ޖިނާއީ އިޖުރާއާތުގެ ގާނޫނު: ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުތަކެއް!

ރާއްޖޭގައި މިހާތަނަށް ވެސް ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންވެފައި އޮތީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ މައްޗަށް. އެ ގަވާއިދުގައި ގާޒީންނަށް ބޮޑެތި އިޚްތިޔާރުތަކެއް ލިބިދީފައި އޮތުމުން، އަދުލު އިންސާފު ގާއިމުކުރުމުގައި ގެންގުޅެނީ އެކި މިންގަނޑު ކަމަށް ބައެއް މީހުން ތުހުމަތުކުރޭ. ނަމަވެސް އެކަމަށް މިހާރު ނިމުން އައީ.

ރާއްޖޭގައި ޖިނާއީ މައްސަލަތައް ބަލައި ހުކުމް ކުރަން ފެށި ދުވަސްވަރު، ޖިނާއީ ހުރިހާ އިޖުރާއާތެއް ފުރިހަމަކުރަމުން އައީ އިސްލާމީ ޝަރީއަތް އަސްލަކަށް ބަލައިގެން، އެ ރަށެއްގައި ހުންނަވާ ނައިބު ބޭކަލެއް ނުވަތަ ފަނޑިޔާރު މަނިކުފާނެވެ. އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިންނެވެ. އޭރު ހުށަހެޅޭ މާ ގިނަ މައްސަލަތަކެއް ނެތުމާއި، ޝަރީއަތް ކުރުމާ ބެހޭ ގޮތުން ލިޔެފައިވާ ގާނޫނެއް އަދި ގަވާއިދެއް ވެސް ނެތުމުންނެވެ.


އޭގެ ފަހުން ރާއްޖޭގައި މަހްކަމާތައް އުފައްދައިގެން ޝަރީއަތް ކުރަން ފެށުމާ އެކު، ޝަރީއަތް ކުރުމާ ބެހޭ އެކި އުސޫލުތައް ކަނޑައަޅައި އޭގެ ފަހުން ގަވާއިދެއް ވެސް ހެދި އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު ވަރަށް ބޮޑަށް ކުރިއަރައި ގޮސް ޒަމާނީ އުސޫލުތަކެއް ތައާރަފްވެފައި ވިޔަސް، މިހާތަނަށް ވެސް ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތެވެ. މިހާރު ވެސް ޖިނާއީ ޝަރީއަތްތައް ހިންގަމުން އަންނަނީ މީގެ އެތައް އަހަރެއް ކުރިން ހަދާފައި އޮތް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު އަސްލަކަށް ބަލައިގެންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޖިނާއީ އިޖުރާއާތުގެ ގާނޫނު ތަސްދީގު ކުރެއްވީ މި މަހުގެ 2 ވަނަ ދުވަހު އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ، އެ ތާރީޚުން ފެށިގެން އަށް މަސް ދުވަސް ހަމަވުމުން، ޖެނުއަރީ 2، 2017ގަ އެވެ.

ގާޒީންނާއި ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މިއީ މުޅި ޝަރުއީ ނިޒާމު އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އައި ގާނޫނެކެވެ. މި ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ޖިނާއީ ކުށްތައް ތަހުގީގު ކުރުމާއި ޝަރީއަތް ކޮށް ހުކުމް ކުރުން އެތައް ގުނައެއް އަވަސްވެގެންދާނެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތި ދައްކާލަނީ: ޖިނާއީ އިޖުރާއާތުގެ ގާނޫނު އައުމުން މަސްތުވާތަކެތީގެ މައްސަލަތައް ވެސް އަވަސް ވެގެންދާނެ. މިހާރުފޮޓޯ: ނިޝާންއަލީ

ޖިނާއީ އިޖުރާއާތުގެ ގާނޫނެއް ނެތުމުން ދިމާވާ މައްސަލަތައް ފާހަގަކުރައްވަމުން، ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ގާޒީންގެ އިޚްތިޔާރަށް ގިނަ ކަންތަކެއް ދޫކޮށްލާފައި އޮތުމުން އަދުލުގެ ނިޒާމަށް ފާޑުކިޔައި ފަނޑިޔާރުންގެ އިސްތަށިފުޅުގައި ނުހައްގު ބަދުނާމުތައް އަޅުވަމުންދާ ކަމަށެވެ.

