ރަން ކާމިޔާބާ ގުޅިފައިވާ މެޗެއް، ސަޕޯޓަރުން ތައްޔާރުތަ؟

ދިވެހިރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފޯރި ރާއްޖޭގައި ނުހިފާނެ ކަމަށް އެއް ބަޔަކު ބުނަމުން ދިޔައީ ތިން ސަބަބެއް ދެއްކުމަށް ފަހު އެވެ؛ އޭގެ ކުރިން ރާއްޖެ ކުޅުނު ސަރަހައްދީ ހަތަރު ފައިނަލުން ވެސް ބަލިވެ ދިވެހިން މާޔޫސްވެފައި ތިބުމެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އެ ދުވަސްވަރު އޮތުމެވެ. ރިޔާސީ އިންތިހާބު ބޯމަތިވެ، ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާތީ އެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ މައްޗަށް ގަދަވެގަތީ ދިވެހި ފުޓްބޯޅަ އެވެ. ޔޫރޯ އޮތް ކަމެއް ހަނދާނަކު ނެތެވެ. ސިޔާސީ ވާދަވެރިކަމެއް ނެތެވެ. ގައުމީ ޓީމާ މެދު އޮތް ލޯތްބަށް އެއްވެސް ފަނޑުކަމެއް ނާދެ އެވެ.


ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޖޫން 3 ވަނަ ދުވަހުގެރޭ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ޓިކެޓް ހުސްވުމާ އެކު ދަނޑު ފުލްވާނެކަން އެނގެ އެވެ. އެކަމަކު އެންމެން ރަތްހެދުމުގައި ވަދެވާނެކަމަށް ހިޔެއް ނުކުރެ އެވެ. ވޯލްޑް ކަޕުން އާއްމުކޮށް ފެންނަ މެކްސިކަން ވޭވްގެ ހަރަކާތް ސަޕޯޓަރުންގެ ފަރާތުން ފެނިދާނެ ކަމަށް އެއްވެސް މީހަކު އުއްމީދެއް ނުކުރެ އެވެ. އެ މުބާރާތުގައި ދިވެހިން ދެއްކީ، އޭގެ 8 އަހަރު ކުރިން ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ވެސް ނުދޭހާ ފުރިހަމަ ސަޕޯޓެކެވެ. ހަމައެކަނި މާލޭގައެއް ނޫނެވެ. ސެމީ ފައިނަލާއި ފައިނަލް މެޗު ކޮލަމްބޯގައި ކުޅުނުއިރު، ސުގަތަދާސަ ސްޓޭޑިއަމް ވެސް ފުރާލި އެވެ. އޭގެ 17 އަހަރު ކުރިން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލުގައި ރާއްޖެ ކުޅުނު މެޗު ބަލަން ލަންކާ އަށް ހަޔެއްކަ ދިވެހިން ދިޔަ ނަމަވެސް، މި ފަހަރު ދެ ހާހެއްހާ މީހުން ދިޔަ އެވެ. ތަށްޓާ އެކު ޓީމު މާލެ އައުމުން، މަރުހަބާ ކިޔަން އެންމެން ނުކުތެވެ. އެ ދުވަހަކީ އެއްވެސް ކަމަކަށް މިހާތަނަށް މާލޭގެ މަގުތަކަށް އެންމެ ގިނަ މީހުން އެއްވި ދުވަހެވެ.

އެއީ މާޒީ އެވެ!

އޭގެ ފަހުން ދިވެހި ފުޓްބޯޅައިގެ ފޯރި ވަނީ ކެނޑިފަ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު ވެސް ކްލަބް މެޗުތަކަށް މީހުން ނުވަނަސް ގައުމީ ޓީމުގެ މެޗުތަކަށް ދަނޑު ފުރެ އެވެ. މިހާރު އެކަން ވެސް ބަދަލުވީ އެވެ. ދިވެހި ފުޓްބޯޅަ މިހާރު މިއޮތީ ނާޒުކު ފައްތަރެއްގަ އެވެ. އެކަމުން ސަލާމަތްވުމަށް، އެފްއޭއެމްގެ އާ މެނޭޖްމަންޓުން ކުރާ ފުރަތަމަ މަސައްކަތް ގުޅިފައިވަނީ ވެސް އެއްކަލަ ފޯރިފަދަ ސާފް ޗެމްޕިއަންޝިޕާ އެވެ. އެ މުބާރާތް ކާމިޔާބުކުރިތާ 8 އަހަރު ފުރުން ފާހަގަކުރުމަށް ހޯމަ ދުވަހުގެރޭ ހާއްސަ މެޗެއް ކުޅެން މި ވަނީ ރާވައިފަ އެވެ. އޭރުގެ ޓީމާއި މިހާރުގެ ގައުމީ ޓީމެވެ. ދިވެހި ފުޓްބޯޅަ ދެކެ ލޯބިވާ ނަމަ، ނުވަތަ ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން އެހީގެ އަތެއް ދިއްކޮށްލަން ބޭނުން ނަމަ މި މެޗަށް ވަނުން މުހިއްމެވެ. މިއީ އެތައް ގޮތަކުން ހާއްސަ މެޗެކެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާ އެކު ދަގަނޑޭ (ކ) އާއި އޮއްޕޮ ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް.އެމްވީ)

