ކޮންމެ ކަމެއްގައި ހައްޔަރުކުރުމުގެ ވިސްނުން ދޫކޮށެއް ނުލެވުނު!

އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާ އެކު އެންމެ ބޮޑު ބަދަލެއް އައީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކަމީ ދެބަސްވެވެން ނެތް ކަމެކެވެ. ކުރިން ނުލިބޭ އެތައް ހައްގުތަކެއް ލިބިދީ، ކުށް ކުށަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ވެސް އާ އުސޫލުތަކެއް ތައާރަފްވި އެވެ. އޭގެ ކުރިން އޮތް ނޫ ގާނޫނު އަސާސީން ސަރުކާރުގެ ބާރުގެ ތެރެއަށް ދޫކޮށްލާފައި ހުރި ގިނަ ކަންތައްތަކެއް އާ ގާނޫނު އަސާސީއާ އެކު އުވުނީ އެވެ.


ނޫ ގާނޫނު އަސާސީގެ ދަށުން ކޯޓު އަމުރެއް ނެތި، ގިނަވެގެން ހަތް ދުވަހަށް މީހުން ބަންދުކުރުމުގެ ބާރު ސަރުކާރަށް އޮވެ އެވެ. ހަތް ދުވަހަށް ވުރެ އިތުރަށް ބަންދުގައި ބަހައްޓާ ނަމަ، އެކަން ވެސް ކުރަނީ ރައީސް ކަނޑައަޅުއްވާ ތިން މެމްބަރުންގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީއަށް ގިނަވެގެން 15 ދުވަސް ވަންދެން މީހަކު ބަންދުކުރަން އެންގެ އެވެ. އެއަށް ވުރެ އިތުރަށް ބަންދުކުރަން ވެއްޖެ ނަމަ، އެކަމުގައި ގޮތެއް ނިންމަނީ ރައީސް ކަނޑައަޅުއްވާ ފަނޑިޔާރެކެވެ.

އާ ގާނޫނު އަސާސީއާ އެކު އެ ހުރިހާ ކަމެއް ބަދަލުވީ އެވެ.

އެކަމަކު އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ 10 އަހަރު ވީއިރު ވެސް، އެ ގާނޫނު އަސާސީގެ ދަށުން ތައާރަފްވި ނިޒާމާ ބީރައްޓެހި ވިސްނުންތައް އަދިވެސް ގިނަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ހައްޔަރުކުރުމާއި ބަންދުކުރުމުގެ މައްސަލަ އެވެ.

ގިނަ މައްސަލަތަކުގައި އަބަދުވެސް ފުލުހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ ތުހުމަތުކުރެވޭ މީހާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރުމެވެ. ތުހުމަތުކުރެވެނީ ގާނޫނީ ގޮތުން އާދައިގެ ކުޑަ ކުށެއް ކަމަށް ވިޔަސް، މީހަކު ހައްޔަރުނުކޮށް ދޫކޮށްލައިފި ނަމަ ފާޑުކިޔަ އެވެ. އަދި ހައްޔަރުނުކުރަނީ ކީއްވެގެންތޯ ސުވާލުކުރެ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބޭ މައްސަލަތަކުގައި ފާޑުކިޔުން ވަކިން ބޮޑެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ބުނާ ގޮތުން ތުހުމަތުކުރެވޭ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ، މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، ޝަރީއަތުން ހުކުމެއް ނުކުރަނީސް، މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ އެވެ. މާނައަކީ މިދެންނެވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ނެތް ނަމަ، ކުށް ސާބިތުވެ ހުކުމް ކުރުމުގެ ކުރިން އެއްވެސް މީހަކު ބަންދު ނުކުރެވޭނެ ކަމެވެ. އޭގެ ބޭނުމަކީ ކުށް ސާބިތުވުމާ ހަމައަށް އެ މީހެއްގެ މިނިވަންކަން ދަމަހައްޓައި ދިނުމެވެ.

ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެކެވެ. ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް އެކަން އޮންނަނީ އެގޮތަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ބޭނުމަކީ ތުހުމަތެއް ކުރެވުނަސް، ކުށް ސާބިތުވުމާ ހަމައަށް އެ މީހާގެ މިނިވަންކަން ދަމަހައްޓައި ދިނުމެވެ. ސަބަބަކީ ތުހުމަތެއް އުފެދުމާ އެކު ހައްޔަރުކޮށް، ބަންދުގައި ދުވަސްތަކެއް ހޭދަކުރާ ފަހުން ދައުވާ ކުރެވެން ނެތިގެން ނުވަތަ އެކަށީގެންވާ ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި ނަމަ، ގެއްލިގެން އެ ދިޔައީ އިއާދަ ނުކުރެވޭނެ ކަންތައްތަކެވެ.

ޖިނާއީ ކޮންމެ މައްސަލައެއްގައި ތުހުމަތެއް ކުރެވޭ ހިސާބުން ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ އެ މީހަކު ހައްޔަރުކުރުން ކަމަށް ވާކަށް ނުޖެހެ އެވެ. އަދި ތުހުމަތެއްކުރެވޭ ކޮންމެ މީހަކު ހައްޔަރު ނުކޮށް ހުންނަ ހުރުމަކީ އެ މައްސަލައެއް ތަހުގީގު ނުކުރާ ކަމަށް ބުނެވޭނެ ނުވަތަ އިންސާފު ނުލިބުނީ ކަމަށް ބުނެވޭނެ ސަބަބެއް ވެސް ނޫނެވެ. ތުހުމަތުގެ ކުރެވޭ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ބުނާ ހަތަރު ހާލަތުގެ ތެރެއިން ހާލަތެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުން އޮންނަނީ ތަހުގީގީ އިދާރާތަކަށެވެ.

