ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ވަގު ރިޒޮލިއުޝަނެއް! ފެށުން ވެސް މަކަރާއި ހީލަތުގައި!

ޒިޔަތުގެ ޝަރީއަތަކަށް ކްރިމިނަލް ކޯޓަށް ގެންގޮސް ގެންދަނީ: ބޯޑު ރިޒޮލިއުޝަނަކީ ވަގު ލިއުމެއް

21 ފެބުރުއަރީ 2019 - 09:09

55 comments

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ނަގަމުން ދިޔަ ފަރާތްތަކުގެ ގާނޫނީ ވަކީލުން އެއް ކަމަކަށް ޑިމާންޑްކުރި އެވެ: ރަށްރަށް ދޫކުރުމާއި، އެކަމާ ބެހޭ އެއްބަސްވުންތައް ހެދުން ފަދަ ކަންކަން ކުރަން އެމްއެމްޕީއާރުސީގެ ބޯޑުން ނިންމާފައިވާ ރިޒޮލިއުޝަން ލިބޭނެ ގޮތެއް ހެދުމެވެ. އެއީ އެފަދަ މުއާމަލާތެއްގައި ގާނޫނީ ގޮތުން ވަރަށް މުހިންމު ހެއްކެކެވެ.

އެކަމަކު އޭރުގެ ޑިރެކްޓަރުންގެ ބޯޑުން އެކަހަލަ ރިޒޮލިއުޝަނެއް ފާސްކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުންކުރެއްވީ ވަގު ރިޒޮލިއުޝަނެކެވެ. ބޯޑު ޑިރެކްޓަރުންގެ ސޮއި، އެހެން ލިއުމަކުން ސްކޭންކޮށްގެން، އެ ރިޒޮލިއުޝަނަށް ލީ އެވެ. އަދި އެމްއެމްޕީއާރުސީން ދޫކުރި ރަށްރަށާއި ފަޅުތަކުގެ އެއްބަސްވުންތަކުގައި އެ ރިޒޮލިއުޝަން ހިމެނި އެވެ.

ޒިޔަތުގެ އެ ހީލަތާއި މަކަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުން ވަރަށް ރަނގަޅަށް ވަނީ ފަޅާއަރައިފަ އެވެ. އެކަމަކު ތަހުގީގަށް އޭނާ ދެއްވި ބަޔާނުގައި، ތަކުރާރުކޮށް ޒިޔަތު ވިދާޅުވެފައި އޮތީ، އެއީ އެޕްރީލް 8، 2014 ގައި އޮތް ބޯޑު މީޓިންގައި ބޯޑުން ފާސްކުރި ރިޒޮލިއުޝަނެއް ކަމަށެވެ.

އެކަމާ ގުޅޭ އެހެން އެންމެން ވިދާޅުވާ ގޮތުގައި އެއީ ކަނޑައެޅިގެން ވަގު ރިޒޮލިއުޝަނެކެވެ. އެގޮތަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި، އެމްއެމްޕީއާރުސީގެ އޭރުގެ ޗެއާމަން މުހައްމަދު ހަލީލާއި ބޯޑު މެމްބަރު ޝީޒްލީން މުހައްމަދާއި ބޯޑު މެމްބަރު އަލީ ރަޝީދު އާދަމްގެ އިތުރުން ކޮމްޕެނީ ސެކްރެޓަރީ އައިމިނަތު ލަމްސާ ހިމެނެ އެވެ.

ބޯޑުން ފާސްކުރާ ރިޒޮލިއުޝަން ޑްރާފްޓްކުރުމާއި ބޯޑު ޑިރެކްޓަރުން ލައްވައި ސޮއިކުރުން ފަދަ ޒިންމާތައް އޭރު އުފުއްލެވީ ލަމްސާ އެވެ. އޭސީސީގެ ތަހުގީގުގައި އޭނާ ވިދާޅުވީ "އެއީ ސައްހަ ރިޒޮލިއުޝަނެއް ނޫންކަން އޭނާއަށް ޔަގީން" ކަމަށެވެ.

