ފައިސާގެ ނުފޫޒުން ސަލާމަތްވާނެތަ؟

އެއީ މާލޭގެ އެންމެ އަގު ބޮޑު އެއް ހޮޓަލެވެ. ލޮބީގައި ތިއްބެވީ މިވަގުތު ރާއްޖޭގެ ސިޔާސީ ގޮތުން އެންމެ ބާރުގަދަ ފަސް ލީޑަރުންނެވެ. އެބޭފުޅުން އޭގެ ކުޑައިރުކޮޅެއް ކުރިން މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕާޓީތަކުން ވާދަކުރާނެ ގޮތަކާ މެދު އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގެންދެވި އިރު "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތް ކުރޭ!" ޖަހާފައި ހުރި ބެނާތަކެއް ހިފައިގެން، ހައެއްކަ މީހުން، އެ މީހުންގެ އަޑު އިއްވި އެވެ.


އެއް ބަޔަކަށް އެއީ އިއްތިހާދުގެ ތެރެއިން ވަކި ބަޔަކު ރާވައިގެން ކުރި ކަމެކެވެ. ނަމަވެސް އެ އަޑު އިއްވި މީހުން ބުނަނީ ރާއްޖޭގެ ސިޔާސީ ދާއިރާ ފައިސާގެ ނުފޫޒުން މިނިވަންކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހެވެ.

"މިހާރު ރާއްޖޭގެ ސިޔާސީ މައިދާން ކޮންޓްރޯލް ކުރަނީ މަހުޖަނުން. ރައްޔިތުންގެ މަޖިލިހަކީ ވެސް އެމީހުންގެ ތަނެއް،" އެދުވަހު ހޮޓެލް ޖެންގައި ބެނާ ހިފައިގެން ހުރި އަމީން ޝަފީއު ބުންޏެވެ.

"އެހެންވެ އަހަރެމެންގެ ބޭނުމަކަށްވީ އެކަން ހުއްޓުވުން. އެ މެސެޖު ސިޔާސީ ލީޑަރުންނަށް ދިނުން."

ވިޔަފާރިވެރިން މެންބަރުންނަށްވުމުން ވަނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހެނީ ރައްޔިތުންގެ މަސްލަހަތު ދިފާއުކުރާނެ ރައްޔިތުންގެ މަންދޫބުންނެވެ. އެކަމަކު ވިޔަފާރިވެރިންނާއި ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭ ގޮތަށް ހޮވޭ އަދި ހޮވުމަށް ފަހު ވިޔަފާރިވެރިންގެ މުށުތެރެއަށް ވަންނަ މެމްބަރުންގެ ސަބަބުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްނުކުރެވި ދެ އެވެ.

ބައެއް ހާލަތްތަކުގައި ވިޔަފާރިވެރިންނަށް އެ މީހުންގެ އަމިއްލަ މަސްލަހަތުގެ ހައްގުގައި ރައްޔިތުން މަތިން ހަނދާން ނައްތާލެވެ އެވެ. ސަރުކާރުގެ ކޮންމެވެސް ފިއްތުމެއް އަތުވެދާނެތީ ނުވަތަ އިންޒާރެއް އައުމުން، ސަރުކާރުން ބޭނުންވާ ގޮތަކަށް ދީލައިލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ---ފޮޓޯ: ނިޝާން އަލީ/މިހާރު

މިސާލަކަށް ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ގެ ކަމަށް ވުމުން އެތަނުގައި ވިޔަފާރިވެރިން ތިބެއްޖެ ނަމަ އެމީހުންނާ ގުޅޭ ބައެއް މުހިންމު ކަންކަމުގައި ގާނޫނެއް ފާސްކުރަން ހުރަސްތައް ކުރިމަތިވެ އެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް މި މައްސަލަ އަބަދުވެސް އޮންނަނީ އާންމުންގެ ޝަކުވާއަކަށް ވެފަ އެވެ. ނަމަވެސް ސިޔާސީ ކަންކަމަށް ފައިސާގެ ނުފޫޒު ނުވަންނަ ގައުމެއް ނެތެވެ.

ސަރުކާރު ހިންގާ އިއްތިހާދުގެ ލީޑަރުން ކަމަށް ވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ކުރިމަތިލެއްވި ވަގުތު، ޖެންގައި ހިންގި ހަރަކާތް ރޭވި "ނަވާނަވައި" އިން ދެކެނީ ރައްޔިތުންގެ މަންފާއަށް ވިޔަފާރިވެރިން ކަމެއް ކޮށްފާނެކަން ގަބޫލުކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

"ރައްޔިތުން އުއްމީދުކޮށްގެން ނުވާނެ ބޮޑެތި ވިޔަފާރިވެރިން މަޖިލީހާއި ވެރިކަން ހިންގުމުގައި ތިބޭއިރު ރައްޔިތުންގެ މަންފާއަށް ކަމެއް ނިންމާނެ ކަމަށް،" ނަވާނަވައިގެ ތަރުޖަމާނު ފާތިމަތު ސާއިރާ ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު ސަން އަހުމަދު ސިޔާމް: ރައްޔިތުންގެ މަޖިލިހުގެ ނުފޫޒު ގަދަ މެމްބަރެއް .---ފޮޓޯ: އެމްޑީއޭ

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަދާ ބައެއް ގާނޫނުތަކަށް ވިޔަފާރިވެރިންގެ ނުފޫޒު ފޯރުވާ ކަމަށެވެ.