"ކުރީގައި މި އޮންނަނީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު، އޭގެ ދަށުން ހުކުމް ވެސް ކޮށް އަދަބު ކަނޑައަޅާފައި އެބަހުރި. އޭގައި ގިނަ ކަންތައް މި ހުންނަނީ ގާޒީންގެ އިޚްތިޔާރަށް ދޫކޮށްލާފައި،" ހަސީން ވިދާޅުވި އެވެ.

"މިސާލަކަށް ބައެއް ފަހަރު ގާޒީން އެބަ ބުނޭ ދައުލަތާއި މުއްތަހަމު ހެކި ހުށަހަޅަން ޖެހޭނީ އެއް ދުވަހެއްގައޭ. ނަމަވެސް ކުރިން ފާހަގަނުކުރެވޭ ހެއްކަކު ދައުލަތުގެ ފަރާތުން ވެސް އަދި މުއްތަހަމުގެ ފަރާތުން ވެސް ފަހުން ހުށަހަޅަން ޖެހިދާނެ. އެފަދަ ހާލަތެއްގައި ގާޒީ ބޭނުންވެއްޖެއްޔާ، ވަކިން ހުށަހެޅިޔަސް ގާޒީ އެ ހެކި ބަލައިގަންނާނެ. ބަލައިގަންނަން ބޭނުން ނެތިއްޔާ ބުނާނެ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި އޮންނަނީ އެއް ދުވަހެއްގައި ދެ ފަރާތުން ވެސް ހެކި ހުށަހަޅާ ގޮތަށޭ. މިސާލަކަށް ހުމާމްގެ ދިފާއީ ހެކި، ފަހުން ހުށަހެޅީމާ ބުނީ އެ ގޮތަށް. އެކަމު ކިތަންމެ މައްސަލައެއްގައި އެބަހުރި ފަހުން ހުށަހަޅާ ހެކި ބަލައިގެންފައި ވެސް. އެއީ ގާނޫނެއް ނެތީމާ ވާ ގޮތް."

އޭނާ ވިދާޅުވި ގޮތުގައި ބަންދުގެ މަރުހަލާތަކާއި ޝަރީއަތުގެ މަރުހަލާތަކުގައި އަމަލުކުރަންވީ ގޮތެއް ސާފުކޮށް ގާނޫނެއްގައި ބަޔާންކޮށްފައި ނެތުމުން، އެކި ފަހަރު އެކި ގާޒީން އަމަލުކުރަނީ އެކި ގޮތަށެވެ. އެކަމަކު އެއީ ގާޒީންގެ މައްސަލައެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަކީލަކު އައްޔަންކުރުމުގެ ކަންތައް ވެސް މި އޮންނަނީ، ޝަރީއަތް ފެށުމުގެ ފަސް މިނެޓް ކުރިން ފޯމު ހުށަޅާފައި ވެސް ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ވަކީލަށް ބައިވެރިވެވޭ. އެކަމަކު ރައީސް ނަޝީދުގެ މައްސަލަ އާއި ހިސާބުން، ދެ ދުވަސް ކުރިން އެބަ ޖެހޭ ވަކީލު އައްޔަން ކުރުމުގެ ފޯމު ކޯޓަށް ހުށަހަޅަން. އެއީ ގާނޫނެއް ނެތި ގާޒީގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތީމާ ވާ ގޮތް. އެކަމަކު މި ގޮތަށް މި އޮންނަނީ ކްރިމިނަލް ކޯޓުގައި އެކަނި. ޖިނާއީ މައްސަލަތައް ބަލާ ކޯޓުތައް، ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓަކީ ވެސް. އެ ކޯޓުތަކުގައި ނުޖެހޭ ދެ ދުވަސް ތިން ދުވަސް ކުރިން ފޯމު ހުށަހަޅާކަށް،" ހަސީން ވިދާޅުވި އެވެ