ވަގު ރިޒޮލިއުޝަންގައި ހިމެނޭ ބައެއް ކަންކަން:

- ޓޫރިޒަމްގެ ތަރައްގީއަށް ރަށްރަށާއި ފަޅު ކުއްޔަށް ދިނުމާއި ވިއްކުން

- އެކަމާ ގުޅޭ އެގްރިމެންޓްތަކާއި ސޭލްސް އެންޑް ޕާޗޭސް އެގްރިމެންޓް ހެދުން

- ކަންކަން ނިންމުމާއި ސޮއިކުރުމުގެ ބާރު އަބްދުﷲ ޒިޔަތަށް ދިނުން

- އިންވެސްޓަރުން ހޯދުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު، އެޕްރީލް 8، 2014 ގައި، އެމްއެމްޕީއާރުސީގެ ބޯޑު ބައްދަލުވުމެއް އޮތެވެ. އެ ބައްދަލުވުމުގައި ރިޒޮލިއުޝަނެއް ފާސްކުރި އެވެ. އޭގެ ނަންބަރަކީ MMPRC/BR/2014/05 އެވެ. އެކަމަކު އެމްއެމްޕީއާރުސީން ރަށްރަށް ކުއްޔަށް ދޫކުރުމާއި އެކަމާ ގުޅޭ ކަންކަމުގައި ސޮއިކުރުމުގެ ބާރު ޒިޔަތަށް ދޭން ނިންމުން ކަހަލަ އެއްވެސް ވާހަކައެއް އޭގައި ނޯންނާނެ ކަމަށް، ބޯޑު މެމްބަރުންނާއި ލަމްސާ ވިދާޅުވެ އެވެ. އެފަދަ ވާހަކައެއް ވެސް އެދުވަހުގެ ބައްދަލުވުމުގައި ދެކެވިފައެއް ނުވެ އެވެ. އަދި އެ ބޯޑު މީޓިންގެ ޔައުމިއްޔާގައި ވެސް، ރަށްރަށް ކުއްޔަށް ދޫކުރުމާއި ވިއްކުމާ ބެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށް، އޭސީސީއަށް ލިބުނު މައުލޫމާތުތަކަށް ބަލައި، އެ ކޮމިޝަނުން ނިންމާފައިވެ އެވެ.

ލަމްސާ ވިދާޅުވެފައިވާ ގޮތުގައި "އެއީ އޭނާ ތައްޔާރުކޮށް، ބޯޑު މެމްބަރުން ލައްވާ ސޮއިކުރުވި ރިޒޮލިއުޝަނެއް ނޫންކަން ޔަގީނެ"ވެ.

"އެއީ ފޯޖުކޮށްފައިވާ ލިއުމެއް،" ލަމްސާ ވިދާޅުވި އެވެ.

އެހެންކަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ބާރުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމާ އެކުހެން ޒިޔަތު މި އޮތީ ޑިރެކްޓަރުންގެ ބޯޑަށް ވެސް އޮޅުވާލައްވައިފަ އެވެ. މި އޮޅުވާލުމުގައި އޭނާ ބޭނުންކުރެއްވީ އެ ދުވަހުގެ ބޯޑު ބައްދަލުވުމުގައި ތައްޔާރުކުރި ރިޒޮލިއުޝަންގައި މެމްބަރުން ކުރެއްވި ސޮއި ކަމަށް ބެލެވެ އެވެ. އެ ރިޒޮލިއުޝަންގެ ނިމޭ ބައިގައި "05" އޮންނަ އިރު، ޒިޔަތުގެ ވަގު ރިޒޮލިއުޝަންގެ ނަންބަރަކީ MMPRC/BR/2014/05b އެ އެވެ. ނިމޭ ތަނުގައި އޮތް "05b" އަކީ، އޭގެ ކުރިން ހެދި އެމްއެމްޕީއާރުސީގެ ބޯޑު އެއްވެސް ރިޒޮލިއުޝަނެއްގައި ބޭނުންކުރި އެއްޗެއް ނޫނެވެ. ލަމްސާ އާއި ހަލީލު ވިދާޅުވި ގޮތުން ނަމަ، އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަންތަކުގައި އެގޮތަކަށް އިނގިރޭސި އަކުރެއް ބޭނުމެއް ނުކުރެ އެވެ.

"ރިޒޮލިއުޝަންގެ ނަންބަރު ޖަހާއިރު ނަންބަރުގެ ފަހަތުގައި އިނގިރޭސި އަކުރުން "05b" މި ގޮތަށް ޖަހާ ކަމެއް އެނގިފައެއް ނުވޭ،" އޭސީސީއަށް ހަލީލު ވިދާޅުވެފައިވެ އެވެ.

