އަނިޔާ އާއި ގެއްލުންދީފައި މިނިވަންކަން މަތީ!

ކަފިހިހުރަސް މަތިން ހުރަސްކުރަނިކޮށް ކާރުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބި އެ އަންހެން މީހާ އެ ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި މަރާ ހަނގުރާމަކުރަމުންނެވެ. އެންމެ 18 މަހުގެ ތުއްތު ކުއްޖެއްގެ އެ މަންމަގެ އާއިލާ މެމްބަރުންނާއި އެކުވެރިން އެތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެކަމަކު ކާރުގެ ޑްރައިވަރު މިނިވަންކަމާ އެކު ރަށު ތެރޭގައި އުޅެމުން ދިޔައީ، އެއީ އޭނާގެ އިހުމާލުން ވީ ކަމެއް ނޫންކަން ދެއްކުމުގަ އެވެ.


ހަމަ އެފަދަ ވާހަކައެކެވެ. ބްރިޖް ހައިވޭގައި މަރަށް ފުރާނައަށް ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނު ބާރު މިނުގައި، މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑި ވެސް ވެއްޓި، ހައިވޭގެ ދަގަނޑު ފެންސްގެ ބައެއް އޮތީ ބިމާހަމަވެފަ އެވެ. އޭރު، ޕިކަޕަކުން ޖެހި އެ މަގުގެ ޑިވަޑައިޑާތަކެއް ފުނޑުފުނޑުވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ޕިކަޕަކުން ޖެހި ލިންކް ރޯޑުގެ ޑިވަޑައިޑާތަކެއް ފުނޑުފުނޑު ވެފައި: ޒިންމާވާނީ ކާކު؟

އެފަދަ އެކްސިޑެންޓްތަކުގައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފި އެވެ. ނުކުޅެދޭ ހާލަތުގައި އެތައް ބަޔަކު އެބަ ތިއްބެވެ. ނަފުސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހުންގެ އަދަދު ވެސް ގިނަ އެވެ. އާއްމުންގެ އުޅަނދުތަކާއި ރައްޔިތުންގެ މުދަލަށް ލިބުނު ގެއްލުންތަކުގެ އަގު އަންދާޒާކޮށްލަން ވެސް ނޭނގެ އެވެ.

މިއީ، ގޮތެއްފޮތެއް ނެތި އުޅޭ ބައެއް ޒުވާނުންގެ ކަމެކޭ ބުނެ ފުއްދާލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލައެކެވެ. ރަނގަޅެވެ. މައްސަލައަކީ ތިމާގެ ފަރިތަކަމަށް ވުރެ އަނެކާގެ ނުފަރިތަކަމަށް ނުވިސްނުމެވެ. އެކަމަކު އެކަން ވިސްނައިދީގެން، ކެމްޕެއިން ހިންގައިގެން އެކަނި މި މައްސަލަ ހައްލެއް ނުވާނެ އެވެ. ޖިނާއީ ދައުވާ ވެސް ކުރެވެން އެބަ ޖެހެ އެވެ. މަދަނީ ދައުވާ ވެސް އުފުލަން އެބަ ޖެހެ އެވެ. ދުއްވުމުގެ ހުއްދަ ބާތިލްކުރަން ޖެހެ އެވެ. ލިބޭ ގެއްލުންތަކުގެ އަގު ހޯދަން ޖެހެ އެވެ. އެ ނޫނީ މިކަންކަން ހުއްޓުވުމުގެ ނަމުގައި ކުރާ ކޮންމެ ކަމެއް ވާނީ ފޫ ނެތް ފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ.

"އަޅުގަނޑުގެ ކާރުގެ ކުރީ ފުރޮޅު ވިންގުގައި ޖައްސާފައި ފިލީ. އެތަން ހަދަން ދިޔަ 4،000 ރުފިޔާ. އަނެއްކޮޅުން ތިން ދުވަހު ކާރު ގަރާޖުގައި ބާއްވަން ޖެހުނު. އެ ތިން ދުވަހަކީ އެއްވެސް އާމްދަނީއެއް ނުހޯދި ދިޔަ ތިން ދުވަސް. ޒިންމާ ވާނެ މީހަކު ނެތް،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

ދާދި ފަހުން ބުރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މަގަށާއި ކާރަށް ގެއްލުންތަކެއް ލިބިފައި

އެފަދަ މައްސަލަތައް އައްޑޫ ލިންކު ރޯޑުގައި ހިނގާތާ އެތައް އަހަރެކެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ ދެ ރަށް ކަމަށް ވާ މާލެ އާއި ހުޅުމާލެ މިދިޔަ އަހަރު ގުޅުވާލި ބްރިޖާ އެކު ނުރައްކާތެރި އެކްސިޑެންޓްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކްސިޑެންޓެއްގެ ސުރުހީއެއް ނޫހަކުން ނުފެންނަ ދުވަހެއް މިހާރު މަދުވާނެ އެވެ. މައްސަލަ އަކީ ގާނޫނު ތަންފީޒުނުވުން ހެއްޔެވެ؟