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން މައިގަނޑު ހަތަރު ކަމަކަށް ބަދަލުތަކެއް އަންނާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ތަހުގީގު މަރުހަލާގައި އަމަލުކުރާނެ އުސޫލުތައް ގާނޫނީ އޮނިގަނޑުގެ ތެރޭގައި އެކަށައެޅިގެން ދިއުމެވެ. ދެ ވަނަ ކަމަކީ، މީހެއްގެ މައްޗަށް ދައުވާ ކުރާ ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލާޒިމް ވުމެވެ. ތިން ވަނަ ކަމަކީ، ފުރަތަމަ ފަހަރަށް ކުރާ ކުދިކުދި ކުށްތަކުގައި ދައުވާނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރު ޕީޖީ އަށް ލިބިގެން ދިއުމެވެ. ހަތަރު ވަނަ ކަމަކީ ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމާއި ޝަރީއަތުގެ އަޑުއެހުންތައް އަވަސްކުރަން ޖެހުމާއި އަޑުއެހުންތައް ނިމުމުން ވަކި މުއްދަތެއްގައި ހުކުމްކޮށް އަދަބު ކަނޑައަޅަން ޖެހުމެވެ.

ޖިނާއީ ކުށެއް ހިނގާފައިވާ ސަރަހައްދެއް ތަހުގީގަށް ބަންދުކޮށްފައި: ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ވެގެންދާނެ. ފޮޓޯ/މިހާރު

ތަހުގީގުގެ މަރުހަލާއަށް ބަލާއިރު، މިހާތަނަށް އޮތީ މައުޟޫއީ ގާނޫނެކެވެ. އެއީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުގައި އެ ކަންކަމާ ބެހޭ ގޮތުން ބުނެލާފައިވާ ބުނެލުމެވެ. މީހުން ހިފައި ހައްޔަރު ކުރުމާއި ތަންތަން ބަލައި ފާސްކުރުމާއި ކޯޓު އަމުރު ހޯދުމާއި ތަހުގީގުގައި އަމަލުކުރާނެ ބައެއް އިޖުރާއާތްތައް ފުލުހުންގެ ގާނޫނުގައި ހުރި ކަމުގައި ވިޔަސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ކޮންމެހެން ފުރިހަމަވާން ޖެހޭ އިޖުރާއާތްތަކެއް ނެތެވެ. ނަމަވެސް އާ ގާނޫނުގައި ތަހުގީގުގެ މަރުހަލާގެ އިޖުރާއާތުތައް ވަނީ އެކަށައެޅިފަ އެވެ.

ޖިނާއީ ދައުވާ ކުރުމުގެ ބާރު ލިބިގެންވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް ޕީޖީގެ ގާނޫނުގައި ބަޔާންކޮށްފައި އޮތަސް ދައުވާ ކުރާނެ މުއްދަތާއި ދައުވާ އަނބުރާ ގެނެސް އަލުން ހުށަހެޅުމާއި ދައުވާ ބަދަލުކުރުމުގައި އަމަލުކުރާނެ އިޖުރާއާތުތައް އެ ގާނޫނަކު ނޯވެ އެވެ. މި ގާނޫނުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ، ދައުވާ ކުރުމުގައި ޕީޖީ އަށް ލިބިދޭ ގާނޫނީ ބާރުތައް އިޖުރާއީ ގޮތުން ތަރުތީބުވެގެން ދިއުމެވެ.

ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވި ގޮތުގައި މިހާރު ތަސްދީގުކޮށްފައިވާ ގާނޫނުގައިވާ ގޮތުން ޖިނާއީ ތުހުމަތެއް ކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރާ ނަމަ ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރަން ޖެހޭނެ އެވެ.

