ރައްޔިތުންނަށް އަނެއްކާވެސް ފުރުސަތެއް!

މީގެ 1,840 ދުވަސް ކުރިން ދިވެހި ރައްޔިތުން ލީ ވޯޓުގެ ނަތީޖާ މިހާރު މި ހިނގާ މަޖިލީހުން އެހެރަ ފެންނަނީ އެވެ. ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ބަސް ބުނުމުގެ ޒިންމާ ހަވާލުކުރި މެމްބަރުން އެ ޒިންމާ އަދާކުރި ހެއްޔެވެ؟ ފެންނަނީ އެހެން މަންޒަރެކެވެ. ވޯޓް ވިއްކުމާއި ޕާޓީ ބަދަލުކުރުމާއި އަމިއްލަ ޖީބު ބޮޑުކުރުމެވެ. ހިޔާނާތާ ބެހޭ ކޮންމެ ރިޕޯޓެއްގެ އެންމެ ކުރީގައި އެ މެމްބަރުންގެ ނަމެވެ. ވީ ވައުދެއްގެ މަތިން ހަނދާނެއް ނެތެވެ.


މާދަމާ ރައްޔިތުންނަށް އަނެއްކާވެސް މިއޮތީ މެމްބަރުން އިންތިހާބުކުރުމުގެ ފުރުސަތު ލިބިފަ އެވެ. ކުރިއަށް އޮތް 1,840 ދުވަހު ފެންނާނެ ނަތީޖާއެއް، ބިނާވާނީ މި ވޯޓަށެވެ. ލިބިފައިވާ ހަގީގީ ބާރު ހެޔޮ ގޮތުގައި ބޭނުން ކުރަން ޖެހޭ ދުވަހެވެ.

ވިޔަފާރިތަކުގެ ހިމާޔަތާއި ވިޔަފާރިތައް ފެށުމަށް އޮތް މަގެއްގެ ގޮތުގައި މިހާރު އޮތް މަޖިލިސް އިސްލާހު ކުރުމުގެ ހަގީގީ ބާރުވެރިންނަކީ ރައްޔިތުންނެވެ. މުހިންމު އެތައް ގާނޫނުތަކެއް ފާސްނުކޮށް ސިޔާސީ އެކި ކަންކަމުގައި ވަގުތު އިސްރާފު ކުރާ އެ މެމްބަރުން ޒިންމާ ކުރެވެން އޮތީ ރައްޔިތުންނަށެވެ.

މަޖިލިސް މެމްބަރުންގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިން އެއް މެމްބަރަކު އަނެއް މެމްބަރަކާ މާރާމާރީ ހިންގަނީ-- ފޮޓޯ: ފޭސްބުކް

އެކި ދާއިރާތަކުން މަޖިލީހަށް މެމްބަރަކު އިންތިޚާބު ކުރަނީ އެ ދާއިރާގެ ރައްޔިތުންގެ ހިލާޔު މަޖިލީހުން ކުރާ ކަންކަމުގައި ހިމެނުމަށެވެ. ހުރިހާ ރައްޔިތުންނަށް މަޖިލީހުގައި ނުތިބެވޭނެތީ އެވެ. ބޮޑު މުސާރަ އާއި އިނާޔަތްތައް ލިބޭ އެ މެމްބަރުންގެ ޒިންމާއަކީ މުޅި ގައުމަށް ފައިދާ ހުރި ކަންކަން ނިންމުމެވެ.

އިންޑިއާ، އެމެރިކާ އަދި އިނގިރޭސި ވިލާތް ފަދަ ބޮޑެތި ޑިމޮކުރަސީތަކުގައި ބިލްތަކަށް ދާއިރާތަކުގެ ރައްޔިތުންގެ ހިޔާލު ހޯދަ އެވެ. މެމްބަރުން ނިންމާ ގިނަ ނިންމުންތަކުގައި އާންމުންގެ ވިސްނުމަށް ވެސް ކޮންމެވެސް ވަރަކަށް ބަލަ އެވެ. އެ ނިންމުމާ އެ މެމްބަރަކު ނިސްބަތްވާ ޕާޓީގެ ސްޓޭންޑާ ތަފާތުވާ ފަހަރުތަކުގައި މެމްބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެދޭ ގޮތަށް ވޯޓް ލުމުގެ ފުރުސަތު ޕާޓީތަކުން ދެ އެވެ.

