ބޮޑު ޗުއްޓީ ބަދަލުކޮށްލަން ފެނޭތަ؟

ދަރިންގެ ބޮޑު ޗުއްޓީ ދުވަސްވަރު ވަޒީފާ އިން ޗުއްޓީ ހޯދަން އުނދަގޫ ހެއްޔެވެ؟ ބޮޑު ޗުއްޓީގައި ތަންތަނަށް ދިޔުމުގެ ޚަރަދު ބޮޑުވެފައި ބާރު ބޮޑުކަމުން ދަތިތަކާ ކުރިމަތިވޭ ހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުގައި މި ދެ މައްސަލަ އަށް ވެސް ވަރަށް ފަސޭހަ ހައްލެއް އެބަ އޮތެވެ؛ ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރުގެ އެހެން ދުވަސްވަރަކަށް ބަދަލުކޮށްލުމެވެ.


ސޯޝަލް މީޑިއާގައި ފެންމަތިވެ، މިހާރު މަގްބޫލުކަން ލިބެމުން އަންނަ މި ޚިޔާލު ފުރަތަމަ ފެށިގެން އައީ ޓޫރިޒަމް އިންޑަސްޓްރީ އާއި އެ ދާއިރާއާ ގުޅުން ހުރި ތަންތަނުގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންނަށް، އެ މީހުންގެ ދަރިންނާ އެކު ޗުއްޓީ ހޭދަކޮށްލަން ފުރުސަތު ދޭން ގޮވާލާ ގޮވާލުމެއްގެ ގޮތުގަ އެވެ. ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަންނަ ޑިސެމްބަރު-ޖެނުއަރީއަކީ ޓޫރިޒަމްގެ ހައި ސީޒަން ކަމަށް ވާތީ އެ ދާއިރާގައި އުޅޭ ގިނަ މީހުންނަށް އެ ދުވަސްވަރު ޗުއްޓީއެއް ނުލިބެ އެވެ. އެހެންވެ، އާއިލާއާ އެކުގައި ކޮންމެހެން ކުރަން ޖެހޭ މުހިއްމު ކަންކަން ކުރުމާއި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ޒަމާނުއްސުރެ ގިނަ ބަޔަކަށް އޮންނަނީ ގެއްލިފަ އެވެ.

އެކަމަކު، ޓޫރިޒަމް އެންމެ ދަށް ދުވަސްވަރު ކަމަށްވާ ޖޫން-އޮގަސްޓަށް ބޮޑު ޗުއްޓީ ބަދަލުކުރުމުގެ ވާހަކަ އަށް ސަމާލުކަން ލިބެމުން އަންނަ ވަރަކަށް އެނގެމުން ދަނީ އޭގެ ފައިދާ އޮތީ އެ ދާއިރާގެ ޚިދުމަތްތައް ދޭ ތަންތަނުގައި އުޅޭ މުވައްޒަފުންނަށް އެކަނި ނޫން ކަމެވެ. އެއީ އެ ނޫން އެތައް ގޮތަކުން ވިސްނާ އިރު ވެސް ރަނގަޅު ޚިޔާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބަލައިގަންނަމުންނެވެ.

ދިރާސީ އަހަރު ނިންމާލުމުގެ ޗުއްޓީ އާއި ޓޫރިޒަމްގެ ހައި ސިީޒަން ދިމާވުމުގެ އަނެއް މައްސަލައަކީ ސްކޫލް ބަންދުގައި ތަންތަނަށް ދަތުރުކުރާ މީހުންނަށް ދިމާވާ ދަތިތަކެވެ. ބޭސްފަރުވާ އަށާއި ބާޒާރުކުރާށާއި ޗުއްޓީ ހަދާލަން ވެސް ދިވެހިންގެ އެންމެ ގިނަ ބަޔަކު ދަތުރުކުރަނީ ބޮޑު ޗުއްޓީގަ އެވެ. އެކަމަކު އެ ދުވަސްވަރަކީ މުޅި ދުނިޔޭގައި ވެސް ދަތުރުފަތުރު އެންމެ ގިނަ ދުވަސްވަރަށް ވާތީ އެއާލައިންތަކާއި ހޮޓެލްތަކަށް ބާރު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ޖާގަ ނުލިބުމާއި އަގު ބޮޑުވުން އާއްމެވެ.

މިހާރު ލޯކަލް ޓޫރިޒަމް ވައިގައި ހިފަމުން އަންނަ އިރު ރަށްރަށަށް ދަތުރުކުރާ ދިވެހިންނަށް ވެސް ގެސްޓް ހައުސްތަކުން ޖާގަ ލިބުން ދައްޗެވެ. އެ ގޮތުން ބަލާ އިރު، އާއިލާ އެކުގައި ތަންތަނަށް ދާން ލިބޭ އެންމެ ދިގު މުއްދަތު ކަމަށްވާ ބޮޑު ޗުއްޓީ އަހަރުގެ އެހެން އިރަކަށް ބަދަލުކޮށްފިއްޔާ، އެ ޗުއްޓީގައި ދަތުރުކުރާ އެންމެންނަށް ފައިދާކުރާނެ އެވެ. އަދި ޓޫރިޒަމްގެ ލޯ ސީޒަންގައި އެއްފަހަރާ ގިނަ އަދަދެއްގެ ދިވެހިންނަށް ދަތުރުކުރަން ފުރުސަތު ލިބުމަކީ އެ ދުވަސްވަރު ގެސްޓް ހައުސް ވިޔަފާރި އަށް އަންނަ ހީނަރުކަން ފިލައި އެ ވިޔަފާރިވެރިންނަށް ވެސް ފައިދާ ލިބޭނެ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އެކަމަކު ޖުލައި-އޮގަސްޓަކީ ހުޅަނގު މޫސުމުގެ ބާރު އެންމެ ގަދަވާ ދުވަސްވަރެވެ. އެހެންކަމުން އެ ދުވަސްވަރު ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ކަނޑު މަގުން ދަތުރުކުރުމަކީ ފަސޭހަ ނުވަތަ ރައްކާތެރި ކަމަކަށް ނުވާނެކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.