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން ލިބޭ ގެއްލުންތަކަށް ޒިންމާވާން ޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. ނުރައްކާތެރި ދުއްވުމަކުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ އިސްލާމީ ޝަރީއަތުން ކަނޑައަޅާ ބަދަލުދިނުމުގެ އަދަބުގެ އިތުރުން އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓިދާނެ އެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން ހިނގާ ކަމަކުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެ ނަމަ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެމަތިން އަދަބު ދިނުމާ އެކު ފަސް އަހަރަށް އެމީހާގެ ލައިސެންސް ހިފެހެއްޓެން އޮވެ އެވެ. މީހެއްގެ ފުރާނަޔަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބޭ ގޮތަށް އުޅަނދެއް ދުއްވާ މީހެއްގެ އަދަބެއް ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނީ އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސެންސް ހިފެހެއްޓުމެވެ.

ޕާކްކޮށްފައި އޮތް ޓެކްސީއެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެހިކަލްތަކަކަށް ގެއްލުންވެފައި

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި މީހުންނަށާއި މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ޖިނާއީ ދައުވާކޮށް ހޯދުމުގެ ބާރު ޕީޖީއަށް ލިބިގެންވެ އެވެ. އަދި ގެއްލުނު ލިބުނު މީހާއަށް ވެސް އެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

"ގެއްލުން ލިބުނު މީހާ އަމިއްލައަށް ބަދަލު ހޯދަން އެދެން ބޭނުން ނަމަ ސިވިލް ކޯޓަށް ހުށަހަޅައިގެން އެކަން ކުރެވެން އެބަ އޮތް،" ޝަމީމް ވިދާޅުވި އެވެ.

ފުލުހުންގެ ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ހުސައިން ސަމީރު ވިދާޅުވީ ގާނޫނުން ލިބިދޭ ބާރުތަކުގެ ތެރެއިން މިހާރު ވެސް ބަދަލު ނަގައިދެމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓްގައި އިހުމާލުވި ފަރާތުން ގެއްލުމުގެ ބަދަލު ދޭން އިންކާރު ކުރާ ނަމަ ކޯޓު މެދުވެރިކޮށް ވެސް ބަދަލު ނަގައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހާގެ ބޭސްފަރުވާ އަށް ވެސް، އުޅަނދަށް ވިޔަސް އަދި ތަނަކަށް ވިޔަސް އަޅުގަނޑުމެން ބަދަލު ނަގައިދެން. އާއްމު ތަނަކަށް ނަމަ ހައުސިން މިނިސްޓްރީ ނުވަތަ ޕްލޭނިން މިނިސްޓްރީން ކޯޓޭޝަން ހޯދައިގެން އިހުމާލިވި ފަރާތް މެދުވެރިކޮށް ބަދަލު ނަގައިދެން. ބަދަލު ދޭން އިންކާރުކޮށްފި ނަމަ ކޯޓު މެދުވެރިކޮށް ވެސް ނަގައިދެން،" ސަމީރު ވިދާޅުވި އެވެ.

އިހުމާލުވާ މީހާ ފިލާ މައްސަލާގައި އޭނާ ވިދާޅުވީ ވީޑިއޯ ފްޓޭޖް ބަލައިގެން ވެސް އެ މީހަކު ހޯދާ ފިޔަވަޅު އަޅާ ކަމަށެވެ. އެގޮތަށް ނުހޯދި ހުންނާނީ ވަރަށް މަދު މައްސަލައެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެގޮތަށް އެބަދަލު ނުލިބޭ ކަމަށް އާއްމުން ބުނާ ބުނުމަށް ތަޖުރިބާކާރު ވަކީލް ޝަމީމް އެއްބަސްވެވަޑައިގަންނަވަ އެވެ. ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަންކަން ނުވެ ދަނީ ޝަރުއީ ދާއިރާއަށް އާއްމުންގެ އިތުބާރު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނީ ނިޒާމު އޮތީ މިހާރުވެސް މައްސަލައަށް ހައްލު ލިބޭ ގޮތަށް. މައްސަލައަކީ އެ ނިޒާމު އެފިޝަންޓްކޮށް މަސައްކަތް ނުކުރާތީ. ޖުޑީޝަރީއަށް އާއްމުންގެ އިތުބާރު އޮތް ނަމަ މައްސަލަ ހިފައިގެން އާއްމުން ދިޔައީސް،" ޝަމީމް ވިދާޅުވި އެވެ.

"[ނަމަވެސް މިހާރު] މައްސަލަ ހިފައިގެން ހިނގައްޖެ ނަމަ އެކަމަކަށް އެތައް އަހަރެއް ނަގާ. އެކަމާ އުޅުމަށް ވުރެ ދޫކޮށްލުން ރަނގަޅު ކަމަށް ގިނަ މީހުންނަށް އިހުސާސް ވަނީ،.