މުހިއްމު ދެ މެޗަކާ ގުޅިފައިވާ މެޗެއް

ގައުމީ ޓީމަށް އަންނަ މަހު މުހިއްމު ދެ މެޗެއް އެބައޮތެވެ. ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އަންނަ މަހުގެ 1 ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭއިރު އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ ލާއޮސްއާ ދެކޮޅަށް ކުޅޭނެ އެވެ. ބަންގްލަދޭޝަކީ ސަރަހައްދީ އަދި ރާއްޖެއާ ވާދަވެރި ޓީމެކެވެ. އެ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ރޭންކިންގައި މަތިވާނެ އެވެ. ނާކާމިޔާބު ދެ އަހަރަށް ފަހު، އާ ކޯޗަކާ އެކު އަލުން ފަށާއިރު މޮޅަކާ އެކު ފެށިއްޖެ ނަމަ ކުޅުންތެރިންގެ ރޫހު ރަނގަޅުވާނެ އެވެ. އަދި ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ އެވެ. ލާއޮސް މެޗަކީ، އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން މުހިއްމު މެޗެކެވެ. ލާއޮސްގެ މައްޗަށް ދެ ލެގުން ކުރި ނުލިބިއްޖެ ނަމަ ރާއްޖެ އަށް ކުރިއަށް އޮތް އަހަރެއްހާ ދުވަހު މެޗުތަކެއް ނުލިބޭނެ އެވެ. އެހެންކަމުން ބަންގްލަދޭޝް އާއި ލާއޯސް މެޗުގެ ފޯރި ގެނެސް ކުޅުންތެރިންނަށް ޖޯޝު ގެނެސްދޭން، އެންމެ ރަނގަޅު ފެށުމަކީ ހޯމަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޔަމަން ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ:ނިޝާން އަލީ/ މިހާރު

ޖަމީލާއި ސޮބާގެ ޕާޓްނާޝިޕް

ހުއްރިއްޔާ ސްޕޯޓްސް ކްލަބުގެ ރަންޒަމާނުގައި އެ ޓީމުގެ ފަހަތް ބެލެހެއްޓި މުހައްމަދު ޖަމީލަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. ގައުމީ ޓީމު ހޯދި ބޮޑެތި ގިނަ ކާމިޔާބީތަކުގައި އޭނާއާ އެކު އެންމެ ބޮޑު ހިއްސާއެއްވީ އޭނާގެ ޑިފެންސިވް ޕާޓްނަރު ސޮބާހު މުހައްމަދު އިބްރާހީމެވެ. ރާއްޖޭގެ އެންމެ މޮޅު މޭންމާކަރެވެ. މި ދެ ކުޅުންތެރިން އެކުގައި ކުޅެ، ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ހިފެހެއްޓި އެވެ. ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދައިދިނެވެ. މި ދެ ކުޅުންތެރިން އަލުން އެކުގައި ކުޅޭތަން ބަލާލަން ބޭނުން ހެއްޔެވެ؟ ސޮބާ އާއި ޖަމީލަށް ކުޅުންތެރިންނަށް މިހާރުގެ އިތުބާރު ފޯވާޑުން ކަމަށްވާ އަސަދުﷲ އަބްދުﷲ އާއި އަލީ ފާސިރު (ސެންޓޭ) އަދި ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ހިފެހެއްޓިދާނެ ހެއްޔެވެ؟ ހޯމަ ދުވަހުގެރޭގެ މެޗަކީ މި ހުރިހާ ސުވާލުތަކަށް ޖަވާބު ލިބޭނެ މެޗެކެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ތައްޔާރުތޯ؟ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓް ދެއްވުމަކީ ހުރިހާ ކުޅުންތެރިންގެ އެދުމެއް: އިމްރާން މުހައްމަދު