އެކަމަކު މިސާލަކަށް މީހަކު މެރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ނުވަތަ ނުރައްކާތެރި އެހެން ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުންނަ ނަމަ، އެއީ ފަހަރެއްގައި މައްސަލައެއް ކަމަށް ބެލިދާނެ އެވެ. ސަބަބަކީ އެފަދަ މީހަކީ ކުށް ސާބިތުވެފައި ނުވިޔަސް، އޭނާގެ ސަބަބުން މުޖްތަމައަށް ނުވަތަ އެހެން ބަޔަކަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ބެލެވުމެވެ. އެއީ ކުށް ސާބިތުވެ، ހުކުމް ކުރުމުގެ ކުރިން ބަންދުގައި ބެހެއްޓުން ގާނޫނު އަސާސީ ހުއްދަކުރާ މަދު ހާލަތްތަކުގެ ތެރެއިން ވެސް ހާލަތަކަށް ފެތޭނެ ކަމަކަށް ވާނެތީ އެވެ.

ފުލުހުން މީހަކު ހައްޔަރުކޮށް ގެންދަނީ -- ފޮޓޯ/ޕޮލިސް

ގާނޫނު އަސާސީގައި މިކަން އޮތީ މިހާ ސާފުކޮށް ކަމަށް ވިޔަސް، މިއަދާ ހަމައަށް ވެސް މިއީ ގިނަ ބަޔަކަށް ފަރިތަ ނުވެވުނު ކަމެކެވެ. އެކަން އެގޮތަށް ދިމާވާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ކޮންމެހެން ހައްޔަރު ކުރަން ނުޖެހޭ މައްސަލަތަކުގައި ވެސް ހައްޔަރުކޮށް، ބަންދުކުރާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. ޚާއްސަކޮށް ސިޔާސީ މައްސަލަތަކުގައި އެ މަންޒަރުތައް ފެނެ އެވެ. މިއީ މިދެންނެވި ނުބައި ތަސައްވުރެ އުފެދިފައި އޮތުމުގެ އެއް ސަބަބަށް ވެދާނެ އެވެ.

ތަހުގީގު މަރުހަލާގައި މީހަކު ހައްޔަރު ކޮށްފި ނަމަ، މިހާރު އެކަމުން ނުކުންނަ އެހެން ނަތީޖާތަކެއް ވެސް އެބަހުއްޓެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވުމެވެ. މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ފުރަތަމަ ހާޒިރުކުރާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ އެވެ.

ތުހުމަތުގައި ގެންދާ މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި ނަމަ، އެންމެ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މީހަކަށް ދައުވާ ކުރަން ޖެހޭއިރު، ބަންދުގެ މުއްދަތު އިތުރު ނުކޮށް، ކޯޓުން އެ މީހަކު ދޫކޮށްލައިފި ނަމަ ގިނަވެގެން 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވެ އެވެ. އަދި މައްސަލައިގެ ބާވަތުން ދައުވާ ކުރުމުގެ މުއްދަތު އިތުރުކުރަން ޖެހޭ ހާލަތެއް އޮތަސް، އެ މުއްދަތު އިތުރު ކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ގާނޫނުން ދެނީ ވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގައި އެކަންޏެވެ.

މިދެންނެވި މުއްދަތުގައި ދައުވާ ނުކޮށްފި ނަމަ އެ ހިސާބުން އެ މީހަކަށް އެ މައްސަލައަކާ ގުޅިގެން ދައުވާ ކުރުމުގެ ދޮރު ގާނޫނީ ގޮތުން ބަންދުވެ އެވެ. އެހެންވެ، ޚާއްސަކޮށް ތަހުގީގު މަރުހަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަކީ ފުލުހުން ނަގަން ޖެހޭ ބޮޑު ރިސްކެކެވެ. އޭގެ ބަދަލުގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށް، ތަހުގީގު ކުރިއަށް ގެންދާ ނަމަ، ކުރިން މިދެންނެވި މުއްދަތުގައި ދައުވާ ކުރަން ލާޒިމެއް ނުވެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެގޮތަށް ލިޔުމުގެ އެއް ސަބަބަކީ ވެސް ތަހުގީގު މަރުހަލާގައި މީހުން ހައްޔަރުކޮށް ބަންދު ކުރުން ހުއްޓުވުމެވެ. އެ މާއްދާ އެގޮތަށް ލިޔުނީ ކޮންމެހެން ހައްޔަރު ކުރަން ނުޖެހޭ މައްސަލަތަކުގައި ވެސް އެކި ބޭނުމުގައި ތަހުގީގު މަރުހަލާގައި މީހުން ހައްޔަރުކޮށް، ބަންދު ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށެވެ.

މިއީ ހަމައެކަނި ރާއްޖޭގެ އޮތް ނިޒާމެއް ނޫނެވެ. ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް، ކުށެއް ސާބިތުވުމުގެ ކުރިން މީހުން ބަންދުގައި ބައިތިއްބުން ނުވަތަ (ޕްރީ ޓްރަޔަލް ޑިޓެންޝަން) އޮންނަނީ ވަރަށް ހަނިކޮށްފަ އެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ހުކުމެއް ކުރުމުގެ ކުރިން ހައްޔަރު ކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުރެ އެވެ.

ޖިނާއީ ކޮންމެ މައްސައެއްގައި ތުހުމަތެއް ކުރެވުމާ އެކު ހައްޔަރުކުރުން އެއީ ލާޒިމް ކަމަކަށް ދެކިގެން ނުވާނެ އެވެ. ގާނޫނު އަސާސީގައި އެކަން ހުއްޓުވާފައި އޮތީ މާޒީގެ ހިތި ތަޖުރިބާ އިން ލިބުނު ފިލާވަޅުތަކަށް ބިނާކޮށްފަ އެވެ.