންގެ އަދަދު 26،000 އަށް އަރާ އިރު ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ވަރަށް ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ކުންފުނިތަކުންނެވެ. ހަމައެކަނި އެސްޓީއޯ އަށް އެކަނި ބެލިޔަސް، އެތަނުގެ އާމްދަނީ ދައުލަތުގެ މުޅި އަހަރުގެ ބަޖެޓާ އެއްވަރެވެ.

ކޯލިޝަން ސަރުކާރެއް އޮތްއިރު ކުންފުނިތައް ބައިކުރާނެ ގޮތުގެ ބޮޑު ބަހުސެއް މިހާރު މި ވަނީ ފެށިފަ އެވެ. ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވަނީ ކޮންމެވެސް ކުންފުންޏެއް ކޮންޓްރޯލް ކުރާށެވެ. އޭގެ ވާދަވެރިކަން މި އޮތީ އިންތިހާގަ އެވެ. އެނގިފައިވާ ގޮތުގައި ކުންފުނިތަކަށް މީހުން ހަމަނުޖެހި ލަސްވަމުން ދަނީ ވެސް ކޯލިޝަންގެ ތެރޭގައި ކޮންމެ ކުންފުންޏަކަށް ވެސް ގިނަ ނަންތަކެއް އުޅޭތީ އެވެ.

ވެމްކޯގެ މުވައްޒަފަކު ކުނި އުކަނީ: ކުންފުނިތަކުގެ ވެރިންނަށް ލާން ޖެހޭނީ ހަރުދަނާ މީހުން -- މިހާރު ފައިލް ފޮޓޯ

ދައުލަތުގެ ކުންފުނިިތަކުގެ ކުރިމަގު ބައްޓަން ކުރާ މުހިންމު މި ވަގުތު ކުންފުނިތަކަށް ރަނގަޅު ވެރިން ލުން މުހިންމެވެ. ސީއީއޯ އިންނާއި އެމްޑީން ކުންފުނިތަކަށް ލާއިރު، ސިޔާސީ ގޮތުން ވިސްނުމަށް ވުރެ އެ މީސްމީހުންގެ އިލްމާއި ތަޖުރިބާ އަށް ކޮންމެހެން ބަލަން ޖެހޭ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ވަރަށް ކާމިޔާބު ކަމާ އެކު ހިންގަމުން އަންނަ ކުންފުނިތައް ހިމެނޭއިރު، ޓެކްްނިކަލް ބޭފުޅުންނަށް ނޫނީ ނުހިންގޭ ވަރުގެ ކުންފުނިތައް ވެސް އެބަހުއްޓެވެ. އެހެންވެ، ވަޒީފާގެ ވާދަވެރިކަން އޮތް އިރު ކުންފުނިތަކަށް ލާނީ ސިޔާސީ ކުޑައެއްގެ ދަށުންތޯ، ނުވަތަ އެ މީހެއްގެ ހުރި އިލްމާއި ތަޖުރިބާ އަށްތޯ މިއީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.

ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތައް ހިންގަވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހުރި ބޮޑެތި ބައެއް ކުންފުނިތަކަކީ އާދައިގެ މީހަކަށް ހިންގޭ ވަރުގެ ކުންފުނިތަކެއް ނޫނެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯ، އެމްޓީސީސީ ކަހަލަ ކުންފުނިތަކަކީ ސީދާ ޕްރައިވެޓް ކުންފުނިތަކާ ވާދަވެރި ކުންފުނިތަކަކަށް ވާތީ ކޮންމެ ކޮންމެ މީހަކަށް އެ ތަންތަން ހިންގަން ހަވާލުކުރުމަކީ އެ ކުންފުނިތަކަށް ވައްޓާލާ ބޮމަކަށް ނޫނީ ނުވާނެ އެވެ.

