އެހެން މިހެން: އިލެކްޝަނުން ހާދަ ކަންބޮޑުވަނީ!

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ މިންވަރު ބޮޑުކަމުން އިލެކްޝަންސް ކޮމިޝަނުން "ކުއްލިއަކަށް" ތެދުވެގެން އުޅޭކަން އިއްޔެ ވަނީ އެނގިފަ އެވެ. އެ ކޮމިޝަނުން ބުނެފައިވާ ވާހަތަކަށް ބަލާއިރު އަޅުގަނޑަށް (ރައްޔިތު މީހާ) އަށް ވިސްނުނީ ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ ކަމެއްގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަދެގެން އުޅޭ ކަމެވެ.


ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ މިންވަރެއް ސިޔާސީ ޕާޓީތަކަށް ދޭން ޖެހެ އެވެ. އެ ފައިސާ ބެހުމުގައި ބަލަން ޖެހެނީ ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށެވެ. ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގައި ވެސް ރަނގަޅު މަގުސަދުތަކެއްވެ އެވެ. އެއް މަގުސަދަކީ ސިޔާސީ ގޮތުން ހަރަކާތްތެރިވާނެ ބަޔަކު އުފައްދައި، އެމީހުންނަށް އެކަން ކުރެވޭނެ މަގު، ގައުމުގެ މާލީ ހާލަތަށް ބަލާފައި، ތަނަވަސްކޮށްދިނުމެވެ.

ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި ކުރާ ކަންކަމާ މެދު އަބަދުވެސް ބަހުސް އޮވެ އެވެ. ގިނަ ރައްޔިތުން ރުޅިއަންނަ ކަންކަން ވެސް ކުރެ އެވެ. މުޒާހަރާތަކާއި އެއްވުންތަކެވެ. ސިޔާސީ ހަމަނުޖެހުންތަކެވެ. މިއިން ކޮންމެ ކަމެއް ވެސް މިންގަނޑެއްގެ ތެރޭގައި ކުރުމަކީ، ހުޅުވިފައިވާ ޑިމޮކްރަސީއެއް ރާއްޖެ އަށް ގެންނަން އޭރުގެ ސިޔާސީ ވެރިންނާއި ހަރަކާތްތެރިންގެ އިތުރުން ރައްޔިތުން ވެސް އެއްބަސްވި ގޮތެވެ. ސިޔާސީ ޕާޓީތައް ހިންގުމުގެ މިނިވަންކަން އޮތުމުގެ މާނައަކީ ސިޔާސީ ދެކޮޅުވެރިކަމަށް ފުރުސަތު ދިނުމެވެ. އޭގެ ސަބަބުތައް އެކި މީހުންނަށް ނެގޭނީ އެކި ގޮތަށެވެ. މިސާލަކަށް ބުނާ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު މުޒާހަރާތަކާއި އެއްވުންތައް ބޭއްވި އިރު ސަރުކާރުން މުޅިން ވެސް ވާހަކަ ދެއްކީ އެކަމާ އިދިކޮޅަށެވެ. އެމްޑީޕީ ވެރިކަމުގައި ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކަށް އެކި ރައްދުދިނެވެ. އެކަމަކު އެކި ފެންވަރުގެ މުޒާހަރާތަކާއި އެއްވުންތައް އިދިކޮޅު ފަރާތްތަކުން ބޭއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން: ސިޔާސީ ޕާޓީތައް ހަރަކާތްކުރެވޭނެ ގޮތްތަކެއް ވެސް ހޯދައިދޭން ޖެހޭނެ --ފޮޓޯ: އީސީ

މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މުޒާހަރާކުރުމުގެ ހުއްދަ ހަމަ އެއްގޮތަކަށް ވެސް "ނުދިނުމެ"ވެ. މުޒާހަރާކުރެވޭނެ ފުރުސަތުތައް ވަނީ ހަނިކޮށްފަ އެވެ. ސަރުކާރުގެ އިސް ވެރިންގެ ނަޒަރުގައި މުޒާހަރާ އަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ.

