ދިވެހިންގެ މަރާ ގުޅިފައިވާ ނުބައި އާދަތައް

އަސްލަމް، 40، ގެ މެޔަށް އެރީ ވަރަށް ބާރު ގަދަ ތަދެކެވެ. ތަދު އެރުމުން ހީވީ އެތެރެހަށި "މެޝިނަކަށްލައި، ވަރަށް ބާރަށް ފިއްތާލާހެން" ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ އެ ތަދު އެރީ މެންދުރެވެ. އެހެންވުމާ އެކު ދެ ގުޅަ ޕެނަޑޯލް ކާލައިގެން އަސްލަމް ނިދީ އެވެ. ދެ ވަނަ ފަހަރަށް ތަދު އެރީ އިރު އޮއްސުނު ވަގުތެވެ. ޑޮކްޓަރަށް ދިޔައީ އެހާ ހިސާބުންނެވެ.


"ފުރަތަމަ ވެސް ހާޓް އެޓޭކެއް ޖެހުނީ ހަގީގަތުގައި. ދެ ވަނަ ފަހަރު ވެސް ހަމަ ހާޓް އެޓޭކެއް ޖެހުނީ. އެ ދުވަހު ޑޮކްޓަރަށް ގޮސް ޓެސްޓު ހެދުމުން އެނގުނީ،" އަސްލަމް ކިޔައިދިނެވެ.

ޓެސްޓުތަކުން ދެއްކި ގޮތުގައި އަސްލަމްގެ ހިތާ ގުޅިފައިވާ ހަތަރު ލޭ ހޮޅިއެއް ހުރީ ބެދިފަ އެވެ. އޭގެ ތެރޭގައި ހިތާ ގުޅޭ މައި ދެ ހޮޅި ހިމެނެ އެވެ. ޖެހިގެން އައި ދުވަހު އެމަޖެންސީގައި އަސްލަމް އޮޕަރޭޝަންކޮށް ބެދިފައި ހުރި މައި ދެ ހޮޅިއަށް ސްޓެންޓު ލެއްވި އެވެ. އަނެއް ދެ ހޮޅިއަށް ސްޓެންޓު ލެއްވީ ދެ މަހެއްހާ ދުވަސް ފަހުންނެވެ.

"ދުވަހަކު ވެސް ހިއެއް ނުކުރަން މިފަދަ ކަމެއް ދިމާވާނެ ކަމަކަށް. ހާޓް އެޓޭކް ޖެހުނު އިރު ސިނގިރޭޓު ބޯތާ ވަރަށް ދުވަސް ވެއްޖެ. ގާތްގަނޑަށް ދުވާލަކު ފޮއްޓެއް ހުސްކުރާތާ 20 އަހަރުވަރު ވެއްޖެ އެއިރު،" މިދިޔަ ރޯދަ މަހު ދިމާވި ހާދިސާގެ ހަނދާން އާކުރަމުން އަސްލަމް ބުންޏެވެ.

އަސްލަމް ވެގެންދިޔައީ ހިތާ ގުޅިފައިވާ ލޭ ހޮޅިތައް ބެދިގެން އައިޖީއެމްއެޗުގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް ސްޓެންޓު ލައްވާ ފަސް މީހުންގެ ތެރެއިން އެކަކަށެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތް

ގައިން ގަޔަށް ނާރާ ބަލިތަކުން މަރުވާ ދިވެހިންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓު މީހުންނަކީ ދިރުއުޅުމުގެ އާދަތަކާ ގުޅިފައިވާ އފަދަ ބަލިތަކުން މަރުވާ މީހުން ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާކުރެ އެވެ.

ރާއްޖޭގެ ފިރިހެނުން އާބާދީގެ 34 ޕަސެންޓަކީ ސިނގިރޭޓު ބޯ މީހުންނެވެ. އަންހެނުންގެ އާބާދީގެ ތިން ޕަސެންޓު ސިނގިރޭޓު ބޮޔެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ އާބާދީގެ 42 ޕަސެންޓަކީ ފަލަ މީހުންނެވެ. ފިރިހެނުންގެ އެ ނިސްބަތް އުޅެނީ 32 ޕަސެންޓްގަ އެވެ. އަދި އަންހެނުންގެ އާބާދީން 82 ޕަސެންޓު މީހުން އެކަށީގެންވާ މިންވަރަށް ކަސްރަތެއް ނުކުރެ އެވެ. ކަސްރަތު ނުކުރާ ފިރިހެންގެ ނިސްބަތަކީ 58 ޕަސެންޓެވެ.