ހޮވަންވީ ކޮން ކަހަލަ މެމްބަރުންނެއް؟

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އެންމެ އަސާސީ ހިދުމަތްތައް ވެސް ފުރިހަމަކޮށް އަދި ނުލިބެ އެވެ. އޭގެ ފައިދާ ނަގައި ކޮންމެ އިންތިޚާބެއްގައި ވެސް އެކަންކަން ހައްލުކޮށްދޭ ވާހަކަ ދައްކަ އެވެ. މި އިންތިޚާބުގައި ވެސް އެކަން ހަމަ އެގޮތަށް އެބަ ހިނގަ އެވެ. އެވެނި މަޝްރޫއެއް މިވެނި މަޝްރޫއެއް ހިންގާނެ ކަމުގެ ވައުދު ވަނީ ގާނޫނު ހަދަން ހޮވާ މެމްބަރުންނެވެ.

ގާނޫނުއަސާސީ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވި ގޮތުގައި އެއީ މިނިވަން ކެންޑިޑޭޓަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. ތަރައްގީގެ މަޝްރޫތައް ހިންގޭނީ ވެރިކަން ކުރާ ޕާޓީއާ ގުޅިފައިވާ ކެންޑިޑޭޓަށް ކަމަށް ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ހަފްލާއެއްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިފަހަރު ރައްޔިތުން ވޯޓު ލާން ނިންމާއިރު މެފިނެސްޓޯއެއް ހުށަހަޅާފައި އޮތީ އެމްޑީޕީން އެކަނިކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ އިންތިޚާބަށް ސީރިއަސްކޮށް ކުރިމަތިލާފައި މިވަނީ އެންމެ ޕާޓީއަކުން ކަމަށެވެ. އެހެންކަމުން ރައްޔިތުން ނިންމުނެއް ނިންމާއިރު ގިނަ ކަންކަމަށް ވިސްނާނީ ކިހިނެއްތޯ ޒާހިރު ސުވާލު އުފެއްދި އެވެ.

މަޖިލީހަށް ހޮވާ މެމްބަރުގެ އެންމެ މުހިންމު ޝަރުތަކީ އިހުލާސްތެރިކަން ކަމުގައި ހަދަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މުހިއްމީ އެމީހަކީ ގާނޫނީ ދާއިރާއިން ނުވަތަ އެ ނޫން ވެސް ދާއިރާއަކުން މަތީ ފާހެއް ހޯދާފައިވާ މީހަކަށް ވުން ނޫން ކަމަށާއި މުހިންމީ އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދޭނެ މީހުން ތިބުން ކަމަށެވެ.

ކިޔަވައިގެން ތިބި މީހުން މިހާރު މި ހިނގާ މަޖިލީހުގައި ވެސް އެބަ ތިއްބެވެ. އެކަމަކު ޒާހިރު ވިދާޅުވާ ގޮތުގައި "އިސްލާހުވި ކަމެއް ނެތެ"ވެ. ކަންކަން ދިމާވުމުން އެ މެމްބަރުންގެ ތައުލީމާއި ތަޖުރިބާގެ ބޭނުން ކުރި ތަނެއް ނުފެނެ އެވެ.

"ކިޔަވައިގެން ތިއްބޭ ކިޔާފައި ހޮވުމަކީ ބޭކާރު ކަމެއް. ޑރ. އާއި މާސްޓާސް ހަދާފައި ތިބި މީހުން އެބަ ތިބި މިހާރު ވެސް. ލޯޔަރުން ކަންކަން އޮތް ގޮތް ކިޔައިދޭތޯ؟ ނުދޭ. ކޮބާތޯ އެބޭނުމަކީ؟" އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބަށް ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ފޯމް ހުށަހަޅަން ދިއުން: އެންމެ ފޯރީގައި އިންތިހާބަށް ކްމެޕެއިން ކުރީ އެމްޑީޕީ-- ފޮޓޯ: މިހާރު

ނަމަވެސް ބައެއް އެހެން ތަޖުރިބާކާރުން އެކަމުގައި ހިޔާލު ތަފާތެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވި ގޮތުގައި މަޖިލީހަށް ކުރިމަތިލާ މެމްބަރުންގެ ވަކި ކޮލިފިކޭޝަނެއް ހުންނަން ނުޖެހުމަކީ މައްސަލައެކެވެ. މަޖިލީހަށް ހޮވާ މެމްބަރަކީ ގާނޫނު ހެދުމަށާއި އިޖުތިމާއީ އަދި އިގުތިސާދީ ކަންކަން އެނގޭ މީހަކަށް ވުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ޑިމޮކުރަސީތަކުގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އާއި ތިރިގެ ހުރެ އެވެ. އޭގެ ތެރެއިން މަތިގޭގެ މެމްބަރުކަން ކުރެވެނީ ވަކި ފެންވަރެއްގެ ބޭފުޅުންނަށެވެ. ފާއިޒް ވިދާޅުވާ ގޮތުގައި އެމެރިކާ ފަދަ ގައުމުތަކުގައި ހަދާ ގާނޫނުތައް މޮޅުވުމާއި ރާއްޖެ ފަދަ ގައުމުތަކުގައި ހަދާ ގާނޫނުތަކުގައި ފެންވަރު ދަށް ވުމުގެ ތަފާތަކީ މެމްބަރުންގެ ފެންވަރުގެ ތަފާތެވެ.

