އޭޑީކޭގައި ދަރިންނާ އެކު!

ހެނދުނު ހެނދުނާ އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅާއި، ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ހޭލައްވަ އެވެ. އޮފީހަށް ދާން ތައްޔާރުވާން ޖެހެނީ އޭނާ އެކަންޏެއް ނޫނެވެ؛ ދެ ދަރިން ވެސް މެ އެވެ! ހުޅުމާލެއިން ޓެކްސީގައި މާލެ ގޮސް، ހެނދުނު 0800 ގައި އޭޑީކޭގެ އިދާރީ ބަޔަށް އޭނާ ވަންނަނީ ދެ ދަރިން ގޮވައިގެންނެވެ. އެ ކުދިން ސްކޫލަށް ދާން ބޭނުންވާ ސާމާނު ވެސް ހިފައިގެންނެވެ.


މިއީ އައިޝަތު ޒީނާގެ ވާހަކަ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރާތާ 10 އަހަރު ވީ އިރު އޭނާ މަސައްކަތް ކުރަމުން އަންނަނީ އޮފީހުގެ މާހައުލުގައި، ދުވާލުގެ ބައެއް ވަގުތުތައް ދެ ކުދިންނާ ވެސް އެކު އެވެ.

އޭނާގެ ދޮށީ ކުއްޖާ ގޮވައިގެން އެންމެ ފުރަތަމަ އޮފީހަށް ދާން ފެށީ 2017 ގަ އެވެ. އޭރު އާއިލާގެ ކަންކަން ހުރި ގޮތުން އެހެން މީހެއްގެ އަތަށް ދަރިފުޅު ދެވޭކަށް ނެތެވެ. ހަގު ދަރިފުޅު އޭރު ކުޑަކަމުން އޮފީހަށް އަންނަނީ މަންމަމެން ގާތުގައި ބަހައްޓާފައި ނުވަތަ އެކުދިންގެ ބައްޕަ ފަރާތު އާއިލާއެއްގެ މީހުންނާ ހަވާލުކޮށްފަ އެވެ. ދޮށީ ދަރިފުޅާ އެކު އޭނާ އޮފީހަށް ދާތާ ދެ އަހަރު ވެއްޖެ އެވެ.

"އަޅުގަނޑުގެ އެއްބަނޑު ހުރިހާ ކުދިން ވެސް ދާނެ ވަޒީފާއަށް. އޭރު މަންމަ ވެސް ވަރަށް ބަލި. އެ ހާލަތުގައި ދެ ކުދިން ބެލުން ވަރަށް އުނދަގޫވާނެތީ އޮފީހަށް ގެންނަން ފެށީ،" އޭޑީކޭގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޒީނާ ބުންޏެވެ.

ޒީނާ "މިހާރު" އަށް މައުލޫމާތުދެނީ--ފޮޓޯ:ހުސައިން ވަހީދު/މިހާރު

ކައިވެނި ރޫޅުމުން ވަޒީފާގައި އުޅެން އޭނާއަށް މަޖުބޫރެވެ. ކުއްޔަށް އުޅޭތީ ވަޒީފާއަކަށް ނުގޮސް ހުރެވޭކަށް ނެތެވެ. އެކަމަކު އަނެއްކޮޅުން ދަރިން ދޫކޮށްފައި ވަޒީފާއަށް ދިއުމަކީ އޭރު އޮތް ހެއްލެއް ވެސް ނޫނެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ލިބޭތޯ އޭޑީކޭގެ އިސް މެނޭޖުމެންޓާ ވާހަކަދެއްކި އެވެ. އަދި ދަރިފުޅު ގޮވައިގެން އޮފީހަށް ދިއުމުގެ ފުރުސަތު މެނޭޖުމެންޓުން ދިނެވެ.

ދޮށީ ދަރިފުޅުގެ އިތުރުން އެންމެ ހަގު ދަރިފުޅު ގޮވައިގެން އޮފީހަށް ދާން ފެށީ މި އަހަރު އެވެ.