ރާއްޖޭގައި ތަރުކާރީ އާއި މޭވާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރާ މީހުންގެ ނިސްބަތް ވެސް އާދަޔާ ހިލާފަށް މައްޗެވެ. އެގޮތުން އަންހެނުންގެ އާބާދީގެ 94 ޕަސެންޓަކީ އެކަށީގެންވާ މިންވަރަށް ކާނާ އާއި ތަރުކާރީ ބޭނުން ނުކުރާ މީހުންނެވެ. ފިރިހެނުންގެ ތެރެއިން އެ އަދަދު އުޅެނީ 92 ޕަސެންޓުގަ އެވެ.

ގަބޫލުކުރަން ދަތި ނަމަވެސް ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ހަކުރު ގިނަ ބުއިންތަކާއި ދުފުމާއި ސިނގިރޭޓާއި ބަންދުކޮށްފައި ހުންނަ މަހުގެ ބައެއް ބާވަތްތައް ވުން އެކަށީގެންވަނީ، އަހަރުމެންގެ ގިނަ މީހުންގެ މަރުގެ ފަހަތުގައިވާ ސަބަބުތަކަށެވެ.

ސުޕާރީ އަދި ދުފުން

ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު މިލިއަނަކާ ގާތް ކުރާ އަދަދަކަށް ތަފާތު އެކި ގައުމުތަކުން ފޯކާއި ސުޕާރި ވަނީ އެތެރެކޮށްފަ އެވެ. ދުފުމަކީ އަހަރުމެންގެ ތެރޭގައި އާދައިގެ އަދި ބައެއް ފަހަރު ރަނގަޅު ކަމެއް ކަމަށް ހީވެފައި އޮތް ނަމަވެސް ހަގީގަތުގައި ދުފުމުން ލިބޭ ގެއްލުން ވަރަށް ބޮޑެވެ.

"ވަރަށް ގިނަ ދިރާސާތަކުން ދައްކާ ގޮތުން ވެސް ދުފުމާއި ހަށިގަނޑަށް ގެއްލުން ހުރި ވަރަށް ގިނަ ކަންކަމާ ގުޅުން އެބަހުރި. އަނގައިގެ، ކަރު ތެރޭގެ އަދި ގޮހޮރުގެ ކެންސަރަށް ވެސް ދުފުމުން މަގުފަހި ކުރޭ. ފޯއް، ބިލެއް އަދި ހުނީގައި ވެސް ހަށިގަނޑަށް ގެއްލުން ލިބޭ އަދި ދެވި ހިފާ މާއްދާތައް އެކުލެވޭ،" ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަޒާނާ ފާއިޒު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ސުޕާރި އަދި ދުފާ އެއްޗެހި ދިނުމަކީ އަހަރުމެންގެ ތެރޭގައި އާދައިގެ ކަމެކެވެ. ސްކޫލްތަކުގައި ވެސް ސުޕާރިއަކީ މޭވާއަށް ވުރެ ވެސް ގިނައިން ކުދިން ކާ އެއްޗެކެވެ. އެކަމަކު ތަޖުރިބާކާރުން ބުނަނީ ކެންސަރުގެ އިތުރުން ވެސް ދުފުމުން ދިމާވާ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ.

"ދުފުމުގެ ބައެއް ބާވަތްތަކުގައި ބައެއް ފަހަރު ދުންފަތުގެ ބާވަތްތައް ވެސް ހިމެނޭ. ނުރައްކާތެރި ކެންސަރުގެ އިތުރުން ދުފުމުގެ ސަބަބުން އަނގައިގެ ހަންގަނޑު ބޯވުމާއި ދަތުގެ މައްސަލަތައް ވެސް ދިމާވޭ. އަދި ދެވި ހިފުމަށް މަގުފަހިކޮށްދޭ ބައެއް މާއްދާތައް ވެސް ދުފާ އެއްޗެހީގައި ހިމެނޭ،" ޑރ. ރަޒާނާ ވިދާޅުވި އެވެ.

އެނާޖީ ޑްރިންކްސް އިން ލިބޭ ފައިދާއެއް ނެތް

އެނާޖީ ޑްރިންކާއި ފިޒީ ޑްރިންކްސްއަކީ ވެސް ރާއްޖޭގައި މަގުބޫލު ތަކެއްޗެވެ. އެކަމަކު ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ އެފަދަ ބުއިންތަކުން އިންސާނާއަށް ވަރަށް ބޮޑެތި ނުރަައްކާތައް ކުރިމަތިކުރުވަ އެވެ.

"އެނާޖީ ޑްރިންކްސްގައި އެބަ ހުރޭ ވަރަށް ބައިވަރު ކެމިކަލް. އަދި ކެމިކަލްތައް މި ހުންނަނީ އާންމުކޮށް ހުންނަން ޖެހޭ ވަރަށް ވުރެ މާ މަތީ މިންވަރެއްގައި،" އާންމު ސިއްހަތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އައިޝަތު އަރޫނާ އަބްދުﷲ ވިދާޅުވި އެވެ.

