އަނާގެ ޗުއްޓީ، ގިނަ ވާހަކަތަކެއް ކިޔައިދޭ!

ރާ އަރަން އެއް ދުވަހު އޭނާ ރުކަކަށް އަރާ ފާނެ އެވެ. އަނެއް ދުވަހު ދޮށި ހިފައިގެން މަހަށް ހިނގައިދާނެ އެވެ. މޫނާއި އިސްތަށިގަނޑު ރީތި ކުރާނެ "ދިވެހި ބޭސް" އަދި ދިވެހިވަންތަ މީރު ކާއެއްޗެހީގެ އިތުރުން، މުޖުތަމައަށް ގިނަ މެސެޖްތައް ލިބޭ ވާހަކަތައް ވެސް އޭނާ ކިޔައިދެ އެވެ. މިއީ ޗުއްޓީގައި ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ)ގެ ސޯޝަލް މީޑިއާއިން ފެންނަ މަންޒަރުތަކެވެ.


އަނާގެ ރަށްފުށު މި ދިރިއުޅުން ފެންނަނީ، އޭނާ ޗުއްޓީއަށް ގޮސް ސޯޝަލް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކާއި ފޮޓޯތަކުންނެވެ. ބިޒީ ދިރިއުޅުމެއްގައި، ހޭބޯނާރާ އުޅޭ މީހުންނަށް އަނާގެ މި ޕޯސްޓްތަކުން ހިތްފުރެ އެވެ. އަނާގެ ޗުއްޓީން އެ މީހުންނަށް އުފާވެރިކަން ލިބެ އެވެ.

ވީޓީވީގެ ނޫސްވެރިޔާ މި ހުރިހާ ކަމެއް ކުރަނީ އޭނާގެ އުފަން ރަށް، ލ. ކުނަހަންދުއަށް ގޮހެވެ. އަނާ ބުނާގޮތުގައި ބުރަ އަދި ހާސްކަން ބޮޑު މާލޭގެ ދިރިއުޅުމަށް ފަހު، ރަށަށް ގޮސް ބޭނުންވަނީ އޭނާގެ ކުޑައިރުގެ ދިރިއުޅުން އަލުން ތަޖުރިބާ ކުރާށެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސް، ރަށްފުށުގެ ހިތްގައިމުކަން ލިބިގަންނާށެވެ. މި ތަޖުރިބާތައް، ފޮޓޯ އާއި ވީޑިއޯގެ ޒަރީއާއިން އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލަނީ، އޭގެ އުފާ، ބިޒީ ދިރިއުޅުމުގައި ތާށިވެފައި ތިބި މީހުންނާ ވެސް ހިއްސާ ކޮށްލާށެވެ.

"އެއީ ހަމަ އަބަދުވެސް އަނާ ޗުއްޓީ ހޭދަކުރާ ގޮތް. ބޭނުމެއް ނުވޭ ގިނަ މީހުންހެން، އަބަދު ޕިކްނިކް ގޮސް ސަކަރާތް ޖަހާކަށް. އަނާ ބަލަނީ ޗުއްޓީއަށް ގޮސް ވެސް، އެހެން މީހުންނަށް ކޮންމެވެސް މެސެޖެއް ލިބޭ ކަހަލަ ވީޑިއޯއެއް ކޮށްލަން،" އޭނާ ބުންޏެވެ.

އަނާ ބުނާ ގޮތުން އަހަރަކު އެއް ފަހަރު ރަށަށް ދެވުނު ނަމަވެސް، ރަށުގެ ގިނަ ގޭގެއަށް ވަދެވޭތޯ އޭނާ ބަލަ އެވެ. އަދި ދުވަސްވީ މީހުންނާ ވާހަކަ ދައްކައި، ކުރީގެ ދިރިއުޅުމާ ގުޅޭ ގޮތުން އޭނާ މައުލޫމާތު ހޯދަ އެވެ. އެ ހުރިހާ ވާހަކަތަކެއް، ވީޑިއޯ އާއި ފޮޓޯގެ ޒަރީއާއިން އޭނާ މީހުންނަށް ގެނެސްދެ އެވެ.

އަނާ އޭނާގެ ރަށުގައި އުމުރުން ދުވަސްވީ މީހަކާ ވާހަކަ ދައްކަނީ

"ނޫސްވެރިއަކަށް ވާތީ ކަންނޭނގެ، އަނާއަށް ކޮންމެ ކަމެއް ނޫނީ ކޮންމެ އެއްޗެއް ވެސް ފެންނާނީ ސްޓޯރީއެއް ގޮތަށް. އެހެންވެ، ބޭނުންވަނީ އެ ސްޓޯރީ މީހުންނާ ޝެއާކުރަން،" 2016 އަހަރުގެ އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓްގެ އެވޯޑު ވެސް ހޯދި ޒުވާނާ ބުންޏެވެ.

