ބިކަވެފައި ތިބި މާލޭ މީހުން!

ހަދީޖާ ފާޒް ގެ މަންމަ އާއި ބައްޕަ ވެސް މާލެ އެވެ. އޭނާ އުފަންވީ ވެސް އަދި އުޅެބޮޑުވީ ވެސް ހަމަ މިރަށުގަ އެވެ. ނަމަވެސް އޭނާ އަކީ މާލޭގައި އުޅޭނެ އަމިއްލަ ހިޔާވަހިކަމެއް ނެތް އެކަނިވެރި މައެކެވެ. އަށް އަހަރުގެ ދަރިއެއް ގޮވައިގެން އެކަނި ދިރިއުޅޭ ފާޒްގެ ރަޖިސްޓްރީވެލަން ނޫން ގޮތަކަށް މާލޭގެ ގެއަކުން އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ.


އޭނާ މަންމަގެ އަސްލު ގެ ހުންނަނީ ގަލޮޅުގަ އެވެ. ފާޒްގެ މަންމަ ވަރަށް ޅައިރު އޭނާގެ މާމަ މަރުވުމުން ގެ ބެހިއިރު "މައި މުޅަވެފައި" ކަމަށް ބުނެ ފާޒްގެ މަންމައަށް އެގެއިން ބައެއް ނުދިނެވެ. އެ ހިސާބުން ފާޒްގެ މަންމަ ވީ މާލޭގައި ބޯހިޔާވަހިކަމެއް ނެތް މީހަކަށެވެ. ފާޒްގެ ބައްޕައަށް މާލޭން ލިބިފައިވަނީ 140 އަކަފޫޓުގެ ބިންކޮޅެކެވެ. ހަތަރު ކުދިން ތިބޭއިރު ބަހައިގެން އެތާކު ދިރިއުޅެވޭކަށް ނެތެވެ. އަދި ތަންކޮޅު ކުޑަކަމުން ބުރިބުރިއަށް ހެދޭކަށް ވެސް ނެތެވެ.

"ކުޑައިރުން ސުރެ ކިޔަވާ ނިމެންދެން އުޅުނީ އެކަކު ކައިރިން އަނެކަކު ކައިރިން. މިހާރު އުޅެން ޖެހެނީ އެކަނި ކުރާ މަސައްކަތުން ކުއްޔަށް. އަށާރަ އަހަރު ވުމާ އެކު ފްލެޓަށް ފޯމްލަނީ. ޝަރުތު ހަމަވާ ކަމަކަށް ނުވޭ،" މިހާރު އުމުރުން 29 އަހަރުގެ ފާޒް ބުންޏެވެ.

"އަހަރެން މަންމަ ފްލެޓަށް ފޯމްލާތާ 20 އަހަރު. ހަމަ ޝަރުތު ހަމަވާ ކަމަކަށް ނުވޭ."

ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ފޯމުތަކެއް: ގެދޮރުގެ މައްސަލަ ބޮޑު - މިހާރު ފޮޓޯ: ހުސެން ވަހީދު

އަސާސީ ހިދުމަތްތައް އުފަން ރަށުން ނުލިބޭތީ މާލެ ބަދަލުވީ މީހުންނަށް ވުރެ ފާޒްގެ ހާލަތު ދަށެވެ.

"ގަބޫލު ކުރަން އަތޮޅު ތެރެއިން މާލެއިން މީހުން އައިސް އުޅެނީ ހާލުގައިކަން. އެކަމަކު އެ ބޭފުޅުންނަށް އަމިއްލަ ރަށުގައި ވަންނާނެ ތަނެއް އެބަހުރި ނޫންތޯ؟ އަޅުގަނޑަށް ނެތް އެއްތާކު ވެސް ދާނެ ތަނެއް." އަސަރާ އެކު ފާޒު އޭނާގެ ހާލަތު ކިޔައިދިނެވެ.