"މިސާލަކަށް އެންމެ އެނާޖީ ޑްރިންކެއްގައި ކެފެއިން މި ހުންނަނީ 10 ވަރަކަށް ކޮފީ ތަށީގެ. ހަކުރު އެބަ އުޅޭ ހައެއް ނުވަތަ ނުވަ ސަމްސާ. މިއީ އިންސާނެއް އެއް ވަގުތެއްގައި ބޭނުން ކުރުން ރަނގަޅު މިންވަރެއް ނޫން."

ހަށިގަނޑަށް ހަކަތަ ލިބޭ ބުއިންތަކުގެ ގޮތުގައި އެނާޖީ ޑްރިންކްސް އިސްތިހާރުކޮށް ވިއްކި ނަމަވެސް ހަގީގަތުގައި އެއިން ކުރާ އަސަރު ވަރަށް ތަފާތެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ހަކަތަ ލިއްބައިދިނުމުގެ ބަދަލުގައި އެފަދަ ބުއިންތަކުން ހަގީގަތުގައި ކޮށްދޭ ކަމަކީ މީހާ ލޮޑުކޮށްލުމެވެ.

"ހަކުރު މަތިވީމަ ހީވެދާނެ އެނާޖައިޒް ވަނީ ކަމަށް. އެކަމަކު ބައިގަޑިއިރެއްހާ އިރު ތެރޭގައި ލޭގައި ވަރަށް ހަކުރު ދަށް ވެސް ވާނެ. ދެން ލޮޑުވުމާއި ނިދި އައުމާ މިފަދަ ކަންކަން ދިމާވާނީ. ޕާފޯމަންސް ދަށް ވަނީ ހަގީގަތުގައި،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ކުޅިވަރު ކުޅުމުގެ ކުރިން އެނާޖީ ޑްރިންކްސް ބުއިމަށް ހިތްވަރު ދިން ނަމަވެސް އެއީ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

"އެނާޖީ ޑްރިންކެއް ބުއީމަ މި ވާ ގޮތަކީ ވިންދު އަވަސްވެފައި ލޭގެ ޕްރެޝާ މަތިވެދާނެ. ބްލަޑް ވެސެލްތައް ބެދިދާނެ. ހިތް ހިނގާ މިންވަރު އަވަސްވެ ހިތް ވަރުބަލިވާ ގޮތް ވެދާނެ. ކުޅިވަރު ކުޅުމުގެ ކުރިން އެނާޖީ ޑްރިންކެއް ބުއިމުން އަދި ވަރަށް ނުރައްކާތެރި ގޮތެއް މި ވަނީ. ކުއްލިއަކަށް ހިތް ހުއްޓޭ ގޮތެއް ވެސް މެދުވެރިވެދާނެ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ސޮސެޖާއި ފިނި ކުރި މަހުން ސިއްހަތަށް ގެއްލުންވޭ

އިނގިރޭސިވިލާތުގެ ކެންސަރު ދިރާސާ ކުރާ ސެންޓަރުން ބުނާ ގޮތުގައި ގިނަ ދުވަހު ކުނި ނުވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މަހުން ކެންސަރަށް މަގުފަހިކޮށްދެ އެވެ. ފެކްޓަރީތަކުން ޕްރޮސެސް ކޮށްފައި ހުންނަ ސޮސެޖާއި ރެޑް މީޓަކީ ކެންސަރަށް މަގު ފަހިކުރާ ގިނަ މާއްދާ އެކުލެވޭ ބާވަތްތަކެއް ކަމަށްވެ އެވެ.

"ބައެއް މަހުގެ ބާވަތްތަކަކީ ހާއްސަކޮށް ފެކްޓަރީގައި ތައްޔާރު ކޮށްފައި ހުންނަ ގިނަ ދުވަހަށް ހަލާކުނުވެ ދެމި ހުންނަ ގޮތަށް ހަދާފައި ހުންނަ އެއްގަމު މަހުގެ ބާވަތްތަކަކީ ވަރަށް ގެއްލުން ހުރި ތަކެތި. މިފަދަ ތަކެތި ގިނަ ދުވަހު ބެހެއްޓުމަށް ކެމިކަލް ހުންނަނީ އެއްކޮށްފައި. މި ކެމިކަލްތަކަކީ ވެސް ކެންސަރަށް މަގުފަހިކޮށްދޭ ބާވަތްތައް،" ޑރ. ރަޒާނާ ވިދާޅުވި އެވެ.

