ހެލްމެޓާ އެކު ހުޅުމާލެ ކެފޭތަކަށް ގެއްލުން!

ބްރިޖާ އެކު އެންމެ ބޮޑު ފައިދާއެއް ކުރީ ހުޅުމާލޭގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި ރެސްޓޯރެންޓް ވިޔަފާރިތަކަށެވެ. ހާއްސަކޮށް ރޭގަނޑުގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަ ކަމަށް ވިޔަފާރިވެރިން ފާހަގަކުރެ އެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ލިންކް ރޯޑްގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އެޅުން މަޖުބޫރުވުމުން އޭގެ ނުބައި އަސަރު ވިޔަފާރިވެރިތަކަށް ދަނީ ކުރަމުންނެވެ.


ހެލްމެޓް އަޅަން ޖެހުމުން ހުޅުމާލެއަށް ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ. ކުރިން ކޮފީއަކަށް ނުވަތަ ކެޔުމަކަށް ހުޅުމާލެއަށް ދާ ބައެއް މީހުންގެ އެ އާދައަށް ވަނީ ހުއްޓުމެއް އައިސްފަ އެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރީ ހުޅުމާލެ ބީޗް ސަރަހައްދަށް ވާ ގޮތަށް ހުންނަ ކެފޭތަކާއި ރެސްޓޯރެންޓްތަކަށެވެ. އާންމުކޮށް ހަވީރާއި ރޭގަނޑު ފުރިފައި އޮންނަ އެ ސަރަހައްދު މިހާރު ފެންނަނީ ކުރިއަށް ވުރެ ފަޅުކޮށެވެ. ގިނަ މޭޒުތައް ހުންނަނީ ހުސްކޮށެވެ.

ހުޅުމާލޭގެ "ކެފޭ ލަޔާ"ގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ބްރިޖާ އެކު ކުރިން ދުވާލުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވި އިރު، ހެލްމެޓް މަޖުބޫރުވުމުން އެ އަދަދު 70 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

އެހެން ރެސްޓޯރެންޓެއްގެ މީހަކު ކިޔައިދިން ގޮތުގައި މިހާރު އެތަން ހިންގަނީ ގެއްލުމުގަ އެވެ. އޭނާ ބުނީ އެއީ ހަމައެކަނި އެތަނަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި ބީޗު ސަރަހައްދުގެ ހުރިހާ ކެފޭތަކަށް ވެސް އެ ދަށްވުން އޮތް ކަމަށެވެ.

ހުޅުމާލެ: ބްރިޖާ އެކު ދަތުރުކުރާ މީހުން ގިނަވިޔަސް މިހާރު އެކަން ވަނީ ހުއްޓިފައި

"މިހާރު އަސްލު ކުރިން ލިބޭ ވަރަށް ވުރެ ދެބައި ކުޅަ އެއްބައި ވެސް ނުލިބޭ. ވަރަށް ބޮޑަށް އާމްދަނީ ދަށްވެފައި. ގިނަ ވަގުތު ކެފޭ އޮންނަނީ ހުސްކޮށް،" އޭނާ ބުންޏެވެ.

ބްރިޖުން މާލެ އާއި ހުޅުމާލެ ގުޅާލުމުން ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓްތަކަށް ވިޔަފާރިވެރިން އިންވެސްޓްކުރި އެވެ. ބީޗުގެ ހިތްގައިމުކަން އާންމުންނަށާއި ޓޫރިސްޓުންނަށް ނުހޯދޭ ވަރަށް ކެފޭތަކުގެ ގޮނޑިތައް ގޮނޑޮދޮށުގައި އަތުރާލި އެވެ. ހަވީރާއި ރޭގަނޑު އެތަންތަން އޮންނަނީ ފުލްވެފަ އެވެ.

ހެލްމެޓް މަޖުބޫރުވުމުން ކަމާކަން ފަށައި ހެލްމެޓް ގަނެގެން ހުޅުމާލެއަށް އަންނާކަށް އެންމެންނެއް ބޭނުމެއް ނުވެ އެވެ. އަނެއްކާ ހެލްމެޓް ހިފައިގެން އަބަދު އުޅުމަކީ ދިވެހިންގެ އާދައަކަށް ވެސް އަދި ނުވެ އެވެ. އެހެންކަމުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެހެން ސަބަބުތަކާ ހެދި އަންނަން މަޖުބޫރު މީހުން ފިޔަވައި އެހެން މީހުން މި ދުވަސްކޮޅު ފެންނަނީ ބްރިޖާ ދުރުގައި އުޅޭ ތަނެވެ.

މިކަން ބަދަލުވާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު ޔަގީނުން ވެސް ހެލްމެޓުގެ ސަބަބުން ރައްކާތެރިކަން ބޮޑުވާ ގޮތަށް، އޭގެ ނުރަނގަޅު އަސަރު ވިޔަފާރިތަކަށް ކުރާކަން މިދަނީ ފެންނަމުންނެވެ.

ހުޅުމާލޭގައި ކެފޭ/ރެސްޓޯރެންޓް ހިންގާ މީހުންގެ އުއްމީދަކީ ހެލްމެޓަށް ގިނަ މީހުން ހޭނި، ހުޅުމާލެއަށް ޒިޔާރަތްކުރާ އަދަދު ގިނަވުމެވެ. އެހެން ނޫނީ ބައެއް ތަންތަން ބަންދުކުރުން ވެސް އެކަށީގެންވެ އެވެ. ނުވަތަ ކުޑަ ފައިދާއަކާ އެކު ކުރިއަށް ދިއުން ނޫން ގޮތެއް ނޯންނާނެ އެވެ.