ބޯޑު މެމްބަރުންގެ ސޮއިތައް ވަގަށް ނަގާފައި!

ބޯޑުގެ އެހެން މެމްބަރެއް ކަމަށްވާ ޝީޒްލީން މުހައްމަދަށް އެ ރިޒޮލިއުޝަން ފުރަތަމަ ފެނިވަޑައިގަތީ ވެސް އޭސީސީގެ ތަހުގީގު ތެރޭގައި ކަމަށް، ކޮމިޝަނުގެ ރިޕޯޓުން އެނގެ އެވެ. އޭގައި އޮތީ އޭނާގެ ސޮއި ކަމަށް ވިދާޅުވިޔަސް އެއީ އެހެން ލިއުމަކުން ސްކޭންކޮށްގެން ވަގަށް ނަގައި، އެ ރިޒޮލިއުޝަންގައި ހިމަނާފައި އޮތް ސޮއެއް ކަމަށް، އޭސީސީގެ ތަހުގީގު ޓީމަށް އޭނާ ކިޔައިދެއްވި އެވެ.

ޝީޒްލީން ވިދާޅުވީ ރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން "އެ ދުވަހު އޮތް ބައްދަލުވުމުގައި މަޝްވަރާ ވެސް ކޮށްފައި ނުވާ" ކަމަށެވެ.

އޭނާ ލަފާކުރައްވަނީ އެހެން ލިއުމަކުން އޭނާގެ ސޮއި ވަގަށް ނަގައި، ޒިޔަތުގެ ވަގު ރިޒޮލިއުޝަންގައި ތަތްކޮށް އޭގެ ފަހުން ފޮޓޯ ކޮޕީ ނެގީ ކަމަށެވެ. އެހެންކަމުން ރިޒޮލިއުޝަންގެ ފޮޓޯ ކޮޕީ ލިބޭ މީހަކަށް އޭގައި އޮޅުވާލުމެއް އޮތް ކަމެއް ނޭނގޭނެ އެވެ.

ޗެއާމަން ހަލީލާއި މެމްބަރު ރަޝީދު ވެސް ވިދާޅުވީ ވަގު ރިޒޮލިއުޝަންގައި ބޭނުންކޮށްފައި ވަނީ އެ ބޭފުޅުންގެ ސޮއި ކަމަށެވެ. އެކަމަކު އެއީ، ޝީޒްލީން ވެސް ފާހަގަކުރެއްވި ގޮތަށް، އެހެން ލިއުމަކުން ވަގަށް ނަގައިގެންނެވެ.

"އެފަދަ އިބާރާތެއް [ރަށްރަށް ކުއްޔަށް ދިނުން ފަދަ] އޮތް ބޯޑު ރިޒޮލިއުޝަނެއްގައި އަޅުގަނޑު ސޮއިކޮށްފައެއް ނުވާނެ،" ހަލީލްގެ ބަޔާނުގައިވެ އެވެ.

އަސްލު ވީ ތަނެއް ނޭނގޭ! މުޅިން ވެސް ގެންގުޅުނީ ކޮޕީ!

އެމްއެމްޕީއާރުސީން ރަށްރަށް ކުއްޔަށް ދިނުމުގެ މަސައްކަތުގައި ޒިޔަތާ އެކު އުޅުއްވި އެއް ބޭފުޅަކީ އެ ކުންފުނީގެ އިންވެސްޓްމަންޓް އެގްޒެކްޓިވް މުހައްމަދު ޝިފާއު އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެފަދަ ރިޒޮލިއުޝަނެއް ބޭނުންކުރަން ފެށީ، ކުންފުނިތަކުގެ ވަކީލުން އެ "އެގްރިމެންޓްތަކުގައި ބޯޑުގެ ރިޒޮލިއުޝަން ހިމަނަން ޑިމާންޑްކުރުމުން" ނެވެ. އޭނާ އޭރު ގަބޫލުކުރެއްވީ އެއީ އެމްއެމްޕީއާރުސީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނެއް ކަމަށެވެ.