އައްސަދުގެ ލީޑާޝިޕް

އައްސަދު އަބްދުލްގަނީ އަކީ ރާއްޖޭގެ ފުޓްބޯޅައިން ފެނުނު އެންމެ ޒިންމާދާރު އެއް ކެޕްޓަނެވެ. އޭނާ ވަނީ ގައުމީ ޓީމާއި ވެލެންސިއާ އަދި ނިއު ރޭޑިއަންޓުގައި އެކަން ސާބިތުކޮށްދީފަ އެވެ. ރާއްޖޭގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވެލެންސިއާ އަށް ދެހާހުގެ އަހަރުތަކުގެ މެދުތެރޭގައި ކުޅުނުއިރު އެ ކުޅުންތެރިންގެ ލީޑަރަކީ އައްސަދެވެ. އެ ކްލަބާ އެކު ގިނަ ކާމިޔާބީ ހޯދި އެވެ. ނިއުއާ ގުޅުނު ފުރަތަމަ އަހަރު ވެސް އެ ޓީމުގެ ކެޕްޓަން ބޭންޑް އޭނާ އަށް ދިނީ ސަބަބެއް ނެތި އެއް ނޫނެވެ. އެ ޓީމަށް އޭނާ އެފްއޭ ކަޕް މިލްކޮށްދީ ގައުމީ ތަށި ހޯދައިދިނެވެ. ގައުމީ ޓީމުން 2004 ގައި ކޮރެއާއާ އެއްވަރުކުރި މެޗުގައި ރާއްޖޭގެ ޑިފެންސް ލައިން އޯގަނައިޒްކުރީ އައްސަދެވެ. 2008 ގެ ސާފް ޗެމްޕިއަންޝިޕް ފެށެން ދޮޅު މަހެއްހާ ދުވަސް އޮއްވާ އަތް ބިންދައިގެން ދިޔަ ނަމަވެސް، ރިކަވާވެ އޭނާ ގައުމީ ޓީމާ ގުޅުނެވެ. ބައިބައިވެފައި އޮތް ޓީމު ގޮވައިގެން އޭނާ އެ ފަހަރު ތަށި ނަގައިދިނެވެ. ހޯމަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗަކީ، އެފްއޭއެމްގެ މިހާރުގެ އެކްސްކޯ މެމްބަރު އައްސަދު އަނެއްކާ ވެސް ކެޕްޓަން ބޭންޑް އަޅައިގެން ގައުމީ ޓީމު ލީޑުކުރާނެ މެޗެވެ. މިއީ ފަހު ފަހަރަށް ވެދާނެ އެވެ.

ޓޮމް، އައްޔަ އަދި ދަގަނޑޭގެ ފޯވާޑްލައިން ޕާޓްނާޝިޕް

އަހުމަދު ތޯރިގް (ޓޮމް) އާއި އަލީ އުމަރު އަދި އަލީ އަޝްފާގް (ދަގަނޑޭ) އަކީ ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ލިސްޓުގައި ހިމެނޭ ތިން ކުޅުންތެރިންނެވެ. ސާފް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި އެ ތިން ކުޅުންތެރިން އޮތުމަކީ އޭގެ ހެއްކެކެވެ. ޓޮމް، ދަގަނޑޭ އަދި އައްޔަ ވަނީ އެކުގައި ކުޅެ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާން ކޮޅަށް ނުވަ ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މި ތިން ކުޅުންތެރިންގެ ފޯވާޑް ޕާޓްނާޝިޕް ޖާދޫ ވަނީ 2006 ވަނަ އަހަރު ނިއު ރޭޑިއަންޓުގައި ވެސް ދައްކާލައިފަ އެވެ. ރާއްޖޭން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ވެސް ޓީމުގެ އިސް ތިން ފޯވާޑުންނަކީ މި ތިން ކުޅުންތެރިންނެވެ. ކެރިއަރު ނިންމާލުމަށް ފަހު ޓޮމް އަކީ މިހާރު އެފްއޭއެމްގެ ރައީސެވެ. އައްޔަ އަކީ ނައިބް ރައީސެވެ. ދަގަނޑޭ އަންނަނީ އަދިވެސް ފުޓްބޯޅަ ދަނޑުގައި ޖާދޫ ދައްކަމުންނެވެ. އެކަމަކު މި ހާއްސަ މެޗަކީ، މި ތިން ކުޅުންތެރިން އެކުގައި އަނެއްކާ ވެސް ކުޅޭތަން ބަލާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް.އެމްވީ)