"ގާނޫނު ހެދުމުގެ ފަލްސަފާ އެމީހެއްގެ ހުރިތޯ ބަލަން ޖެހޭ. މަޖިލިސް މެމްބަރުންގެ ޒިންމާއެއް ޑްރާފްޓެއް ހުށަހެޅުމުން އެއީ ގައުމީ މަސްލަހަތަކާ އެއްގޮތަށް ހުރި އެއްޗެއްތޯ ބެލުން. އެ ގާބިލްކަން މެމްބަރުންގެ ކިބައިގައި ހުންނަން ޖެހޭ،" ފާއިޒް ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް

ޒާހިރު ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅު ކުރެވޭނީ ގާނޫނާ ހިލާފު ވެއްޖެ ނަމަ މަޖިލިސް މެމްބަރަކާ މެދު ވެސް އޮންނަ ގޮތަށް ފިޔަވަޅު އެޅިގެންނެވެ. މައްސަލައަކީ ނިޒާމު ނޫން ކަމަށާއި މައްސަލައަކީ މީހުންގެ އިހުލާސްތެރިކަން ނެތުން ކަމަށް އޭނާ އަބަދުވެސް ވިދާޅުވެ އެވެ.

ސަރުކާރަށް މެޖޯރިޓީ މުހިންމުތަ؟

މި ސަރުކާރުން ބުނަމުން އަންނަނީ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެހެން ނޫން ނަމަ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ހުރަސް އެޅުމާއި ސަރުކާރު ވައްޓާލުމުގެ ފުރުސަތު ބޮޑު ކަމަށް އެމްޑީޕީން ބުނެ އެވެ.

ޒާހިރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާ ބައެއް ކަންކަން ކުރެވޭ ވަރުގެ މެޖޯރިޓީއެއް މަޖިލީހުގެ ތެރެއިން ސަރުކާރަށް ލިބުން މުހިންމެވެ. އެއީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވާހާ ކަމެއް ކުރެވޭ ވަރުގެ މެޖޯރިޓީއެއް ސަރުކާރަށް ލިބުމަކީ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސައްތައިން ސައްތަ މެޖޯރިޓީ ލިބިއްޖެއްޔާ ގައުމަށް ރަނގަޅުހެން ހިއެއް ނުވޭ. ބޭނުން ކަމެއް ކުރެވޭއިރު އެކަމުގައި ލިމިޓެއް އޮންނަން ޖެހޭ. އިމުން ބޭރުވުމުގެ ފުރުސަތު އޭރުން އެބަ އޮތް. ތަރައްގީ ބޭނުންވިޔަސް ހުރިހާ ބާރެއް ދާ ގޮތަށް ކަންތައް ކުރެވިގެން ނުވާނެ،" ޒާހިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މައި ގޭޓުގައި ސިފައިން ތަޅު އަޅުވާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފާއިޒްގެ ނަޒަރުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހެ އެވެ. ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ކޮށްދެވޭނީ އެ މެޖޯރިޓީ ލިބިގެން ކަމަށް ވާއިރު، ފާއިޒު ގަބޫލުކުރައްވާ ގޮތުގައި، އޭރަކު އޮންނަ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމެވެ. ބަޖެޓު ފާސްކުރުމާއި ގާނޫނުތައް ހެދުމުގައި މަޖިލީހުގެ އެއްބާރުލުން ނުލިބޭ ނަމަ ރައީސްއެއްގެ އަތް ބަނދެވޭނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީއެއް ނުލިބުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ހިންގަން ދަތިތަކާ ކުރިމަތިވި އެވެ. މާލިއްޔަތު ގާނޫނަށް އެކަނި ގެނައި ބަދަލުތަކަށް ބަލައިލި ނަމަވެސް އެކަން ސާފެވެ. މަޖިލީހުގެ ރުހުން ހޯދައިގެން ނޫނީ ސަރުކާރަށް ފައިނޭންސް ހޯދުން ދަތިކުރުމުން ބައެއް ޕްރޮޖެކްޓްތަކަށް މަޑުޖެހުން އަ އެވެ.