"އެހެން ބައެއްގެ އަތް މައްޗަށް ދަރިފުޅު ދޫކޮށްލާފައި އަންނަން އެހާ ކޮމްފޮޓަބަލެއް ނޫން. އެހެންވެ އެގޮތަށް އެދުނީ. އަޅުގަނޑުގެ ޕާސަނަލް ލައިފު ވެސް އޮފީސް މެނޭޖްމެންޓަށް ކޮންމެވެސް ވަރަކަށް އެނގޭނެ. އެހެންވެ އެގޮތަށް އަހާލުމުން ބުނީ އޯކޭއޭ ހަމަ،" ޒީނާ ކިޔައިދިނެވެ.

އައިޝަތު ޒީނާ އޭނާގެ ދަރިފުޅާ އެކު އޭޑީކޭ ހޮސްޕިޓަލުގައި--ފޮޓޯ:ޒީނާ

އޭނާ ބުނި ގޮތުގައި އޮފީހުގެ އެހެން މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބެ އެވެ. ދަރިން ގޮވައިގެން އޮފީހުގައި އުޅޭތީ އެއްވެސް ބަޔަކު ހިތްހަމަނުޖެހި ނުވަތަ ނުރުހިގެން ވެސް ނޫޅޭ ކަމަށް ބުންޏެވެ. އެއީ ފުރިހަމަ ގޮތުގައި ވަޒީފާ އަދާކުރަން ލިބުނު ވަރަށް ބޮޑު ބާރަކަށް ވި އެވެ.

އޮފީހުގައި ޒީނާ މަސައްކަތް ކުރަނީ ދެ ދަރިން ކައިރީގައި ބައިންދައިގެންނެވެ. އެ ކުދިން ކުރަން ކޮންމެވެސް ކަމެއް ހަވާލުކުރެ އެވެ.

"ބޮޑު ދަރިފުޅު ބައެއް ފަހަރު ކިޔަވަން ނުވަތަ ސްކޫލުން ދޭ އެއްޗެހީގައި ކުލަ ޖައްސަން ބައިންދަނީ. ކަތުރު ހިފައިގެން އެކި އެއްޗެހި ހަދަން ވެސް އިންނާނެ ދޮށީ ދަރިފުޅު. އަނެއްހެން މީހަކަށް އުނދަގުލެއް ވެސް ނުކުރާނެ،" ޒީނާ ބުންޏެވެ.

އޭނާއަށް މިހާތަނަށް ތަޖުރިބާކުރެވުނީ އޮފީހުގެ މާހައުލުގައި ކުދިން ގެންގުޅުނަސް ތަރުބިއްޔަތަށް ހުރަހެއް ނެތް ކަމެވެ. އޮފީހުގެ ތެރެއިން ވެސް މުހިއްމު ގިނަ ކަންކަން އެ ކުދިންނަށް ދަސްވާކަން ވެސް ފާހަގަވި އެވެ.

"ބޮޑު ދަރިފުޅު އުޅޭނެ މިކޮޅުން ނަގާ ވީޑިއޯތަކުގައި ވެސް. އެތަނުގެ ވީޑިއޯގްރަފަރުންނާ އެކު އެކަންކަމުގައި އުޅުމަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ،" ޒީނާ ބުންޏެވެ.

އޮފީސް މާހައުލަށް ކުދިން ހޭނިފައި

އާންމުކޮށް ކުދިންނަށް ހެނދުނު ސައިދެނީ އޮފީހުގަ އެވެ. އަދި އޮފީހުގައި މަންމައާ އެކު އުޅެން ޖެހުމުން އެ މާހައުލަށް ކުދިން ވަނީ ހޭނިފަ އެވެ.