"އަމިއްލަ ކުންފުނިތަކުން ބޮޑެތި އަގު ދީފައި ބޭރުން ސީއީއޯ އިން ހޯދަނީ ކަމެއް ވީމަ. އެހެންވީމަ އަޅުގަނޑުމެން ނުވާނެ ސިޔާސީ ގޮތުން ބާރުގަދަ މީހެކޭ ކިޔައިފައި އެކަހަލަ ތަނެއް އެ ކަހަލަ މީހަކާ ހަވާލު ކުރާކަށް. ސަރުކާރުގެ މަގާމަކާ ކުންފުންޏަކާ ވާދަކުރުން މިއީ ތަފާތު ދެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީ: އާ ސަރުކާރުން ވަނީ މި ކުންފުންޏަށް އެމްޑީއެއް ހަމަޖައްސައިފައި

ރާއްޖޭގެ އެންމެ ބޮޑު، އަދި މުވައްޒަފުން ވެސް އެންމެ ގިނަ ކުންފުނި، އެމްއޭސީއެލްް އިން އިސްތިއުފާ ދެއްވި ކުރީގެ މެނެޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ސިޔާސީ ނުފޫޒުތަކުން އެއްފަރާތްވެފައިވާ ވެރިން ކުންފުނިތަކަށް ލުމަކީ ކުންފުނިތައް އޭގެ ގޮތުގައި ހިންގުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިސާލަކަށް އެމްއޭސީއެލް ކަހަލަ ކުންފުނިތަކަކީ ވަރަށް ބޮޑެތި ކޮމާޝަލް ކުންފުނި. އެކަހަލަ ތަނަކަށް ވިޔަފާރި އެނގޭ، ކޮމާޝަލް އަދި ފައިނޭންސް ބެކްގްރައުންޑެއް ހުންނަ ވެރިޔަކު ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.

އެކަހަލަ ބޮޑު ކުންފުންޏެއް ކޮންމެ ކޮންމެ މީހެއްގެ އަތް މައްޗަށް ދޫކޮށްލުމަކީ، އާދިލް ވިދާޅުވި ގޮތުގައި، އެ މީހަކަށް ހެދޭ އެންމެ ގޯހަކުން ވެސް ވަރަށް ނުބައި ނަތީޖާތަކެއް އިގްތިސާދަށް ކުރިމަތިވެދާނެ ކަމެކެވެ.

"މިލިއަން މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ކުންފުންޏެއްގެ ވާހަކަ މި ދައްކަނީ. ހުރިހާ ކަހަލަ ވިޔަފާރިއެއް ކުރާ ތަނަކަށް ވީމަ އެ މީހެއްގެ ކޮމާޝަލް ބެކްގްރައުންޑެއް ކޮންމެހެން ވެސް ހުންނަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒުގެ ތެރޭގައި ތަން ހިނގައި، ހަމައެކަނި ޕާޓީގެ ވިސްނުމުން އެކަހަލަ ތަނެއްގެ އިސް މީހަކު ހޮވާ ނަމަ އެއީ ވިސްނާލަން ޖެހޭ ކަމެއް."

އޭނާ ވިދާޅުވި މައިގަނޑު އެއް ވާހަކަ އަކީ މި އެވެ: "ކުރީ ސަރުކާރުން ވެސް އަޅުގަނޑަށް ހީވަނީ އެމްއޭސީއެލްއާ ދޭތެރޭ ވިސްނީ ކޮމާޝަލްކޮށް ހެން. ސަބަބަކީ އަޅުގަނޑަށް އެމްޑީ ކަން ދިން އިރު އަޅުގަނޑަކީ ދުވަހަކު ވެސް ޕާޓީއެއްގެ ހަރަކާތެއްގައި އުޅުނު މީހެއް ނޫން. ރައީސް އަބްދުﷲ ޔާމީން އަޅުގަނޑު ނުވެސް ދަންނާނެ. އެކަމަކު އެތަނަކީ ކޮން ކަހަލަ ތަނެއްކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެދާނެ އެ ތަނަށް ލާން އެތަނުން މީހަކު ޗޫސް ކުރެއްވީ."

އެސްޓީއޯގެ ހެޑް އޮފީސް: ބޮޑު ކުންފުންޏެއް -- ފައިލް ފޮޓޯ: މިހާރު

އެމްޑީޕީ ސަރުކާރުގެ ވަރަށް އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވީ ދައުލަތުގެ އާމްދަނީ ބިނާވާ މައިގަނޑު އަސާސަކީ ކުންފުނިތައް ކަމަށާއި ކުންފުނިތަކަށް ވެރިން ހަމަޖައްސާއިރު ސިޔާސީ ފިކުރު އެއްފަރާތް ކޮށްލަން ޖެހޭ ކަމަށެވެ. އޭނާ މިސާލެއްގެ ގޮތުން ނެންނެގީ މިފްކޯ އެވެ.