"ސަރުކާރަށް މެޖޯރިޓީ ލިބެން ޖެހޭ. އެހެން ނޫނީ ފަސް އަހަރު ދައުރުގައި ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދެވޭނެ. އަތްފައި ބަދެވޭނެ،" ފާއިޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަނީ. - ފޮޓޯ: މަޖިލިިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުނެވެ. އެކަމަކު އޭގެ ނަތީޖާ ފެނުނީ ގޯސްކޮށެވެ. ސަރުކާރުން ބޭނުންހާ ގޮތަކަށް ގާނޫނުތައް ބަދަލުކުރި އެވެ. މުޅި ދައުލަތުގެ ބާރުތައް އެއްބާރަކަށް ހަދާލި އެވެ. އެކަންކަން ހުއްޓުވޭނެ ބަޔަކު ނެތެވެ. މުޅިން ވެސް ތިބީ އޭރުގެ ރައީސް ވިދާޅުވިހާ ކަމަކަށް "އާދެ" ވިދާޅުވި މެމްބަރުންނެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ވެރިޔަކަށް ހުންނަވާ ބޭފުޅާގެ އިހުލާސްތެރިކަން ހުރެފައި ސަރުކާރަށް މެޖޯރިޓީ ލިބުނަސް ކަންކަން ގޯހެއް ނުވާނެ އެވެ. އޭރުން އަނިޔާވެރިވުމުގެ ބަދަލުގައި އެ ވެރިމީހާ އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށާއި މަޖިލިސް ވެގެންދާނީ އެކަންކަމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވެރިމީހާއަކީ އިހުލާސްތެރިއެއް ކަމަށް ވިސްނޭ ނަމަ ސަރުކާރަށް މެޖޯރިޓީ ދޭންވީ. އެކަމުގައި ބިރެއް ނެތް،" ފާއިޒް ވިދާޅުވި އެވެ.

ސަރުކާރު ޒިންމާދާރުކުރުވުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެއީ ވެސް އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ސަބަބެއް ކަމަށް އިދިކޮޅު ފަރާތަކުން ބުނެ އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ހަމައެކަނި ސަރުކާރު ޒިންމާދާރު ކުރެވޭނީ އިދިކޮޅު މެމްބަރުންނަށް އެކަންޏެއް ނޫނެވެ. އިހުލާސްތެރި މެމްބަރުން އިންތިޚާބު ކޮށްފި ނަމަ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ވެސް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ކަމަށް ވިދާޅުވި އެވެ.

ގައުމީ ޒިންމާއެއް، ރަނގަޅަށް ވިސްނާ!

ޒާހިރު ވިދާޅުވި ގޮތުގައި މާޒީން ރައްޔިތުން ފިލާވަޅު ހޯދަން ޖެހެ އެވެ. މަޖިލީހުގެ ތެރެއިންނާއި އެހެނިހެން ދާއިރާތަކުގައި ވެސް ކޮރަޕްޝަން އިންތިހާއަށް އޮތީ އެކަމަށް ރައްޔިތުން ވާގި ދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓު ލުމުގައި ވަގުތީ ފައިދާއަށް ބެލުން އާއްމުކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ ފައިސާއަށް ވޯޓު ލައިފި ނަމަ އެ މެމްބަރަކު ކަންކުރާ ގޮތަށް ފާޑުކިޔުމުގެ ފުރުސަތެއް ރައްޔިތު މީހާއަކަށް ނޯންނާނެ ކަމަށެވެ.

"ވޯޓް ގަނެގެން އިންތިހާބުވާ މެމްބަރު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ވޯޓު ދިން މީހާއަށް ނެތް ވާހަކަ ދެއްކުމުގެ ފުރުސަތެއް. އޭނާ އެވަނީ ވޯޓް ވިއްކާލާފައި. ވޯޓް ލާން ދާއިރު ވިސްނަންވީ ވަގުތީ ފައިދާއަކަށް ނޫން. ފަސް ސަތޭކަ ރުފިޔާއަށް ނުވަތަ ބޭސްފަރުވާގެ ކަމަކަށް ނޫން ވޯޓު ދޭންވީކީ،" ޒާހިރު ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން އިންތިހާބުވި ގިނަ މެމްބަރުން ވަނީ ރައްޔިތުންގެ ހައްގުތަކުގައި ކޮޅުންފައިން ޖަހައިފަ އެވެ. މާދަމާ އަނެއްކާވެސް ރައްޔިތުންނަށް މިލިބެނީ ދެވަނަ ފުރުސަތެކެވެ. އެއީ ގައުމީ ޒިންމާއެކެވެ. ރަނގަޅަށް ވިސްނާށެވެ!