ހުރިހާ އެގްރިމެންޓްތަކުގައި ވެސް ބޭނުންކުރަނީ އެއް ރިޒޮލިއުޝަނެއްތޯ ޒިޔަތު ކައިރީ ޝިފާއު އެއްސެވި އެވެ. ޖަވާބުގައި މެނޭޖިން ޑިރެކްޓަރު ވިދާޅުވި ކަމަށް ވަނީ އާއެނކޭ އެވެ. އެކަމަކު އޭގެ އަސްލު ޝިފާއުއަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީއަށް ޒިޔަތު ގެންނެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު

"ފެނިފައި ވަނީ އޭގެ ކުލަކޮށް ސްކޭންކޮށްފައިވާ ކޮޕީއެއް،" ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގު ރިޒޮލިއުޝަނުގެ ކޮޕީ ހައްދަން ޒިޔަތު އޭނާގެ އަތަށް އެތައް ފަހަރަކު ދީފައިވެ އެވެ.

އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ރަށްރަށާއި ފަޅުތައް އެތައް ބަޔަކު ގަނެ، އެއްބަސްވުންތައް ހަދާފައިވާ އިރު އޭގައި ހިމެނި އެމްއެމްޕީއަރުސީގެ ބޯޑު ރިޒޮލިއުޝަންގެ އަސްލު ވީ ތަން އެނގޭ މީހަކު ނެތެވެ. ބޯޑު ސެކްރެޓަރީ ލަމްސާއަށް އެ ރިޒޮލިއުޝަން ފެނިވަޑައިގަތީ ވެސް، އަދީބާއި ޒިޔަތު ހައްޔަރުކޮށް ތަހުގީގު ފެށުމުން، އެމްއެމްޕީއާރުސީން ދޫކުރި ރަށްރަށުގެ ލިއުންތައް ހޯދުމުގެ ތެރޭގަ އެވެ. އެ ރިޒޮލިއުޝަން ހުށައެޅީ ސަންފްރޮންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އޭސީސީގެ ރިޕޯޓުން އެނގޭ ގޮތުގައި ސަންފްރޮންޓުން ކުއްޔަށް ނަގާފައި ވަނީ ރ. އުތުރުމާފަރެވެ.

ޒިޔަތު ހުންނެވީ އޭނާގެ ގޮތުގަ އެވެ. އެޕްރީލް 8، 2014 ގައި އޮތް ބޯޑު މީޓިންގައި އެ ރިޒޮލިއުޝަންގައި ހިމެނޭ ކަންކަމާ މެދު މެމްބަރުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމަކު ވިދާޅުވީ ޔައުމިއްޔާގައި އެ ވާހަކަ ނެތީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ހިސާބުން އޭނާ ބޯޅަ ޖެއްސެވީ ލަމްސާ ކޮޅަށެވެ.

"ބޯޑާ ގުޅޭ ލިއުންތައް ތައްޔާރުކުރަނީ ކޮމްޕެނީގެ ސެކްރެޓަރީ" ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވަގު ރިޒޮލިއުޝަންގައި ހިމެނޭ ނަންބަރުގެ ފަހަތަށް އިނގިރޭސި އަކުރެއް އައި ގޮތް އޭނާއަކަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.

މުޅި މައްސަލައަށް ބަލާއިރު އެނގެނީ އެއީ އެމްއެމްޕީއާރުސީގެ ބޯޑުން ފާސްކުރި ރިޒޮލިއުޝަނެއް ނޫން ކަމެވެ. އަދި އެފަދަ އެއްޗެއްގައި ބޯޑުގެ އެހެން މެމްބަރުން ސޮއިނުކުރައްވާ ކަމަށް، އޭސީސީގެ ތަހުގީގުގައި އެ ބޭފުޅުން ވިދާޅުވި އެވެ. އަދި ބޯޑުގެ ހުރިހާ ބައްދަލުވުންތަކެއް ބައްލަވައި، ލިއުންތައް ތައްޔާރުކުރައްވާ ކޮމްޕެނީ ސެކްރެޓަރީ އަށް އެފަދަ ރިޒޮލިއުޝަނެއް އޮތްކަން، ޒިޔަތު ހައްޔަރުކުރުމުގެ ކުރިއަކުން އެނގިވަޑައިގެންފައެއް ވެސް ނުވެ އެވެ.

