އިސް ރަށްވެހިންނަށް އެހީވުމުގައި ޕެންޝަން އޮފީސް ނަމޫނާ ދައްކަނީ!

އުމުރުން ދުވަސްވީ މީހުންގެ އާބާދީ މުޅި ދުނިޔޭގައި ވެސް އަންނަނީ އަވަސް މިނެއްގައި އިތުރުވަމުންނެވެ. ރާއްޖޭގެ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އުޅެނީ 16،000 އަށް ވުރެ މަތީގަ އެވެ.


މި އާބާދީ 2041 ވަނަ އަހަރާ ހަމަ އަށް ދާއިރު 50،000 އަށް އަރާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ލަފާ ކުރެ އެވެ. މި އަހަރު ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެގެންދާނެ އެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް، އެ މީހުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަވެ އެވެ. އެ މީހުންނަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހަދައި އަޅާލުމާއި އޯގާތެރިކަން ދިނުމުގައި މުޅި މުޖުތަމައު ހޭލުންތެރި ކުރަންޖެހެ އެވެ.

މިކަމަށް އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކާއި ފަރުދީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަންޖެހެ އެވެ.

ޕެންޝަން އޮފީހުން 2017 ވަނަ އަހަރު އައްޑޫގައި ބޭއްވި "އިސް ރަށްވެހިންނާއެކު ޕެންޝަން އޮފީސް ޕްރޮގްރާމު"ގެ ތެރެއިން

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިހާރު ވަނީ އިސް ރަށްވެހިންނަށް އެހީވުމުގައި ވެސް ނަމޫނާ ދައްކަން ފަށައިފަ އެވެ. މިދިޔަ އަހަރުން ފެށިގެން އެ އޮފީހުން ވަނީ، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ތަފާތު ޕްރޮގްރާމެއް ފަށައިފަ އެވެ.

"އިސް ރަށްވެހިންނާއެކު ޕެންޝަން އޮފީސް" ނަމުގައި ހިންގާ ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އަމާޒަކީ އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި އެ ފަދަ މީހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމެވެ. އަދި މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެހީތެރިވުމެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސް ރަށްވެހީންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުން ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދެ އެވެ.

ޕެންޝަން އޮފީހުން 2017 ވަނަ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ "އިސް ރަށްވެހިންނާއެކު ޕެންޝަން އޮފީސް ޕްރޮގްރާމު"

ޕެންޝަން އޮފީހުން ހިންގާ މި ހަރަކާތް އެންމެ ފުރަތަމަ ބޭއްވީ އައްޑޫގަ އެވެ. މި ޕްރޮގްރާމަށް އައްޑޫގެ އިސް ރަށްވެހިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ.

މި އަހަރުގެ މި ޕްރޮގްރާމް، އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދާނީ ތަފާތު ހަރަކާތްތަކާ އެކުގަ އެވެ. އެ ރަށުގައި ދިރިއުޅޭ އިސް ރަށްވެހިންނަށް އުފާވެރި މާހައުލެއްގައި ދުވަސްވީ ރަހުމަތްތެރިންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށް ހަމަޖެހިފައިވެ އެވެ.

ޕެންޝަން އޮފީހުން 2017 ވަނަ އައްޑޫގައި ކުރިއަށް ގެންދިޔަ "އިސް ރަށްވެހިންނާއެކު ޕެންޝަން އޮފީސް ޕްރޮގްރާމު"ގެ ތެރެއިން

އުމުރުން ދުވަސްވީ މީހުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ކުރެވެން ހުރި ކަންކަމާއި، މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެ އެވެ. އަދި މި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު އިސް ރަށްވެހިންނަށް ލިބިގެންދާނެ އެވެ. މި ޕްރޮގްރާމް ކުރި އަށް ދާ އިރު ޕެންޝަން އޮފީހުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ޕެންޝަން އޮފީހުން ހިންގާ މި ޕްރޮގްރާމްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އޮފީހުން އެދެ އެވެ. ޕެންޝަން އޮފީހުން މަސައްކަތްކުރަނީ މި އަހަރުގެ ޕްރޮގްރާމު ވެސް ފާއިތުވެދިޔަ ޕްރޮގްރާމެކޭ އެއްގޮތަކަށް، އުމުރުން ދުވަސްވީ ގިނަ ބަޔަކު ބައިވެރިވާ ކާމިޔާބު ޕްރޮގްރާމަކަށް ހެދުކަށެވެ.