ޕްރޮސެސްޑް މީޓަކީ ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ އެއްޗެކެވެ. އަދި ޕްރޮސެސްޑް މީޓުގެ މަގުބޫލުކަން ދަނީ ބޮޑުވަަމުންނެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ރަނގަޅު ސިއްހަތެއް ބޭނުން ނަމަ އެފަދަ ތަކެތިން ދުރުވާން ޖެހޭ ކަމަށެވެ.

"ޕްރޮސެސްޑް މީޓުން ގޮހޮރުގެ ކެންސަރު، ލިވާ ކެންސަރު، އުރަމަތީ ކެންސަރު އަދި ފުރަގަސް ފަރާތުގެ ކެންސަރަށް ވެސް މަގުފަހުކުރޭ. އަދި ދިފާއީ ނިޒާމުގެ ބަލިތަކަށް ވެސް ޕްރޮސެސްޑް މީޓުން މަގުފަހި ކުރޭ،" ޑރ. ރަޒާނާ ވިދާޅުވި އެވެ.

ކޮންމެ ސިނގިރޭޓަކުން އެތައް ހާސް ގެއްލުމެއް

އިރުމަތީ އޭޝިޔާގައި އެންމެ ގިނައިން ސިނގިރޭޓު ބޯ މީހުން ދިރިއުޅެނީ ރާއްޖޭގަ އެވެ. ރާއްޖެއަށް އަހަރަކު 460 މިލިއަން ސިނގިރޭޓު އެތެރެ ކުރެ އެވެ. އަދި ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 34 ޕަސެންޓާއި އަންހެނުންގެ އާބާދީގެ ތިން ޕަސެންޓަކީ ސިނގިރޭޓު ބޯ މީހުންނެވެ. އެއިން ކޮންމެ މީހަކު ދުވާލަކު އެތައް ފަހަރަކު "ވިހަވެ" އެވެ.

"އިންސާނާ އެންމެ ބޮޑަށް ވިހަވާ ތަކެތި ދުންފަތުގައި އެބަ ހިމެނޭ. ދުންފަތުގައި 250 ވަރަކަށް ވިހަ އަދި 7،000 ވަރަކަށް ކެމިކަލް ހުރޭ. ދުންފަތުގެ ސަބަބުން ހަށިގަނޑަށް އަސަރު ނުކުރާ ގުނަވަނެއް ނެތް. ދުންފަތުން ގިނަ ފަހަރު ހަށިގަނޑުގެ ދިފާއީ ބާރަށް މި ހަމަލާދެނީ. ވަރަށް ގިނަ ބަލިތަކުން ސަލާމަތްވުމަށް ދިފާއީ ބާރަކީ ވަރަށް މުހިންމު އެއްޗެއް،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ނޭވާލާ ނިޒާމާއި ހިތުގެ ބަލިތަކުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެއްވެސް ޝައްކެއް ނެތް މިންވަރަކަށް ދުންފަތަކީ އެފަދަ ބަލިތައް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.

"ދިފާއި ބާރު ގަދަކޮށްދޭ ސެލްތަކަށް ދުންފަތުން ބޮޑު އަސަރެއް ކުރޭ. މި ސެލްތަކުގެ ބާރު ނެތީމަ ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދޭ. މީގެ ސަބަބުން ވެސް ބައެއް ކެންސަރު ޖެހޭ،" އަރޫނާ ވިދާޅުވި އެވެ.

"ދުންފަތުގައި ހިމެނޭ ކާސިނޯޖެންސްގެ ސަބަބުން ވެސް 17 ވަރަކަށް ކެންސަރު ޖެހޭ. އަދި ބްލަޑް ވެސެލްސްތަކުގައި ބްލޮކްތައް ހަދާފައި. އެ ބްލޮކްތަކުގެ ސަބަބުން ހިތުގެ ބަލިތައް އަދި ސްޓްރޯކް ޖެހޭ. އަދި ކްރޮނިކް ލަންގް ބަލިތައް ޖެހޭ."

ނުރައްކާތެރި އެތައް ރަނގަބީލެއް ޖަހަމުން ދިޔަ ނަމަވެސް ދިވެހިންގެ ގިނަ މީހުންނާ ހަމައަށް އަދި އެ އަޑެއް ވާސިލެއް ނުވެ އެވެ. އާދަތައް ބަދަަލުކުރުމުގެ ވިސްނުން ގެންގުޅެވޭ ވަރަށް ކަންބޮޑެއް ނުވެ އެވެ. އެކަމަކު ސަރުކާރުން މިހާރު ފަށާފައިވާ އާ ކެމްޕޭނާ އެކު ކުރިއަށް ވުރެ އަވަހަށް، ގިނައިން، އެ ނުރައްކަލުގެ މެސެޖްތައް އާންމުންނަށް ހަމައަށް ފޯރާނެކަން ޔަގީނެވެ.