ޖިނާއީ އަބަދުތަކެއް ކަނޑައަޅަން ޖެހޭ

ތެދެކެވެ. ޖޫރިމަނާއަކަށް ފަހު ޖޫރިމަނާއެއް އާދެ އެވެ. އެކަމަކު ހައްލެއް ނެތެވެ. ކުރިއާ ހިލާފަށް ނުގަވައިދުން ދުއްވާ މީހުން އިތުރުވަމުން ދާ ކަމަށް ފުލުހުން ވެސް ގަބޫލުކުރެ އެވެ. އެކަން އެގޮތަށް ވާ މައިގަނޑު ސަބަބަކީ އެ މީހުންނާ ދޭތެރޭ އެޅޭނެ ޖިނާއީ ފިޔަވަޅުތަކެއް ނެތުން ކަމަށް ވެސް އެ ފަރާތުން ގަބޫލުކުރެ އެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ތަހުގީގު ކުރަން ފުލުހުން ހަރަކާތްތެރިވަނީ

އެއްގަމު ދަތުރު ފަތުރުގެ ގާނޫނު އައުމުގެ ކުރިން ފުލުހުން ގެންދިޔައީ ނުގަވައިދުން ދުއްވާ މީހުން ގޭގައި ބަންދުކޮށް އަދަބު ދެމުންނެވެ. އަދި ނުގަވައިދުން ދުއްވި ވެހިކަލް 15 ދުވަހަށް ނުވަތަ 30 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ. ނަމަވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އައުމުން އެ އަދަބު އުވި، ހަމައެކަނި ދެވޭ އަދަބަކީ ޖޫރިމަނާ ކުރުމެވެ.

ސަމީރު ވިދާޅުވީ ނުގަވައިދުން ދުއްވާ މީހުން ހުއްޓުވެން އަންނަނީ ކުރިން ލިބުނު ފަދަ ބާރުތަކެއް ފުލުހުންނަށް ލިބިގެން ކަމަށެވެ.

"ޖޫރިމަނާ ކުރުމުން ނުވަތަ ލައިސެންސް ހިފެހެއްޓުމުން އަނެއްކާވެސް ހަމަ މިފެންނަނީ ދުއްވާތަން. އޭގެ ބަދަލުގައި ވެހިކަލް ހިފެހެއްޓޭ ނަމަ ނުވަތަ ގޭގައި ބަންދުކުރުން ފަދަ ޖިނާއީ އަދަބެއް ދެވޭ ނަމަ އެކަން ހުއްޓުމަކަށް އަންނާނެ. އެކަން ވަނީ އަޅުގަނޑުމެން ތަޖުރިބާކޮށްފައި،" ސަމީރު ވިދާޅުވި އެވެ.

ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު މަޝްވަރާ ކުރަމުން އަންނަނީ ނުގަވައިދުން ދުއްވާ މީހުންނާ ދޭތެރޭ އަޅާ ފިޔަވަޅަކީ ހަމައެކަނި ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން އޮތުމުގެ ބަދަލުގައި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކާ މެދު ޖިނާއީ އަދަބެއް ކަނޑައެޅޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެނައުމަށެވެ.

ސަމީރު ވިދާޅުވީ އެކަހަލަ ގާނޫނީ ހަރުކަށި ގޮތްތަކެއް ގެނެސްގެން ނޫނީ ހައްލު ކުރެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. މިހާރު އޮންނަ ގޮތުން ފުރަތަމަ ފަހަރަށް 1،000ރ. ދެ ވަނަ ފަހަރު 1،500ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އޭގެ ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 2،000ރ. އިން ޖޫރިމަނާކުރަމުން ގޮސް ބައެއް މީހުން 60،000ރ. އަށް ޖޫރިމަނާ އަރާފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމުން ވެސް ރަނގަޅު ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ. އެހެންކަމުން މިހާރު މި އޮތީ އަނެއްކާވެސް ގާނޫނަށް ބަދަލު ގެންނަން ޖެހިފަ އެވެ. ގާނޫނުތައް ހަދަން ދައުލަތުން ހޭދަކުރާ ރައްޔިތުންގެ މަޖިލިހެއް އެބަ އޮތެވެ. ގާނޫނުތަކުގެ ތެރޭގައި ރައްޔިތުން ބައިތިއްބުމުގެ ޒިންމާ އުފުލަން ސަލާމާތީ ބާރުތަކެއް އެބަ އޮތެވެ. ދައުވާ ކުރާނެ އޮފީހަކާއި ޝަރީއަތްކުރާނެ ކޯޓްތަކާއި ތަންފީޒްކުރާނެ މުއައްސަސާތައް ވެސް އެބަ ހުއްޓެވެ. އެހެންކަމުން ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް ލިބޭ ގެއްލުންތައް ހުއްޓުވުމުގައި ފަހަތު ފަޔަށް ބުރަވާން ޖެހޭ ސަބަބެއް އޮވެގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.