"މިސާލަކަށް [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ] މަޓީން އެބަހުރި ވަޒީފާއާ ބެހޭ ގާނޫނަށް ނުފޫޒު ފޯރުވާފައި. މަޓީގެ އަހަރީ ރިޕޯޓަށް ބެލީމަ އެބަ އިނގޭ އެމީހުން ނުފޫޒު ފޯރުވާފައި ހުރި މިންވަރު ވަޒީފާއާ ބެހޭ ގާނޫނަށް،" ސާއިރާ ވިދާޅުވި އެވެ.

"މިސާލަކަށް ހަޅުތާލު ކުރުމުގެ ހައްގު ވެސް އޮތީ ހަނިކޮށްފައި. އެކަމަކު ހަގީގަތުގައި އެއީ އިންސާނީ ހައްގެއް. ނިގުޅައި ނުގަނެވޭނެ ހައްގެއް."

އެކަމަކު ރައްޔިތުންގެ މަޖިލިހުގައި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބައެއް ވިޔަފާރިވެރިން ކަމަށްވާ ގާސިމް އިބްރާހިމާއި ސަން ޓްރެވަލްސްގެ އަހުމަދު ސިޔާމް ފަދަ ބޭފުޅުން ތިއްބަވަ އެވެ. ޓޫރިޒަމް ދާއިރާއަށް އަމާޒުކޮށް އަންނަ ކޮންމެ މައްސަލައެއްގައި މި ބޭފުޅުންގެ މަސްލަހަތު ހިމެނެ އެވެ.

މައްސަލައަކީ ވިޔަފާރިވެރި މެމްބަރުތަ؟

ވިޔަފާރިވެރިން ތިބެގެން ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން ދުށް ނަމަވެސް އަނެއް ބައެއްގެ ހިޔާލު މުޅިން ތަފާތެވެ. އެ މީހުން ދެކޭ ގޮތުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ނުކުރެވެނީ އިހުލާސްތެރިކަން ނެތުމުންނެވެ.

"ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ ވިޔަފާރިވެރިން. ސަރުކާރާ ދެކޮޅަށް އެމީހުން ތެދުވުމުން ވިޔަފާރިއަށް ދިޔައީ ބޮޑެތި ގެއްލުންވަމުން،" ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވި އެވެ.

"އެކަމަކު ވެސް ހަމަ އެމީހުން ތިބީ އެމީހުންގެ ގޮތުގައި."

ޝާހު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައަކީ މެންބަރަކަށް ހޮވޭ މީހާގެ އިހްލާސްތެރިކަމެވެ. އިހުލާސްތެރިކަން ހުރި ނަމަ ބޮޑު ވިޔަފާރިވެރިއަކަށް ވެސް ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އޭޑީކޭ އަހުމަދު ނާޝިދު

ކޮމަންޑޫ ދާއިރާގެ މެންބަރު އަދި އޭޑީކޭ ގްރޫޕް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ނާޝިދު ވެސް ގަބޫލުކުރައްވާ ގޮތުގައި ވިޔަފާރިވެރިން ރައްޔިތުންގެ މަޖިލީހަށް ވަނުމަކީ މައްސަލައެއް ނޫނެވެ. އޭނާ ވެސް ވިދާޅުވަނީ މައްސަލައަކީ މީހާގެ އިހުލާސްތެރިކަން ކަމަށެވެ.

"ވިޔަފާރިވެރިޔާ ވިޔަފާރި ކުރަން އިންނަވާފައި، ޝެއިހު، ޝެއިހު ކަމުގައި ހުންނަވާފައި، ލޯޔަރުން، ޑޮކްޓަރުން، ޓީޗަރުން، އެކްޓަރުން މި އެންމެން އެ ވަޒީފާތަކުގައި ތިއްބަވާފައި ދެން މަޖިލީހަށް ވަންނަންވީ ކޮން ބައެއްތޯ؟" ނާޝިދު ޓުވިޓާގައި ލިއުއްވި އެވެ.

"މަޖިލިސް ގޯސް ވަނީ ވިޔަފާރިވެރިން އެތަނަށް ވަދެގެނެއް ނޫން."