އެހެންކަމުން މިއިން އެނގެނީ، 1.3 ބިލިއަން ރުފިޔާގެ ވައްކަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޒިޔަތުމެން ހިންގެވި އިރު، ވިޔަފާރިވެރިންނާ އެކު ވީ އެއްބަސްވުމުގައި ހިމެނި އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނަކީ ވެސް މަކަރާއި ހީލަތް ކަމެވެ. ރަށްރަށް ކުއްޔަން ދީގެން ހިންގި ބޮޑު ޖަރީމާގެ ފެށުން ވެސް މި އޮތީ އެހާ ނުބައިކޮށެވެ.

55 ކޮމެންޓް, 173 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 3%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޭިސްމައިސް

23 February 2019

އަދިވެސް ފޮޓޯއަށް ހެވިފަ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނުފެނެ.

The name is already taken The name is available. Register?

ސައީދުތުރީ

22 February 2019

ހުރިހާކަމެއް އެކުރަނީ މުސްކުޅިންބުނާހެން ހިންޏަށް ހަކުރު އޮޅުވާލަގޮތަށް ސަރުކާރުހިއްސާވާ ޕުރައިވެޓް ކުންފުންޏެއް ތަސްލާފަ އެތަނަށް ޑިރެކްޓަރެއް އައްޔަނުކުރަނީ އެއިރަކު ވެރިކަންކުރާޕާޓީއެއްގެ އެކްޓިވިސްޓެއް ދެންމިވާގޮތަކީ މުސްކުޅިންބުނާހެން ވެންމަސް ވެނަށް މިކާންދޭން ޖެހެނީ އެހެންވީމަ ވާގޮތްތައްތައް ތިފެންނަނީ ޢިޙުލާސްތެރިން ނެތުނީ މާތްދިއްޔަތަށް ގޮސްހުސްވީ ރަށްޔަތުން ބިކަވަނީ އެހެންކަމަކަށް ވިސްނާނެ ތަނެއް ރަށްޔަތުންގެ ނުހުރޭ ކުލިދަށްކަން މަސއކތ

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

22 February 2019

އިތުރު ބާރުތަކަކާއެކު ތިޔަތަނެއް އުފެއްދީ ހަމަ ތިޔަ މަޤްސަދުގައި އެމްޑީޕީ ވެރިކަމުގައި މުހައްމަދު ނަޝީދު. ފޮނިކޮޅުބޯލައި ރާއްޖެ ހުސްކޮއްލީ ދެންއައި ކުދިން. ތެދު ނިޔަތަކާއެކު ކަންތައްކުރާނެ ދުވެހިން ހަމަ މަދީ. އަދި ފެންނަންހުރީ ރައީސު ސާލިހު އެކަނި.

The name is already taken The name is available. Register?

ހުތާ

22 February 2019

ކޮންމެ ސަރުކާރެއް އަޔަސް ވަގުންނާ ވަގުން ގުޅި ލާމެހިފައި، ނިމިދިޔަ ސަރުކާރުތަކުގައި ވައްކަން ކުރި މީހުންނާ އޭރަކު އޮންނަ ސަރުކާރެއްގައި ތިބޭ ވަގުންނާ ގުޅިފަައި އޮންނަނީ އަވަދުވެސް، އެމީހުން ސިޔާސީ ހިޔާލު ތަފާތު ވިނަމަވެސް ވައްކަން ކުރުމުގައި ތިބެނީ ގުޅިފަައި.

The name is already taken The name is available. Register?

އިހުސާނާ

21 February 2019

ޒިޔަތު އާއި އިބޫ ސޯލިހާއި ވަރަށް ގާތްގުޅުން އޮވޭ.

The name is already taken The name is available. Register?

ޥިސްނާ

21 February 2019

ޙުރިހާ ރަށެއް އަތުލުމަށް ގޮވާލަން، ތި ހުރިހާއެއްމެން ރަށްތަކާ ފަޅުތަށް ގަތީ ރަނގަޅަށް އެނގިތިބެ، އެއީ ތިހުރިހާއެއްމެން ވަކީލުން ހަމަޖައްސައިގެން މީތި ކްލިން ކުރަން ވަރަށް މަސައްކަތްކުރި، ކޮންމެގޮތަކަށްވެސް ބޭނުންވީ ރިޒޯޓުައޯނަރު ކިޔަން، ވަގައްނަމަވެސް ހެޔޮ، އަނބިދަރިންނަށް އަލިފާންކާނދީގެންވެސް ހެޔޮ، ސަރުކާރުން އެއްވެސް ބަދަލެއްދޭކަށް ނުޖެހޭނެ، އިބޫ މިކަން މިގޮތަށްކޮށްދެއްވާނެ ކަމަށް ހީކުރަން

The name is already taken The name is available. Register?

