ބޭންކިން ސެކްޓަރު ވަރަށް އުޖާލާ، އިގްތިސާދަށް އާ އުންމީދެއް!

ރާއްޖޭގެ އިގްތިސާދުގައި މާލީ ދާއިރާގެ ހިއްސާ އަދިވެސް ވަރަށް ކުޑަ އެވެ. އާންމުކޮށް އެހެން ގައުމުތަކުން ފެންނަ ފަދަ އެކްޓިވް ކެޕިޓަލް މާކެޓެއް ނެތް އިރު ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް ވެސް މަދެވެ. އެކަމަކު އަނެއްކޮޅުން ރާއްޖޭގެ ބޭންކިން ސެކްޓަރަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފަ އެވެ.


މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭންކުތަކުގެ އޯވަރޯލް ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ އަދަދު އުޅެނީ 44 ޕަސެންޓުގަ އެވެ. މިއީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ 32 ޕަސެންޓުގެ އިތުރުވުމެކެވެ. ގާނޫނުން ލާޒިމް ކުރަނީ 12 ޕަސެންޓެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު-- ފޮޓޯ: މިހާރު

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބޭންކުތަކުގެ ލެވެރޭޖު ކެޕިޓަލްގެ ގޮތުގައި ކުންފުނިތަކުން ހޯދާ ފައިސާގެ މިންވަރު ވަނީ 22 ޕަސެންޓަށް އަރައިފަ އެވެ. އަދި ބޭންކުތަކުގެ ފައިދާ ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން އަހަރީ ފައިދާ ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ އެވެ. މީގެ މައިގަނޑު ސަބަބަކީ ބޭންކުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކާ ހަލާސްކޮށްފައިވުމެވެ.

ބޭންކުތަކުން ލިބޭ ފައިދާ އިތުރުވެ، ބޭންކުގައި ފައިސާ ރައްކާ ކުރާ މިންވަރާއި ދޫކުރާ ލޯނުގެ އަދަދު އިތުރުވެފައިވާ އިރު ނުދައްކާ ލޯނުގެ މިންވަރު ވަނީ 14 ޕަސެންޓު މަތިވެފަ އެވެ. އެއީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާ ބަލާއިރު ތިން ޕަސެންޓުގެ ދަށްވުމެވެ. އެ އަހަރު ނުދައްކާ ލޯނުގެ މިންވަރު ވަނީ 17 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އެހެންކަމުން ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ބޭންކުތަކަށް ނުދައްކާ ލޯނުގެ މިންވަރު ވެސް ވަނީ ކުޑަވެގެން ގޮސްފަ އެވެ. މިއީ ބޭންކިން ސެކްޓާ ކުރިއެރުވުމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ.

ބީއެމްއެލްގެ ހިތަދޫ ބްރާންޗް-- ފޮޓޯ: މިހާރު

މީގެ އިތުރުން ތިން ވަނަ ކުއާޓާގައި ބޭންކުތަކުގެ އެސެޓް ޕޯޓްފޯލިއޯ އަށް ބަލާއިރު އެންމެ ގިނައީ ބޭންކުތަކުން ދޫކޮށްފައި ވަނީ ލޯނެވެ. އެގޮތުން ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ މިންވަރު 52 ޕަސެންޓަށް އަރަ އެވެ. މުޅި އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު 25 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ކުރީ އަހަރު ލޯނު ދޫކުރި މިންވަރު އުޅެނީ 20 ބިލިއަން ރުފިޔާގަ އެވެ.

ބޭންކިން ސެކްޓާ ފުޅާވެ، ކުރިއަރާ ނަމަ މުޅި އިގްތިސާދުގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދުމަށް މަގުފަހިވެ އެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި މާލީ ދާއިރާގެ ކުރިއެރުން ހޯދުމުގައި ތަރައްގީ ވަމުން އަންނަ ގައުމުތައް އަވަސްމިނުގައި އިގްތިސާދު ފުޅާ ކުރުމަށް މުހިންމެވެ. އެހެން ނަމަވެސް ރަނގަޅު އުސޫލުތަކެއް އެކުލަވާލެވިގެން ނޫން ގޮތަކަށް އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކޮށްފި ނަމަ ދުރު މުސްތަގްބަލުގައި ބޭންކުތައް ނާޒުކު ފައްތަރަކަށް ވެއްޓިދާނެ އެވެ. އެގޮތުން ބޭންކުތައް ފުޅާކުރާ ގޮތްތަކާއި ލޯނުތައް ދޫކުރާ މިންވަރާއި ލޯނު ނުދައްކާ މިންވަރު ފުރިހަމައަށް ސަރުކާރުން މޮނިޓާ ކުރެވެން ޖެހެ އެވެ.

މާލީ ދާއިރާ ކުރިއެރުވުމަށް ޓަކައި އަދި ހާއްސަކޮށް ބޭންކުތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި ސަރުކާރުގެ އެއްބާރުލުން ކުންފުނިތަކަށް ބޭނުންވެ އެވެ. ބޭންކުތަކުގެ ފައިދާގެ 25 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ ވެސް ރާއްޖޭގެ ބޭންކިން ސެކްޓާ ކުރިއެރުވުމަށް އޮތް ގޮންޖެހުމެކެވެ. މީގެ އިތުރުން ވެސް އެކަށީގެންވާ ފުރިހަމަ އުސޫލުތަކެއް މާލީ ދާއިރާ ފުޅާ ކުރުމަށް ސަރުކާރުން އެކުލަވާލަން ޖެހޭ ކަމަށް ބޭންކިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގަބޫލު ކުރެ އެވެ. އަދި އެމްއެމްއޭގައި ރަޖިސްޓާކޮށްފައިވާ އަށް ބޭންކުގެ މަސައްކަތްތައް މޮނީޓާކޮށް މިހާރަށް ވުރެ ވެސް ފުރިހަމަ އަށް ބެލެހެއްޓެން ޖެހެ އެވެ.