"އެ އައީ": ޒުވާން ޓީމަކުން ޓެކްސީ ހިދުމަތަށް ގެނައި އިންގިލާބު

ދުނިޔޭގައި ޓެކްސީ ހިދުމަތް މުޅިިން ބަދަލުވެއްޖެ އެވެ. ފޯނު އެޕަކުން ޓެކްސީ ހަމަޖައްސައި، ޓެކްސީ އޮތް ތަން އެނގި، އަންނަން ނަގާނެ އިރު ވެސް ލަފާކުރެވެ އެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު އާންމު ހިދުމަތެއް ނަމަވެސް ރާއްޖޭގައި އެކަން އޮތީ އެހާ ފަސޭހަކޮށެއް ނޫނެވެ. އެކަމަކު ޒުވާނުންގެ ޓީމަކުން އެ ހިދުމަތް މި ވަނީ ތަރައްގީކޮށް، އެންމެ ފަހުން އާންމުންނާ ހަމަޔަށް ގެނެސްދީފަ އެވެ.


އާ އެޕްގެ ނުވަތަ ހިދުމަތުގެ ނަމަކީ "އެ އައީ" އެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅުމުގެ ބަދަލުގައި ނުވަތަ މަގުމަތީގައި އަތް ހޫރަހޫރާ އެތައް އިރެއް ހޭދަނުކޮށް، ކުރިއާލާ ބުކްކޮށްގެން ދަތުރުތައް ކުރުމުގެ ފުރުސަތު "އެ އައީ"އާ އެކު ފަހިވެއްޖެ އެވެ.

މިއީ ދެ ޒުވާނެއްގެ ވިސްނުމާއި މަސައްކަތެވެ. މާދިން މަސީހާއި އަހުމަދު ނިޔާޒު އެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ގާތް ދެ އެކުވެރިންނެވެ. އާ ޓެކްނޮލޮޖީތަކާއި އާ އީޖާތުތަކަށް އަހުލުވެރި މި ދެ ޒުވާނުން ބޭނުންވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް ޒަމާނީ ޓެކްސީ ހިދުމަތް ތައާރަފް ކުރުމަށެވެ.

މާދިން ވަނީ ބައިނަލްއަގްވާމީ ހެކަތޯން މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ވެސް ހާސިލުކޮށްފަ އެވެ. އެގޮތުން ދުބާއީގައި 2014 ގައި އޮތް ހަލްޓް ޕްރައިޒް އިންޓަނޭޝަނަލް ކޯޑިން މުބާރާތުން ތިން ވަނަ ހޯދި އެވެ.

"އެ އައީ"ގެ ސީއީއޯ އުމުރުން 25 އަހަރުގެ މާދިން ވިދާޅުވީ މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރަން ވިސްނެވީ މިއީ ރާއްޖެއަށް ވެސް ބޭނުން ހިފޭނެ ހިދުމަތެއް ކަމަށް ގަބޫލުކުރައްވާތީ އެވެ.

އޮންލައިންކޮށް ޓެކްސީ ބުކް ކުރުމުގެ ހިދުމަތް ދޭ "އޫބާ" ފަދަ މޮޑެލްއަކަށް ރާއްޖޭގެ މާކެޓަށް "އެ އައީ" ގެނައީ ހަތަރު އަހަރުގެ މަސައްކަތުންނެވެ. އެހާ ގިނަ ދުވަސް ނެގީ ރާއްޖޭގެ މާކެޓަށް ބޭނުންވާ ކަންކަން ދެނެގަނެ، އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ ގޮތްތަކެއް ބެލުމަށެވެ.

މާދިން އާއި ނިޔާޒްގެ ހިޔާލުތަކާއި ބޭނުންވާ ފީޗާސްތަކާ އެއްގޮތަށް "އެ އައީ" އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ފެށީ މެލޭޝިއާގެ ސޮޕްޓްވެއާ ޑިވެޕޮލަރުންތަކެއްގެ އެހީގަ އެވެ.