ހަމަ 2

21 February 2019

އެކަމަކު މިހާރު އަރާމުގަ ގޭގަ!

The name is already taken The name is available. Register?

އަބްދުލްމަތީނު

21 February 2019

ވިސްނަވާ މިކަމުގެ އިމްޕެކްޓަށް. ސަބަބެއް އޮވެގެން އިނގޭތޯ ރަށްރަށް ލޯންގްޓާމްއަށް ދީގެން ލިބޭ ފައިސާ އެމްއެމްއޭގައި އޮންނަ ދައުލަތުގެ ކޮންސޮލިޑޭޓެޑް ފަންޑަށް ޖަމާކުރަމުން ދިޔައީ މީގެ ކުރިން. ދައުލަތުގެ ޚަޒާނާގެ ތަޅުތައް ނައްޓާލައި ވަގުންގެ އަތްމައްޗަށް ދޫކޮށްލީ ސީދާ ޔާމީނުގެ ބެލުމުގެ ދަށުން؛ މަގްސަދަކީ އަތުގަ ފައިސާ ޖެއްސޭނެ ގޮތް ހެދުން. ރިޝްވަތަށް ދައުލަތުގެ މުވައްސަސާތައް ގަތުން. ދެން ވީގޮތް މިއޮތީ ފެންނާން. ޔާމީނާ ތި އެންމެން ޖަލަށްލާންޖެހޭ.

The name is already taken The name is available. Register?

ވަގުން

21 February 2019

ރައްޔިތުންގެ ތާއީދެއް ނެތީމަ ބެލީ ވަގު ފައިސާއިން މުއައްސަސާތަކާ ތާއީދު ގަންނަން. މާ ޔޫތް ވެފަ އުޅުނު ދުވަސްކޮޅު ތަފާތު ދާއިރާތަކުގެ ފަންނާނުންނާ މިހެން ގޮސް އެތައް ބައެއްގެ ތާއީދު ހޯދީ މިފައިސާ ބޭނުންކޮށްގެންހެން ވަރަށް ހީވި އޭރުވެސް.

The name is already taken The name is available. Register?

ސަރުކާރައްޚިދްމަތްކޮއްދޭން ނެތީމު

21 February 2019

ސުބުހާަނަﷲ ތިވަރުގެ ސަރުކާރަކަށް މަގޭދަރިޔަކުނުވައްދާނަން، ކޮންމެފަދަ ދޮގެއިލްޒާމެއްވެސް ބޮލައްފައްތާލަފާނެ. އެތައް ދުވަހެއް ދާނެ ތަންތަނައް ދަމާ ނުކުރާކަމެއްކަން ޕްރޫވް ކޮއްދޭންވެސް. އޭރު އޮންނާނީ ނޫސްތަކުގަ ޖަހާ މުޅި ރަށައް ގިންކޮއް ކުއްޖާގެ އބުރު ކަތިލާފަ.

The name is already taken The name is available. Register?

ބަނާނާ ރައިސް

21 February 2019

އަދިވެސް ރައީސް އިބޫ މިރިޕޯޓު އެއްކޮށްނުކިޔަނީތަ ޒިޔަ ތުގޭގަބެހެއްޓީ އެގިވަޑައިނުގެން. ހަމައެކަނި ޔާމީންގެނަން ފެނުނީ ދުވާލަކަށް ސުރުހީލިޔާއިރު މާދަންލިޔެބަލަ މޑޕމީހުންނަ މީގެންބޮޑުބައެ ލިބުނުގޮތާ އެމީހުންނާ އަދީބާއޮތްގުޅުން ޔާމީންގެ އެކައުންޓުގަ އޮތް1މިލިޔަން ނޫންއެއްޗެ ތިޔަކުންނުފެނޭ އިބޫގެ އެކައުންޓަވެސް 32މިލިޔަން ވަންކަމަށް ރަށުތެރޭގަކިޔާ މާލީބަޔާނުންފެންނަންއޮތީ 1މިލިޔަން ކުރާވިޔަފާރިއެނެތް ރަށުގައޮތީ ފަޅުގޯއްޗެ 0ޓޮލެރެންސޭބުނީމަ ސާފުވީދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454