އޭޑީކޭގެ ބައެއް މުވައްޒަފުންނާ އެކު ޒީނާ އާއި އޭނާގެ ދެކުދިން--ފޮޓޯ:ޒީނާ

"ބޮޑު ދަރިފުޅު މިހާރު ހުންނަނީ މި އެންވަޔަރުމެންޓަށް ހޭނިފައި. ކުޑަ ދަރިފުޅު ކުޑަކޮށް ނޯޓީކޮށް އުޅުނަސް އޮފީހަށް އަންނަ އިރު ގެންނަން އުނދަގުލެއް ނޫން. ވަރަށް ހެޕީ ވެގެން އަންނާނީ މަންމަ އޮފީހަށް ވީމަ. ހޮނިހިރު ދުވަސް ދުވަހު ވެސް ބުނާނެ އޮފީހަށް ގެންދާށޭ. ކީއްވެގެންހޭ ނުގެންދަނީ،" ޒީނާ ބުންޏެވެ.

"މިއީ ކޮންމެ އޮފީހެއްގައި ފަހިވެފައި އޮންނަ ފުރުސަތެއް ނޫން. އަސްލު މިކަހަލަ ފުރުސެއް ނެތް ނަމަ ކިތަންމެ ހާލުގައި އުޅެން ޖެހުނު ނަމަވެސް ވަޒީފާއަކަށް ނާދެވޭނެ."

ދަރިން ގޮވައިގެން އޮފީހަށް ދާއިރު އެހެން މުވައްޒަފުންނާ ތަފާތުތަކެއް ހުންނާނެ އެވެ. އެކަމަކު ޒީނާ ބުނި ގޮތުގައި އޮފީހުގައި އޭނާ ކުރާ މަސައްކަތަށް ބުރުލެއްނާރަ އެވެ. ދެ ކުދިން މާ ބޮޑަށް ސަކަރާތް ޖަހާފާނެތީ، ވިސްނަން ޖެހުނަސް އޭނާއަށް ހުރަހެއް ނެތް ކަމަށް ވެސް ބުންޏެވެ.

އޭޑީކޭގެ މެނޭޖްމަންޓުން ދިން ފުރުސަތާ އެކު ޒީނާއަށް މިހާރު ޔަގީންވާ ކަމަކީ އެހެން މައިންނަށް ވެސް ކުދިން ގޮވައިގެން އޮފީހަށް ދެވޭ ގޮތް ފަހިވެއްޖެ ނަމަ، ވިހެއުމަށް ފަހު، ވަޒީފާ ދޫކޮށްލާ އަންހެނުން މަދުވާނެ ކަމެވެ. އަދި އޮފީސްތަކުން އެފަދަ ފުރުސަތެއް އަންހެނުންނަށް ފަހިކޮށްދިނުން މުހިއްމު ކަމަށް ވެސް އޭނާ ދެކެ އެވެ.

ބައިނަލްއަގުވާމި އަންހެނުންގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭގެ މުހިންމުކަމާ މެދު ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އެ ފުރުސަތު ސަރުކާރުގެ އޮފީސްތަކުން ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭޑީކޭ އިން އެ ނަމޫނާ ދައްކާތާ މިހާރު ދެ އަހަރު ވީ އެވެ. އަދި ޒީނާގެ ދިރިއުޅުމަށް އެކަމުން ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ މިއީ އޭޑީކޭއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަނިވެރި މައިންނާއި ދެމަފިރިން އެއްކޮށް މަސައްކަތް ކުރާ އާއިލާތަކަށް މިފަދަ ކަމެއް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލެއް ކަމުން ފަހަރުގައި އެއީ ކުދިން ގޮވައިގެން އުޅެން އެންމެ ރަނގަޅު މާހައުލަށް ނުވެދާނެ. އެކަމަކު އެފަދަ ފުރުސަތެއް ވަޒީފާ ދޭ ފަރާތްތަކުން ފަހިކޮށްފިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.

"ވަރަށް އުފާވޭ ޒީނާ އެގޮތަށް އުޅޭތީ."