މި ފަހުން ވެސް އަނާ ރަށަށް ގޮސް ހޭދަކުރި ޗުއްޓީގެ ގިނަ ވާހަކަތަކެއް ވަނީ ކިޔައިދީފަ އެވެ. މަދިރިން ސަލާމަތްވުމަށް، ކުނަހަންދޫ ކޮންމެ ގެއެއްގައި ވެސް ރޯކުރާ "ދުންތެއްޔާއި" ވޮށުފިލާ އަޅާ ގޮތާއި އިހުގައި މީހުން ކައި އުޅުނު އެއްޗެއްސާއި ހިތިފަތާއި ރީނދޫ ބޭނުންކޮށްގެން ހަދާ "ހޯމް ރެމެޑީސްތައް" ގެނެސްދިނެވެ. އަދި ރުކަށް އަރައި، ރާ ބާލާނެ ގޮތާއި އަހިވައް ފަދަ ތަކެތި މީރުކޮށް ކާނެ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

އަނާގެ ޗުއްޓީން ފެންނަނީ ހަމައެކަނި، ރަށްރަށުގެ ހިތް ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެ ރަށްތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ވެސް އޭނާ ގެނެސްދެ އެވެ. ރަށްގިރުމާއި ބަނދަރު ހެދުމުގެ ސަބަބުން، ދެން ރަށަށް ދިމާވާ ދަތިތަކާއި އާސާރީ ތަންތަނަށް ލިބިފައިވާ ގެއްލުންތަކާއި ރުއް ނެގުމާއި މޫދަށް ކުނި އެޅުމުން ލިބޭ ގެއްލުންތައް ވެސް އޭނާ ވީޑިއޯކޮށް އާއްމުންނާ ހިއްސާކުރެ އެވެ.

"އެފަދަ ވީޑިއޯތައް ޝެއާ ކުރުމުން ވަރަށް ގިނަ މީހުން ރިއެކްޓް ކުރޭ. ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިއްޖެއޭ ބުނެ މެސެޖްކޮށް ހަދާ،" ނޫސްވެރިކަމުގައި 12 އަހަރު މަސައްކަތްކޮށްފައިވާ، ވީޓީވީގެ ސީނިއަ އެޑިޓަރު ބުންޏެވެ.

"އަނާގެ މަގްސަދަކީ ހަމަ ޓްވީޓެއް ކޮށްލުމެއް ނޫން. އަދި އިންސްޓަގްރާމް ފީޑް ރީތިކޮށްލުމެއް ވެސް ނޫން. ޗުއްޓީގައި އަނާ ހޭދަކުރާ ދުވަސްތަކުން ވެސް ޕަބްލިކަށް މެސެޖެއް ދިނުން،"

ރަށްފުށުގެ ދިރިއުޅުން ގެނެސްދޭން އަނާ މިދިޔަ ރޯދަ މަހު ވަނީ "އަނާ ބުނީތީ ފަރަށް"ގެ ނަމުގައި ޓީވީ ޝޯއެއް ވެސް ގެނެސްދީފަ އެވެ. އެއީ ވީޓީވީން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ޝޯ އެވެ.

އަނާ ބުނިގޮތުގައި ރަށްރަށުގެ ގިނަ ބަޔަކު މާލޭގައި ދިރިއުޅޭއިރު، އެ މީހުންގެ ރަށްފުށުގެ ދިރިއުޅުމުގެ މަތިން ވަރަށް ހަނދާންވެ އެވެ. ރަށަށް ގޮސް މަސް ބާނާލައި، ކުޑައިރު ދުވެ އުޅުނު އަތިރި މައްޗަށް ގޮސް، ކުޑައިރު ކުޅުނު ކުޅިވަރުތައް އަލުން ކުޅެން ބޭނުންވެ އެވެ. އާއިލާއާ އެކު އެއްކޮށް ކައްކައި، ކައި ހަދާހިތްވެ އެވެ.

އަނާގެ ޗުއްޓީގެ އެއް ބޭނުމަކީ ވެސް މީހުންނަށް އެ އުފާވެރި މާޒީ ގެނެސްދިނުމެވެ. އަދި އިބުރަތްތެރި މެސެޖްތަކެއް ދިނުމެވެ. އެހެންވެ، ފަސް ދުވަހުގެ ޗުއްޓީ ނިންމައި، އެނބުރި މާލެ އަޔަސް، ދެން ވެސް އިންތިޒާރު ކުރެވެނީ އެ ފަދަ ޗުއްޓީއަކަށެވެ.