"މަސްވެރިން ޑިމާންޑް ކުރުމުން ނުއަގުގައި މަސް ގަތީމަ ހަގީގަތުގައި ކާކަށްތޯ މި ގެއްލުން ވަނީ؟ ހަމަ ރައްޔިތު މީހާ އަށް ދެއްތޯ؟ ސަބަބަކީ އެ ގެއްލުމަށް ސަބްސިޑައި ކުރަން ޖެހެނީ ސަރުކާރުން. ސަރުކާރަށް ގެއްލުން ވީމަ ހަމަ ރައްޔިތު މީހާ އަށް،" އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އޭނާ ދެއްވާ ލަފައަކީ ކުންފުނިތައް ސިޔާސީ ވަކިތަކުން މިނިވަންކޮށް ޕްރޮފެޝަނަލް ކޮށް ހިންގުމެވެ. އޭނާ ހިޔާލު ދެއްވި ގޮތުގައި މި ސަރުކާރުން ކުންފުނިތަކަށް ލާންވީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް ކުރިމަތިލާ މީހުންގެ ނަންތައް ޝޯޓް ލިސްޓްކޮށްގެން އޭގެ ތެރެއިން އެންމެ ރަނގަޅު މީހެކެވެ. އެ މީހާ ސިޔާސީ ބެކްގްރައިންޑް ބަލާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ދޭންވީ ދެ އަހަރާ ބައިގެ ކޮންޓްރެކްޓެއް. އޭރުން ދެން ވާނެ ގޮތަކީ އޭނާ އަށް އޮންނާނެ އޭނާ ބޭނުން ގޮތަކަށް ކުންފުނި ހިންގުމުގެ އިޚުތިޔާރު. އޭރުން އޭނާ އަށް އޮންނާނެ ޓާމުގެ މެދުން އޭނާގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން،" އޭނާ ވިދާޅުވި އެވެ.

"އެކަހަލަ މީހަކު ނިންމާނީ ރަނގަޅު ނިންމުންތައް."

އޭނާ ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މިހާރު ހިނގަމުން ދަނީ ވެސް އެއްވެސް ގޮތަކަށް މިނިވަންކޮށް ނޫން ކަމަށެވެ.

"ކީއްވެގެންތޯ އެސްޓީއޯ އަށް މިހާ ކުޑަ އަދަދެއްގެ ފައިދާ މި ވަނީ؟ ކީއްވެގެންތޯ މިފްކޯ އަށް ވުރެ އަމިއްލަ މަސް ކުންފުނިތައް މާ ކުރީގައި މި އުޅެނީ؟ ސަބަބަކީ ސިޔާސީ ކަންތައްތައް މާ ބޮޑީ،" އޭނާ ވިދާޅުވި އެވެ.

އިލްމީ އަދި ގާބިލް މީހުން ކުންފުނިތަކަށް ލައިފި ނަމަ މިހާރަށް ވުރެ މާ ރަނގަޅަށް ނަތީޖާ ނެރޭނެ ކުންފުނިތައް ރާއްޖޭގައި އެބަހުރި ކަމަށް އޭނާ ވިދާޅުވެ އެވެ. މުވައްޒަފުންގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ބެެލިޔަސް ގިނަ ކުންފުނިތައް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މައްސަލައަކީ "މެނޭޖްމަންޓް ސިޔާސީ ވުން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މިއީ އެކަން ރަނގަޅު ކުރަން ލިބޭ އެންމެ ރަނގަޅު ފުރުސަތު. ޕާޓީތަކުން ވެސް ވިސްނަންވީ ޕާޓީ އަށް އިހުލާސްތެރި މީހާ އަށް ވަޒީފާ ދިނުމަށް ވުރެ ކުންފުންޏަށް ރަނގަޅު މީހާ އަށް ވަޒީފާ ދޭން،" އޭނާ ވިދާޅުވި އެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. ރާއްޖޭގައި ހުރި ދައުލަތުގެ ގިނަ ކުންފުންޏަކީ ރަނގަޅު ފެންވަރުގެ ވެރިން ލައިފި ނަމަ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަރައިގެން ދާނެ ކުންފުނިތަކެވެ. އެ ކުންފުނިތަކަށް ބޭނުންވަނީ ސިޔާސީ ވަކިތަކުން ނެއްޓިފައިވާ މާހައުލެކެވެ.