ޔޯސެފް ޔަންކޭޒް އެނބުރި ގަލޮޅު ދަނޑަށް

މިއީ ދިވެހި ފުޓްބޯޅަ ބަދަލުކޮށްލި ކޯޗެކެވެ. އޭނާ ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ފުރައިގެން ދިޔައީ އެވެ. ފަހުން ދިވެހި ބައެއް ކްލަބްތަކުން ގެންނަން މަސައްކަތްކުރި ނަމަވެސް އަންނަން އެއްބަހެއް ނުވި އެވެ. އެކަމަކު މި ހާއްސަ މެޗުގައި، އޭނާ ބެންޗުގައި ހުރެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ކޯޗުކޮށްދޭނެ އެވެ. ޔަންކޭޒް ކޮށްދިން މަސައްކަތުގެ އަގުވަޒަންކުރުމަށް ވެސް، ދިވެހިން މި މެޗަށް ވަނުން މުހިއްމެވެ. އޭނާ ހޯދައިދިނީ ހަމައެކަނި ސާފް ޗެމްޕިއަންޝިޕުގެ ތަށްޓެއް ނޫނެވެ. އޭނާ ވަނީ ދިވެހި ފުޓްބޯޅަ ބަދަލުކޮށް ގިނަ ޒުވާން ކުޅުންތެރިން ނެރެފަ އެވެ.

ގައުމީ ޓީމަށް އެންމެ ފުރަތަމަ 2001-2003 އަށް ކޯޗުކޮށްދިން އިރު 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ރާއްޖެ އަށް ތިން ވަނަ ހޯދައިދިނެވެ. އެ ފަހަރު މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވިއިރު ގަދަގަދަ ޗައިނާ އަތުން ބަލިވީ 1-0 އިންނެވެ. އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދައިދިނެވެ. ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް ރާއްޖޭން މިހާތަނަށް ދެއްކި އެންމެ މޮޅު އެއް ކުޅުން ފެނިގެން ދިޔައީ އެ މުބާރާތުންނެވެ. މިހާރުގެ އެފްއޭއެމްގެ ރައީސް ތޯރިގަށް ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ދިނީ ޔަންކޭޒެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ޔަންކޭޒް.

ޒަވީ އާއި ރޮބާޓޯ އަޔާލާ ދިވެހިންނާ ބައްދަލުކުރަނީ

މިއީ މި މެޗުގެ މުހިއްމުވާ އެންމެ ބޮޑު އެއް ސަބަބެވެ. އާޖެންޓީނާ އަށް ތިން ވޯލްޑް ކަޕެއްގައި ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ރޮބާޓާ އަޔާލާއާ ދެކޮޅަށް ދިވެހި ކުޅުންތެރިން ކުޅޭތަން ބަލާލުމަކީ ޝައުގުވެރިކަމެކެވެ. ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީގެ ޕައޮލޯ ރޮސީ ގަލޮޅު ދަނޑުގައި ކުޅެފި އެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ރެފްރީ ޕިއަރްލުއިޖީ ކޮލީނާ ގަލޮޅު ދަނޑުގައި މެޗަކަށް އިންސާފުކޮށްފި އެވެ. މިއީ މޮޅު ޑިފެންޑަރެއްގެ ކުޅުން ގަލޮޅު ދަނޑުން ބަލާލަން ލިބޭ ފުުރުސަތެކެވެ. ސްޕެއިނާ އެކު ވޯލްޑް ކަޕާއި ޔޫރޯ އަދި ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޒަވީ ހެނާންޑޭޒް މި މެޗުގައި ނުކުޅު ނަމަވެސް އޭނާ ސަޕޯޓަރުންނާ ބައްދަލުކުރާނެ އެވެ. އެ ފެންވަރުގެ ތަރިއަކާ ބައްދަލުކޮށްލެވުން މިއީ މެޗު ހާއްސަވާ ބޮޑު ސަބަބެކެވެ.

ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ އެކު ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ނުހިފާނެ ކަމަށް ބުނި ފަދައިން މިހާރު ވެސް އެއް ބަޔަކު ބުނާ ވާހަކައަކީ ފުޓްބޯޅައިގެ ފޯރި ދެން އާލާނުވާނެ ކަމަށެވެ. އެ ދުވަހު އެކަމަށް އަހަރެމެން ދިން ޖަވާބަކީ ސާފް ޗެމްޕިއަންޝިޕުގައި ދިން ފުރިހަމަ ސަޕޯޓެވެ. މި ފަހަރު ވެސް އެފަދަ ގޮތަކަށް ޖަވާބު ދޭން މިއޮތީ ފުރުސަތު ލިބިފަ އެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ގައުމީ ޓީމު މާލެ އައުމުން މަރުހަބާ ކިޔަން އާންމުން ނުކުމެފައި. --ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް.އެމްވީ)