މި އަހަރު ދުނިޔޭގެ އިގްތިސާދަށް އަންނާނެ ކަމަށް ބެލެވޭ 10 ބަދަލު

އެއް ގައުމު އަނެއް ގައުމުގެ އިގްތިސާދަށް އަންނަ ބަދަލުތަކުން މުޅި ދުނިޔެއަށް އޭގެ އަސަރު ކުރެ އެވެ. އާ އަހަރެއް ފެށުނު އިރު ވޯލްޑް އިކޮނޮމިކް ފޯރަމުން ވަނީ މި އަހަރު ހިނގާނެ ކަމަށް ބެލެވޭ 10 ކަމެއް ފާހަގަކޮށްފަ އެވެ.


އެމެރިކާ އިގްތިސާދު ލަފާކުރާ މިންވަރަށް ވުރެ ކުރިއަރާނެ

ލަފާކުރެވޭ ގޮތުގައި އެމެރިކާގެ އިގްތިސާދުގެ އުފެއްދުންތެރިކަމާއި ވަޒީފާގެ ފުރުސަތުތައް މި އަހަރު އިތުރުވެގެންދާނެ އެވެ. އިގްތިސާދުގެ ކުރިއެރުން ދެ ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް މިދިޔަ އަހަރު އެމެރިކާގެ އިގްތިސާދީ ކުރި އެރުން ހުރީ 2.9 ޕަސެންޓްގަ އެވެ. މިހާ ބޮޑު ކުރިއެރުމެއް ލިބުނީ ޓެކްސްތައް ކަނޑާލުމާ އެކު އާންމުން ހޭދަކުރާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ އިގްތިސާދީ ކުރިއެރުން ދަށްވި ނަމަވެސް ލަފާކުރާ މިންވަރަށް ވުރެ އިގްތިސާދު ކުރިއަށް ޖެހިލާނެ އެވެ. މިއަހަރު އެމެރިކާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 2.6 ޕަސެންޓަށެވެ

ޔޫރަޕްގެ އިގްތިސާދީ ދުވެލި އިތުރަށް ދަށްވާނެ

ޔޫރަޕްގެ އިގްތިސާދު 2017 ގެ ފަހު ހަ މަސް ދުވަހު ކުރިއެރި ނަމަވެސް އޭގެ ފަހުން ވަނީ މަޑުމަޑުން ދަށަށް ގޮސްފަ އެވެ. ލަންޑަންގެ "އައިއެޗްއެސް މާކިޓް" އިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު އިގްތިސާދީ ދުވެލި 1.5 ޕަސެންޓަށް ދަށްވެގެން ދާނެ އެވެ. މިކަމުގެ އެއް ސަބަބަކީ ސިޔާސީ ހަމަނުޖެހުމާއި އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަނުން ބޭރުވުމެވެ.

އީޔޫގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ޔޫރަޕްގެ އިގުތިސާދަށް މާ ބޮޑު ކުރިއެރުމެއް ނާންނާނެ

ޖަޕާނުގެ އިގްތިސާދު ހަމަޔަކަށް އެޅުމުގައި ދަތިތައް

ޖަޕާނުގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައިވަނީ 0.8 ޕަސެންޓެވެ. މި އަހަރުގެ އިގުތިދާސީ ކުރިއެރުން 0.9 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އިގްތިސާދަށް މާ ބޮޑު ބަދަލެއް ނާންނަ އެއް ސަބަބަކީ ޗައިނާގެ އިންތިސާދީ ދުވެލި ދަށްވުމާއި އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ އެވެ.

ޗައިނާގެ އިގްތިސާދު ދަށަށް ދިއުން

ޗައިނާގެ އިގްތިސާދު 2017 އިން ފެށިގެން ކުރިއަރަމުންދާ މިންވަރު ދަނީ ދަށަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާ އަކީ ޗައިނާ އިގްތިސާދީ ކުރިއެރުން ފާއިތުވެދިޔަ 10 އަހަރު ވެސް އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ. އެގޮތުން ޗައިނާގެ އިގްތިސާދީ ކުރިއެރުން 6.9 ޕަސެންޓުން 6.6 ޕަސެންޓަށް 2018 ގައި ވެއްޓުނެވެ. މި އަހަރު ޗައިނާގެ އިންތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރަނީ 6.3 ޕަސެންޓްގަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އެމެރިކާ އާއި ޗައިނާއާ ދެމެދުގެ އޮތް ވިޔަފާރީގެ އަރައިރުންތަކެވެ.

އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ދުވެލި ދަށަށް ދާނެ

އެންމެ ބޮޑަށް ކުރިއަރާ އިގްތިސާދުތަކުގެ ދުވެލި މި އަހަރު 4.6 ޕަސެންޓަށް ވެއްޓޭނެ އެވެ. ބްރެޒިލް އާއި އިންޑިޔާ އާއި ރަޝިޔާ ފަދަ ގައުމުތަކުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހިލާނެ އެވެ. ތުރުކީ އާއި އާޖެންޓީނާ އާއި ސައުތު އެފްރިކާ ފަދަ ގައުމުތަކަށް މިދިޔަ އަހަރު ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މީގެ އިތުރުން ބްރެޒިލް އާއި މެކްސިކޯ އަށް ވަނީ ސިޔާސީ ހަލަބޮލިކަމާ ވެސް ކުރިމަތިވެފަ އެވެ. އޭޝިޔާގެ ގައުމުތަކުގެ އިގްތިސާދުތައް ވެސް ދާނީ ދަށްވަމުންނެވެ. އޭޝިޔާގެ ގިނަ ގައުމުތަކަށް ދިމާވެފައިވާ މައްސަލައަކީ ދަރަނި ބޮޑުވުމެވެ.

ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ތެލުމުގެ ޑިމާންޑަށް މި އަހަރު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މި އަހަރު ތެޔޮ ފީފާއެއްގެ އަގު70 ޑޮލަރަށް އަރާނެކަމަށް، އިގުތިސާދީ މާހިރުން އަންނަނީ ލަފާކުރަމުންނެވެ. އެކަމަކު އެވަރަށް އަގު އެރުމަށް ފަހު ދަށަށް ދާނެ ކަމަށް ވެސް ބެލެވެ އެވެ.

ދުނިޔޭގެ އިންފްލޭޝަން ރޭޓް ހުންނާނީ 3 ޕަސެންޓްގައި

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 2015 އިން ފެށިގެން 2018 ގެ ނިޔަލަށް އުފުލިފައިވަނީ ދެ ޕަސެންޓާއި ތިން ޕަސެންޓާ ދެމެދުގެ މިންވަރަކަށެވެ. މި އަހަރު ވެސް އެ މިންވަރު ހުންނާނީ އެވަރުގައި ކަމަށް ލަފާކުރެވެ އެވެ.

އެމެރިކާގެ ސެންޓްރަލް ބޭންކުން އިންޓަރެސްޓް ރޭޓް ބޮޑު ކުރާނެ

އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ބޭންކް ކަމަށްވާ ފެޑެރަލް ރިޒާވުން މި އަހަރު ތިން ފަހަރެއްގެ މަތިން އިންޓަރެސްޓް ރޭޓް ބޮޑުކުރާނެ ކަމަށް ބެލެވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް ފެޑެރަލް ރިޒާވުން ވަނީ އިންޓަރެސްޓް ރޭޓް ބޮޑުކޮށްފަ އެވެ. ދުނިޔޭގެ އެހެން ސެންޓްރަލް ބޭންކްތައް ކަމުގައިވާ ބޭންކް އޮފް އިންގްލެންޑާއި ބޭންކް އޮފް ކެނެޑާ އާއި ބްރެޒިލާއި އިންޑިޔާ އަދި ރަޝިޔާ އިން ވެސް އިންޓަރެސްޓް ރޭޓުތައް މި އަހަރު ބޮޑު ކުރާނެ ކަމަށް ބެލެވެ އެވެ.

ޔޫރަޕިއަން ސެންޓްރަލް ބޭންކުން ރޭޓްތަކަށް ބަދަލު ގެންނާނެ ކަމަށް ބެލެވެނީ 2020 ވަނަ އަހަރު އެވެ. އަދި ބޭންކް އޮފް ޖަޕާނުން ވެސް އިންޓަރެސްޓް ރޭޓް ބޮޑު ކުރާނެ ކަމަކަށް ނުބެލެ އެވެ. ނަމަވެސް ޗައިނާގެ ސެންޓްރަލް ބޭންކް، ބޭންކް އޮފް ޗައިނާ އިން އިންޓަރެސްޓް ރޭޓު ކުޑަކުރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް

ޑޮލަރުގެ އަގު ހިފެހެއްޓޭނެ

މި އަހަރު ޑޮލަރުގެ އަގަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. ނަމަވެސް ޑޮލަރުގެ އަގު މި އަހަރު އިތުރަށް އުފުލިގެން ހިނގައިދާނެ އެވެ.ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް އަހަރުގެ އެކި ދުވަސްވަރު ހުންނާނީ އެކި ވަރަށެވެ. ބައެއް ފަހަރަށް އަވަސް ބަދަލުތަކެއް ފެނުން ވެސް އެކަށީގެންވެ އެވެ.

އިގްތިސާދީ ގޯސްތައް އިތުރުވާނެ

މި އަހަރު އިގްތިސާދީ ގޮތުން ބޮޑެތި ގޯސްތަކެއް ބައެއް ގައުމުތަކުން ހަދާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ގައުމުތަކުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ ހަމަނުޖެހުމުގެ ސަބަބުން އިގްތިސާދުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކިތަންމެ ގިނަ އިގްތިސާދީ އުނދަގޫތަކަކާ ގައުމުތަކަށް ކުރިމަތިވި ނަމަވެސް މި އަހަރު ރިސެޝަނަކަށް ހިނގައިދާނެ ކަމަކަށް ނުބެލެވެ އެވެ.