އެހެން މީހެއްގެ ވާހަކަ އެވެ. ހަތަރުމަތިފުށް މާލޭ މީހެކެވެ. މައިންބަފައިންގެ ގެދޮރު ވަނީ އެކި ގޮތްގޮތުން އޭނާ އަތުން އަތުލައިފަ އެވެ. ކޯޓަށް ދުވެދުވެ އިންސާފެއް ނުލިބެ އެވެ. މާލޭގައި އޭނާގެ 260 އަކަފޫޓުގެ ބިމެއް އެބަ އޮތެވެ. ހަ ބުރިއަށް ހަދާފައިވާ އެ އިމާރާތުގައި ދިރިއުޅެނީ އޭނާ އާއި އޭނާގެ 11 ދަރިންނެވެ. އެ އެގާރަ ދަރިންގެ ތެރެއިން އެންމެ މަދުން ދަރިން ލިބިފައި ހުރި މީހާގެ ވެސް ތިން ކުދިން އެބަ ތިއްބެވެ. އެ ބޮޑު އާއިލާ އުޅެމުން އެދަނީ އެ ކުޑަ އިމާރާތުގަ އެވެ. ވޭތުވެދިޔަ އެތަކެއް ސަރުކާރުގައި ފްލެޓަށް އެދި ލިބުނު ހަމަ އެއްވެސް ކާމިޔާބެއް ނެތެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީގެ ބޮޑު ގޭޓު ކުރިމަތީގައި ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މި ހާލުގައި އުޅޭ މާލޭގެ ރައްވެހިންގެ ވާހަކައަކީ އާއްމުކޮށް ނުދައްކާ ނަމަވެސް ބޮޑު މައްސަލައެކެވެ. ބައެއް ބޮޑެތި އާއިލާތައް ކުދިކުދި ބިންތަކުގައި އެގޮތް މިގޮތަށް ތަންތަން އަޅައިގެން އުޅޭއިރު އަނެއް ބައި މީހުން ތިބީ އަމިއްލަ ރަށުގައި ބިކަވެފަ އެވެ. ބައެއް ސަބަބުތަކާ ހުރެ މައިންބަފައިންގެ ބިންތައް ގެއްލިފަ އެވެ. ނޫނީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ބޯހިޔާވަހިކަން ނުލިބިފަ އެވެ.

މާލޭގެ އެންމެނަށް ބޯހިޔާވަހިކަން!

މާލޭގައި ބޮޑެތި އިމާރާތްތައް ހަދައިގެން ކުއްޔަށް ދީގެން އަރާމުގައި އުޅޭ މީހުންގެ ވާހަކަ ދައްކާއިރު ވަންނާނެ ތަނެއް ނެތް މާލެއަށް ނިސްބަތްވާ އެތައް ބަޔަކު ތިބިކަން ވަނީ ހަނދާން ނެތިފަ އެވެ. އެކަމަކު އާ ސަރުކާރުން ވެސް ވަނީ އެކަން ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އަވަހަށް މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް އިއުލާން ކުރައްވާނެ އެވެ. ބޯހިޔާވަހިކަން ނުލިބި ތިބި މާލޭގެ ހުރިހާ ރައްޔިތުންނަށް އެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މަދުވެގެން 17،000 ފްލެޓް އަޅަން ޖެހޭ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އެކަމަށް 17 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

ގެދޮރަށް އިއުލާންކުރުމުން އަބަދުވެސް މިހާރަށް ކިއު ބޮޑުވޭ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގެ ކުދިކުދި ބިންތައް ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. އަދި އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހިންގި މަޝްރޫއެކެވެ. ހަމަ އެގޮތަށް އެ މަޝްރޫތައް މި ސަރުކާރުން ވެސް ހިންގަން ވަނީ ނިންމައިފަ އެވެ. އެގޮތަށް މާލެއިން އެއް މިލިއަން އަކަފޫޓުގެ ބިން ހުސް ކުރެވެން އެބަ އޮތް ކަމަށް އެމްޑީޕީން ބުނެ އެވެ.

ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޑިމާންޑާ އެއްވަރަށް މާކެޓަށް ފްލެޓް ނެރުން ކަމަށެވެ. މާލެއަކީ މިހާރު ބިން ދޫކުރެވެން އޮތް ރަށެއް ނޫން ކަމަށާއި މާލޭގައި ދިރިއުޅެން ފްލެޓް އިހުތިޔާރު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެނަކަށް ގޯތި ލިބޭނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. ފްލެޓުގައި އުޅެން ޖެހޭނެ ގައިމުވެސް. ފްލެޓް ގަންނަން އަގު ތިރިކޮށްދޭނަން،" އަސްލަމް ވިދާޅުވި އެވެ.

މިހާރު މާކެޓުގައި ތިން ކޮޓަރީގެ ފްލެޓެއްގެ އަގު ހުރީ 3.5 މިލިއަން ރުފިޔާ އަށެވެ. އެވަރުގެ ލޯނެއް ބޭންކުން ލިބޭނީ މަހަކު ލައްކައެއްހާ ރުފިޔާގެ އަމްދަނީއެއް ލިބޭ މީހަކަށެވެ. އެ ލޯންގެ އިންޓްރެސްޓް ރޭޓް ހުރީ 11.5 ޕަސެންޓްގަ އެވެ. އެހެންކަމުން މިއީ އާއްމުންނަށް އެކަށީގެންވާ އަގެއް ނޫނެވެ.

ޕްލޭނިން މިނިސްޓަރު ވިދާޅުވީ މަހަކު 25،000ރ. ގެ އާމްދަނީއެއް ލިބޭ އާއިލާތަކަށް ފްލެޓް ގަނެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މިހާރުގެ މުސާރަތައް ހުރި ގޮތުން ކުޑަ އާއިލާއަކަށް ވެސް މަހަކު ޖުމްލަ އާމްދަނީގެ ގޮތުގައި އެހާވަރު ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި މާލެއިން ފްލެޓް ދޭއިރު މާލޭގެ ރައްޔިތުންނަށް ހާއްސަ ކަމެއް ދޭނެ އެވެ. އެގޮތުން ސަރުކާރުން ކަންކަން ބައްޓަން ކުރާނީ ބޯހިޔާވަހިކަން ނުލިބި ތިބި މާލޭގެ ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސާނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިވަގުތު މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ވަރަށް ފްލެޓް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޯޕަރޭޝަން މެދުވެރިކޮށް އަޅާނަން. ސޯޝަލް ހައުސިންގެ ތެރެއިން އަތްފޯރާ ފަށުގެ ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ ހުޅުވާލާނަން،" ފައްޔާޒު ވިދާޅުވި އެވެ.

މާލެއަށް އޮތް ޑިމާންޑް ކުޑަކުރަން ސަރުކާރުގެ ވިސްނުމަކީ ރަށްރަށް ވެސް ތަރައްގީ ކުރުމެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި މާލެ ތަރައްގީ ކުރުމުގެ އިތުރުން އައްޑު އާއި ލ. އަތޮޅާއި ރާއްޖޭގެ އުތުރުގެ އަތޮޅުތައް ވެސް މި ފަސް އަހަރުގެ ތެރޭގައި ތަރައްގީ ކުރާނެ އެވެ. އޭރުން މާލެއަކީ ކޮންމެހެން އަންނަން ޖެހޭ ތަނަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާޒްމެން ފަދަ އެއްވެސް ތަނެއްގައި ބޯހިޔާވަހިކަމެއް ނެތް އެތައް ބަޔަކު ތިބިއިރު ސަރުކާރުން ދޭ ޔަގީން ކަމަކީ އެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދޭނެ ކަމެވެ. އެކަމަކު މިއީ ކުރީގެ ކޮންމެ ސަރުކާރަކުން ވެސް ވީ ވައުދެކެވެ. މައްސަލަ އަކީ އަދިވެސް ހައްލެއް ނުލިބުމެވެ.