"މީހަކު ތުހުމަތެއްގައި ހައްޔަރުކޮށްފައި ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ގާޒީ ކުރިމައްޗަށް ހާޒިރުކުރާ ހާޒިރުކުރުން އެއީ ފުރަތަމަ ހާޒިރުކުރުން ކަމަށް ގާނޫނުގައި މި ބުނަނީ. ބަންދު ކޮށްފައި ހުރި މީހެއް ނަމަ، ކޯޓަށް ހާޒިރުކުރާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަންވާނެ. ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ މީހެއް ނަމަ ގިނަވެގެން 45 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭ،" ޝަމީލް ވިދާޅުވި އެވެ.

"މި ގާނޫނު އައިމާ، ތަހުގީގު ކުރުމަށްޓަކައި ވަކި މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުކޮށްފައި ބެހެއްޓުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ. މީހެއްގެ މައްޗަށް ދައުވާ ނުކޮށް ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކަށް ގާނޫނުގައި މި އޮތީ 90 ދުވަސް. އެއީ ތުހުމަތުކުރެވޭ މީހާ އެންމެ ފުރަތަމަ ހައްޔަރުކުރާ ދުވަހުން ފެށިގެން. އެހެންވީމާ، ޖިނާއީ ތުހުމަތެއް ކުރެވޭ މީހާގެ މައްޗަށް، އެންމެ ގިނަވެގެން ތިން މަސް ތެރޭގައި ދައުވާ ކުރުމަށް މި ގާނޫނު އެބަ ބުނޭ."

މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ކިތަންމެ ބޮޑު ތުހުމަތެއްގައި ހައްޔަރުކުރާ މީހަކު ވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް އެތައް ފަހަރަކު ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ.

"މި ގާނޫނުގައި ބުނާ ގޮތުން، ކުށެއްގެ ތުހުމަތުގައި އެ މީހަކު ހައްޔަރު ކޮށްފައި ހުރީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫން ކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރާ އިރު، އެ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެއްޔާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓު އަމުރެއް ނެރެންވާނެ. މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ދައުވާ ކުރީމަ،" ކުރިން ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި، އިބްތިދާއީ އަޑުއެހުން ބޭއްވުމަކީ މީގެ ކުރިން ވެސް ރާއްޖޭގައި ކޮށްފައިވާ ކަމެކެވެ. އެކަން މެދުކެނޑިފައި އޮތުމަށް ފަހު، މި ގާނޫނުގެ ތެރެއިން އަނެއްކާވެސް އެކަން ތައާރަފް ވެގެންދާނެ އެވެ.

"އިބްތިދާއީ އަޑުއެހުމުގެ އަސާސަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަރަށް މުހިންމު އަސާސެއް. އެއީ ދައުވާ އޭނާ އަށް ސާފުވެފައިވޭތޯ އާއި ދައުވާ އަށް އޭނާ ޖަވާބުދާރީވާ ގޮތް ބެލުމާއި ދައުވާއައިގެން ކުރިއަށް ދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެއް. އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފް ވެއްޖެ ނަމަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ނިންމަން ޖެހޭނެ،" އެ ވަކީލު ވިދާޅުވި އެވެ.

މި ގާނޫނުން ތައާރަފްވާ އަނެއް ކަމަކީ، އަލަށް ކުށަށް އަރައިގަންނަ މީހުންނަށް ދައުވާ ނުކޮށް ދޫކޮށްލުމުގެ އުސޫލެވެ. އެ މީހާ ކުރީ ބޮޑެތި ކުށުގެ ތެރޭގައި ނުހިމެނޭ ކަމެއް ނަމަ، އެ ކުށަށް ޕީޖީގެ ކުރިމަތީގައި އިއުތިރާފްވެ، އަދި އޭނާ ކުރި ކުށުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު ދިނުމުން، އެއީ އޭނާ ކުށް ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ، ދައުވާ ނުކޮށް ނަސޭހަތް ދީފައި ދޫކޮށްލެވޭނެ އެވެ. މި ގޮތަށް ދޫކޮށްލެވޭނީ ދެ ވަނަ ފަހަރަށް ޖިނާއީ ކުށެއް ކޮށްފި ނަމަ، ދައުވާ ނުކޮށް ދޫކޮށްލި މައްސަލައިގައި ވެސް ދައުވާ ކުރެވޭނެ ކަމަށް ޕީޖީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ދައުވާ ނުކޮށް ދޫކޮށްލުމަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ވިޔަސް، ކުށަށް އިއުތިރާފް ވެފައިވާ ނަމަ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް އެދުމުގެ ބާރު ޕީޖީ އަށް ލިބިގެންވެ އެވެ.

ޝަމީލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، ދައުވާ އުފުލުމަށް ފަހުގައި، އަނބުރާ ގެންގޮސް އެހެން ދައުވާއެއް ނުކުރެވޭނެ އެވެ. ނަމަވެސް ދައުވާގައިވާ ކަންތައް އިތުރަށް ތަފްސީލުކޮށްދިނުމަށްޓަކައި ދައުވާ ފޯމަށް ބަދަލު ގެނެވިދާނެ އެވެ. މިހާރު އަމަލުކުރާ ގޮތުގައި، މައްސަލައިގެ ޝަރީއަތް ވަކި ހިސާބަކަށް ކުރިއަށް ދިއުމަށް ފަހުގައި، ޕީޖީ ބޭނުންވެގެން ދައުވާ އަނބުރާ ގެނައުމަށް ފަހުގައި، ދައުވާ ފޯމު ބަދަލުކޮށް އެހެން ދައުވާއެއް ވެސް އެބަ އުފުލަ އެވެ.

ޝަމީލް ވިދާޅުވި ގޮތުގައި މި ގާނޫނުގައި އޮތް އެންމެ އުނދަގޫ އެއް ކަމަކީ، ގިނަ ބަޔަކަށް އެއް ވަކީލަކު އައްޔަން ނުކުރެވުމެވެ.

"އެއް މައްސަލައެއްގައި ތުހުމަތުކުރެވިފައިވާ އެކަކަށް ވުރެ ގިނަ މީހުންގެ ފަރާތުން އެއް ވަކީލަކު އައްޔަނެއް ނުކުރެވޭނެ. މިސާލަކަށް މުޒާހަރާއެއްގައި ފުލުހުން މި ހައްޔަރުކުރީ 200 މީހުން. އެހެން ވިއްޔާ އެ 200 މީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ކަމަށްވާ ނަމަ، އެއިން ކޮންމެ މީހަކު އައްޔަންކުރަން ޖެހޭނީ ވަކި ވަކީލެއް. ގާނޫނުގައި ބުނަނީ ދައުލަތުން ކަނޑައަޅާ ދިފާއީ ވަކީލުން އައްޔަންކުރާ ހާލަތްތަކުގައި ފިޔަވައި މައްސަލައެއްގައި ސުވާލު ކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަންކުރެވިފައިވާ ފަރާތެއް އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަން ނުކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވަކީލުން ވެސް އަދި ބައެއް ފަނޑިޔާރުން ވެސް ވިދާޅުވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، ޖިނާއީ އަދުލުގެ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި އިންސާފު ހޯދުން އެތައް ގުނައެއް އަވަސްވެ ފަސޭހަވެގެންދާނެ ކަމަށެވެ.

ގާނޫނު ހެދި ކަމުގައި ވިޔަސް، ތަންފީޒުކުރުމާއި ކަމާ ބެހޭ އިދާރާތަކުން، އަދުލު އިންސާފު ގާއިމުކުރުމުގެ ރޫހުގައި މަސައްކަތް ކޮށްގެން ނޫނީ، ގާނޫނެއްގެ އެންމެ ފުރިހަމަ ފައިދާއެއް ނުލިބޭނެ އެވެ. ގާނޫނުގައި ވަކި ގޮތަކަށް ލިޔެފައި، އެމީހަކު ހިތަށް އެރި ގޮތަކަށް ގާނޫނު މާނަކޮށްގެން ތަންފީޒުކުރަން އުޅުނަސް އެ ގާނޫނުގެ ބޭނުމެއް ނުހިފޭނެ އެވެ.