އެކަމަކު ސިޔާސީ ޕާޓީތައް ހިންގަންޏާ އެ ހުރިހާ ކަމެއް ވެސް ރޭވި، ކުރިއަށް ދާނެ ކަމަށް ގަބޫލުކުރުމަކީ ސިޔާސީ ވެރިންގެ ކުރިމަތީގައި އޮތް ފުރަތަމަ ހަގީގަތެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ އިން އެއިން ކަމަކަށް ހަރަދުކުރިޔަސް (އަނިޔާވެރިކަމާއި ހަމަނުޖެހުންތައް ނުހިންގާ ނަމަ) އެއީ އިލެކްޝަންސް ކޮމިޝަނާ ބެހޭ ކަމެއް ނޫނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާން ޖެހޭނީ ދައުލަތުން ޕާޓީތަކަށް ދޭ މާލީ އެހީތެރިކަމާ މެދަކު ނޫނެވެ؛ އެ އެހީތެރިކަން ބޭނުންކޮށްގެން ސިޔާސީ ޕާޓީތައް ހިންގާ ގޮތް ބެލުމެވެ. އެކަން ކުރެވޭނެ މަގާއި ހަމަތައް ޕާޓީތަކުގެ ގާނޫނުގައި ލިއެފައިވެ އެވެ.

މިހާރުގެ ޕާޓީތަކާ ބެހޭ ގާނޫނުގައި އޮތް ނިސްބަތުން ހިސާބު ހަދާ ނަމަ މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27 މިލިއަނާއި 54 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދެވިދާނެ އެވެ. އެންމެ ކުޑަކޮށް ނަމަ 27 މިލިއަން ރުފިޔާ އެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބަލާ ނަމަ 10،000 މެމްބަރުން ހަމަވާ އޮތީ އެންމެ ހަތަރު ޕާޓީ (ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޑީއާރުޕީ) އެވެ. ފައިސާ ހަމައަށް ބަހާ ނަމަ (ގާނޫނުގައި އޮންނަ ގޮތުން ފައިސާ ބެހޭނީ ޕާޓީގެ މެމްބަރުންގެ ނިސްބަތުންނެވެ.) އެއިން ޕާޓީއަކަށް އެ ޖެހެނީ ހަ މިލިއަނެއްހާ ރުފިޔާ އެވެ. މިއީ މިހާރު ރާއްޖޭގެ ފުދުންތެރިކަމާއި ކަންކަން ކުރުމުގެ ޚަރަދަށް ބަލާއިރު އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވެ، ހާސްވެގެން އުޅެން ޖެހޭވަރުގެ އަދަދެއް ނޫނެވެ.

ޕާޓީތައް ހިންގަން ދައުލަތުން ހޭދަކުރަން ޖެހޭތޯ ނުވަތަ ނޫންތޯ އަކީ ރައްޔިތުންގެ މެދުގައި ބަހުސްކުރެވިދާނެ ސުވާލެކެވެ. އެކަމަކު ޑިމޮކްރަސީ ކުރިއަރުވައި، ގައުމަށް ފައިދާ ހުރި ގޮތަކަށް ސިޔާސީ ކަންކަން ގެންދިއުމުގެ ދައުރު ސިޔާސީ ޕާޓީތަކަށް އެބަ އޮތެވެ. އެކަން މިހާރު ކުރަނީ އެންމެ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އެއީ ވެސް ދިވެހި ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތު މައްސަލައެކެވެ. އެކަން އަބަދުވެސް އޮންނާނީ އެހެންނެވެ.

ނަމަވެސް ޕާޓީތަކަށް ފައިސާ ދޭ ގޮތާ މެދު އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުމުން އެދެވެނީ ރަނގަޅު މަގަކުންނެއް ނޫނެވެ. ކޮމިޝަނުން ބަލަންވީ ޕާޓީތަކުން ކުރާ ކަންކަމެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް، ވަކި ޝަރުތުތަކަކާ އެކު ދޭ މާލީ އެހީތެރިކަން ކުޑަކުރަން އިސްނެގުމުގެ މެންޑޭޓް އެ ކޮމިޝަނުގައި އޮތް ކަމަކަށެއް ނުފެނެ އެވެ. ގާނޫނާ ހިލާފު ކަމެއް ޕާޓީތަކުން ކުރާ ނަމަ އެކަމާ މެދު ފިޔަވަޅު އެޅިދާނެ އެވެ. އެކަން އެ ކޮމިޝަނުން ކުރިން ވެސް އަދި މިހާރު ވެސް ކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ކަންބޮޑުވާން ޖެހޭނެ ކަމަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކެވެ. ޕާޓީތަކުގެ ގާނޫނީ ބަލަދުވެރިއެއްގެ ދައުރު ކުޅޭ ނަމަ އެންމެ ފުރަތަމަ ދުއްވައިގަންނަން ޖެހޭނީ ޕާޓީތައް ހިންގަން ލިބޭ މާލީ އެހީތެރިކަމުގެ ފަހަތަކުންނެއް ނޫނެވެ. އެއަށް ވުރެ މާ ޒިންމާދާރުކޮށް، މާ ފުޅާކޮށް، މާ ހާމަކަން ބޮޑު ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތައް އެބަ ހުއްޓެވެ.