ސްކޫލް ޗުއްޓީ އަހަރުގެ އެހެން ދުވަސްކޮޅަކަށް ބަދަލުކޮށްފި ނަމަ ޓޫރިޒަމް އަދި ޓްރެވަލް އިންޑަސްޓްރީ ނޫން ބައެއް ދާއިރާތަކުގެ މަސައްކަތްތެރިންނަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. މިސާލަކަށް ބޭންކުތަކުގެ މުވައްޒަފުންނެވެ. އަހަރު ނިމެންވާ އިރަށް ގިނަ މަސައްކަތްތަކެއް ކުރަން އޮންނާތީ، ބޭންކުތަކުގައި އުޅޭ މީހުންނަށް ވެސް ޑިސެމްބަރު މަހު ޗުއްޓީ ހޯދަން ވަރަށް އުނދަގުލެވެ.

ޖޫން-އޮގަސްޓް އަށް ބޮޑު ޗުއްޓީ ބަދަލުކޮށްފިއްޔާ ދަރިންގެ ޗުއްޓީގައި ބައިވެރިވެލަން ފުރުސަތު ލިބޭނެ އަނެއް ބަޔަކީ މަސްވެރިންނެވެ. އެއީ ރާއްޖޭގެ މަސްވެރިކަން އެންމެ ދަށް ދުވަސްވަރު ކަމަށް ވާތީ މަސްވެރިން އެންމެ މަދުން މަހަށް ނުކުންނާނީ އެ ދުވަސްވަރު އެވެ.

އެކަމަކު ޖޫން-ޖުލައިގައި ސިވިލް ސާވިސް މުވައްޒަފުންނަށް ޗުއްޓީ ލިބުން ފަސޭހަ ނުވެދާނެ އެވެ. ސަބަބަކީ އެއީ ބަޖެޓުގައި ކަނޑައަޅާފައި ހުންނަ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ގިނަ އަދި އަންނަން އޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތްތައް ވެސް ކުރާ ދުވަސްވަރެވެ.

ކޮންމެ ގޮތެއް ވިޔަސް، ބޮޑު ޗުއްޓީ ބަދަލުކުރުމުގެ ޚިޔާލަށް ބޮޑު މަގުބޫލުކަމެއް އަންނަނީ ލިބެމުންނެވެ. އެއާއެކު، އެކަމަށް ތާއީދުކުރާ މީހުން މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަލަން ބޭނުންވަނީ ސަރުކާރުގެ ވިސްނުން ހުރި ގޮތެކެވެ.

މިނިސްޓަރުގެ ބަސް: ދިރާސާ ބޭނުންވޭ

އެކަމަކު ސަރުކާރުން މި ބަދަލު ގެނެސްދީފާނެތޯ ނޫންތޯ އަދި އެނގޭކަށް ނެތެވެ.

މިއީ ކުރެވިދާނެ ކަމެއްތޯ އާއި އާއްމުންގެ ޚިޔާލާ އެއްގޮތަށް ބޮޑު ޗުއްޓީ ބަދަލުކުރަން ވިސްނަވަންތޯ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ "މިހާރު"ން ސުވާލުކުރުމުން ވިދާޅުވީ މިއީ އިތުރު ދިރާސާ ބޭނުންވާ ކަމެއް ކަމަށެވެ. އަދި މިފަދަ ބަދަލަކާ މެދު މިނިސްޓްރީން ވިސްނަފާނެތޯ އެހުމުން މިނިސްޓަރު ހަމައެކަނި ވިދާޅުވީ މިހާތަނަށް މި ކަމާ މެދު އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

އެކަމަކު ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ކުރަން އުނދަގޫ ކަމަކަށެއް ނުވާނެ އެވެ. ޓާމްތައް ބަހާލާ ގޮތަށާއި އިމްތިހާނު ބާއްވާ ތާރީޚުތަކަށް ވިސްނުންތެރިކަމާ އެކު ބަދަލު ގެނެސްގެން މި ކަން ހާސިލްކުރެވިދާނެ އެވެ.

ޖޫން-އޮގަސްޓް އަށް ބޮޑު ޗުއްޓީ ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީ އަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެއާ އެކު މި ޚިޔާލަށް ތާއީދުކުރާ އެންމެން ވެސް ތިބީ ސަރުކާރުން ހަދާ ގޮތެއް ބަލަބަލަ އެވެ.