ރައްޔިތުންގެ މަސްލަހަތު ކަށަވަރު ކުރެވޭތަ؟

ވިޔަފާރިވެރިން މަޖިލީހުގައި ތިއްބަސް އަދި ނުތިއްބަސް މަޖިލީހުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރަން ޖެހެ އެވެ. އެކަމަކު ވަރަށް މުހިންމު ކަންކަމުގައި ވެސް ބައެއް ފަހަރަށް އަމަލްކުރަނީ އެގޮތަކަށް ނޫނެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވީ މިހާރު އެންމެ ބޮޑު މައްސަލައަކީ މެންބަރުންގެ މާލީ ބަޔާން ހާމަކުރަން ނުޖެހުމާއި ނުހައްގު މުއްސަނދިކަން ކުށަކަށް ނުވުމާއި އިންކަމް ޓެކްސް ނުނެގުން ފަދަ ކަންކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަސްލަހަތު މަޖިލީހުގައި ކަށަވަރުނުވާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރައްޔިތުންގެ މަޖިލީހަށް މީހަކު އިންތިހާބުވުމުގެ ކުރިން އަދި އިންތިހާބުވުމަށް ފަހު ވެސް އޭނާގެ ފަހަތުގައި ހުރީ ކޮން މަސްލަހަތުތަކެއްކަން އެނގޭނެ ނިޒާމެއް ނެތް. އެކަމަކު ދުނިޔޭގެ ހަރުދަނާ ހިންގުމުގެ ނިޒާމްތަކުގައި ހުރޭ އެފަދަ ކަންކަން ދަނެގަތުމަށްޓަކައި ވަކި ހާއްސަ ގާނޫނު ނުވަތަ އިދާރީ އޮނިގަނޑެއް އެކަށައަޅާފައި،" އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ހިންގުމުގެ ނިޒާމުތަކުގައިވާ ހިމެނޭ ކަންކަމަށް ރާއްޖޭގައި ވެސް އަމަލުކުރާ ނަމަ މެންބަރުންނާ މެދު ކުރެވޭ ތުހުމަތުތައް ވެސް ބެލޭނެ އެވެ. އަދި ނުހައްގުން މެންބަރަކު މުއްސަނދިވެއްޖެ ނަމަ އެކަން ވެސް ބެލޭނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ހަރުދަނާ ހިންގުމުގެ ނިޒާމުތަކުގައި މާލީ ބަޔާން ހާމަކުރަން ޖެހޭ. އަދި އެއީ ސައްހަ އެއްޗެއްތޯ ވެސް ބެލޭ. ނުހައްގު މުއްސަނދިކަން އޮންނަނީ ކުށެއްގެ ގޮތުގައި. އިންކަމް ޓެކްސް ވެސް ނެގޭ،" އައިމަން ވިދާޅުވި އެވެ.

"އެހެންވީމާ ވަށައި ޖެހޭ ނިޒާމެއްގެ ތެރެއިން އެބަ އިނގޭ މަޖިލިހަށް މެންބަރަކު އިންތިހާބުވުމަށް ފަހު އެމީހަކާ މެދު ތުހުމަތެއް ކުރެވިއްޖެ ނަމަ އެއީ ހަގީގަތެއްތޯ، ނޫންތޯ ބެލެން ނިޒާމެއް އޮތް ކަން."

ނަމަވެސް އެފަދަ ހިންގުމުގެ ނިޒާމްތަކެއް ރާއްޖޭގައި ނެތުމުން ވިޔަފާރިވެރިންގެ ނުފޫޒު މަޖިލިހުގައި އޮންނަ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"އެންމެން ވެސް ދައްކާ ވާހަކައެއް މިއީ. ވަކި ވަރަކަށް ފައިސާ ހޭދަކޮށްގެނޭ މަޖިލިސް އިންތިހާބުގައި މޮޅުވާނީ. ފައިސާއިންނޭ މޮޅުވާނީ. ފައިސާ ދޭން މި ތިބެނީ ފައިސާވެރިން. އެ ފައިސާވެރިން ފައިސާ ހޭދަ މި ކުރަނީ ވަކި ކަހަލަ މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި،" އައިމަން ވިދާޅުވި އެވެ.

"މަޖިލިސް މެންބަރަކަށް އިންވެސްޓް ކޮށްފިއްޔާ އެ އިންވެސްޓްމެންޓުގެ ފައިދާ ހޯދާނެކަން އެއީ ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަމުން ފެންނަން ހުރި [ހަގީގަތް]"

ނަވާނަވައި އަކީ، އެ ހަރަކާތުގެ މީހުން ގަބޫލުކުރާ ގޮތުގައި، ސިޔާސީ ވަކި ފިކުރެކެވެ. އެއީ މިހާރު ރާއްޖޭގައި އުފައްދާފައިވާ ޕާޓީތަކުގެ ވިސްނުމާ ވެސް ތަފާތު ފިކުރެކެވެ. ނަމަވެސް ސުވާލަކީ ވިޔަފާރިވެރިންނާއި ފައިސާގެ ނުފޫޒުން ސިޔާސީ ދާއިރާ، ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރެވިދާނެ ހެއްޔެވެ؟