އޭގެ ކުރިން ވެސް މި ދެ އެކުވެރިން ވަނީ މިފަދަ އެހެން އެޕްލިކޭޝަނެއް ތަޖުރިބާކޮށްފަ އެވެ. އެގޮތުން 2015 ގައި، "ކޮބާ ޓެކްސީ" ނަމުގައި އާންމުންނަށް ޓެކްސީއާ ގުޅޭ ޒަމާނީ ހިދުމަތެއް ދޫކޮށްލި އެވެ. އެކަމަކު އެ އެޕްލިކޭޝަން ހިންގަން އޭރު ދެ އެކުވެރިންނަށް އުނދަގޫވި އެވެ. މަތީ ތައުލީމު ހާސިލްކުރަމުން ދިޔުމާ އެކު އަމިއްލައަށް އެކަން ނުކުރެވިގެން، އެންމެ ފަހުން ޓެކްސީ ސެންޓަރަކަށް، "ކޮބާ ޓެކްސީ" ވިއްކާލި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ އެޕްލިކޭޝަން ބޭނުން ކުރުން ހުއްޓުނެވެ.

"މިފަދަ ހިދުމަތް ތައާރަފްކުރާ އިރު ޑްރައިވަރުން ބޭނުންވާން ޖެހޭ. އަސްލު ރާއްޖޭގައި ޓެކްސީ ޑްރައިވަރުންނަށް ޕެސެންޖަރުން ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫން. އެހެންވީމަ މިފަދަ އެޕްލިކޭޝަނެއް ބޭނުން ނުވަނީ. އެކަމަކު ބްރިޖާ އެކު މިފަދަ އެޕަކަށް ނީޑެއް އޮތް ކަމަށް ގަބޫލުކުރެވޭ،" މާދިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކޮބާ ޓެކްސީ" އެޕްލިކޭޝަން ބޭނުން ކުރުން ހުއްޓާލުމުން އަނެއްކާވެސް މަސައްކަތް ކުރީ އެފަދަ އެހެން އެޕްލިކޭޝަނެއް އުފެއްދުމަށް ކަމަށެވެ. އެގޮތުން "އެ އައީ" އެޕްލިކޭޝަން މެނޭޖުކުރަނީ އަށެއްކަ މީހުން ހިމެނޭ ޓީމަކުންނެވެ.

މާދިން ކިޔައިދެއްވި ގޮތުގައި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އެކަށީގެންވާ އުފެއްދުންތައް ނާންނަ އެންމެ ބޮޑު އެއް ސަބަބަކީ އިންޓަނެޓްގެ ސްޕީޑު ދަށްވުމާއި އިންޓަނެޓް ހިދުމަތުގެ އަގު ބޮޑުވުމެވެ. ނަމަވެސް މިހާރު އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އައީ" ބޭނުންކޮށްގެން ޓެކްސީ ޑްރައިވަރުން ކަސްޓަމަރުން ހޯދާ އިރު އެއްވެސް ފީހެއް ދައްކާކަށް ނުޖެހެ އެވެ.

މި އެޕްލިކޭޝަން 2017 ގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ވިޔަފާރިތަކާއި ގެސްޓްހައުސްތަކުންނެވެ. ނަމަވެސް މިދިޔަ ޖެނުއަރީ 15 ގައި އާންމުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލި އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑްކޮށްލެވޭނެ އެވެ.

މިހާރު މި އެޕްލިކޭޝަން 60 އަށް ވުރެ ގިނަ ޓެކްސީން އަންނަނީ ބޭނުންކުރަމުންނެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި އެޕްލިކޭޝަން މެދުވެރިކޮށް 1000 ދަތުރުކޮށްފައިވާ ކަމަށް، "އެ އައީ" ޓީމުން ބުނެ އެވެ. މި އެޕްލިކޭޝަން މިވަގުތު އެންމެ ގިނައިން ބޭނުން ކުރަނީ ފިރިހެނުންނެވެ. ނަމަވެސް ޑެއިލީ ޕެސެންޖަރުންގެ ގޮތުގައި އެންމެ ގިނައިން އެޕްލިކޭޝަން ބޭނުން ކުރަނީ ޒުވާން އަންހެން ކުދިންނެވެ.

"އެ އައީ"ގެ ޓީމުން ބުނާ ގޮތުގައި އެޕްލިކޭޝަންގެ ޑިމާންޑް ބޮޑުވާ ނަމަ، އިތުރު ކަންކަން ވެސް ހިމަނައި، ހިދުމަތާ އެއްކޮށްލުމުގެ ވިސްނުން އެބަ އޮތެވެ.